މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
15 ޖޫން 2020 - 00:27
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ އަށް ހޯދަން އުޅޭ 75 ވެންޓިލޭޓަރު ނުލިބިގެން އުޅެނީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބާވަތުގެ ވެންޓިލޭޓަރު ހޯދަން އުނދަގޫވުމުން ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޑަބްލިއުއެޗްއޯ މެދުވެރިވެގެން ދުބާއީގެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ގެނައުމުގެ ކަންތައް މިހާރު އޮތް ހިސާބާ ބެހޭ އާ މައުލޫމާތެއް ނެތް ކަަމަށެވެ.
އެކަމަކު އެ ކުންފުނިން ވެންޓިލޭޓަރުތައް ގެންނާނެ ގޮތުގެ ތާވަލެއް ހަމަ އެންއީއޯސީގެ މިޑިއާ ބްރީފިންއެއްގައި މަބްރޫކް ދެއްވި އެވެ. އޭނާ އޭރު ވިދާޅުވީ މޭ 18 ގައި 10 ވެންޓިލޭޓަރު، މޭ 25 ގައި 35 ވެންޓިލޭޓަރު ގެންނާނެ ކަމަށާއި ބާކީ ބައި މި ޖޫން މަހު ގެންނާނެ ކަމަށެވެ. އެކަމަކު އެ ކުންފުނިން ގެންނަންޖެހޭ އެއްވެސް ވެންޓިލޭޓަރެއް އަދި ނުގެނެ އެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި ރާއްޖޭގެ ދެ ކުންފުންޏަކާ ވެސް ވެންޓިލޭޓަރު ގެންނަން ހަވާލުކުރި އެވެ. އެެއީ ނާޑް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި މެޑްޓެކް މޯލްޑިވްސް އަށެވެ. އޭގެ ތެރެއިން މެޑްޓެކް މޯލްޑިވްސް އިން ގެންނަން ޖެހޭ 50 ވެންޓިލޭޓަރުގެ ތެރެއިން 18 އައިސީޔޫ ވެންޓިލޭޓަރެއް ވަނީ މޭ 10 ގައި ގެނެސްފަ އެވެ.
"ދިވެހި ބައެއް ކުންފުނިތަކުން ވެންޓިލޭޓަރު ގެނެސްފައި ވާއިރު، އަދި އެކި ފަރާތްތަކުން ރާއްޖެއަށް ވެންޓިލޭޓަރު ހަދިޔާވެސް ކޮށްފައި ވާއިރު ދުބާއީ ކުންފުނިން ގެންނަ ވެންޓިލޭޓަރުތައް ލަސްވަނީ ކީއްވެތޯ މިރޭގެ މީޑިއާ ބްރީފިން ގައި "މިހާރު"ން ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރުގެ ގިނަ ބާވަތްތަކެއް ހުންނަ ކަަމަށާއި އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ވަކި ވައްތަރެއް ގެންނަން ކަމަށެވެ.
"ބައިވަރު ވައްތަރު ހުންނަ އެއްޗެއް، އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ އޭގެ އެއް ވައްތަރެއް. އޭތި ދުނިޔޭގައި މަދީ. ދެން ރަނގަޅަށް ޓްރަސްޓެޑް ބްރޭންޑްތައް ވެސް މަދުވެގެން މި އުޅޭ އެއްޗަކީ،" މަބްރޫކް ވިދާޅުވި އެވެ.
އެންމެ ފަހުން ރާއްޖެއަށް ވެންޓިލޭޓަރު ހަދިޔާކުރި ފަރާތްތަކުން ވެސް ހަދިޔާކޮށްފައި ވަނީ އެހެން ވައްތަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދުބާއީ ކުންފުނިން ގެންނަ ވެންޓިލޭޓަރުތަކާ ބެހޭ ގޮތުން މީގެ ކުރިން ސުވާލުކުރި ދުވަހު މަބްރޫކް ވިދާޅުވީ އެ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމުގެ އިތުރު މައުލޫމާތެއް އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ. މިރޭ ވިދާޅުވީ މިރޭގެ ބްރީފިން އަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އަޕްޑޭޓެއް އޮތްތޯ ބެއްލެވި ކަމަށާއި އެކަމަކު އާ މައުލޫމާތެއް ނެތް ކަމަށެވެ.
ދުބާއީގެ ކުންފުންޏަކީ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން ހަމައެކަނި އެޑްވާންސްކޮށް ފައިސާ ދޫކުރި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 75 ޕަސެންޓު ފައިސާ ސަރުކާރުން ދައްކާފައިވާ ކަމަށް މަބްރޫކް ކުރިން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތީބް
17 August 2020
އަދިވެސްތިބީ ހަމަ ކުރީގެ ވަގުން. ވަގުން ވައްކަން ނުކުރާނެގޮތެއް ނޯންނާނެ.
އުސްފަސްގަނޑު ކާޅު
15 June 2020
ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ 78 ވެންތިލޭޓަރު ގެ ލާރި ކާލެވޭ އިރު ހުންނާނީ ލައްކަ ލާރި ކެވިފައި. މި ކަމުގައި ބައިވެރިވި ފަރާތަްތަކާ އަދި އިހުމާލުވީ ފަރާތްތަކަށް އަވަސް ފިޔަވަޅު ނާޅައިފި ނަމަ ދެން ވޯޓެއް ނުދޭނަން
ހޭބަލިމިތުރު
15 June 2020
އަޅުގަނޑައްވެސް އެޑްވާންސްކޮއް ފައިސާދެއްވާ އަޅުގަނޑުވެސް އުޅޭނަން ވެންޓިލޭޓަރ ނުލިބިގެން، އަދިވެސް ގޮވާނެ ކޮރަޕްސަނެއް ނުހިންގަ މޭ.
ދަރަނި ދަންތުރަ
15 June 2020
މާދަމާ ބުނޭ ވެންޓިލޭޓަރ ހިފައިގެން އައްނަ ބޯޓު އަޑިޔަށް ގޮއްސި ޔޭ އޭރުން ހުރިހާ ކަމެއްނުމުނީ
ހަސަން ހުސޭން
15 June 2020
ކުންފުންޏަކަށް މިވަރުގެ ބޮޑު ޕރޮޖެކްޓެއް ހަވާލުކުރުމުގައި އެކުންފުނީގެ ޕްރޮފައިލްވެސް ބަލަން ޖެހޭނެ. އަދި އެއްވެސް ކުންފުއްޏަކުން މިފަދަ ޕރޮޖެކްޓަކާ ހަވާލުވެ އަދި ފައިސާވެސް ނަގާނީ މުދާ ސޯސް ކުރުމަށް ފަހު. އެހެންވީމަ، މިއީ ވަރަށް ބޮޑުވައްކަމެކޭނޫނީ ނުބުނެވޭނެ، ދެން ވައްކަން ދިފާޢު ކުރަން އުޅޭނީ އެވައްކަމުން ނަފާލިބޭ ބައިވެރިން. މިކަން މިހެން ހުއްޓަސް މަ ބުނާނީ އެމްޑިޕީ ސަރުކާރުން ވައްކަން ނުކުރާނެޔޭ. ވައްކަން ކުރާނީ ޔާމިން ގެ ސަރުކާރުނޭ، މަ އެމްޑީޕީ!!
ައަފުރާސިޔާބު
15 June 2020
ތިޔަވަރުގެ މޮޅުވާހަކައެއް އަދި މިވީހާ ހިސާބަށް ދައްކާފައިވަނީ އެމެރިކާގެ ރައީސާއި ބްރެޒީލްގެ ރައީސް. ތިންވަނަ މީހާ މިރާއްޖޭގައި. އަނެއްކާތިޔަބުނާ ވެންޓިލޭޓަރަކީ ދުނިޔެއަށް މިހާތަނަށްއުފައްދައި ބޭނުން ކޮށްފައިވާ އެއްޗެއްބާ. އެތައް މިލިއަން ރުފިޔާއެއް 4މަސްވާންދެން ވިޔަފާރީގައިހަމަހިލޭ އަނބުރަން ލިބުމަކީ ވަރަށް ނަފާލިބޭނޭކަމެއް ފައިސާލިބުނު ކުންފުންޏަށް. ދެންއިވޭނީ ކޯޓުން ބޭރުގައި މައްސަލަ ނިންމައި އެކުންފުންނަށް ބިލިއަނެއްހާރިޔާދޭންނިންމިވާހަކަބާ
ހަސަން ހުސޭން
15 June 2020
ހުސް ވަގު ދޮގު! ދިވެހީންނާއި ދިމާލަށް ނުސީދާކޮށް ގުބޯލުންނޭ ތި ގޮވަނީ. އަދި އަންނާނެ ތިހިރަ މަްސަލަތައް ބަލާ ތަހުގީހު ކޮށް ބައިގަޑެއް ޖަލަށް ލާތަން
ހަސަން ފިކުރީ
15 June 2020
ދުބާއީ ތިއީ މަނީލޯންޑްރިން އާއި ކަރަޕްޝަނުގެ ހަބެއް... ތި ފައިސާ ވެސް ވެންޓިލޭޓަރެއްވެސް ދެން ނުލިބޭނެ
ހޭކެނޑޭ
15 June 2020
ތިކުދިން އަޑު އރހީމުތަ އިބީލީހެއްގެ ކައިވެނީގެ ވާހަކަ! ތިކަން ވެސް ވެގެންދާނީ ދެން އިބިލީހުގެ ކައިވެންޏަށް ވީހެން.
ބޮޑުމީހާ
15 June 2020
މައްސަލައެއް ނެތް. ޓެސްޓު ކިޓްތަށް ފޮނުވައި ދިން ގޮތަށް ތި އެއްޗިހިވެސް ލިބުނީމަ އަތޮޅުތަކަށް ފޮނުވައިދޭތި. އޭރުން ބަރާބަރު ވާނެ. މާލެއަށް މިހާރު ވާ ވަރަށް ހުންނާނެ ކަމަށް މި ބަލަނީ.