މާލެ ގެއަކުން ހޯދި ރަތް މުރަކަތައް. މި މުރަކަތައް ވަނީ ފިޝަރީޒް މިނިސްޓްރީއާ ހަވާލުކޮށްފައި..---ފޮޓޯ: ނިޝާން އަލީ/މިހާރު
01 އޮކްޓޯބަރ 2016 - 17:35
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބާވަތެއް ކަމަށްވާ ރަތް މުރަކަ މާލޭގެ ގެއަކުން ފެނުނު މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ފަޒީމް ވިދާޅުވީ އެ ގެ ބަލައި ފާސްކޮށް، ހޯދި ގިނަ އަދަދެއްގެ މުރަކަތަކަކީ ރ. ދުވާފަރުން ގެނެސްފައިވާ މުރަކަތަކެއް ކަމަށެވެ.
އާންމުކޮށް ގަހަނާ އާއި ތަންތަން ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ރަތް މުރަކައިގެ 41 މުރަކަ ފިޝަރީޒް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ފަޒީމް ވިދާޅުވި އެވެ. އަދި އެ މައްސަލަ އަވަސްމިނެއްގައި ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުރަކަތައް ފެނުނު މައްސަލާގައި ހޯދަމުން އަންނަ ފަރާތް އަދި ނުފެނޭ،" އޭނާ ވިދާޅުވި އެވެ. އެކަމަކު އެއީ ކާކު ކަމެއް ފުލުހުން ނުބުނެ އެވެ.
އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ރަތް މުރަކައަކީ ރާއްޖެ އާއި ދުނިޔޭގައި ވެސް ހިމާޔަތްކޮށްފައިވާ ބާވަތެއް ކަމަށްވާއިރު، އަތުލައިގަތް ތަކެއްޗަކީ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރަން ނަގާފައިވާ އެއްޗެހިތަކެއް ކަމަށް ބެލެވޭ ކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން ތިމާވެއްޓަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.
ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއަކުންނާއި ރާއްޖޭގެ މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ރަތް މުރަކައަކީ އާންމުކޮށް ވެލި ޖަމާނުވާ ނުވަތަ މަދުން ވެލި އުފެދޭ ސަރަހައްދުތަކުގައި އުފެދޭ ބާވަތުގެ މުރަކަ އެކެވެ. އާންމުކޮށް 10 މީޓަރާއި 5،000 މީޓަރާ ދެމެދުގެ މިންވަރަށް ބޮޑުވާ އެ ބާވަތުގެ މުރަކަ ރާއްޖެއިން ފެންނަނީ އާންމުކޮށް ކަނޑުގެ 70 މީޓަރަށް ވުރެ އަޑިންނެވެ.
ތިމާވެއްޓަށް ގެއްލުންދޭ ތަކެތި ގަވާއިދާ ހިލާފަށް ގެންގުޅޭ ނަމަ އެފަދަ މައްސަލަތައް ތަހްގީގުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔާޒު
02 October 2016
ދުވާފަރު ކައިރީގައި ރަތް މުރަކަ ހެދޭ ތަނަކަށް ނ. ރާފުށި އޮވޭ..
ލިޥާ
02 October 2016
އެވާނީ ކަހަނބު ބިސް އަޅަން އެގެއަށް ވަދެފައި ނިކުންނަން އިޅުމުގެ ތެރޭގައި ތަނެެއްގައި އަޅައިގަނެގެން ފަތްތައް ނެއްޓުނީކަމަށް ! ތަންކޮޅެއް ވަސް ގަދަ ތުނބަކުން ފުމެލިޔަސް ކަހަނބު ވަރަށް ސިއްސައިގެން ދާނެ!
އަލި
20 January 2018
ލިވާ ދޮޅުރޯނާ ވެފަ ހުރެ ކޮމެންޓު ނުކޮއްބަ. ޚަބަރު ކިޔާފަ ކޮމެންޓުކުރާނީ ދެން މީގެ ފަހުން އިނގޭ.
ފާނަކޮށި
02 October 2016
ތިވެސް ކުއްވެރިވަނީ މުރަކަ..........އަޅެމުރަކައަކީ އެއްތަނުން އަނެއްތަނަސް ދަތުރުކުރަން ފައި ލިބިފައިވާ އެއްޗެއްތަ؟ ޕޮލިހުން ހާދަ ގަމާރޭ!
ހިމާަޔަތް
02 October 2016
މިއަށްވުރެ ބޮޑެތި ކަންކަން މިގައުމުގަ ގިނައީ.؟ ކާކަު ކަމަކަށް ކޮންބަޔަކު ހަދައިގެން އުޅެނީ؟ މުރަކައިން ވަާނެކަމެއް ނޯންނާނެ. އެކަންކުރި މީހުންނަށް އަދަބު ލިބޭނެ ސާބިތުވެސް ވާނެ. އެކަމަކު އެހެން ކަންކަން ކިއްވެތަ ސާބިތުނުވަނީ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ބޮލައްތުރާ
01 October 2016
މާލެ ވަށާ ހިނގާލަބަލަ، މޫދަށް ބަލަމުން. ވ.ވެދުން.
ދޮންދީނި
01 October 2016
ރާއްޖޭގައި ހުރިހާ ކަމެއްވެސް މިއޮންނަނީ ސަބްޖެކްޓް އޮރިއެންޓް ވެފައި....
ނޮޓް މީ
01 October 2016
"ތިމާވެއްޓަށް ގެއްލުންދޭ ތަކެތި ގަވާއިދާ ހިލާފަށް ގެންގުޅޭ ނަމަ އެފަދަ މައްސަލަތައް ތަހްގީގުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެ އެވެ." ސުވާލަކީ ރަތް މުރަކައަކީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެއްތޯ؟ "މިހާރު"ން ފުލުހުންގެ ފަރާތުން މިކަން ސާފުކޮށްލަދީބަލަ! އަދި ތިމާވެއްޓަށް ގެއްލުން ލިބޭކަން ކަށަވަރުވެފައިވާ ދުންފަތުގެ ބާވަތްތައް އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާ ދޭތެރޭ ތި ފިޔަވަޅު ނޭޅި ވަނީ ކީއްވެތޯ؟
ރަދީފު
01 October 2016
ތިމާވެއްޓަށް ގެއްލުންދޭ ތަކެއްޗޭ؟؟؟ ހަހަހަ