ވިޔަފާރި / ކެފޭ/ރެސްޓޯރެންޓް

ކެފޭ/ރެސްޓޯރަންޓުތައް ހާސްކަމުގައި، ދަރަނި ވެސް އެހާ ބޮޑު!

މާލޭގައި އަބަދުވެސް ފުރިފައި އޮންނަ ހޮޓާ/ރެސްޓޯރަންޓް/ކެފޭތަކުގެ ވެރިންނަށް، ކޮވިޑް-19 ގެ ވިލާގަނޑު ކެހިލާ އިރު، އޮތީ ދަރަންޏާއި ކަންބޮޑުވުމެވެ.

ތިން މަހަށް ފަހު އާންމުންނަށް އެތަންތަން އަންނަ މަހު ހުޅުވާލިޔަސް، އަލުން ހިންދެމިލަން ކުރަން ހުރި މަސައްކަތަކީ، އޭގެ ކުރިން ދިމާނުވާ ކަހަލަ ގޮންޖެހުމެކެވެ. މިދިޔަ ތިން މަހު ބޮލުގައި އަޅަން ޖެހުނު ދަރަނިތައް ބޮޑެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރެސްޓޯރެންޓް ވިޔަފާރި ހިންގާ ލެމަންގްރާސްގެ އިސް ބޭފުޅެއް ކަމަށްވާ އަބްދުﷲ އާތިފް ވިދާޅުވީ އެތަނުގެ ރެސްޓޯރަންޓްތައް ޖުލައި މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކަމަކު ކުރިއާ ހިލާފަށް މެނޫގައި ހިމެނޭ އައިޓަމްތައް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރާނަން. މާޗް މަހު ހަމައެކަނި ޓޭކްއަވޭ ހިދުމަތް ދިން އިރު އަޅުގަނޑުމެން އެންމެންގެ ޓެމްޕަރޭޗާ ޗެކް ކުރިން. އަލުން ފަށައިގަންނާނީ ވެސް އެގޮތަށް،" އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލެމަންގްރާސް ހުޅުވި ފަހުން މިދިއަ 20 އަހަރުގެ ތެރޭގައި މިހާ ބޮޑު ގެއްލުމަކާ ކުރިމައްޗެއް ނުވެ އެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ކުރިން ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ވެސް، މިދިއަ ތިން މަހު ނުލިބޭ ކަމަށެވެ.

ލޮކްޑައުންގެ ހާލަތާ އެކު ބޭރުގެ 120 މުވައްޒަފުން ފޮނުވާލި އެވެ.

ޖުލައި މަހު އަލުން ތަން ހުޅުވުމަކީ ކުއްލި ކުރިއެރުމެއް ލިބޭނެ ކަމެއް ވެސް ނޫނެވެ. އާތިފް ލަފާކުރައްވަނީ ވިޔަފާރިއަށް ލިބުނު ގެއްލުން ފޫބެއްދޭ ވަރަށް ފައިދާއެއް ވާން ކިރިޔާ ވެސް ފަށާނީ އަންނަ އަހަރު ކަމަށެވެ.

ޖުލައި މަހު ހޮޓާ/ރެސްޓޯރަންޓްތައް ހުޅުވާލާ އިރު ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އާންމުންގެ ދިރިއުޅުމަށް އައި ބަދަލުތައް އަންދާޒާކުރަން ނޭނގުމެވެ. އެހާ ގިނަ ދުވަސް ވަންދެން ގޭގައި ތިބެން ޖެހުމުން، ގޭގައި ކައްކާ ހެދުން، ބައެއް މީހުންގެ އާދައަކަށް ވެއްޖެ އެވެ. އަނެއްކޮޅުން ކޮވިޑް-19 ގުޅިގެން ސިއްހީ ކަންކަމަށް ދޭ ސަމާލުކަން ބޮޑެވެ. އިގުތިސާދަށް އައި ބޮޑު ވެއްޓުމާ އެކު ގިނަ މީހުންގެ އަތްމަތި ދަތިވެއްޖެ އެވެ. މި ހާލަތުގައި ރެސްޓޯރެންޓްތައް ހުޅުވިއަސް އެތަންތަނަށް ގޮސް ކާނީ ކިހާ އަދަދެއްގެ ބައެއް ކަން އަންދާޒާކޮށްލާކަށް ނޭނގެ އެވެ.

ކޮވިޑް-19 ހާލަތާ އެކު ވެސް ހުއްޓާނުލާ ވިޔަފާރި ކުރިއަށް ގެންދެވެން އޮތް ގޮތަކަށް ހިދުމަތް ފޯރުކޮށްދިން ޖޭޒް ކެފޭގެ ޖެނެރަލް މެނޭޖާ ތަސިން ހަމީދު ވިދާޅުވީ ގެއްލުމުގައި ވިއަސް ޖުލައި މަހު ހުޅުވާލުން ނޫން ގޮތެއް ނެތް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ގާތްގަނޑަކަށް ދާން މިޖެހުނީ މީގެ ހަ އަހަރު ފަހަތަށް. މިދިޔަ ދުވަސްތަކުގައި ކުރިން ލިބޭ އާމްދަނީގެ 25 ޕަސެންޓް ވެސް ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ތަސިން ދެކެވަޑައިގަންނަވާ ގޮތުގައި ހުޅުވުމުގެ ތައްޔާރީތައް އަވަސް މިނުގައި ފެށޭނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ ގައިޑްލައިން ވީ އެންމެ އަވަހަކަށް އެނގިގެންނެވެ. އެތަނުގައި ކުރިން 30 މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް ކުރިމަތިވި ހާލަތާ އެކު މިވަގުތު ހިދުމަތުގައި އުޅެނީ ހައެއްކަ މުވައްޒަފުންނެވެ.

ތަސިން ވިދާޅުވީ ދަތީގައި ވެސް ވިޔަފާރި ހިފަހައްޓާ ލެވުނީ ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމުން ކަމަށެވެ.

މާލޭގެ އެންމެ ބާރުބޮޑު މަޖީދީމަގުގެ މެދެއްހާ ހިސާބުގައި، ބޮޑު ކުއްޔެއްގައި ހިންގާ މަޒާޑާ ރެސްޓޯރަންޓްގެ އެއް ޑިރެކްޓަރު މުހަންމަދު ޒިޔާދު ވިދާޅުވި ގޮތުގައި ލޮކްޑައުންގައި އެތަނުން ކޮށްފައި ވަނީ އާދަޔާހިލާފު ތަޖުރިބާއެކެވެ. އަދި ފުޑް އިންޑަސްޓްރީ ފުޅާވަމުން އަންނަ އިރު މިފަދަ ކަމެއް ކުރިމަތިވި އިރު، ކަމާ ބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް ވިސްނައިގެން ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"މަހަކު ލައްކައެއްހާ ރުފިޔާ ނުލިބޭ މިހާރު މިތަންތަނަށް. އެއީ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ. ލޮކްޑައުންގެ ތެރޭގައި ވެސް ހަގީގަތުގައި މި ތަންތަނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދިން ނަމަ މިހާ ބޮޑު ގެއްލުމެއް ނުވީސް. މިހާރު މިއޮތީ އަލުން ހިންގަން ފަށައިގެން އެތަކެއް ދުވަހުން އެ ދަރަނިން އަރައިގަންނަން ޖެހިފައި،" އޭނާ ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ އަލުން ހިންގަން ފަށާއިރު ކެފޭ/ ރެސްޓޯރަންޓްތަކަށް އެކަށީގެންވާ ލުއިތަކެއް ދީގެން ނޫނީ އެތަންތަން ސަލާމަތް ކުރުމަކީ ވަރަށް ބޮޑު ދަތިކަމަކަށް ވާނެ އެވެ.

"ވަރަށް ގިނަ މުވައްޒަފުންނާ އެކު ބޮޑު އޮޕަރޭޝަނެއް ކޮންމެ ދުވަހަކު އަޅުގަނޑުމެން މި ހިންގަމުން ދަނީ. މި ލޮކްޑައުންގެ ތެރޭގައި ވެސް އަޅުގަނޑުމެން މިތަނުގެ އެއްވެސް މުވައްޒަފަކު ވަތްކެއް ނުކުރަން. އެ މީހުންގެ ކަންކަން ހަމަޖެއްސުމަށް ޓަކައި ސަރުކާރަށް ދައްކަން ހުރި އެއްޗެހިން ވެސް ލުއި ލިބެން އެބަޖެހޭ. މިސާލަކަށް ކަރަންޓާއި ފެނުން ލުޔެއް ދިނުން ކަަހަލަ ކަމެއް ސަރުކާރަށް ކޮށްދެވިދާނެ،" އޭނާ ވިދާޅުވި އެވެ.

ދެން ވެސް ޑެލިވަރީއަށް ބޮޑު އިސްކަމެއް

ރާއްޖޭގައި ގިނަ ދުވަސްވީ އެއް ރެސްޓޯރެންޓް ކަމަށް ވާ ސިންފަނީގެ ޑިރެކްޓަރެއް ކަމަށްވާ އިޝާނާ ވަލީދު ވިދާޅުވި ގޮތުގައި މި ބަންދުގެ ތެރޭގައި ޑެލިވަރީގެ ހިދުމަތަށް ލިބުނު ތަރުހީބު ބޮޑެވެ. އެހެންކަމުން އަންނަ މަހު ރެސްޓޯރެންޓް ހުޅުވިޔަސް ޑެލިވަރީގެ ހިދުމަތަށް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމުގެ ވިސްނުން ސިންފަނީން ގެންގުލެ އެވެ.

"މިދިޔަ މުއްދަތުގައި ކޮންޒިއުމާ ބިހޭވިއާއަށް ބޮޑު ބަދަލެއް މިވަނީ އައިސްފައި. އަސްލު ހުޅުވާލީމާ އެނގޭނީ ވާނެ ގޮތެއް ވެސް،" އިޝާނާ ވިދާޅުވި އެވެ.

މިދިއަ ތިން މަހު ބޮޑު ގެއްލުމަކާ ކުރިމަތިވިޔަސް، އޭނާ ވިދާޅުވި ގޮތުގައި، 137 މުވައްޒަފުންގެ ތެރެއިން މީހަކު ކަނޑާނުލައި އެ ތަން އަންނަނީ މެނޭޖްކުރަމުންނެވެ. އެކަމަކު ލިބުނު ގެއްލުން ފޫބައްދަން ދުވަސް ނަގާނެ ކަމަށް އިޝާނާ ވިދާޅުވި އެވެ.

ސޯލްޓް ކެފޭ އަކީ ކުރިން އެއްވެސް ވަރަކަށް ޑެލިވަރީގެ ހިދުމަތް ދިން ތަނެއް ނޫނެވެ.ނަމަވެސް ކޮވިޑް-19 އާ އެކު އެ ނޫން ގޮތެއް ނުފެނުނެވެ. ޑެލިވަރީގެ ހިދުމަތުގެ އިތުރުން ޓޭކްއަވޭގެ ހިދުމަތް ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި ޖުލައި މަހު ރެސްޓޯރެންޓް ހުޅުވާލުމަށް ފަހު ވެސް ޑެލިވަރީގެ ބައި ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅެ އެވެ.

ސޯލްޓްގެ ޑިރެކްޓަރު އަހުމަދު ހަޝްމަތު ވިދާޅުވީ ޑެލިވަރީ އަށް ގިނަ ބަޔަކު އަންނަނީ އެދެމުންނެވެ. އެހެންކަމުން އެއީ ދޫކޮށްލެވެން ނެތް ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރެސްޓޯރެންޓަށް އަރަން އިންނަ ލިފްޓަށް ކުރިން އަށް ވަރަކަށް މީހުންނަށް އެރޭނެ. އެކަމަކު މިހާރު އެ އަދަދު ވަރަށް ބޮޑަށް ލިމިޓް ކުރަން ޖެހޭ،" އަލަށް ހުޅުވާލާ އިރު، އަމަލްކުރަން ޖެހޭ ގައިޑްލައިނަށް އިޝާރަތްކުރައްވައި، ހަޝްމަތު ވިދާޅުވި އެވެ.

ކުދި ރެސްޓޯރެންޓްތަކަށް ބޮޑު ގެއްލުމެއް

މީގެ ހަތަރު އަހަރު ކުރިން ހުޅުވި ޓާމިނަލް ކެފޭ ޒުވާނުންގެ މެދުގައި މަގުބޫލެވެ. އެތަނުގެ ވެރިޔާ އަބްދުﷲ ޝަބީން ވިދާޅުވީ ޖުލައި މަހު ކެފޭ ހުޅުވަން ވިސްނަވާ ކަމަށެވެ. އެގޮތުން ތަނުގެ އެތެރެއަށް ބަދަލުތަކެއް ވެސް ވަނީ ގެނެސްފަ އެވެ.

"ވަރަށް ބޮޑަށް ހިނގަ ހިނގާ ހުއްޓާ އަޅުގަނޑުމެން ބަންދުކުރަން ޖެހުނީ. މިދިޔަ ތިން މަހު 100 ޕަސެންޓް ލޮސްގައި ހިންގީ. އަނެއްކާ މި ޖެހުނީ ޒީރޯ އިން ފަށަން،" ކުރިއަށް އޮތް ގޮންޖެހުން ސިފަކުރައްވަމުން، ޝަބީން ވިދާޅުވި އެވެ.

އޭނާ ލަފާކުރައްވާ ގޮތުގައި މި ކުރިމަތިވި ހާލަތާ ގުޅިގެން ކުދި ގިނަ ރެސްޓޯރެންޓްތަކެއް ބަންދުކުރަން ޖެހިދާނެ އެވެ. ޓާމިނަލް ކެފޭ ވެސް ހިންގަން ޖެހޭނީ ބޮޑަށް ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ލަފާކުރަނީ ކުރީގެ ހާލަތަށް ދާން މަދުވެގެން ހަކެއް މަސް ނަގާނެ ކަމަށެވެ.

"ފުރަތަމަ ހުޅުވާލައިގެން ވެސް ގާތްގަނޑަކަށް ލިބޭނީ ކުރިން ލިބޭ އާމްދަނީގެ 25 ވަރަކަށް ޕަސެންޓް ކަމަށް ލަފާކުރެވެނީ،" ޝަބީން ވިދާޅުވި އެވެ.

"އަލުން ހުޅުވައިގެން 10 މީހުންނަށް ހިދުމަތް ދިނުމަށް ދާނެ 100 މީހުންނަށް ހިދުމަތް ދޭން ދާނެ ހަރަދު. އެހެންވީމަ ވަރަށް ބޮޑު ޗެލެންޖަކަށް ފުރަތަމަ ވާނެ،" އޭނާ ވިދާޅުވި އެވެ.

އެންމެން ވެސް ތިބީ ގެއްލުން ބޮލުގައި އަޅައިގެންނެވެ. ދަރަނި އެހާ ބޮޑެވެ. އެކަމަކު އެ އެންމެންނަށް ސަލާމަތްވެވޭނެތޯ އެއީ ބޮޑު ސުވާލެކެވެ. މިދިއަ ތިން މަހުގެ ހިތި ތަޖުރިބާއާ އެކު، އަންނަ މަހު ދޮރު ހުޅުވާލެވިދާނެ އެވެ. އެކަމަކު އިގުތިސާދީ ގޮތުން އައި މި ވެއްޓުމުގެ އަސަރު ފިލައިގެންނެއް ނުދެ އެވެ. އޮތީ ގޮންޖެހުމެވެ.

53 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 58%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައްޔިތުން.

21 June 2020

ބަނގުލަދޭޝް މީހުން ލައްވާ އަގުހެޔޮކޮއް ތައްޔާރުކޮއް 400 ޕަސެންޓު ފައިދާގަ ހިންގާ ރެސްޓޯރެންޓުތަކެެް ދެނެއް ނުހިނގާނެ.. ނުވެސް ވަންނާނަން.. ބައިރުފިޔާއަކައް ފައިދާއާއި އެކު ވިއްކެން އޮންނަ ގުޅަ 5 ރުފިޔާއަށް ވިއްކާ ތަންތަން އަހަރެމެންނައް ރަނގަޅީ ދުވަހަކުވެސް ދެން ނުހުޅުވުނިއްޔާ..ތިޔަ ބޭކާރު ވާހަކަ އަޑުއަހާކަށެއް ނެތީން.

The name is already taken The name is available. Register?

ފޫހި

20 June 2020

މިރާއްޖެމީހުންނަކީ ކޮމެންޓް ލިޔަން ވަރަށްމޮޅުބައެއް. ޢެކަމަކު ވަޒީފާއެއް އަދާކުރާކަށް ނުކުރޭނެ. ޢަހަރެން ދިވެހި ކުދިން ކޭޝިއަރުންނަށް ގެންގުޅެން ވަރަށް މަސައްކަތްކިރުން މުސާރައަށް 7 , 8 ހާސް ދިނިން ހަފްތާގެ އެއްދުވަސް އޮފް ދިނިން ސާރިވިސްޗާޖް 8 ގަޑިއިރަށްވުރެ އިތުރުގަޑިއަށް އޯޓީ ދިނިން. ޢެކަމަކު ސަލާމްބުނާދުވަސްގިނަވާނީ. ދެން މުސާރަލިބުނީމާ ނާންނާނެ. އޮރެންޖް ޖޫސް ތަށި ލިބެނީ ރީތިކޮށް އިށީންދެލާފަ އޯޑަރުކޮށްލާއުރަށް އެއްވެސް ބުރައެްއްނެތި. އެތަށި އަގުބޮޑުވަނީ އެހެންވެ.

The name is already taken The name is available. Register?

އެކަންޓު ސާރ

20 June 2020

އަލައް ރެސްޓޯރަންޓު ފަށައިގެން އުޅެނީސް ލޮކްޑައުންވި ތަންތަނައް ގެއްލުން ކުރާނެ.. އެކަމަކު 20 އަހަރު 10 އަހަރު ހިންގާފަ ހުރިތަންތުނަގައި އެންމެ ތިންމަސް ދުވަހުގެ ޚަރަދުގެ ލާރި އެއްކުރެވިފައި ނުވާނަމަ އެއީ ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުމެކޭ ނުބުނެވޭނެ..އެއީ ފައިސާ ގެންގުޅެން ނޭނގުނީއޭ ބުނެވޭނީ.

The name is already taken The name is available. Register?

ޖު މުހޫރީ މައިދާނުން

20 June 2020

އެހެންތަ. ހާދަ އަގުބޮޑުކޮށްގެން އެއްޗެއް ވިއްކީ. 3 ރުފިޔަގެ އޮރެންޖް ޖޫސްތައްޓެއް 20-30 ރުފިޔާ ވިއްކީ 5 ރުފިޔާގެ ނޫޑްލސް 40 - 50 ވިއްކީ. މިއީ ހައްދުފަހަނައަޅާ ދިއުން. ކުޑަކޮފީ ޖޯދެއް 20-30 ރުފިޔާ. ޕާންޕޮތްޗެއް 30-40 އަށް ވިއްކީ މިއީ ބޮޑުވަރު

The name is already taken The name is available. Register?

މުޅަގެރި

20 June 2020

ބަލަގަ ބޮޑު ކުލީގަ ގިނަ މުއައްޒިފުން ލައިގެން ފުރަމާލޭގަ ދެކޮޅު ޖެއްސޭނީ ހަމަ އެގޮތަށް...

The name is already taken The name is available. Register?

ޛޖޖޖޖ

20 June 2020

މިރާއްޖޭގައި މީގެކުރިން ބިލިޔަނުން ފައިސާނަގަމުން ދިޔައީ ތިޔަ ރެސްޓޯރެންޓް ތަކުން. ދެމަހަކު ބަންދު ކޮށްލުމަކުން ދަރަނިވެރިއެއްނުވާނެ. މިހާރުވެސް ޓޭކްއަވޭ ހަދައިގެންވެސް ހުރިހާ ޚަރަދެއް ޗަލުވާލެވޭނެ.

The name is already taken The name is available. Register?

އަލީމާ

20 June 2020

ރާއްޖޭގެ އުފައްދާ ފެން ވެސް ވިއްކަނީ ރަނާ އެެއްއަގުގައި

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

20 June 2020

ދުނިޔޭގެ ވަރަށް މަޝްހޫރު އަދި ބޮޑެތި އެތައް ވިޔަފާރިތަކެއް ކޮވިޑް-19 އާއި ގުޅިގެންވަނީ ބަންދުކޮށްފަ ނުވަތަ ބެންކްރަޕްޓްސީއަށް ފައިލްކުރެވިފަ.(މިސާލު. 1)އެމެރިކާގެ ހާޓްޒް (1918) 2)ލަަޓަމް އެއާ (2012) 3)ރަވާން އެއާ (1948) 4)24އަވާ ފިޓްނެސް (1983) 5)އެލްޑޯ ގްރޫޕް (1972) 6)ބޯޑެން ޑަޔަރީ (1856) 7)ސެންޓްރިކް ބްރޭންޑްސް (1987) 8)ކްރާފްޓް ވޯކްސް (2010) 9)އާތު ފެއާ (1975). ނޯޓް: ()ގަ އެވަނީ ވިޔަފާރި ފެށި އަހަރު.(ގަރުނެއްވީ ވިޔަފާރި އެބަހުރ މި ލިސްޓްގަ)

The name is already taken The name is available. Register?

ބޮޑުމީހާ

20 June 2020

ގެއްލުން ނުވާ އެއްވެސް ވިޔަފާރިއެއް ނެތް. މި ރާއްޖެ އެކަންޏެއް ނޫން މުޅި ދުނިޔޭގަވެސް ހާލަތު

The name is already taken The name is available. Register?

އަލިފުޅު3

20 June 2020

ވިޔަފާރިއެއް ސަސްޓެއިނަބަލް ވެގެން ނޫނީ ވިޔަފާރިއަކަށް ނުވެއެވެ. ރެސްޓޯރަންޓް ތަކުން ކައިބޮއެ ގަންނަ މީހުންގެ ޑިމާންޑްދަށް ވެގެން އެ ވިޔަފާރިން ލިބޭ އެއްޗަކަށް ވުރެ ޚަރަދު ބޮޑުވެއްޖެނަމަ، އަވަހަށް އެ ވިޔަފާރިއެއް ހުއްޓާލާށެވެ. ގެދޮރު މޯގޭޖްކޮށް 13% ގަ 'ބަރު' ލޯނު ނަގައިގެން އެކަން ވޭތޯ ބެލުން ހެޔޮ ނުވާނެއެވެ. ދުނިޔެ އަބަދަކު އެއްގޮތަކަށް ނޯންނާނެއެވެ. އެނދެރިންނާ ކަހަނބު ފަތުން ސުވެނިއަރ ހެދިމީހުންވެސް އެކަން މަނާވުމުން އެހެން ކަމެއް ފެށީއެވެ.

The name is already taken The name is available. Register?

މެހެބޫބާ4

20 June 2020

ދެން ވިޔަފާރީގަ ތިހެން ވާނެ. އެބްނޯމަލް ޕްރޮފިޓްގައި ޖީބުފުރަމުން ގެންދިޔަ ދުވަސްވެސް ދިޔަ ނޫންތޯ. ނެގި ފައިދާ ގަނޑުގެ މަތިން ހަނދާން ނެތްތޯ މިހާރު. އެންމެ ލާވިޝް ލަގްޒަރީ ލައިފް އުޅެމުން ދިޔައީ ބޮޑެތި އަގުތައް ޗާޖުކޮށްގެން ހެސްކިޔާފަ ފައިދާ ނަގަމުން ނޫންތޯ. މާ ޝަކުވާ ބޮޑު ނުކޮށްކުރިއަށް ދެވެން އޮތް ގޮތަކަށް ކުރިއަށް ދިޔައިމަ ރަނގަޅު ވާނެ.

The name is already taken The name is available. Register?

ޝައިނާ

21 June 2020

ރެސްޓޯރަންޓު އޯނަރުންވީ ދެން ގާޑިޔާ ރެސްޓޯރަންޓައް ބަދަލުކޮއްލަން.. އެއީ ފެން ހާލަތައް ބަދަލުވެގަތުމަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454