ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދާއި ފައްޔާޒު.
12 އޯގަސްޓް 2020 - 17:57
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ސޮއި ހޯއްދެވުމުގައި އަމަލީ ގޮތުން އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވާއިރު، އެކަމާ ދެކޮޅަށް ފާޅުގައި ބައެއް މެމްބަރުން ނުކުންނަވަން ފައްޓަވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފައްޔާޒުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވައްދަން ބޭނުންވާ ލިޔުމުގައި ސޮއި ހަމަކުރަން އިސްވެ އުޅުއްވަނީ ސީދާ ނަޝީދެވެ. ބައެއް މެމްބަރުން އަރިހަށް އަމިއްލަފުޅަށް ވަޑައިގެން، އެ ބޭފުޅުންނަށް "އާދޭސް" ދަންނަވައިގެން ސޮއި ހޯއްދަވަނީ ވެސް އެ މަނިކުފާނެވެ. އެ ލިޔުމުގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް ނަޝީދެވެ.
ނަމަވެސް ފައްޔާޒާ ދެކޮޅަށް ބޭނުންވާ ސޮއި ހޯއްދަވަން ސީދާ ނަޝީދު ފެއްޓެވީ އެނގިފައިވާ ގޮތުގައި، އެ ޓާސްކު ހަވާލުކުރެއްވި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް ބޭފުޅަކަށް އެކަމުގައި އެހެން މެމްބަރުންގެ ފަރާތުން އެއްބާރުލުން ލިބިވަޑައިނުގަތުމުންނެވެ.
"އެހެންވެ، ސީދާ ނަޝީދު އެ ލިޔުން ހިފައިގެން މެމްބަރުން ކައިރިއަށް ވަޑައިގެން ސޮއި ހޯއްދެވި މިއަދު ވެސް. [މަޖިލީހުގެ އިދާރާގެ] ސައި ކޮޓަރީގައި ވެސް ނަޝީދު އެކަމުގައި އަމަލީ ގޮތުން އުޅުއްވި. ބައެއް މެމްބަރުން ސޮއިނުކުރެއްވީމާ، ސޮއިކުރައްވަން ބާރު އަޅުއްވައި ވެސް ހެއްދެވި،" މަޖިލީހުގެ މެމްބަރަކު "މިހާރު" އަށް ވިދާލުވި އެވެ.
"އެއް މެމްބަރަކު ވިދާޅުވި، ނަޝީދު ސީދާ ވަޑައިގެން ސޮއިކޮށްދޭށޭ ވިދާޅުވީމާ ތިމަންނަ ދެން ކިހިނެއްހޭ ހަދާނީ."
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުމުގައި އަދި ސޮއިކުރައްވާފައި ވަނީ އެމްޑީޕީގެ މެމްބަރުން އެކަންޏެވެ.
"މިހާރު" އާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި ގޮތުގައި ފައްޔާޒު ބޭރުކުރަން ދެކޮޅު ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ސީދާ ނަޝީދަށް ދެންނެވި އެވެ. ސަބަބެއް ކަމަށް އެ ބޭފުޅުން ދެންނެވީ، އެއީ އަމިއްލަ ޕާޓީގެ ވަޒީރަކަށް ވެފައި، ފައްޔާޒާ ދެކޮޅަށް އެމްޑީޕީގެ ތެރެއިން މަސައްކަތް ފަށައިފި ނަމަ މަސްލަހަތު ގެއްލި، އެތެރޭގެ ހަމަނުޖެހުމާއި ހިޔާލު ތަފާތުވުންތައް ބޮޑުވާނެތީ އެވެ.
"އެއީ މިސަރުކާރުގައި ހުންނެވި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އެއް ވަޒީރު. އަނެއްކާ އެއީ ޕާޓީއަށް ވެސް ބުރަކޮށް މަސައްކަތް ކޮށްދެއްވާ އެމްޑީޕީގެ ވަޒީރެއް. އެހެންވީމާ އޭނާގެ އިތުބާރުގެ މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑުމެން ނުދެކެން،" އެމްޑީޕީގެ މެމްބަރަކު ވިދާޅުވި އެވެ.
ފައްޔާޒާ ދެކޮޅަށް ނަޝީދު އިސްވެ ނުކުންނެވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ. އިތުބާރު ނެތްކަމަށް ހުށަހަޅަން ބޭނުންވާ ލިޔުމުގައި އޮތީ އެމްޑީޕީގެ ވައުދުތައް އޭނާ އަށް ފުއްދައި ނުދެއްވޭތީ އިތުބާރު ގެއްލުނީ ކަމަށެވެ.
ނަމަވެސް، އެހެން މެމްބަރަކު ވިދާޅުވި ގޮތުގައި މައްސަލަ އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު ވުން ކަމަށް ވަރަށް ގާތެވެ. އެއް ކަމަކީ، އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ޓޫރިޒަމް މިނިސްޓަރަކަށް ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ޑރ. އަބްދުﷲ މައުސޫމް އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުޅުއްވުމެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. މައުސޫމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯއްދެވުމަށް ބޭނުންވާ ވޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަކުރެއްވުމަކީ ނަޝީދުގެ ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމެއް ކަމަށް ވެ އެވެ.
"އެއީ ކޯލިޝަނަށް އެ ފުރުސަތު ދެއްވަން ރައީސް ނަޝީދު ބޭނުންފުޅު ނުވާތީ ކަމަށް ވަނީ. އެ ސްލޮޓަށް ރައީސް ނަޝީދު ބޭނުންފުޅުވަނީ އެމްޑީޕީގެ ބޭފުޅެއް ގެންނަނަވަން. ކަންކަން ހުރި ގޮތުން ކޯލިޝަންގެ ވެރިކަމެއް ކުރިއަށް ގެންދެވޭނެ ކަމަކަށް ރައީސް ނަޝީދު ގަބޫލުފުޅެއް ނުކުރައްވާ،" މިހާރުއާ ބައެއް ވާހަކަތައް ހިއްސާ ކުރެއްވި މެމްބަރަކު ވިދާޅުވި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓެއްގެ ވެރިކަމުގައި އެކުލަވައިލާ ކޯލިޝަން ސަރުކާރެއްގެ ވަޒީރަކު، ކޮރަޕްޝަނާއި ޖިންސީ ފުރައްސާރަ އަދި އެ ނޫން ތުހުމަތެއްގައި ވެސް މަގާމުން ވަކިކޮށްފި ނަމަ އެ ސްލޮޓް އެ ޕާޓީއަކަށް ގެއްލުވާލައި، އެ ފުރުސަތު އެމްޑީޕީ އަށް ފަހިކުރުމަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިހާރު ވެސް ވަނީ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
އެއީ ވެސް މި ކޯޅުމުގެ ބައެއް ކަމަށް ބައެއް މެމްބަރުން ތުހުމަތު ކުރައްވަ އެވެ. އެ އިސްލާހު ގެނައުމަކީ ކޯލިޝަނަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ގަބޫލު ކުރައްވަ އެވެ.
މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން މިހާރު ވަނީ ސޯޝަލް މީޑިއާގައި ލިޔުއްވަން ވެސް ފައްޓަވައިފަ އެވެ.
ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"ފުރިހަމަ އިތުބާރު އެބައޮތް،" ނިޔާޒް ވިދާޅުވި އެވެ.
އިތުބާރު ވޯޓް ނަގަންޖެހޭ ސަބަބެއް ނެތް. ފުރިހަމަ އިތުބާރު އެބައޮތް! https://t.co/e7hKTy9dVn
— Ali Niyaz 🎈 (@ali_niya) August 12, 2020
މެމްބަރު ނިޔާޒުގެ ޓުވީޓް
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ޓުވީޓުގައި ވިދާޅުވީ، ފައްޔާޒަކީ މި ސަރުކާރުގެ އެންމެ ހީވާގި ވަޒީރު ކަމަށާއި އޭނާ އަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ، މި ސަރުކާރަށާއި މިނިސްޓަރު ފަޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
"ފައްޔާޒު އިސްމާއިލް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.
ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއި ކަމަށް ވާއިރު، މިހާތަނަށް ވިއްސަށް ވުރެ ގިނަ ސޮއި ހޯދާފައިވާ ކަމަށް އެނގިފައި ވެ އެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.
ފައްޔާޒު "މިހާރު" އަށް މިއަދު ވިދާޅުވީ، މި ސަރުކާރުގައި ހުންނަވައިގެން އިތުބާރު ގެއްލޭ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި މިހާތަނަށް ވެސް މަސައްކަތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ދިފާއުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހުރިހާ ވަގުތަކާއި ހުރިހާ ކަމެއް މި ކުރަނީ ރައީސްގެ މެނިފެސްޓޯ ތަންފީޒު ކުރަން. އަޅުގަނޑު ހީކޮށްގެން މި ހުރީ ވަރަށް ރަނގަޅަށޭ އަޅުގަނޑަށް މަސައްކަތް މި ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، 65 މެމްބަރުންގެ ސުޕަ މެޖޯރިޓީއާ އެކު މަޖިލީހުގައި އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބާރެވެ. އެހެންވެ، އެ ޕާޓީގެ މެމްބަރުން ބޭނުންވެގެން ނޫން ގޮތަކަށް މިހާރު މަޖިލީހުން އެއްވެސް ކަމެއް ފާހެއް ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯން
15 August 2020
މާބޮޑަށްވެސް.މުޅި ޕާޓީ އަދި މިސަރުކާރަށް ހަމަނޭވާނުލެވިގެން މިއުޅެނީވެސް އަންނިޔަކާހުރެ.
އަސްލަމާ
13 August 2020
ބޭރުކުރަންވީ ނަޝީދު. ގައުމުންވެސް ބޭރުކުރަންވީ. އެންމެ އަވަހަކަށް އިންޑިއާއަށް ފުރާ ބޯޓަކަށް ލާފައި ފޮނުވާލާ. މާވަރަކަށް އިންޑިޔާ ވެގެން މިތާ ހުންނާނެ ކަމެއް ނެތް. އިންޑިއާގެ ރައްޔިތަކަށް ވެގެން އެތަނަށް ދިއައީމަ ވީނު
ޤާނޫނުގެ ވެރިން
13 August 2020
ޗައިނާ އޯކޭ، އިންޑިޔާ ކަޅު ކަޑަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
ގަބޫލެއްނުކުރެވޭ
13 August 2020
އައްޑޫއިން ބާކީވި މޭޔަރު (ސޯބެއަށް) ސްލޮޓެއް ހުސްކުރާ ވާހަކަ އެބަދެކެވޭ.
ހަސީނާ ހުސައިން
13 August 2020
މީހުސް ޑްރާމާ ރައްޔިތުންނޭ ހަދާން ކުރައްވާ ރައްޔިތުންގެ މަޖުލިސްގެ ރައީސް ވޯޓު ގައި އުޅުނު ގޮތް ، ކޮންމެވެސް ކަމަކަށް ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކުޅޭ ޑްރާމާ އެއް މިއީ. ނަޝީދު އާއި އިބޫ އަކީ އެކައްޗެއް..
ރުބެލް މިއާ
13 August 2020
ޝައުނާ ދައްތަ މެން ޔޫރަޕް ޓުއަރގަ އުޅުނުއިރު އިބޫ ގޮވައިގެން ކެމްޕޭންގަ ގިނިކަންޏާ އުޅުނީ ފައްޔާޒުމެން ނުދޯ. އެހެންވީމާ މިނިސްޓަރުކަން ދިނީ. އިބޫ އިތުބާރު ކުރަނީ، ދެން މިހާރު ބިގަށް 78 މިލިއަން ލިބިއްޖެނުދޯ. ސެޓްލްވީނުދޯ. ދެން ހުރިހާ މަނާފުށްތައް ކުރިޔަށް ނެރެގެން ފައްޔާޒު ދިފާއު ކުރަން އުޅުނީމާ ސަކަރާތް ވައްތަރު ހުންނަނީ. ނަޝީދު ބޭބެ ބޭނުންވަނީ ރައީސް ފަޅީގެ މެންބަރުންގެ އަދަދު ބަލަނީ. ބަލާފާ ބޮޑު އެތި ރާވާނީ ފަހުން.
ރުބެލް މިއާ
13 August 2020
ހަސަން ބޭބެ މައްސަލައިގައި ވެސް ސަރުކާރު ހޫނުފެނަށް ވެއްޓެނީ. ރައީސްގެ ސްޕޯކްސްޕާސަންގެ ބަޔާނުން އިތުރަށް ގޯސް ވަނީ. ދެން ފައްޔާޒު މައްސަލައިގަ ރައީސްގެ ހުރިހާ މަނާފުށްތައް ކުރިޔަށް ނެރުނީމާ ބޮނދު ބުޑަށް ސައި ކިޔަން ނަޝީދު ބޭބެއަށް ފަސޭހަ ވަނީ. ނަޝީދު ބޭބެ ބޭނުންވަނީ ކިތައް މެންބަރުންތޯ އަނެއް ކޮޅަށް ތިބީ ބަލަން. މީތި ޓެސްޓު ހުންނަނީނު. އާރުން ރާއްޖޭގަ އުޅޭތާ 20 އަހަރުވީ. ނަޝީދު ބޭބެ ހަދާ އެއްޗެހި ރަގަޅަށް އެގޭ. ގަދަ ހިފުމަށް ދިޔައިމާ ސަކަރާތް ވަނީ.
މީމަގޭ ހިޔާލު
13 August 2020
ހަނދާނަށް އަންނަނީ މީގެ 25 އަހަރުކުރި އަހަރެއް އުޅޭ އޮފީހުގެ ބޮސްގެ ގެއަށް މަސްގަތުމާ އޭނަގެ ދަރިން ސްކޫލަށްގެންދިއުމަކީ އޮފީހުގެ ބައެއް މުވަށްޒަފުންގެ އެއްމެ އިސް އެއްވާޖިބުކަމުގަ އޮންނަނީ މިއެންކަމަށް އިންކާރުކޮށްފިތަ އެމީހަކު އެހުރީ އިތުބާރުގެއްލި އޮފީހަށް ހަރާންކޯރުވާ މީހަކަށްވެ އޮފީހުގެ ހަތަރުފާރުން ބޭރުވާންޖެހިފަ
މަށެއްނޫން19
13 August 2020
ބޮޑުދެގެރި ތަޅަންޏާ ކަށްގަނޑަށް ބާރުކުރާނޭ ބުނާ ބީދައިން ޔާމީން ވެރިކަމުގަ މަޢުމޫނާ ދެބެއިން ތޮޅުނުގޮތަށް އިބޫއާ ނަޝީދުގެ ތޮޅުމުގެ ބާބެއްމީ! މިވަރުންދަންޏާ ޕާޓީ ދެބައިވުން ދުރަކުނެތް! މަޖިލިސްވެސް އުވާލުންގާތް ނޫނީ ކުރިން މަޖިލިސް ރައީސްކަމާ ތޮޅުނު ފަހަރު ހެދިހެން މޮޅު ސިޔާސީ ސްޓަންޓެއް ނޫންބާ! ބަލަންތިބެމާ!!!
އިބިރިހިންބެއްޔާ
13 August 2020
ފުރަތަމަ ޒުވާނުންގެ ބޯކާލައިގެން ދިވެހިންގެއަޚްލާޤު ދުއްވާލީ. ދެން ޤާނޫނަށްބޯނުލެބުން ހެދީ ސްޓައިލަކަށް. ދެންނިކުތީ ސަރުކާރު ވައްޓަން. އިންތިޚާބު ކާމިޔާބުވީ، މޮޔަ ބައެއްގެ އަމިއްލަ އެދުމުގެ ސަބަބުން. ދެން ނުކުރެވުނީ ވެރިކަން. ފެންވަރުނެތިގެން. ދެންދިނީ އިސްތިއުފާ. ދެންބުނީ އެއީ ބަގާވާތެކޭ. (ކޮން ބަހުރުވައެއް؟) ދެންބުއީ ބޮޑި. ދެންހޯދީ ހަމްދަރުދީ. ދެން އަތްބޭނީ ޖޫޑީޝަރީއަށް. ދެންވީ ހުދުކާފޫރަށް، ހޯދީ މަޖިލިސް. ދެން ބޭނުމީ ވެރިކަން. ހަމަމިހާރު
އަލިފްލައިލާ
13 August 2020
މާކަންތައް ބޮޑު ވާނަމަ ރައީސް މަޖްލިސް އުވާލާނެ އެވެ. ބަގާވާތަކަށް ފުރުސަތެއް ނުދޭނެ އެވެ.
އިބިރިހިންބެއްޔާ
13 August 2020
ޤާނޫނީގޮތުން ކުރެވެންޏާ ކޮންމެހެން ކުރަންވެއްޖެ ކަމެއް. ގިނަ މެމްބަރުންވެސް ވަރަށް ފީކަޅާ. ރައްޔިތުންނަށް މެސެޖް ލިބިއްޖެ.