މީހުން / އަލީ އިހުސާން (ހޯމްލޭންޑް، ސެކިއުރިޓީ މިނިސްޓަރު)

އިހުސާންގެ ފަހުރުވެރި މާޒީ އާއި މިއަދު

ޖެނުއަރީ 1، 2017 ގެ ފަތިހެވެ. އާ އަހަރު ފާހަގަކުރުމުގެ ގޮތުން މާލެ އާއި ގިނަ ރިސޯޓްތަކެއްގައި ބަޑިބޭހުގެ ކުޅިވަރުތައް އޮތެވެ. އެކަން ކުރީ އޭނާގެ ބެލުމުގެ ދަށުގައި އެމްއެންޑީއެފްގައި އޮންނަ ޔުނިޓަކުންނެވެ. އެކަމަކު އެތައް ހާސް ބަޔަކަށް އުފާވެރިކަން ގެނެސްދިން ހަރަކާތްތަކަށް ފަހު ފަތިހު ގެއަށް ވަޑައިގެން ސިފައިންގެ ޔުނީފޯމް އޭނާ ބޭލުއްވި އިރު، އުފާވެރިކަމުގެ އެއްވެސް އަސަރެއް ނެތެވެ: އެއީ ދިވެހި ސިފައިންގެ ރަސްމީ ޔުނީފޯމްގައި އޭނާ ހޭދަކުރެއްވި އެންމެ ފަހު ވަގުތުކޮޅެވެ.

އެ ހަނދާންތައް މިއަދު ވެސް އަލީ އިހުސާން އާކުރައްވަނީ "ހިތާމަވެރި ވަގުތުކޮޅެއް"ގެ ގޮތުގަ އެވެ. ދިވެހި ސިފައިންގެ ތެރޭގައި އޭނާ ހޭދަކުރެއްވި 11 އަހަރަކީ، އިހުސާން ވިދާޅުވާ ގޮތުގައި، މާ ދިގު މުއްދަތެއް ނޫނެވެ. އެކަމަކު އާއިލާއަށް ވަގުތު ދެއްވުން ސަބަބެއްގެ ގޮތުގައި ދެއްކެވުމަށް ފަހު، ސިފައިންގެ ތެރެއިން ވަކިވެވަޑައިގަތުމަކީ ހަޔާތުން ފޮހެނުލެވޭނެ ނިންމެވުމެކެވެ.

ޔުނީފޯމް ބޭލުއްވި ވަގުތާއި އޭގެ ފަހުން "އަޅުގަނޑުގެ އައިޑީ ކާޑު ސިފައިންގެއާ ހަވާލުކުރި ވަގުތު އެއީ ހިތާމަވެރި، މިހާރު ވެސް ދުވަހަކު ވެސް ކުރަން ބޭނުންނުވާ އެކަމަކު ކުރަން ޖެހުނު ކަމެއް،" ކެޕްޓަނެއްގެ މަގާމުގައި ހުންނެވުމަށް ފަހު ވަކިވެވަޑައިގެންނެވި އިހުސާން، 34، ވިދާޅުވި އެވެ.

އުފާވެރި، ތާރީހީ އަދި ކާމިޔާބު މާޒީއެއް އެހާ ޒުވާން އުމުރުގައި ފަހަތަށް ދޫކުރެއްވުމަށް ފަހު، ހަމަ އެ ދުވަހު، ޖެނުއަރީ 1، 2017 ގައި، ހެޕީ މާކެޓްގެ ސީއީއޯގެ މަގާމުގައި، ވިޔަފާރީގެ ތެރެއަށް އޭނާ ވެންނެވި އެވެ.

އެމެރިކާގެ ވެސްޓް ޕޮއިންޓް އެކަޑަމީގެ ތާރީހު ބަދަލުކޮށްލި

އިހުސާންގެ އުފަން ރަށަކީ ސ. ފޭދު އެވެ. އޯ ލެވެލް ހެއްދެވީ ފޭދޫ ސްކޫލުންނެވެ. އޭ ލެވެލް ނިންމެވީ ސީއެޗުއެސްއީގަ އެވެ. ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީގެ ހަގު ދަރިކަލުން، އަބަދުވެސް ހިއްޕެވީ "ކުރާ ކޮންމެ ކަމެއް ވެސް ފުރިހަމައަށް ކުރާށޭ" ވިދާޅުވެ މައިންބަފައިން ދެއްވި ނަސޭހަތުގަ އެވެ. އެހެންކަމުން ސްކޫލްގެ ދަށް ގްރޭޑްތަކުން ފެށިގެން ސީއެޗުއެސްއީގައި ވެސް، އޭނާ އަކީ މޮޅު، ކެރޭ އަދި މަޝްހޫރު ދަރިވަރެކެވެ.

އިންޑިއާ ކަނޑުގައި 2004 ގައި އުފެދުނު ސުނާމީ ކާރިސާގައި ދިވެހިންނަށް އެހީތެރިވާން ސިފައިން އުޅުނު ގޮތް އިހުސާނަށް ވަރަށް ކައިރިން ފެނިވަޑައިގަތެވެ. ސީއެޗުއެސްއީގައި އުޅުއްވަމުން، ސުނާމީ މަރުކަޒަށް ވަޑައިގެން، ސިފައިންނާ އެކު ހިލޭސާބަހަށް މަސައްކަތް ކުރެއްވި އެވެ. ސިފައިންނާއި ސިފައިންގެ މަތީ އޮފިސަރުން އޭނާއަށް ފެނިވަޑައިގަތީ "ވަރަށް ގަޓް ހުރި ބައެއް"ގެ ގޮތުގަ އެވެ.

އެކަމަކު ސިފައިންގެ ތެރެއަށް ވެންނެވުމުގެ ޝައުގުވެރިކަން ހުރި ނަމަވެސް، ދަށް ރޭންކަކުން ފައްޓަވާކަށް ބޭނުމެއް ނުވި އެވެ.

"ކޮންމެ ތަނެއްގައި ވެސް އިސްކޮށް އުޅެން ބޭނުންވޭ. މީހުން ގޮވައިގެން މަސައްކަތްކުރަން، ލީޑަޝިޕް ޕްރެކްޓިސް ކުރަން ބޭނުންވޭ،" އިހުސާން ވިދާޅުވި އެވެ.

މިލިޓަރީ އޮފިސަރުންގެ ސްކޮލަޝިޕެއް، އެމެރިކާއިން ރާއްޖޭގައި އިއުލާންކުރިކަން އޭނާއަށް ފެނިވަޑައިގަތީ، 2006 ގައި، މެގަޗިޕްގައި ވަޒީފާ އަދާކުރެއްވި އިރު އެވެ. އޭނާ އެ ސްކޮލަޝިފަށް ކުރިމަތިލެއްވި އެވެ. އެކަމަކު އެއީ ރާއްޖޭގެ ސިފައިންނަށް ވަރަށް ނުލިބޭ ކޯހަކަށް ވާތީ، އެހާ ބޮޑު އުއްމީދެއް، އެމްއެންޑީއެފްގެ އިސް ވެރިންނަކަށް ވެސް ނެތެވެ.

އުއްމީދަކީ ވެސް ނަސީބާ ގުޅިފައި އޮންނަ އެއްޗެކެވެ. އެހެންކަމުން އިހުސާންގެ ނަސީބުގައި، އޭނާ އުއްމީކުރެއްވި ގޮތަށް، އެ ސްކޮލޮޝިޕް ހިފި އެވެ. އަދި 2006 ގައި ވެސްޓް ޕޮއިންޓްގެ އާ ބެޗުގެ 1،500 ދަރިވަރުންނާ ގުޅިވަޑައިގަތެވެ. ފުރަތަމަ ދުވަހުގެ ހަނދާންތައް ވެސް ވަރަށް ހާއްސަ އެވެ.

އެތުރެން ޖެހުނީ "ހައިޓް އޯޑަރަށް. އަންހެން ކުދިންގެ ލައިނުން ވެސް ފަހަތުން ލިބުނީ. އިސްކޮޅަށް ބަލާއިރު އެތައް ގުނައެއް ބިޔަ، ވަރުގަދަ، ދިގު މީހުން ފުރަތަމަ ފެށި ދުވަހު ވެސް ދިމާވީ،" އިހުސާން ކިޔައިދެއްވި އެވެ.

"ހިތަށްއެރި މި ހުރިހާ އެންމެންގެ ތެރެއިން މަތީ މަގާމެއް ހޯދާނީ ކިހިނެއް ހެއްޔޭ! އެކަމަކު ހަމަ ހިތަށްއެރި މިއީ ހަމައެކަނި މަސްގަނޑުން ވާނެ ކަމެއް ނޫނޭ."

އެކަން އޭނާ ސާބިތުކޮށްދެއްވި އެވެ. އަހުލާގާއި ތަރުތީބާއި ސާބިތުކަންމަތީ ހުރުމާއި ތެދުވެރިވުމާއި ދޮގު ނުހެދުން ފަދަ، ވަރުގަދަ ސިފަތައް ދަސްކުރައްވަން ފެއްޓެވީ ވެސް އުސޫލުތަކެއްގެ ތެރެއިންނެވެ. ކުރީ ބެޗުތަކުގެ 3،000 ސިފައިން ހެނދުނު ހެނދުނާ ހޭލެއްވުމާއި އެ މީހުންގެ ފާހާނާތައް ސާފުކުރުމަކީ ފުރަތަމަ މަސައްކަތެވެ. ފަތިހު 5:30 ގައި ތެދުވެ، ގަޑި ޖެހެން ދެ މިނިޓަށް ވަންދެން، އެ ކޮޓަރިތައް ކައިރިއަށް ގޮސް ޓަކި ޖަހައި، "އިންސާނީ ރަނގަބީލަކަށް" ވި އެވެ. ފާހާނާތައް ސާފުކުރަން ޖެހެނީ "އެތަނުގައި ޕާން ފޮއްޗެއް ކާލަން ޖެހުނަސް ހަމަޖެހިލައިގެން އިނދެވޭހާ ސާފުކޮށެ"ވެ. ކޮންމެ ކޮޓަރިއެއްގެ ބޭރުގައި ނޫސް ބާއްވަން ޖެހެނީ "ދޮރުން ފެށިގެން ދެ އިންޗި ކަނާތް ފަރާތުގައި، ދޮރުން އެއް އިންޗި ބޭރަށެ"ވެ.

"އޭގައި ކިރިޔާ ވެސް، ވައި ޖެހިފައި އެނބުރިފައި އޮއްވާ ފެނުނަސް ޒަމާން ދިޔައީ،" އެކަޑަމީގެ ހާއްސަ ތަރުބިއްޔަތާ ބެހޭ ގޮތުން އިހުސާން ވިދާޅުވި އެވެ.

ވެސްޓް ޕޮއިންޓްގައި ތަމްރީންކުރަނީ އެމެރިކާ ސިފައިންގެ ކުރިމަގުގެ އޮފިސަރުންނެވެ. އެތަނަށް ވަދެވެނީ އެމެރިކާގައި ވެސް ތައުލީމީ ގޮތުން ފެންވަރު ރަނގަޅު ދަރިވަރުންނަށެވެ. ހަތަރު އަހަރުގެ ޑިގްރީއާ ހަމައަށް އޭނާއަށް ވަޑައިގެންނެވުނު އިރު، އެއީ އާދައިގެ ދަރިވަރެއް ނޫނެވެ. މާޗު 16، 1802 ގައި އުފެއްދި އެކަޑަމީގެ 200 އަހަރުގެ ތާރީހުގައި، 4،500 ސިފައިންގެ ކޮމާންޑަރުކަން ކުރެއްވި ބޭރު ގައުމެއްގެ ހަމައެކަނި ބޭފުޅަކީ އިހުސާނެވެ.

އިހުސާންގެ ގްރެޖުއޭޝަންގައި ރައީސް އޮބާމާ ސަލާންކުރައްވަނީ

އެކަމަކު އެންމެ ފަހު އަހަރުގެ މަގާމުތަކަށް އިއުލާންކުރުމުން އޭނާ ކުރިމަތިލެއްވީ ކޮމާންޑަރުގެ ދަށުން އެހެން މަގާމުތަކަށެވެ.

އިންޓަވިއު ކުރަން ތިބި މީހުން އެހީ ކޮމާންޑަރުކަން "ކުރެވޭނެ ކޮންފިޑެންސް ނެތީހޭ. އަޅުގަނޑު ބުނިން ނޫނެކޭ ކޮންފިޑެންސް އެބަ ހުއްޓޭ މިހާރު ވެސް އެކަން ކުރަން. ބުނީމާ ބުނީ ކީއްވެގެންހޭ ނުޖެހީ [އެ މަގާމަށް]. އަޅުގަނޑު ދެންނެވިން 200 އަހަރުގެ ތާރީހެއް އޮތް ތަނެއްގައި އަލަށް މިކަހަލަ ކަމަކަށް ލީމާ ބޮޑު ޖޯކަކަށް ނޫންހޭ ވާނީ. ދިވެހިރާއްޖޭގެ މީހެކޭ، މީނާ އެބަ އޮތޭ ކޮމާންޑަރަކަށް ލާފައި،" އިހުސާން ކިޔައިދެއްވި އެވެ.

"ދެން އެމީހުން ބުނި ކޮން ގަވާއިދަކުހޭ އޮތީ މި ތާނގައި ކޮމާންޑަރަކަށް ބޭރު މީހަކަށް ނާދެވޭނޭ. އަޅުގަނޑު ބުނިން އާ ތިގޮތަކަށް ނެތޭ. ބުނީމާ ބުނީ ކީއްވެގެންހޭ ނުޖެހީ އެހެންވިއްޔާ. އަޅުގަނޑު ބުނި ދެއްވާށޭ މިހާރު އެހެންވިއްޔާ ޖަހާނަމޭ."

ކޮމާންޑަރުކަމުގެ މަގާމަށް އޭނާ ކުރިމަތިލެއްވީ އެ އިންޓަވިއު ތެރޭގައި އިންނަވައި އަލުން ފޯމް ފުރުއްވައިގެންނެވެ. އަދި ދުނިޔޭގެ އެފަދަ އަސްކަރީ ތަމްރީން މަރުކަޒެއްގައި ހޯދޭނެ އެންމެ ބޮޑު އެއް ޝަރަފު އިހުސާނަށް ލިބިވަޑައިގަތެވެ. އާ ކޮމާންޑަރަކީ އޭނާކަން އިއުލާންކުރުމަކީ، އެމެރިކާގެ 50 ސްޓޭޓްގެ ނަން ފިޔަވައި އެހެން ގައުމެއްގެ ނަން ވެސްޓް ޕޮއިންޓްގެ އެ ރަސްމިއްޔާތުގައި އިވުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

ރައީސް އޮބާމާގެ ފުރަތަމަ ޒިޔާރަތް

ޑިސެމްބަރު 1، 2009 ގައި، ވެސްޓް ޕޮއިންޓަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަޑައިގަތެވެ. އޭރު ކެޑޭޓް ކޮމާންޑަރަކަށް ހުންނެވީ އިހުސާނެވެ. މުޅި ދުވަހު އޮބާމާގެ އަރިހުގައި އޭނާ އުޅުއްވި އެވެ.

"އޮބާމާ ވިދާޅުވި މިއީ މުޅި ދިވެހި ހުރިހާ ސިފައިންނަށް ވުރެ ވެސް ބޮޑު ޔުނިޓެއް ދޯއޭ،" ފުރަތަމަ ދުވަހުގެ ބައްދަލުވުމުގެ ހަނދާންތައް އާކުރައްވަމުން އިހުސާން ވިދާޅުވި އެވެ.

އެއީ އަފްގާނިސްތާނުގައި އެމެރިކާ އިން ހިންގަމުން އަންނަ އޮޕަރޭޝަން އޭނާގެ ވެރިކަމުގައި ނިމުމަކަށް ގެންނަން ގެންގުޅުއްވާ ވިސްނުން، ފުރަތަމަ ފަހަރަށް އެމެރިކާ ރައްޔިތުންނަށް އިއުލާންކުރެއްވި ތަގުރީރު ދެއްވި ޒިޔާރަތެވެ. އެ ދުވަހު ތަގުރީރު ފައްޓަވަމުން އޮބާމާ ވިދާޅުވީ އެވާހަކަ "ވެސްޓް ޕޮއިންޓް"ގައި ދެއްކެވުމަކީ އޭނާއަށް ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށެވެ.

އޮބާމާގެ އަރިހުގައި އިހުސާން: ވެސްޓް ޕޮއިންޓްގެ ތަމްރީން ސިފައިންގެ ކޮމާންޑަރުކަން ކުރެއްވި ހަމައެކަނި ބިދޭސީ

ކަން ދިމާކުރި ގޮތުން އިހުސާންގެ ގްރެޖުއޭޝަންގައި ސެޓްފިކެޓް ދެއްވަން ހުންނެވީ ވެސް އޮބާމާ އެވެ. އެއީ އޭނާއަށް އެމެރިކާގެ ރައީސްއާ ބައްދަލުކުރެއްވުނު ދެވަނަ ފަހަރެވެ.

"އެމެރިކާގެ 4،500 ސިފައިން، ފިއުޗާ އޮފިސަރުން، މިހާރު ކީ މަގާމުތަކުގައި ތިބި މީސްމީހުން، ޓްރެއިންކުރުން، ގޮވައިގެން އުޅެން ލިބުނު ފުރުސަތުން ދަސްވި އެއްޗެއް ރާއްޖޭގެ އަސްކަރިއްޔާގައި ވެސް، އަދި މިހާރު ވިޔަފާރީގައި ވެސް [އަޅުގަނޑު] ގެންގުޅޭ އުސޫލުތަކާއި ހަމަތަކަކީ،" އިހުސާން ވިދާޅުވި އެވެ.

ކުއްލި ބަދަލު

އަސްކަރިއްޔާ އިން ހާއްސަ ބޭފުޅަކު ކުއްލިއަކަށް ވިޔަފާރީގެ ތެރެއަށް ވެންނެވުމުން އުނދަގޫތަކެއް ހުންނާނެ އެވެ. މިއީ، އޭނާ ވިދާޅުވި ގޮތުގައި، މުޅިން ތަފާތު ދެ ހިދުމަތެކެވެ. ކުރެވޭ އިހުސާސްތައް ވެސް އެހާ ތަފާތެވެ.

"ސިފައިން ގޭގައި ގޭޓުގައި ޑއުޓީ މަރާލަން އިންނަ އިރު ވެސް ހިތަށް ލިބޭ އިހުސާސް އާއި ފަހުރުވެރިކަމެއް ނާދޭ މި މަގާމުގައި، މިތާ މަސައްކަތްކުރާ އިރު،" އިހުސާން ވިދާޅުވި އެވެ.

"ސިފައިން ގޭގައި 30 އަހަރު ހިދުމަތް ކުރެވުނު ނަމަވެސް އަސްލު ނުއެއް ފުދޭނެ. ކޮންމެ ދުވަހަކީ ވެސް ހަމަ އެހާމެ އެކަމަށް ޕްރައިޑް ނަގާ ނޯބެލް ހިދުމަތެއް."

އެކަމަކު އިހުސާން ވަޑައިގަތުމާ އެކު، އަނބިކަނބަލުންގެ އާއިލީ ވިޔަފާރި، ހެޕީ މާކެޓަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ކުރިން އާންމުންނާ އެކު ނެތް ގުޅުން މިހާރު ގާއިމްކުރެވިއްޖެ ކަމަށް، އޭނާ ގަބޫލުކުރައްވަ އެވެ. އޭގެ ސަބަބުތައް ވެސް ކިޔައިދެއްވި އެވެ.

"ހުރިހާ އެންމެންނަށް ވެސް އެނގޭ ހެޕީ މާކެޓޭ ބުނެލާ އިރަށް، އެކަމަކު ހެޕީ މާކެޓުން ކުރަނީ ކީއްކަމެއް ނޭނގޭ،" އިހުސާން ވިދާޅުވި އެވެ.

"ގިނަ މީހުންނަށް ލޭބަލް ވެފައި އޮންނަނީ ޓޫރިޒަމް ދާއިރާއަށް ސަޕްލައިކުރާ ކުންފުންޏެއްގެ ގޮތުގައި. އެހެންވެ އެއް ޓާގެޓަކަށް ވީ ހެޕީ މާކެޓް ބްރޭންޑް އެސްޓެބްލިޝްކުރުން، ރާއްޖޭގެ މީހުންނަށް ބަލައިގަނެވޭނެ، އަދި ކުރަނީ ކީއްކަން އެނގޭ ކުންފުންޏެއްގެ ގޮތުގައި."

އިހްސާން، "މިހާރު" އާ ވާހަކަ ދައްކަަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާޒް ޑިގްރީ ހައްދަވާފައި އޮތުމުން، ވިޔަފާރީގެ މައިގަނޑު ވިސްނުންތަކާ އޭނާ ބީރައްޓެއްސެއް ނޫނެވެ. ސޭލްސް ޓީމާ އެކު ކަމަށް ވިޔަސް، ސަޕްލަޔަރުންނާ އެކު ކުރާ މަޝްވަރާތަކަށް ކަމަށް ވިޔަސް، އޭނާއަށް އެކަމުން ފަސޭހަތަކެއްވި އެވެ. އެކަމަކު މިލިޓަރީގައި އޮންނަ ތަރުތީބާއި އަވަހަށް ކަންކަން ކުރުމުގެ ސަގާފަތުގެ ތެރެއިން ނުކުންނަވާ އާންމު މީހުންނާ އެކު މަސައްކަތްކުރައްވަން ފެއްޓެވުމުން ފާހަގަކުރެއްވުނީ "ކަންކަން މާ ލަސް ކަމެ"ވެ.

"ބައެއް ފަހަރު ރޭގަނޑު 12،11 ޖަހާއިރު ދޭތެރެ ދޭތެރެއިން ކަމެއް ސިކުނޑިއަށް އައިސްގެން ވެސް ސްޓާފަކަށް ގުޅާލަން ޑައިލްކޮށްލަން އުޅެފައި ވެސް ހިތަށްއަރަނީ ދަންވަރޭ، އެހެންވެ ފޯނު ބާއްވަނީ،" އިހުސާން ވިދާޅުވި އެވެ.

"އަސްކަރިއްޔާގައި ވާ ގޮތަކީ ދަންވަރެއް އެހެން އެއްޗެއް ނޯންނާނެ. ކަމެއް ކުރަންވީމާ ކުރަންވީ. އެހެންވެ އަނެއް ދުވަހު ހެނދުނަށް މަޑުކުރަން ޖެހޭތީ އެއީ ވަރަށް ބޮޑު މައްސަލައެއް."

އެ ހުރިހާ ކަމަކަށް އޭނާ މިހާރު ވަނީ ހޭނިފަ އެވެ. އެކަމަކު މިއަދު ވެސް އޮފީހަށް އެންމެ ފުރަތަމަ ވަޑައިގަންނަވާ އަދި ގިނަ ފަހަރަށް އެންމެ ފަހުން އޮފީހުން ނުކުންނަވާ ބޭފުޅަކަށް ވަނީ ވެސް އޭނާ އެވެ. އެއީ، އިހުސާން ގަބޫލުކުރައްވާ ގޮތުގައި، އެމެރިކާގައި ހެދި ތަމްރީންތަކާއި ދިވެހި ސިފައިންގެ ތެރޭގައި އުޅުއްވުމުން ލިބިވަޑައިގެންނެވި ސިފަތަކެވެ.

"އަސްކަރިއްޔާގައި ސިފަތަކެއް މި އަށަގަންނުވަނީ. މިސާލަކަށް އަމުރަށް ކިޔަމަންވުން، އޮފިސަރުންގެ ލެވެލް ކަމަށް ވަންޏާ މީހުން ގޮވައިގެން އުޅުން، މީހުންނާ މުހާތަބުކުރުން، އޮޕަރޭޝަންގައި ރާވާރޭވުންތެރިކަން، ސްޕަވައިޒްކުރުން. މި ކަންކަން އެ ހުރި ގޮތަށް ވިޔަފާރިއަށް އެޕްލައިކުރެވޭ،" އިހުސާން ވިދާޅުވި އެވެ.

މިހާރު މި އޮތް ލޮކްޑައުންގެ ތެރޭގައި އިހުސާން ވަނީ ދެތިން ކަމަކުން އާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް ހޯއްދަވައިފަ އެވެ. ކޮވިޑް-19 އާ އެކު ރާއްޖޭގެ ޓޫރިޒަމް ހުއްޓި، އެތައް ބައެއްގެ ވަޒީފާ ގެއްލި، ގައުމަށް މިހާތަނަށް ދިމާވި އެންމެ އުނދަގޫ ހާލަތާ އެކު، ރާއްޖޭގެ ވިޔަފާރިވެރިންނަށް އަމާޒުކުރައްވާ، އޭނާގެ ފޭސްބުކްގައި ލިއުއްވީ "ވިޔަފާރި ކުރެވިއްޖެ، މިއީ އެހީވާންވީ ވަގުތު" ކަމަށެވެ.

"މި ދަނޑިވަޅަކީ ވިޔަފާރި ކުރުމަށް ވުރެ އަޅުގަނޑުމެންގެ ގައުމީ ލޯތްބާއި ވަތަނީ ރޫހު އަދި ދިވެހިވަންތަކަން ކުރިއަށް ނެރެ އެހެން ދިވެހިންނަށްޓަކައި ހިދުމަތް ދޭންވީ ވަގުތު،" އޭނާ ލިއުއްވި އެވެ. އޭނާގެ މި ވާހަކަ އާންމުންނަށް ވަރަށް ކަމުދިޔަ އެވެ.

ސިފައިންނާއި ސިޔާސީ ނުފޫޒު

ސިޔާސީ ބޭނުންތައް ފުއްދަން ދިވެހި ސިފައިން ބޭނުންކުރާ ވާހަކައިން މާޒީ އޮތީ ފުރިފަ އެވެ. އަދި ސިފައިންނާ މެދު އާންމުންގެ މެދުގައި އޮތް ތަސައްވުރު ފެބްރުއަރީ 7، 2012 ގެ ހާދިސާ އިން ވަރަށް ބޮޑަށް ބަދަލުވި އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމަކީ ވެސް ސިފައިން ބޭނުންކޮށްގެން ހިންގި ކަމެއް ކަމުގެ ހެކި ހުއްޓެވެ.

އެ ހުރިހާ ކަމެއް ހިނގައިދިޔައީ އިހުސާން ވެސް އުޅުއްވަނިކޮށެވެ. އެކަމަކު ދިވެހި ސިފައިންގެ ތެރެއަށް ސީދާ ގޮތެއްގައި ސިޔާސީ ނުފޫޒު ވަދެފައި އޮތް ކަމަކަށް، އޭނާ މުޅިން ގަބޫލެއްނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ރާއްޖެ ކުޑަވުމާއި އެމްއެންޑީއެފް ވެސް ކުޑަކަމުން، ވަރަށް ގިނަ ކަންކަމުން ސިފައިންނަށް އަސަރުކުރާނެ ކަމަށެވެ.

"އަސްކަރިއްޔާގައި އުޅޭ ކޮންމެ މީހެއް، އިސް ކޮންމެ މީހަކާއި އޭނާގެ އާއިލާ އާއި އޭނާގެ ދަރިންގެ ދަރިންނަށް ދާންދެން އެބަ އެނގޭ ހުރިހާ އެންމެންނަށް. މިސާލަކަށް މަޖިލިސް މެމްބަރަކަށް އެބަ އެނގޭ ސިފައިން ގޭގެ ޔުނިޓް ކޮމާންޑަރެއްގެ ނަމާއި ފޯނު ނަންބަރާއި އޭނާ އުޅޭ ތަނާއި އާއިލާއާ. މި ކްލޯސް ކޮމިޔުނިޓީއެއް ވީމާ އަންނަ އިންފްލުއެންޒް ނިސްބަތުން ތަންކޮޅެއް ބޮޑު އަސްލު އެހެން ގައުމުތަކާ އަޅާބަލާ އިރު،" އިހުސާން ވިދާޅުވި އެވެ.

"މިސާލަކަށް އެމެރިކާ ނަގާ ނަމަ އެތަނުގެ އާދައިގެ ޔުނިޓެއްގެ ކޮމާންޑަރަކާ ހިސާބަކަށް ނާންނާނެ މިނިސްޓަރެއްގެ ފޯން ކޯލެއް. އެމީހަކަށް ނުވެސް އެނގޭނެ ކާކުކަން ވެސް. އެހެންވީމާ ކަމެއްގައި މޮބަލައިޒްކުރާ އިރުގައި އިންސްޓްރަކްޝަން އަންނަ ލެވެލްއިން ފެށިގެން ކަންކަން ކުރާ މީހުންނާ ދޭތެރޭގައި އިންނާނެ ވަރަށް ބޮޑު ހައިރާކީއެއް، ގެޕެއް. ރާއްޖޭގައި އެ ގެޕް ތަންކޮޅެއް ކުޑަ ކަމަށް ގަބޫލުކުރަން."

ގައުމީ ކަމަކަށް ކޯލެއް އަތުވެއްޖެއްޔާ ވިސްނާނެ

ހެޕީ މާކެޓްގައި އޭނާއަށް ހާއްސަ އޮފީސް ކޮޓަރީގައި އިންނަވާ އިރު، އެއީ މިހާރު ވިޔަފާރިއަށް ގޮސް ހުސްވެފައި ހުންނެވި ބޭފުޅެކޭ، ބައެއް މީހުންގެ ހިތަށްއަރާފާނެ އެވެ. އެކަމަކު އެތަނުގައި ހުރި ބައެއް ފޮޓޯތަކުން ވެސް ހަނދާން އާކޮށްދެނީ އޭނާގެ މާޒީ އެވެ. އެމެރިކާގެ ވެސްޓް ޕޮއިންޓްގެ ބައެއް ހާއްސަ ދުވަސްތަކެވެ.

އިހުސާން އަޅާފައި އޮންނަ "ކްލާސް ރިންގް": މިއީ ވެސްޓް ޕޮއިންޓްގެ ގުރެޖުއޭޓުންގެ ހާއްސަ އެއްޗެއް

ކުރިމަގުގައި، ސިޔާސީ މަގާމެއް ނުވަތަ އަލުން ސިފައިންގެ ތެރެއަށް ވެންނެވުމުގެ ވިސްނުން އެބަ ހުރިތޯ ސުވާލުކުރުމުން އޭނާ ނޫނެކޭ ވިދާޅެއްނުވެ އެވެ. ދެއްކެވީ އެ ލިބިވަޑައިގަންނަވާ ފުރުސަތެއްގައި އޭނާގެ ބޭނުން ހިފޭނީ ކިހެއްތޯއާ މެދު ވިސްނަވާނެ ވާހަކަ އެވެ.

"މިވަގުތު ބޮޑަށް ވިސްނުން ހުރީ ކުރިއަށް ދާނީ ވިޔަފާރީގެ ދާއިރާގައޭ،" އިހުސާން ވިދާޅުވި އެވެ. ދެން އޭނާ ވަޑައިގަތީ އަބަދުވެސް ހިތުތެރޭގައި އޮތް ގައުމީ ލޯތްބަށެވެ.

"އެހެންނަމަވެސް ގައުމުގެ ކޯލެއް އަތުވެއްޖެއްޔާ، ގައުމަށް ބޭނުންވެއްޖެ ހިނދެއްގައި ޓައިމް ޝިފްޓް ކުރާނަން ބޭންވާ ދިމާލަކަށް، އަސްކަރިއްޔާ ކަމަށް ވިޔަސް، އަދި އެހެން ދާއިރާއެއްގެ ހިދުމަތެއް ވިޔަސް. [ބަލާނީ] އެ ނީޑް ކިހާ ވަރަކަށްތޯ އޮތީ އަޅުގަނޑު ކަހަލަ މީހަކު އެތަނަކަށް ދާން."

އިހުސާނާ އެކު އެފަހަރު ވެސްޓް ޕޮއިންޓްގައި ކިޔެވި ދިވެހި އަނެއް ދަރިވަރު އަހުމަދު މޫމިން، އެމެރިކާގެ އަސްކަރިއްޔާގެ އިސް ބޭފުޅަކާ އެކު ކްލާސް ރިންގު ދައްކާލައްވަނީ

ރާއްޖޭގެ ނިސްބަތުން ބޮޑު ކުންފުންޏެއް ހިންގުމުގެ އިސް ޒިންމާއަކީ ވެސް، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ގައުމަށް ހިދުމަތްކުރެއްވުމެވެ. އެކަމަކު ހަގީގަތަށް ބުނާ ނަމަ އަސްކަރީ މަތީ ފެންވަރެއްގައި ހުންނެވި އިހުސާން ފަދަ ޒުވާން ބޭފުޅަކު، ސިފައިންގެ ތެރެއިން ވަކިވެވަޑައިގަތީ މާ އަވަހަށެވެ. އާންމުކުރައްވަން ބޭނުންނުވިޔަސް އޭގެ ފަހަތުގައި، އާއިލާއަށް ވަގުތު ދެއްވުމުގެ އިތުރުން ވެސް އެހެން ސަބަބެއް ނުވަތަ ސަބަބުތަކެއް އޮވެދާނެ އެވެ.

ޔަގީނުން ވެސް ވެސްޓް ޕޮއިންޓްގެ ދުވަސްތަކުގެ ހަނދާންތަކާ އޭނާއަށް ދުރުވެވޭކަށް ނެތެވެ. އޭނާގެ ކަނާތުގެ ކަށި އިނގިލީގައި އަޅުއްވާފައި އޮތް އަނގޮޓިއަކީ އޭގެ ހެއްކެވެ. އެއީ ޒަމާނުއްސުރެ ވެސްޓް ޕޮއިންޓްގެ ގުރެޖުއޭޓުންނަށް ލިބޭ "ކްލާސް ރިންގް" އެވެ.

"މިއީ ޝަރަފެއް، ހަމައެއާ އެކު، 1802 އިން ފެށިގެން ވެސްޓް ޕޮއިންޓުން ގުރެޖުއޭޓްވި މީހުންނާ އޮންނަ ރަމްޒީ ގުޅުމެއް ކަމަށް ވެސް ދެކެން،" އިހުސާން ވިދާޅުވި އެވެ.

އެހެން ގޮތަކަށް ބުނާ ނަމަ، ނުވަތަ މާނަ ނަގާ ނަމަ، އެ ވިދާޅުވީ އަސްކަރިއްޔާގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ވާހަކަ އެވެ. އެއަށް ވުރެ ބޮޑަށް އެކަން އޭނާގެ ލެޔާ ގުޅިފައިވާ ވާހަކަ އެވެ.

47 ކޮމެންޓް, 92 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 1%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސްވާހަކަވެސްވޭ

25 May 2020

އިހުސާނުގެ ކާމިއާބީއަށް އުފާކުރަން. އެހެނަށް ވާހަކަ ތަކުގަ އޮޅުން ނުވަތަ ފޮނި ހިމެނޭކަން ފާހަގަ ކުރެވޭ. އެމެރިކާގަ މިހާރުވެސް ކިއަވާ މީހެއްވީމަ އަދި 3 ޑިގްރީއެއް މިތާ ނިމުމަކާ ހަމަޔަށް ދާއިރު އެނގޭ މިތަނުގެ ތައުލީމީ ނިޒާމް އޮންނަ ގޮތް. މިތާކު ހަމަ އެއްވެސް ޔުނިވާސިޓީއެއް ނުހުންނާނެ އެއްވަނަ ދެވަނަ ތިންވަނަ ހޮވާ. ޔޫކޭގަ ހެން ޑިގްރީގެ ދަރަޖަ ތަކެއްވެސް ނޯންނާނެ. ހަމައެކަނި ނަތީޖާ ޝީޓަށް ބެލީމަ އެނގޭނީ ޖީޕީއޭ. ސަނަދަކުން ނޭގޭނެ. އެހެންވެ ހަމަ ލިއެލީ!!

The name is already taken The name is available. Register?

މުހައްމަދު

19 May 2020

ސިފައިންގޭގެ ކޮމާންޑަރު ކަމަކީ ސިފައިން ތަމްރީންކުރާ ސުކޫލެއްގެ ޕްރިފެކްޓްކަން ކުރުމާއި ތަފާތުކަމެކެވެ.

The name is already taken The name is available. Register?

ޒަރީރާ

19 May 2020

އިހުސާނު ބޭނުން އިރަކު އެމެރިކާ ރައްޔިތަކަށް ވެވިދާނެ ކަން އެނގިފައިވަނީ. އެމެރިކާގެ އިމިގްރޭޝަންގަ ވިސާ ލިބޭ ހަމައެކަނި ޢަތުގަ އޮންނަ ރިންގު ދައްކާލިޔަސް. އިމްގްރޭޝަން ކައުންޓަރުގަ އެމީހުން ބުނެލަން ޖެހެނީ ކޯޑެއް. މިއީ އާދައިގެ ތަަނަކުން ޢާދައިގެ ތަންތީނެއް ހަދާފަ ކިޔަވާފަ ހުރި މީހެއް ނޫން! މީނަ މިއަދު ހުންނަންޖެހެނީ ސިފައިންގެ އެންމެ މަތީ ހަރުފަތުގަ. ޢެކަމު ސިޔާސީ މޮޔައިންގެ ސަބަބުން ކެރިއަރ ދޫކޮދްލަން މަޖުބޫރުވީ

The name is already taken The name is available. Register?

1828

19 May 2020

ފަޚުރުވެރި ދެމަފިރިއެއްގެ ފަޚުރުވެރި ދަރިން. އިޙްސާންއަށްޓަކައި ފަޚުރުވެރިވޭ.

The name is already taken The name is available. Register?

1234

19 May 2020

ދައުލަތުގެ ހަރަދުގަ 3 އަހަރު ކިޔަވާފަ ކެންޑިގެންދިޔުމަކީ އެފުރުސަތު ބޭނުންވެފަ ތިބި އެތައް ބައެއްގެ ފުރުސަތު ދެއްލުވާލުން.. ސިޔާސީ ފައިދައަކަށް ތިހެން ކެނޑިގެން ގޮސް ސަރުކާރު ބަދަލު ވާއިރަށް އަލުން ވައްދާނެ ޕޕމ ސަރުކާރުގަ ސިފައިންގެ ޗީފްއަށް ހަދާފަ. އެމްސީޗެސް އެހެރީ އެހެން ސީޕީކަން ލިބިފަ!

The name is already taken The name is available. Register?

ޢައްޒަ

18 May 2020

ކިޔެވިއެއްޗެއްގެ ބޭނުން ހިފަން ނޭގުނުމީހެއް

The name is already taken The name is available. Register?

ޢިހްސާސް

19 May 2020

ކަލޯ އޭނާ ވަނީ ވިޔަފާރިވެސް ކިޔަވާފަ.

The name is already taken The name is available. Register?

މަރު

18 May 2020

އިހްސާންގެ ތަޖުރިބާ ވަރަށް ސަޅި.. އަހަރެން ސިފައިންގެ ޚިދުމަތުން ވަކިވެ 2 އަހަރުވަރު ވީ އިރު ކިރިޔާ ސިފައިންގެ ޑިއުޓީ ތައް މަތިން ހަނދާން ނެތެން ފެށީ.. އަބަދުވެސް ސިކުނޑީގަ އިނދޭ ދެން ކޮންގަޑިއަކު ބާއޭ ގުޅާނީ، މިރޭ ކޮންޑިއުޓީއެއް ބާއޭ، މިރޭ ގޭގަ ނިދޭނެ ބާއޭ، މާދަމާ ދަރިފުޅު ސްކޫލަށް ގެންދަން އާދެވޭނެބާއޭ.. އަދި ހަމަ އެގޮތަށް އަދިވެސް އެންމެ އުފާވެރި ހަނދާންތަކަކީ ސިފައިންގޭގައި އުޅުނު ދުވަސްތައް.. އެއީ އުފާވެރި ފަޚުރުވެރި ދުވަސްކޮޅެއް..

The name is already taken The name is available. Register?

ސާބަހޭ

18 May 2020

އިހްސާންއަކީ ވަރަށް ލޯބި މީހެއް. ނޭނގެ މީހުން މާ ޖޭވެގެން މި އުޅެނީ ކީއްވެގެން ކަމެއް. ކާމިޔާބަށް އެދެން،

The name is already taken The name is available. Register?

ނަންވާނީ

18 May 2020

އުޅެން މީހެއް. ވާހަކަ ދެއްކިދާނެ. އަބަދު ތި ޕްރޮޑަކްޓެއް ނުވިއްކޭނެ.

The name is already taken The name is available. Register?

ސާޖިދު

18 May 2020

އިހުސާނަކީ ގޯސްމީހެކޭ ބުނަނީއެއް ނޫން. އެކަމަކުވެސް އިހުސާނަކީ ސިފައިންގެ ދަށް ރޭންކުތަކުގަ މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ މީހެއްނޫން. ދުވަހަކު ގޭޓުގަ ފޯރިމެރި މީހެއްނޫން.

The name is already taken The name is available. Register?

ދިވެއްސެއް ފ

19 May 2020

އެހެންވީމަ ސާޖިދު އަށް އިހްސާން ބުނިއެއްޗެއް ފަހުމެއް ނުވިތާ. އޭނާ ބުނީ ޕްރައިވެޓް ސެކްޓަރގަ ކިތައްމެ ބޮޑުމަގާމަކަށް ދިޔަޔަސް ސިފައިންގޭގެ އެއްމެ ޖޫނިއަރ ކުއްޖަކަށް ކުރެވޭވަރަށް ފަހުރު އިހުސާސް ނުވާވާހަކަ. ސިފައިންގެ ދައްރޭންކުތަކުގަ ތަޖުރިބާ ހޯދަންޖެހެނީ އެންލިސްޓެޑް ކޯރގެ މީހުން. އޮފިސަރކޯރ ފެށޭ އެއްމެ ދައް ރޭންކަކީ ލެފްޓިނެންޓް ކަން މަައުލޫމާތަށް ޓަކައި ބުނެލަން. އެއީ އިހްސާނު ފެށިހިސާބު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454