އިދިކޮޅު ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއް: މެމްބަރު ޝިޔާމް ތަޅުމުން ނެރުމުގައި އަމަލުކުރި ގޮތާ މެދު ބާ ކައުންސިލުން ދެކޭ ގޮތް ހާމަކުރަން ވަނީ އެދިފައި --- މިހާރު ފޮޓޯ/ހުސެއިން ވަހީދު
05 ޖޫން 2020 - 22:37
ލޯކަލް ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރުމާ މެދު ބާ ކައުންސިލުން ދެކޭ ގޮތް ހާމަކުރަން އިދިކޮޅު ކޯލިޝަނުން އެދިއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރުމުން އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން މި ހަފުތާގައި މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި އެ މުއްދަތުގައި ކައުންސިލްތަކުގެ ބާރުތައް ބޭނުން ކުރުމާ ބެހޭ ޚާއްސަ ގާނޫނެއް ވެސް ވަނީ ފާސްކޮށްފަ އެވެ. އެ ދެ ބިލަށް ވޯޓަށް އެހި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ ނަން އިއްވައި، ތަޅުމުން ނެރުމުގެ ތެރޭގައި ވަނީ ހަމަނުޖެހުންތަކެއް ހިނގައި، ޝިޔާމަށް އަނިޔާ ވެފަ އެވެ.
އެކަމާ ގުޅިގެން ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދަށް ފޮނުއްވި ސިޓީގައި ވަނީ އެ ބިލަށް ވޯޓަށް އެހި ޖަލްސާގައި ޝިޔާމްގެ ގަޔަށް އަތްލައި، އޭނާ ގަދަކަމުން ތަޅުމުން ނެރުމުގެ އިތުރަށް އިދިކޮޅަށް ނިސްބަތްވާ އިތުރު ނުވަ މެމްބަރަކު ވެސް މަޖިިލީހުގެ ތަޅުމަށް ވަނުމުގެ ފުރުސަތު ނުދީ ކަމަށެވެ. އެހެންވެ، އެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތުމަށް ފަހު، އެ ދެ ބިލް ފާސްކުރި ކުރުމުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރީ ބިލް ހުށަހެޅިއިރު، އިސްލާހު ހުށަހަޅާފައި ނެތް މާއްދާއަކަށް ބަދަލު ގެންނަ ގޮތަށް ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދާއި ސުޕްރީމް ކޯޓުގެ ލަފައާ ޚިލާފަށް ކުރި ކަމެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އަދި އާންމު މަސްލަހަތާ ގުޅުންހުރި އެފަދަ ކަންކަމުގައި ބާ ކައުންސިލުން ދެކޭ ގޮތެއް ހާމަކުރެވިދާނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާން ކޮށްފައިވާތީ އެކަންކަމާ މެދު ބާ ކައުންސިލުން ދެކޭ ގޮތެއް ހާމަކޮށްދޭން އެދޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ގާނޫނީ ފަންނުގެ ގާނޫނު އޮންނަ ގޮތުން އާންމު މަސްލަހަތާ ގުޅުންހުރި ކަންކަމުގައި ބާ ކައުންސިލްގެ ވިސްނުން ހާމަ ކުރެވިދާނެ އެވެ. އެކަމަކު މިހާތަނަށް އެފަދަ ކަމަކާ ގުޅޭގޮތުން އެ ކައުންސިލުން ދެކޭ ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ.
ޝިޔާމްގެ ނަން އިއްވައި މަޖިލީހުން ތަޅުމުން ނެރުމުގައި އަމަލު ކުރި ގޮތާ މެދު ބާ ކައުންސިލްގެ ލަފައަކަށް އެދުނުއިރު، އޭނާ މަޖިލީހުން ނެރުމުގައި ހަމަނުޖެހުން ހިންގި މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ. އަދި އެ މައްސަލަ ބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސް
06 June 2020
އެހެން ޤައުމު ތަކުގަ ވެސް މަޖިލިސްގަ ތި ޒާތު ކަންކަން ހިގަނީ މަދެއް ކޮށް ނޫން. ޕޕމ އަކީ ވަކިން ތަހްޒީބް ބައެއްތަ
ޢަހަންމަދު
06 June 2020
މަޖިލިސް މެމްބަރުން ފާރުމަތިން އުކާލީ ރަނގަޅަށްތޯވެސް މަބުނިކަމަށް ނަހާ އަހާލައްޗޭ.
އަލިހަންދްރޯ
06 June 2020
ބާ ކައުންސިލަކީ މަޖިލީހުގައި ހިގާކަންކަމާ މެދު ލަފާދޭ ތަނެއްތޯ؟
އެދުރީފާނު
06 June 2020
ބާރު އޮތް ދުވަހު، މަގޭ ދުލުން ބޭރުވާ ބަހަކީވެސް ގާނޫނޭ ބުނި މީހުންނަށްވެސް ބާރު ކެނޑުނު ދުވަހު ގާނޫނު ހާދަ މުހިއްމޭދޯ؟
ޑެލްބޯއި
06 June 2020
ތިއަށްވުރެ ރަގަޅުވާނެ ފުޓް ބޯޅަ އެސޯޝިއޭޝަނުގައި އެދުނު ނަމަ. ދަނޑުތަމީގައި މާރާމާރީ ހިންގަނީ ފުދޭވަރަކަށް ގިނައިންވިއްޔާ. މެޗެއްގައި ހިނގާ ކުދި ކުދި ހާދިސާތަަކަކީ ފުލުހުން ބައްސާ ކަންކަމެއް ނޫން. މަޖިލީސް ވެސް އެގޮތަށް ގެންދަން ކަންނޭންގެ ބުނާނީ. ބާކައުން ސިލަކީ ސިޔާސީ ޕާޓީ އަކުން އެދުނީމާ ފެންނަ ގޮތް ހާމަކުރާ ބައެއް ނޫންކަމަށް ބެލެވެނީ. ތިޒާތުގެ މަޅިއެއްގައި އެމީހުން ނުޖެހޭނެ ކަމަށް ބަލަނީ.
ޕާޓީތަކުގެ ފެންވަރު
06 June 2020
ބާ ކައުންސިލްގައި ތިކަން އެހުމުންވެސް ތިބާފުޅުންގެ ފެންވަރު ވަރަށް ރަގަޅަށް އެނގިގެން ހިނގައްޖެ! މިބުނީ ކޮންމެހެން އެރޭ ކަންކަން ހިނގިކަމަށަ ފެންނަ މަންޒަރުތަކާ އިވުނު އަޑުތަކަށް ބަލާއިރު ކަން ހިނގާފައިވަނީ ރަގަޅަށޭ އެއް ނޫން!
ޗަކޮއި
06 June 2020
ތިކަމުގައި ހުރިހާ ގޯހެއް ހެދީ ނައިފަރު ޝިޔާމް . ޝީޔާމް މަޖްލިސްގެ ރިޔާސަތުން ނަން އިއްވީމަ ބޮޑާ ނުހާކައި ގާނޫނާއި ގަވާއިދުތަކަށް ބޯލެނބިނަމަ ތި ހައިޖާނުގަނޑެއް ނުހިނގާނެ. ޝިޔާމް އަމިއްލައަށް ބިންމައްޗައް ވެއްޓިގަނެ އާރޓް ދެއްކީކަން އެންމެނަށް އެނގޭ . ދަނގަޑު ކެނޑޭނީ ދަނގަޑުން . ޢެމްޑީޕީ މެމްބަރުން އެހެން ހެދީ އެނޫން ގޮތެއް ނެތިގެން . ވަރަށް ޒުވާން ކުއްޖެއްހެން ހެއަރ ސްޓައިލް ބެހެއްޓިއަކަސް އަދި ކަމަކުނުދާނެ .
ބޮޑުމީހާ
06 June 2020
އެރޭ ފެނުނީ ވަރަށް ދަށުދަރަޖައިގެ އަމަލެއް. ރީދޫ ޕާޓީ މެމްބަރުން އިދިކޮޅުގަ ތިބިއިރު ޖެހިސަކަރާތްތައްވެސް ދެކެފިން. އެކަމަކު އާރާއިބާރާއި އޮވެމެ ގޭންގް އޮޕަރޭޓްކުރާގޮތަށް މަޖްލިސް މެމްބަރުން އަމަލުކުރީމަ ވަރަށް ހަޑި
އަހުމަދުބިންސުލައިމާން
06 June 2020
މަޖުލީހުގެ ސާޖެންޓް އެޓް އާރމްސް އަށް ޓޭޒާ ގަން އެއް ދޭން ފެނޭ ސިޔާސަ ކުދިން ހަމަޔަކަށް އަޅުވަން.
މުބީނު މަރނީ
06 June 2020
އައްނި ގެ ގަޔަށް ދެއްމެ ދެއްމެ އަރައިގަނެ ފާނެހެން ހީވީމާ ސެލްފް ޑިފެންސް ގައި އަމަލު ކުރުމުގެ ހައްޤު އޭނާ އަށް ލިބިގެންވޭ.
ބަސް
06 June 2020
ސެލްފް ޑިފެންސަކީ ކޮބާ؟ ސެލްފް ޑިފެންސް ގެ ޝަރުޠު ހަމަވޭތަ؟