ޚިޔާލު

ހަތަރު މައުލޫއު: ދައުލަތް އަދި ކުންފުނި، މި ދެ ލަފުޒު އެކުވުމުގެ ނަތީޖާ

މިފްކޯ މަސް ފިހާރަ: ދައުލަތުގެ ކުންފުނިތަކުގެ ހުރިހާ ހިސާބުތަކެއް ވަރަށް ސާފުކޮށް ފެންނަން ޖެހޭ

އިބްރާހިމް އާތިފް ޝަކޫރު

03 ޖުލައި 2019 - 08:31

10 comments

ދައުލަތުގެ ވިޔަފާރި ކުންފުނިތައް އިސްލާހު ކުރުމުގައި ހިނގަން އޮތް މަގާއި، ކުރަން ފެންނަ ކަންތައްތައް ބަޔާން ކުރުމަށް އެކުލަވާލެވޭ މިލިޔުންތައް ބައިކޮށްފައި ވާނީ މައި ހަތަރު މައުލޫއަށެވެ. އެގޮތުން ހ. "ދައުލަތުގެ ކުންފުނިތަކު"ގެ އަސާސީ ސިފަތަކާއި މަގުސަދްތަކަކީ ކޮބައިކަމާއި، ށ. ކުންފުނިތަކުގެ ބޯޑުގެ މައްސޫލިއްޔަތު ކަނޑައެޅުމާއި ބޯޑަށް ޑިރެކްޓަރުން އައްޔަނު ކުރުމާއިި ބޯޑު މެދުވެރިކޮށް ކުންފުނީގެ މެނޭޖްމަންޓް ޒިންމާ ކުރުވުމާއި، ނ. ކުންފުނިތަކުގެ މެންޑޭޓާއި ހިންގުމުގެ އޮނިގަނޑު ކަނޑައެޅުމާއި އެ އޮނިގަނޑަށް ބަދަލު ގެނައުމާއި އަދި ރ. ކުންފުނިތައް އުފައްދައި އުވާލައި، ގެއްލައި ގުނަކުރުމުގައި އަމަލު ކުރަން ފެންނަ ގޮތާ މެދު ބަލައިލާނެމެވެ.

މައިގަނޑު ހަތަރު ނަޒަރަކުން ދައުލަތުގެ ކުންފުނިތަކާ މެދު ވިސްނާލުމަށް ކުރެވޭ މި މަސައްކަތުގެ ފުރަތަމަ ލިޔުން އަމާޒުކުރަނީ ދައުލަތުގެ ކުންފުންޏަކަށް ވިޔަތީ ހިފަހައްޓަން ޖެހޭ އުސޫލުތަކާއި އަސާސްތަކާއި، އެފަދަ ތަންތަން ހިންގުމުގައި ހިފަހައްޓަން މުހިންމު ކަންކަމުގެ މައްޗަށެވެ.

ކުންފުނީގެ ގާނޫނުގައި ހަވާލާ ދީފައިވާ "ސަރުކާރު ކުންފުނި"ގެ ބަދަލުގައި، އިނގިރޭސި ބަހުން ކިޔާ 'ސްޓޭޓް އޯންޑް އެންޓަޕްރައިސަސް' ނުވަތަ "ދައުލަތުގެ ކުންފުނި" މިލަފްޒު ހިޔާރުކޮށްފައިވަނީ ދައުލަތުގެ ކުންފުނި ގޮތުގައި ހިންގުމާއި، ސަރުކާރުގެ ކުންފުނި ގޮތުގައި ހިންމުގައި އަމަލުކުރަންވީ ގޮތުގެ އަސާސީ މުހިންމު ތަފާތުތަކެއް ހުރިކަމަށް ގަބޫލުކުރެވޭތީ އެވެ. އެ ތަފާތުގެ ސަބަބުން، މިފަދަ ކުންފުނިތައް ހިންގައި، ދިރި ދަމަހައްޓައި، ކުރިމަގު ފަރުމާކުރުމުގައި، ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވާނޭ ކަމަށް ގަބޫލުކުރެވޭތީ އެވެ.

"ދައުލަތުގެ ކުންފުނިތަކަކީ" ސަރުކާރުގެ އިދާރާތަކެއް ނޫނެވެ. މުއައްސަސާއެއް އުފެއްދުމުގެ މަގުސަދަކީ ރައްޔިތުންނަށް "އަގުހެޔޮ" ހިދުމަތެއް ފޯރުކޮށްދިނުން ކަމުގައި ވަނީ ނަމަ، އެ މަގުސަދު ހާސިލުކުރުމަށް އުފައްދަން އެންމެ އައުލާކަން ބޮޑީ ދައުލަތުގެ އިދާރާއެކެވެ. ވަކި ކުންފުނިތަކެއް ނޫނެވެ. ޑިސާސްޓަ މެނޭޖްމަންޓް އޮތޯރިޓީ އަކީ ހިދްމަތް ދޭ އިދާރާއެކެވެ. ކާރިސާއެއް ދިމާވުމުން، މާލީ ފައިދާ އަށް ވިސްނާ މަޑުކުރާކަށް ނުޖެހެ އެވެ.

ދައުލަތުގެ ކުންފުނިތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، އެތަންތަނަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އުފެދިފައިވާ ސަރުކާރުގެ އިދާރާތަކެއް ކަމެއް، ނުވަތަ ހިއްސާދާރުންނަށް ފައިދާ ލިއްބައިދިނުމަށް އުފައްދާފައިވާ ކުންފުނިތަކެއް ކަމެއް، ކުންފުނި ހިންގަން ހަވާލުކޮށްފައިވާ މެނޭޖްމަންޓަށް ވެސް ނޭނގުމެވެ. ރައްޔިތުންނަށް ވެސް އޮޅުމެވެ.

އޮޅުވާ ނުލައްވައްޗެވެ. ހަރުދަނާކޮށް އުފެދި، ފައިދާ ހުރި ގޮތުގައި ހިންގަމުންގެންދާ ދައުލަތުގެ ކުންފުނިތަކުން ހެޔޮ އަގުގައި ރައްޔިތުންނަށް ހިދުމަތެއް ފޯރުކޮށްދިނުމަށް ހަވާލުނުކުރާށޭ ބުނުމަކީ މި ލިޔުމުގެ މަގުސަދެއް ނޫނެވެ. މަގުސަދަކީ، މިފަދަ ހިދުމަތެއް އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް ދައުލަތުގެ ކުންފުންޏަކަށް ހަވާލު ކުރުވަނީ ނަމަ، ވިޔަފާރީގެ ގޮތުން އެ ހިދުމަތް ދެވޭނޭ އަގާއި، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ބޭނުންވާ އަގާއި ދެމެދުގެ ތަފާތު- ސަބްސިޑީގެ މިންވަރު، ހާމަކަން މަތީގައި ކަނޑައެޅި، ހިސާބުތަކުން ފެންނާން އޮތުމެވެ. ދައުލަތުގެ ކޭޝްފޮލޯގެ ހާލަތަށް ބަލައި، ސަބްސިޑީގެ މިންވަރު، ކޭޝްގެ ގޮތުގައި ކުންފުންޏަށް ދޫނުކުރެވުނު ނަމަވެސް، ހިދުމަތުގެ އަސްލު އަގު ފެންނާން އޮތުމެވެ. ކުންފުނީގެ ހިސާބުތައް ހާމަކަން މަތީގައި ބެލެހެއްޓުމަށާއި، މިގޮތުން ދެވޭ ސަބްސިޑީގެ މިންވަރު ރައްޔިތު މީހާއަށް ސާފުކޮށް ފިލާފައި އޮތުމަށްޓަކަ އެވެ.

ގަބޫލުކުރެވޭ ގޮތުގައި، ދައުލަތުގެ ވަރަށް ގިނަ ކުންފުނިތައް ހިންގުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކުންފުނީގެ ވިޔަފާރި މުއާމަލާތްތަކާއި، "ހެޔޮ" އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް، މައްސުނިވެފައި އޮތުމެވެ.

މިފަދައިން ކުންފުނީގެ ވިޔަފާރި ހަރަކާތްތަކާއި، ރައްޔިތުންނަށް ދެވޭ ހިދުމަަތްތައް މައްސުނިވުމުން، ރަނގަޅު ނޫން އެތައް ކަމެއް ކުންފުނިތަކުގެ ތެރޭގައި ހިނގައި، ތަކެތި ގަތުމުގަޔާއި، ކޮންޓްރެކްޓް ހެދުމުގައި ނުސީދާ ފައިދާ ނެގުމުގެ ފުރުސަތު ކުންފުނީގެ މެނޭޖްމަންޓަށް ލިބިދެވެ އެވެ. މިގަހު ކޭލެއް އެގަހު ކޭލެއް ނުއެނގި، ގޭ އުނދުނު ފުއްޑަނުގައި، ބަންޑާރަ ބަނބުކެޔޮ ފިހަން ފަށައި، ކުންފުނީގެ މާލީ ގެއްލުމުގެ ޒިންމާ، ސަރުކާރުގެ ބޮލުގައި އެޅުވުމަށް މެނޭޖްމަންޓަށް ފުރުސަތު ދެވެ އެވެ.

މިފްްކޯގެ މެނޭޖްމަންޓުން ދައްކާނީ މަސް ގަތުމަށް މަޖުބޫރު އަގުތަކުގެ ވާހަކަ އެވެ. ދުނިިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލު، މަސް ގަންނަ އަގަށް ނުގެނެވޭ ވާހަކަ އެވެ. ސިޔާސީ ގޮތުން ކުރަން ޖެހޭ ހަރަދުތަކުގެ ވާހަކަ އެވެ. ގެންގުޅެން ޖެހޭ މީހުން ގިނަކަމުގެ ވާހަކަ އެވެ. ހިންގުމުގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކައި މެނޭޖްމަންޓް ޒިންމާ ކުރުމުގެ ފުރުސަތު، ހިއްސާ ދާރުންނަކަށް ނުލިބެ އެވެ.

ކުންފުނީގެ މެނޭޖްމަންޓުގެ "ގައި ދަށުވެ"، ހާމަކަން ބޮޑު ގޮތުގައި ހިންގުމުގެ ފުރުސަތު ގެއްލުމުގެ އިތުރުން، އަގުހެޔޮކޮށް ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އުފުލާ "ބުރަ"، ރައްޔިތުންނަށް ސާފެއް ނުވެ އެވެ. ސާފުކަމާ އެކު ސަބްސިޑީ ބަޔާން ކުރެވިފައި ނެތުމުން، ހިދުމަތުގެ އަގު ހެޔޮކޮށްދިނުމަށްޓަކައި ސަރުކާރުން ކޮށްދެނީ ކިހާވަރެއްގެ މަސައްކަތެއް ކަމެއް ރައްޔިތުންނަށް ސާފުނުވެ، ދައުލަތުގެ ކުންފުނިތަކާ މެދު ހިތްބަރުކުރުމަށާއި، ސަރުކާރުގެ ވައުދު ނުފުއްދުމުގެ ވާހަކަ އައިގެން ހިނގުމުގެ ފުރުސަތު ހުޅުވެ އެވެ. އެތެރޭގެ އުދުހުމުގެ އަގު ހަގީގަތުގައި ކުޑަކުރި ކަމެއް، ނުވަތަ ކަރަންޓުގެ އަގު ހެޔޮކޮށް ދެވިއްޖެ ކަމަށް ރައްޔިތުންނަށް ގަބޫލުނުކުރެވުމެވެ. ދައުލަތުގެ ބަޖެޓަށް ސަބްސިޑީ އިތުރުކޮށްގެން ސަރުކާރުން ކުރި މަސައްކަތްކުގެ އަގު ވަޒަން ނުކުރެވުމެވެ.

ފޯރުކޮށްދޭ ސަބްސިޑީ ރައްޔިތުންނަށް ސާފުކަން މަތީގައި އެނގެން މަޖުބޫރުވާ އަނެއް ސަބަބަކީ، ސަބްސިޑީ އިތުރުވެ، ނަތީޖާއެއް ގޮތުން ބަޖެޓު ބޮޑުވެ، ޑެފިސިޓު އިތުރުވެ، އާހިރުގައި ރައްޔިތުން އަތުން ނަގަން ޖެހޭ ޓެކްސް އިތުރުވެގެން ދާނެތީ އެވެ.

އެހެންކަމުން، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ލިޔާ މި ލިޔުންތައް ފެށުމުގައި، އެ މުއައްސަސާތަކަކީ ދައުލަތުގެ "ކުންފުނިތަކެއް" ކަމަށް ދެކި، ކުންފުނިތަކެއްގެ ގޮތުގައި ހިންގަން ޖެހޭނެ ކަން ގަބޫލު ކުރުމަކީ އެންމެ މުހިންމު އެއް އަސާސްކަން ޔަގީނެވެ. ދައުލަތުގެ ކުންފުނިތަކުން ވިޔަފާރީގެ ގޮތުގައި ހިންގާ މުއާމަލާތްތަކާއި، ހިދުމަތް އަގުހެޔޮ ކުރުމުގެ ގޮތުން ކުރާ ހަރަދު، ސާފުކޮށް ހިސާބުން ފެންނަން އޮތުމަށްޓަކަ އެވެ. ސަބްސިޑީގެ އަދަދު ހާމަކަން ބޮޑު ގޮތުގައި ކަނޑައަޅައި، އެ އަދަދު ރައްޔިތުން ސާފުވާނޭ ގޮތުގައި ބުނެދިނުން މަޖުބޫރެވެ. ސާފުކަން މަތީގައި މިކަންތައް ނުކުރެވުމުން، އަގު ހެޔޮ ހިދުމަތެއް ފޯރުކޮށްދީފި ކަމަށް ރައްޔިތު މީހާ ގަބޫލުނުކުރުމުގެ އިތުރުން، ނުރަނގަޅު ކަންތައް ކުންފުނި ތެރެއަށް ވަދެ، ކުންފުނީގެ ފައިދާ ލީކުވެގެން ދިޔައީ އަޑިންތޯ މަތިންތޯ ނޭނގި، އޮޅުންބޮޅުން ގިނަވެ، ރަނގަޅަށް ކުރެވުނު ކަމެއް، އަޅާނުލެވި ދޫކޮށްލެވުނު ކަމެއް ނޭނގޭ ހިސާބަށް ފެންގަނޑު ކިލަނބު ވެދެ އެވެ.

މި ސީރީޒްގެ ދެ ވަނަ ލިޔުމުގައި ކުންފުނިތަކުގެ ބޯޑު އުފައްދައި، ބޯޑު މެދުވެރިކޮށް މެނޭޖްމަންޓް ޒިންމާ ކުރުވުމާ ބެހޭ ގޮތުން ބަލައިލާނަމެވެ.

އެޑިޓަރުގެ ނޯޓު

އާތިފަކީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ އަދި އިގުތިސާދީ ދާއިރާގެ މައުލޫއުތަކަށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިއުއްވާ ލިއުންތެރިއެކެވެ.

10 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Dhaadhey

03 July 2019

މިބޭފުޅާ ވަރަށް މޮޅުވާނެ ލިއުންތައް ލިޔަން. ދެން ޙަވާލުކުރި ތަންތަނަށް ހެދިގޮތާ ދެއްކިވާހަކަޔާ އަޅާކިޔާލީމާ އެނގޭނެ މިވަނީ ކީއްކަން. މީހަކު އިނގިރޭސި ބަހުން ލިޔެފައި އޮތް އެއްޗެއް ދިވެހިބަހުން ލިޔެފާނެ ގްރޭޑް 5 ގައި އުޅޭ ކުއްޖަކުވެސް. އެއީކީ ޢިލްމީ ގޮތުން ދިރާސާ ކޮށްގެން ލިޔެފައިވާ ތިމާގެ ފިކުރީ މުދަލަކަށް ނުވާނެ.

The name is already taken The name is available. Register?

ކޮތަނބިރި

03 July 2019

އެޗްޑީސީއިން ފްލެޓްގެ އަގުހަދާއިރު ރައްޔިތުންނަށް އެނގެން އެބަޖެހޭ އޭގެ ކިހާވަރެއްކަން ފުލެޓު ނުލިބޭ މީހާ ދައްކަން ޖެހެނީ. މިހެން މިބުނީ ހުޅުމާލޭގައި ވޯޓާތީމްޕާކާއި ބޭކާރުގޮތުގައި ގަންގާކޯރަކާއި އެކޯރުހުރަސްކުރާ ބޮޑެތި އެތައްބުރިޖުތައްފަދަ ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ނުހިންގާ އެތައް މަޝްރޫއެއް އެބަހިންގާ، އެއަށް އަގުދައްކަނީ ކުންފުނީގެ އާމްދަނީއިންތޯ ނުވަތަ ހުޅުމާލޭގައި ނުއުޅޭ ރައްޔިތުންގެ ފައިސާއިންތޯ އެބަޖެހޭ އެނގެން.

The name is already taken The name is available. Register?

ވަކިފޫ

03 July 2019

އެޕްޕީއައިޑީގެ ހިލާލުންގަނޑުގައި ބައިވެރިވެވުނުކަން، އެކަމުގެ ބައިވެރިންނަށް ރަނގަޅަށް އެނގޭނެއެވެ. އެތަން ކޮޅުގޮހޮރަށް ދިރުވާލުމުގައި ބައިވެރިވި ބައެއް ބައިވެރިން އެކަމުގެސަބަބުން އުފެދުނުވައި، އެކި ސިފަސިފައިގަ އެކިދިމާލުން ބޭރުނުކުރެވޭނަމަ ހަލާކުވާނީ އެތެރެހަށީގެ ގުނަވަންތަކެވެ. ސަރުކާރު ބައިވެރިވާ ކުންފުނިތައް ހަފުސްވާގޮތާއި ހަފުސްކުރެވޭގޮތް ރަނގަޅަށްދަންނާނީ ތަޖުރިބާލިބިފަތިބީންނަށްތާއެވެ؟ ބޭނުމީ ރައްޔިތުންނަށް އިޚުލާޞްތެރިވުމެ. ބަހަނާ!

The name is already taken The name is available. Register?

11111

03 July 2019

ބުރޯ ސްޓެލްކޯ އެމްޑީ 55 ހާސް ޑޮލަރޭތަ ހަރަދުކޮށްގެން އެގަންނަ ގަނޑު ނުގަނެވޭނެ ގޮތެއްވެސް ލިއެލައްޗެ. އޭރުން އަހަރެން ދާނަށް އެ ހިފައިގެން މެމްބަރު ކައިރިއަށް އެވާހަކަ ގާނޫނެއްގައި ލިއަން. ވަރަށް ވެދުން

The name is already taken The name is available. Register?

ވާލުސޮރު

03 July 2019

ސަރުކާރު ކުންފުނިތަކުގެ ރިޕޯޓެއް ހަބަރެއް ލިޔަންޏާ އަދުލީ މެން ކަހަލަ މީހުންގެ ފޮޓޯވެސް ޖަހާލީމަ ތީތި ފުރިހަމަ ވާނީ

The name is already taken The name is available. Register?

ރަދީފުއްދީނުލް އަކްބަރު

03 July 2019

ސަރުކާރުކުންފުނިތައް ފުނޑާލުމަކީ ޗިޗަންޑާ 19ގެ ވައުދެއް.

The name is already taken The name is available. Register?

ފުންއަސަރު

03 July 2019

ގިނަފަހަރަށް ތިފަދަ ކުންފުނިތައް ހިންގަން ބަޔަކާ ހަވާލުކުރީމަ އެމީހުން ހިތަށްއަރަނީ މީ އަހަރެމެންގެ އަމިއްލަ މުދަލޭ. ހުރިހާ ކަމެއް ކުރާނީ އަމިއްލަ ބާރުގައޭ. މީކީ އެހެންބަޔަކާ ބެހޭކަމެއްނޫނޭ. މިތަނަށް މީހުންލުމާ މީހުން ވަކިކުރުމާ އެއީ އެމީހަކު އިނދެގެން އުޅޭމީހާ ވަރިކޮށްލުންފަދަ ކަމެކޭ. ތަންކޮޅެއްކުރިން ފެނުނު މަންޒަރެއްގާ އެމީހުންވެސް މަސްއުފައްދާ ރަށުގާ ހިންގަނީ ފާޑެއްގެ ޖަރީމާއެއް. ރަށަކީ ބޮޑު މާރަށަކަށްވާތީ އެރަށުން ލިބޭ ކާށިވެސް ތިމާއަށް.

The name is already taken The name is available. Register?

ޔަގީނޭ

03 July 2019

ސަރުކާރުގެ ކުންފުނި ތައް މިހާރު ހިނގާ ގޮތް ވެސް ރަނގަޅޭ ތަޖްރިބާ ލިބިފައިވާ ޕްރެކްޓިކަލް މީހުން ސަރުކާރުގެ ކުންފުނި ތަކަށް ލުމުން ސަރުކާރުގެ ކުންފުނި ތައް ކާމިޔާބު ވާނެއޭ މިހާރު އެމްޓީސީސީ އަށް ސަރުކާރުގެ ކޮންޓްރެކްޓްސް ތައް ދޭންވީއޭ އަންލިމިޓެޑް އުސޫލުން އަހަރަކު 10 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓްސް ދެވެން ދެން ދެން އެމްޑަބްލިޔު އެސްސީ ކުރިއެރުވުމަށް ޓަކައި ޔުޓިލިޓީ ހިންގަން ރާ އަތޮޅު އެއްކޮށް ދޭންވީއޭ އެކުންފުންނަަށް ރަނގަޅުވާނެ ކަން ޔަގީނޭ

The name is already taken The name is available. Register?

މަރުބޭނީއަށް

03 July 2019

ދައުލަތް އަދި ކުންފުނި، މި ދެ ލަފުޒު އެކުވުމުގެ ނަތީޖާ އަދި މިހާތަނަށް މާ ރަނގަޅަށް ނެތް ނަމަވެސް ސަރުކާރުގެ ކުންފުނި ތަކަކީ އެއީ ދައުލަތުގެ ކުންފުނި ތަކެކޭ އެއިން ރަނގަޅު ނަތީޖާ ނިކުންނަމުން ދާ ތަން ތަން ވެސް އެބަފެނެއޭ މަމެންނަށް ނުފެނެއޭ މިފްކޯ އެއީ ހިންގަން ޖެހޭނެ ކުންފުންނެއް ކަމަށް ސަބަބަކީ އެއީ ޖަޕާނުގެ ބޮޑު އިންވެސްޓްމެންޓެއް ފުނޑާލާފައި އެއިރު ހުރި ރައީސް އަކު ކުރިކަމެކޭ އޭގެ ބައުންސްބެކް އޭ މިފްކޯ އަށް ލައްވާލަނީ މިފްކޯ ވިއްކާލާ

The name is already taken The name is available. Register?

ލަންބެ

03 July 2019

ސްޓޭޓް އޯން އެންޓަރ ޕްރައިސަސް ނުވަތަ އެސް.އޯ.އީގެ ބައިވަރު ޓާމްތައް ބޭނުންކުރެވެ، މިގޮތުން ސްޓޭޓް އޯން ކޮންޕެނީ، ސްޓޭޓް އޯން އެންޓިޓީ، ސްޓޭޓް އެންޓަރޕްރައިސް، ޕަބްލިކް އޯންޑް ކޯޕަރޭޝަން، ގަވަރމެންޓް ބިޒްނަސް އެންޓަރޕްރައިޒް، ގަވަރމެންޓް އޯންޑް ކޯޕަރޭޝަން، ގަވަރމެންޓް ސްޕޮންސަރެޑް އެންޓަރޕްރައިޒް،....ގާނޫނުގަ ތިއޮތީ ސްޓޭޓް އޯން އެންޓަރ ޕްރައިސަސްގެ ވާހަކަ.....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454