"ހެޕީ މާކެޓްގެ ފިހާރައެއް ހުޅުވުމުގެ ރަސްމިއްޔާތެއްގައި އެކުންފުނީގެ ބައެއް އިސްވެރިން. އެކުންފުނިން ބުނީ ކާބޯތަކެތީގެ އަގު ހެޔޮކޮށް ހިފަހައްޓައި، ސަޕްލައިގެ ޔަގީންކަން ވެސް ދޭ ކަމަށް. ފައިލްފޮޓޯ/މިހާރު
07 މާޗް 2020 - 16:27
ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ބައެއް މީހުން ކަރަންޓީނުކޮށް، ދެ ރިސޯޓަކާއި މީހުން އުޅޭ ރަށެއް ވަގުތީ ގޮތުން ބަންދުކުރުމުން ރާއްޖޭގެ ބައެއް މީހުން ތިބީ ކޮންމެވެސް ވަރެއްގެ ހާސްކަންމަތީގަ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ކާބޯތަކެތީގެ ބާވަތްތައް ލިބުން ދަތިވެ، ތަކެތީގެ އަގު އުފުލިދާނެތީ އެވެ. ކުރިއަށް އޮތީ ރޯދަ މަހެވެ. އެހެންވެ. އެތައް ގައުމަކަށް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މާދަމާ ވެސް ވާނެ ގޮތަކާ އަހަރެމެން މިހާރު ތިބި ސުވާލު އުފެއްދުމުގަ އެވެ.
އެކަމަކު، މި ހާސްކަމަށް ލުޔެއް ލިބޭ ފަދަ ޚަބަރެއް ހެޕީ މާކެޓުން މިިއަދު ދީފި އެވެ. އެއީ، އެ ކުންފުނިން ގެންނަ ހުރިހާ ބާވަތެއްގެ މުދާ ވެސް ތާވަލާ އެއްގޮތަށް ލިބޭނެ ކަމުގެ ޔަގީން ކަމާއި އެ ތަކެތީގެ އަގު ވެސް ބޮޑުނުކޮށް، ހިފެހެއްޓޭނެ ކަމެވެ.
ހެޕީމާކެޓްގެ ފިހާއެއްގެ ހަރުގަނޑެއް. އެކުންފުނިން ބުނީ ކާބޯތަކެތީގެ އަގު ހެޔޮކޮށް ހިފަހައްޓައި، ސަޕްލައިގެ ޔަގީންކަން ވެސް ދޭ ކަމަށް. ފައިލްފޮޓޯ/މިހާރު
ހެޕީ މާކެޓުގެ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުން، ކޮރޯނާވައިރަހުގެ ސަބަބުން ސަޕްލައި ޗެއިނަށް ހީނަރުކަން އަތުވެދާނެ ވާހަކަ އާއި ރޯދަ މަހާ އެކު، ޑިމާންޑަށް އަންނަ ބަދަލުގެ ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު އުފުލިދާނެ ކަމަށް ވާހަކަ ދެއްކެވެ އެވެ. ހެޕީ މާކެޓުން އެތެރެކުރާ ބާވަތްތައް އަގުބޮޑު ނުވާނެ ކަމުގެ ޔަގީންކަން ދިނީ އެހެންވެ އެވެ.
"މި ކުންފުނިން އެތެރެކޮށް، ވިއްކާ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ވެސް ރާއްޖެ އެތެރެކުރަން ރޭވިފައިވާ ޓައިމްލައިނާ އެއްގޮތަށް ލިބޭނެ ކަމުގެ ޔަގީންކަން މި ވަގުތަށް ލިބިފައިވާ ވާހަކަ ދަންނަވަމެވެ. ހަމަ އެއާ އެކު، ހުރިހާ ބާވަތެއްގެ އަގު ރަމަޟާން މަސް ނިމެންދެން ވެސް ބޮޑުނުކޮށް ހިފަހައްޓާނެ ވާހަކަ ދަންނަވަމެވެ،" ހެޕީ މާކެޓްގެ ފޭސްބުކް ޕޯސްޓުގައި ވެ އެވެ.
އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހު ޑިމާންޑް އިތުރަށް ބޮޑުވާ ބައެއް ބާވަތްތަކުގެ އަގު އުފުލިޔަ ނުދީ، ހިފަހައްޓާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދިނެވެ. އެ ގޮތުން، އަގުހެޔޮކުރި ބާވަތްތަކަކީ ކުކުޅާއި ކުކުޅުގެ ބައިތަކާއި ކުކުޅު ބިހެވެ.
ހެޕީ މާކެޓުން ދިން އެންމެ އުފާވެރި އަނެއް ޚަބަރަކީ ފިނިކުރި ކުކުޅުގެ އަގު މިހާރު ވެސް ހެޔޮކުރެވެން އޮތް ބޮޑަކަށް ދަށްކޮށްފައިވާ ކަމެވެ. އަދި ރޯދަ މަހު ވެސް ހަމަ އެ އަގުގައި ހިފަހައްޓާނެ ކަމުގެ ޔަގީން ކަމެވެ.
ހެޕީ މާކެޓުގެ ފޭސްބުކް ޕޯސްޓް ނިންމައިލާފައި ވަނީ ކޮރޯނާވައިރަސް ފެތުރޭތީ ދިން އިރުޝާދަކުންނެވެ.
"މި ވަގުތު ގައުމަށް ދިމާވެފައިވާ މި ހާލަތުގައި ކެތްތެރިކަން އިސްކޮށް، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އެންމެހާ ރައްޔިތުން ވެސް އަމަލު ކުރެއްވުމަކީ މި ކުންފުނީގެ އެންމެ ބޮޑު އެދުމެވެ."
ހެޕީ މާކެޓްގެ ފޭސްބުކް ޕޯސްޓް 800 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޝެއާކޮށް، ހަމަ އެހާ ގިނަ މީހުން ރިއެކްޓްކޮށް، ކޮމެންޓް ކޮށްފައި ވެ އެވެ. އެ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ވަނީ އެ ކުންފުނީގެ ވެރިންނަށް ތައުރީފުކޮށްފަ އެވެ.
"ވިޔަފާރީގައި ބަަރަކާތް ލައްވައި، އިތުރު ކުރިއެރުން ލިބި އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބުމުގެ މަގު އިތުރަށް ފަހިކޮށްދެއްވާށި، އާމީން،" ކޮމެންޓް ކުރި އެކަކު ލިޔެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
08 March 2020
ކޮބާ ލިލީ ގުރޫޕު ، ބީ އެޗު އެމް ، އެމް އެޗު އޭ އުފާވެރި ހަބަރެއް ނެއްތަ؟
ދާމޫ
08 March 2020
ސާރާ އެ އަނދިރިކަމުގައި ނިމެން ދޫކޮށްލާފާ އަހަރުމެން ދާނީ ކުރިޔަށް!
ރަށުމީހާ
07 March 2020
ރަގަޅައް ކަމެއްކޮއްދޭން ބަޔަކުއިޅުނޫމާ ދުއްތުރާ ކުރުމަކީ ހިތާމަކުރާކަމެއް.
ސަރާ
07 March 2020
ތިއޮތީ ބާވަތެއްގެ ސޭލް ސްޓަންޓެއް ޖައްސާފައި. ބޮޑަށް ބެލެވޭގޮތުގައި މިވަގުތު ރިސޯޓްތަކުން މުދާގަތުން މަދުވުމުގެ ސަބަބުން ގުދަންތަކުގައި ހުރި މުދާ ތަށް ރޯލްވާމިންވަރު ދަށްވުމުގެ ސަބަބުން ޖައްސާލި މޮޅު ސޭލްއެއް. ފިނިކުރި ކުކުޅާއި ބިސް އަދި އާފަލާއި އޮރެންޖް ގިނައަދަދަކަށް ސްޓޯރްގައި ހުރެމެ ކަސްޓަމްސްްގައި ހުރެފައި ރާއްޖެއަންނަ މަގުމަތީހުރީމައި މިވަގުތު މާލޭގެ ގުދަނަށް ލުއިކަމެއްގެނައުމަށް ދެއްކި ވާހަކައެއް.
ކުކުޅު
07 March 2020
ކޮންމެމީހަކީ ތިމާފަދަ މީހަކަށްނުވެދާނެ. ނޭގޭވާހަކަ ހީއެއްގެމައްޗަށް ނުދައްކާ ތީމުޖްތަމައު ފަސާދަވާކަމެއް
ހަސަންފުޅު
08 March 2020
ހަމަޔަގީނުންވެސް އެބޭފުޅުން އެދެއްކެވީ މިފަދަ ވަގުތެއްގައި މުސްލިމް ވިޔަފާރިވެރިން ދައްކަވަންޖެހޭ ރީތިމިސާލެއް. އެބޭފުޅުންގެ ނިޔަތް ރަނގަޅު ވެއްޖެނަމަ ﷲ ސވ އެކަމުހެ ހެޔޮ ޖަޒާ ދެއްވާނެ.
އޭސީސީ ދަރިވަރު
07 March 2020
އިހްސާން ސަރ އަކީ ޤައުމީ ރޫޙު ލިބިލައްވާފައި ހުންނެވި ދިވެހި ފުންނާބު އުސް ފަހުލަވާނެއް. ސަރ ގެ ވިޔަފާރީގައި ﷲ ބަރަކާތްލައްވައި ކުރިއެރުން މިންވަރު ކުރައްވާށި. އާމީން.
ރަދީފް
07 March 2020
ސާބަހޭ ހެޕީމާކެޓް.އަހަރުމެން މިތިބީ ވަރަށް ހެޕީވެފަ.މެސިވް ނިއުސް ފޯ ކޮންސިއުމާސް.ކޮބާތަ އައްޑޫ މީހުންނަށް ބަވަމުން ދުވާ ބައިގަނޑު.ފެނޭތަ ތަމެންނަށް އައްޑޫ މީހުންގެ ހުރި ހިތްހެޔޮކަން.ފެނޭ ދޯ.ވ.ވެދުން
ޣައްސޭ
07 March 2020
ކޮބާތޯ ހެޕީމާކެޓުން ފޯރުކޮށްދޭން ބުނި މާސްކްތައް. ޙަމަ އަހައިލީ.
ދެބަންދިހާރު
07 March 2020
ހެޕީމާކެޓޭ ކިޔަނީ ހަމަ ކިޔަންވެގެން