ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ލޯންޗަށް އަރައިވަޑައިގަންނަވަނީ. ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވި.--- ފޮޓޯ: މަޖިލިސް
22 އޮކްޓޯބަރ 2019 - 12:17
ރާއްޖޭގެ ރައްޔިތުންގެ "ލޭ ހުއްދަ" ކުރަން ގޮވަމުންދާ އިރު، ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ނުހިފާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ބައެއް ރަށްރަށުގައި ހަފްތާ ބަންދާ ދިމާކޮށް އެއްވުންތައް ދަނީ ބާއްވަމުންނެވެ. އަދި އެމްޑީއެންގެ ވެރިން ދަން ޖައްސައި މަރަން ބައެއް އެއްވުންތަކުގައި ވަނީ ގޮވާލައިފަ އެވެ.
ރާއްޖޭގައި ފަހަކަށް އައިސް ބާއްވާ އެއްވުންތަކުގައި މިފަދަ ގޮވާލުންތަކާ ގުޅިގެން، ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތު ޕާޓީގެ ރައީސްގެ މަގާމު ފުރުއްވާ އިމްރާން ފިޔަވަޅު ނާޅުއްވާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ނަޝީދު މީގެ ކުރިން ވެސް ފާޅު ކުރެއްވި އެވެ.
އެކަމަކު މީހުން މަރަން ގޮވާލުމާއި އަނިޔާވެރި އަމަލުތައް ހިންގާ މީހުންނާއި އެފަދަ އަމަލުތަކަށް ހިތްވަރު ދޭ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވަނީ ވިދާޅުވެފަ އެވެ.
އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ގައުމުގައި ބޮޑުވެފައިވާ ދަނޑިވަޅުގައި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ އެ ރިޕޯޓުގައި ބުނާ ދެ މީހަކު ސީރިއާ އަށް ފޮނުވަން މީހުން ތައްޔާރު ކުރި ކަމަށް ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލައިގައި ހެކި ބަސް ދިން މީހަކު ބުނެފައިވާ ކަމަށެވެ. އަދި އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އަނެއްކާ ވެސް އަޑު އިވިގެން ދަނީ "ލޭ ހުއްދަކުރަން" ގޮވާ ވާހަކަ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މީގެ ކުރިން އއ. ތޮއްޑު އަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން މަރުހަބާ ދަންނަވަނީ. --- ފޮޓޯ: މަޖިލިސް
އެމްޑީއެންގެ ރިޕޯޓާ ގުޅިގެން މުޒާހަރާ ރާވައި ހިންގަނީ އެއް ބައެއް ކަމަށް ނަޝީދު ތުހުމަތު ކުރެއްވި އެވެ. ނަޝީދުގެ ވާހަކަފުޅަށް ފަހު، ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހުރި ބައެއް ކަން ކަން ވަނީ ވިދާޅުވެފަ އެވެ.
ސީރިއާ އަށް މީހުން ފޮނުވާ މައްސަލަ ސަރުކާރުން ތަހުގީގު ކުރަމުންދާތީ އެކަމާ ހިޔަނި އަޅަން ވެގެން އެމީހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވި އެވެ. އެމީހުންގެ ބޭނުމަކީ އެހެން ރިޕޯޓެއްގެ ވާހަކަ ދައްކައިގެން މިސްރާބު ބަދަލު ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީއެންގެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަން އެއްވެސް ޝައްކެއް ނެތެވެ. އަދި ހުރިހާ ދިވެހިން ވެސް އެކަމާ ހިތްހަމަނުޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނޭދެން އެކަންކަން ވާން. އަދި އެފަދަ ވާހަކަތައް ދައްކާ ފަރާތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ ބޭނުންތެރި ކަމެއް. ހަމައެއާ އެކީގައި ލޭ ހުއްދަ ކުރާ މީހުންނާއި ހަނގުރާމަ އަށް މީހުން ފޮނުވާ ރާއްޖޭގައި އަލްގައިދާ އާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮފިތައް ރާވައި ހިންގާ މީހުން އަޅުގަނޑުމެންނަށް މިއުޅެނީ ތަހުގީގު ނުކުރެވިގެން. ހިފާ ހައްޔަރު ނުކުރެވިގެން،" ނަޝީދު ވިދާޅުވި އެވެ.
ހަނގުރާމަ އަށް ފޮނުވާ މީހުންގެ މައުލޫމާތު ފުލުހުންގެ އިދާރާ އަށް ލިބިފައި އޮތް އިރު، ސަރުކާރުން އެދިގެން ޓެރަރިޒަމްގެ ގާނޫނު ފާސް ކުރީ މެމްބަރުންގެ ބުރަ މަސައްކަތުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަމަކު، އޭގެ ބޭނުން ފުރިހަމަ ގޮތުގައި ނުހިފޭތީ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ޗުއްޓީ އަށް ނުގޮސް، ތިޔަ މެމްބަރުން ވަނީ ބޭނުންވާ ގާނޫނުތަކަށް އިސްލާހު ގެނެސްފައި. ނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ މިއިން އެއްވެސް ކަމަކާ ފިޔަވަޅު ނޭޅޭ ތަން. އެއީ ގާނޫނީ ދައުލަތެއް ހިންގޭނެ ގޮތެއް ނޫން،" ތިން އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޭސީ ބިދޭސީ
24 November 2019
އެމްޑީޕީ އަށް ގައުމުގެ ރައީސް ކަމާ މަޖިލިސްގެ ސުޕަރމެޖޯރިޓީ ލިބުނީމަވެސް އޭގެ ބޭނުން ހެޔޮގޮތުގަ ނުހިފާ ކޯލިޝަން ހަދައިގެން ވެރިކަންކުރަން އުޅުނީމަ ވާނެ ހައެތި ވަމުން މިދަނީ. ރިޔާސީ ނިޒާމެއްގަ ގައުމީ ސަލާމަތާ ދީނީ އެއްބައިވަންތަކަމުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކޮށް ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެއީ އެހެން ބައެއްގެ ބޮލުގަ އެކަންއަޅުވައިގެން ފުދޭނެ ކަންކަމެއްނޫން. އޮތިއްޔާ އޮތް ގާނޫނެއްގެ ބޭނުން މިހާރު އެބަހިފަންޖެހޭ.
ދޮންވެލި
22 October 2019
ގައުމު އަމާން.ކޮށް އޮތަ ދީ ބަލާށެވެ. މިަގއުމުގަ ހަމަ ނުޖެހުން.ހިން ގަނީ ގޭންގް ތަކުންނެވެ. އެމީހުން ހައްޔަރު ކޮށް ބަލާށެވެ
ސަކުރާ
22 October 2019
މީ އިސްލާމީ، ކުދި އާބާދީތަކަކަށް ބެހިގެންވާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ އެއްބަޔަކު އަނެއްބަޔަކު ދަންނަ ކުޑަ މުޖުތަމައެއް. ޤާނޫނުއަސާސީއާއި ޤާނޫނާއި އިދިކޮޅަށް، ގައުމުގެ ދީނީ އެއްބައިވަންތަކަން ގެއްލި ފިތުނަވެރިކަމަށް މަގުފަހިވެގެން ހިނގައިދާނެ، ރައްޔިތުންނަށް ގަބޫލު ނުކުރެވޭނެފަދަ އެއްޗެއް ބަޔަކު ތައްޔާރުކޮށްގެން އެކަމާ ރައްޔިތުން ނުރުހުންވެ އިހުތިޖާދުކުރީމާ ހިފާ ހައްޔަރުކޮށް ރިޕޯޓްގެ ފަހަތުގައިވާ މީހުންނަށް ހިއްވަރުދީގެން ނުވާނެ
ތެދުވެރިޔާ
22 October 2019
ނަޝީދު އެމްޑީޕީން ބޭރުކުރަން ޖެހޭ.
ތުއްތުނާ
22 October 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ގޮވާލަން އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން ދިފާއުކޮށް ވާހަކަ ދައްކާ މީހުން ހައްޔަރުކޮށް ހައްގު އަދަބު ދިނުމަށް....... އިސްލާމް ދީނަށް ފުރައްސާރަކުރުން އެއީ ދިވެހި ދައުލަތުގެ ގާނޫނުއަސާސީ އާއި ހިލާފު ވުން ކަމުގައި ނޫނީ ނުވާނެ...... ގާނޫނުއަސާސީ ގައި ލިޔެފައި އެވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމުގައި.......
ތުއްތުނާ
22 October 2019
ދިވެހި ދައުލަތުގެ ގާނޫނުއަސާސީ ގައި ބުނެފައިވާ އިސްލާމް ދީނާއި ދެކޮޅަށް ރިޕޯޓް ނެރުމާއި އަދި އިސްލާމް ދީނާއި ދެކޮޅަށް ރިޕޯޓް ނެރޭ މީހުންގެ ދިފާއުގައި ވާހަކަ ދެއްކުމާއި ޓެރަރިޒަމް ނޫން ދެން ކޯޗެއް....... ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ދެކޮޅަށް ރިޕޯޓް ނެރެފައި އެވަނީ...... ޓެރެރިޒަމްގެ ގާނޫނުގެ ދަށުން އެމްޑީއެން ރިޕޯޓް ނެރުނު މީހުން އަދި ރިޕޯޓް ދިފާއުކޮށް ގާނޫނު އަސާސީއާއި ޚިލާފުވާ އެންމެ އެއީ ޓެރެރިސްޓުން ކަމުގައި ނޫނީ ނުވާނެ.......
ތުއްތުނާ
22 October 2019
ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ގާނޫނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ފަށައިފި ނަމަ ، ގާނޫނުއަސާސީ ގައި ވާ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ބުނެފައިވާ ބުނުމާއި ހިލާފަށް އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމާއި އަދި ގާނޫނުއަސާސީ އާއި ހިލާފަށް ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމުގެ ކުށުގައި މަނިކުފާނު ހުންނާނީ ޓެރަރިޒަމް ގާނޫނުގެ ދަށުން މިހާރު ހައްޔަރުކޮށްފައި ކަން ކަށަވަރު... ޓެރަރިޒަމް ޕްރޮމޯޓު ކުރުމަކީ މިއީ .....
އެންދެރި
22 October 2019
މިތާ ހަމަނުޖެހުމެއް ނެތެވެ. މިތާ ހަމަޖެހުން ނަގާ ލަން މަސައްކަތް ނުކުރާށެވެ. ތާކުން ތާކު ނުޖެހޭ ކަމެއްގަ ބަޔަކު ހައްޔަރު ކުރުމުގެ ބޭނުމެއް ނެތެ. އޭރުން މަސްލަހަތު ގެއްލި ދާނެ އެވެ.
ރިފީ
22 October 2019
ނަޝީދު ތި އުޅުއްވަނީ ރައީސް ޞޯލިޙަށް ވެރިކަން ކުރުއްވިޔަ ނުދެއްވަންތޯ؟ އިދިކޮޅު ޕާރޓީއަކަށް ވުރެ ބޮޑަށް ޝަކުވާ ތިކުރައްވަނީ އެނޫން ކޮން މަޤްސަދުފުޅެއްގައިތޯ؟
މޯޑޭ
22 October 2019
ރައީސް ނަޝީދު ދައުލަތުގެ އެއްވެސް ކަމެއްގަ އުޅޭހާ ހިނދަކު މި ގައުމަށް ހަމަޖެހިލައިގެން ނޫޅެވޭ. މިއީ ހަގީގަތް