1700 އަކަފޫޓުގެ ގެއަކަށް 1779 ކާރު ރަޖިސްޓްރީކޮށްފައިވޭ. ހެންވޭރުގައި ހުންނަ ނަން މަޝްހޫރު އާއިލާއެއްގެ ގެއްއެއްގައި 1400 ކާރު ރަޖިސްޓްރީކޮށްފައިވޭ. ކުދިކުދި ތަންތަން ކޮޅަށް 800-500 ކާރު އޮވޭ.
މާލޭގެ ކާރޫބާރު ބޮޑު މަގެއް -- ފޮޓޯ/މިހާރު
28 އެޕްރީލް 2021 - 10:57
އާންމުންގެ މީހަކު މާލެއަށް ކާރެއް ގެނެސް ރަޖިސްޓަރީ ކުރަން ވިސްނަން ފެށޭނީ ވެސް މާލޭ ބިމެއްގައި އަމިއްލަ ގަރާޖެއް އޮވެގެންނެވެ.
ކާރު އެތެރެކުރެވޭނީ އެ ގަރާޖުގައި ކާރު ޕާކް ކުރާނެ ކަމަށް ބުނާ ލިޔުމެއް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހުށަހަޅައިގެންނެވެ. އިތުރު އެހެން ކާރުތަކެއް ނުވަތަ ސައިކަލެއް އެތަނުގައި ނުބެހެއްޓެ އެވެ. އެހެން ކަމަކަށް ވެސް ގަރާޖު ބޭނުންކޮށްގެން ނުވާނެ އެވެ. ގަރާޖު ނޫން އެހެން ތަނެއްގައި ކާރު ޕާކު ކޮށްގެން ވެސް ނުވާނެ އެވެ.
މިކަން ކަށަވަރުކުރަން ޓްރާންސްޕޯޓު އޮތޯރިޓީގެ ކަމާގުޅޭ މުވައްޒަފުން ގޮސް ގަރާޖުގައި މިން އަޅައި، ރަނގަޅަށް ބަލައި ޗެކް ކުރާނެ އެވެ. އެއީ ގަރާޖެއްގެ ގޮތުގައި ހައުސިން މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައި އޮތް ތަނެއްތޯ ކަށަވަރު ކުރެ އެވެ. އެންމެ ޝަރުތެއް ފުރިހަމަ ނުވިޔަސް، ކާރެއް ގެންގުޅުމުގެ ވިސްނުން ޖެހޭނީ ދޫކޮށްލާށެވެ.
މިއީ ވެރިރަށް މާލޭގެ މަގުމަތީ ކާރުތައް ޕާކު ނުކުރުމާއި މަގުމަތީގެ ތޮއްޖެހުން ހައްލު ކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ހަރުދަނާ" އަދި "ވަރުގަދަ" ގަވައިދެއްގެ ދަށުން ކުރަން ލާޒިމުވާ ކަންކަމެވެ. އެކަމަކު ހުރިހާ ވެހިކަލެއް ރެޔާއި ދުވާލު އޮންނަނީ މަގުމަތީގަ އެވެ.
މާލޭގައި ކާރެއް ނުވަތަ ހަތަރުފުރޮޅުލީ އެހެން އުޅަނދެއް ވެސް ގެންގުޅެން ބޭނުން ނަމަ އެ ގަވައިދުގެ "އަޑިން" އެތައް ކަމެއް ކުރެވެ އެވެ. އެއް ކަމަކީ މާލޭގައި ގަރާޖު ގެންގުޅޭ މީހަކަށް ފައިސާ ދީގެން، ގަރާޖުގައި ޕާކުކުރާނެ ކަމުގެ ލިޔުމެއް ގަތުމެވެ. އާންމުކޮށް އޭގެ ލިޔުމެއް ވިއްކަނީ 70،000ރ.-100،000ރ. އާ ދެމެދުގެ އަގެއްގަ އެވެ.
މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި ޕާކްކޮށްފައި ހުރި ޕިކަޕްތަކަކާއި ލޮރީތަކެއް. --ފޮޓޯ ނިޝާން އަލީ/މިހާރު
އަނެއް ގޮތް އަދި މާ ފަސޭހަ އެވެ. ޓްރާންސްޕޯޓު އޮތޯރިޓީގެ ބައެއް ވެރިން ދަންނަ "އެޖެންޓަކަށް" 35،000ރ. - 50،000ރ. ދެމެދުގެ އަގެއް ދޭންވީ އެވެ. އޭނާ ބުނާ ދުވަހަކަށް، ބުނާ ގަޑިއަކަށް އެ އޮތޯރިޓީ އަށް ގޮސް ރަޖިސްޓަރީ ނަގަންވީ އެވެ. ކާރު އޮންނާނީ މާލޭގެ ކޮންމެވެސް ގަރާޖެއްގައި ރަޖިސްޓަރީކޮށް ނިންމައިފަ އެވެ.
"މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެގޮތަށް ހުއްދަ ހޯދައިގެން މައްޗަންގޮޅީގައި ހުންނަ 1،700 އަކަފޫޓުގެ ގެއަކަށް މިހާރު ވެސް 1،779 ކާރު ވަނީ ރަޖިސްޓަރީ ކޮށްދީފަ އެވެ. ހެންވޭރުގައި ހުންނަ ނަން މަޝްހޫރު އާއިލާއެއްގެ ގެއްއެއްގައި 1،400 ކާރު ވަނީ ރަޖިސްޓަރީކޮށްފަ އެވެ. އެންމެ ކާރެއް ވެސް ޕާކު ނުކުރެވޭ ވަރުގެ ބައެއް ކުދިކުދި ތަންތަން ކޮޅަށް 800-500 ކާރު ރަޖިސްޓަރީކޮށްދީފައި އެބަހުއްޓެވެ.
އެކަމަކު، ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟ އާޚިރުގައި މި ހުރިހާ ކާރެއް ޕާކުކުރަނީ މާލޭ މަގުމަތީގަ އެވެ. މިއީ ހުރިހާ ސަރުކާރެއްގައި ވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރޭ ވަރަށް ފާޅުގައި ހިންގާ މާސިންގާ ބޮޑު ކޮރަޕްޝަނެކެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މި ކޮރަޕްޝަން ހުއްޓުވުމުގައި ފެނުނީ އެހެން ހައްލެކެވެ. ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހަޅުއްވުމުން ބަލައިގަނެ ކޮމިޓީއަށް ފޮނުވި، ގަރާޖު ސިޓީ ހުށަހަޅަން ލާޒިމު ނުވާ އިސްލާހާ އެއްގޮތަށް ގާނޫނު ބަދަލުކުރަން އެ ކޮމިޓީ މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެވެ.
އެ ބިލު މަޖިލީހުގެ ތަޅުމުން ފާސްވާ ހިސާބުން މާލެ އަށް ކާރު އެތެރެ ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ އެވެ. މަގުމަތީގައި ޕާކުކޮށް، ތޮއްޖެހުމުގެ ކަންތައް ވެސް ދާނީ ގޯހުން ގޯހަށެވެ. ކޮރަޕްޝަން ހުއްޓުވަން ފެއިލް ވުމުން ގާނޫނު މިގޮތަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެދެ އެވެ؟
ގަރާޖު ސިޓީ ހުށަހެޅުން ލާޒިމުނުވާ ގޮތަށް ގާނޫނު އިސްލާހުކުރުމާ ދެކޮޅަށް ރައްޔިތުން މަޖިލީހުގައި ވާހަކަ ދެއްކެވި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެކަން ސިފަކުރެއްވީ ގަރާޖެއް ނެތް ކާރު ވައްދަން ދަފްތަރެއް ހެދުން ކަހަލަ ކަމެއް ގޮތުގަ އެވެ.
މާލޭގައި ގެދޮރު ނެތް މީހުން ދަފްތަރުގައި ޖައްސާ ގޮތަށް ގަރާޖު ނެތް ފަރާތްތަކަކަށް ކާރު ގެންގުޅުމުގެ ހުއްދަ ދިނުމުން ތޮއްޖެހުން އިތުރުވެ، މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރު އިބްރާހިމް ރަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
"ގައުމުގައި ވައްކަން ގިނަ ވެއްޖެއޭ، ވައްކަން ކުރާ މީހުން އެކަން ނުވެސް ހުއްޓިއޭ ކިޔައި ބަހައްޓާފައި ދަފްތަރެއް ހެދީމާ، މިހާރު ދިރިއުޅޭ މީހުންނަށް ދިރި ނޫޅެވޭ ވަރަށް މާލެ ތޮއްޖެހޭނީ،" އޭނާ ވިދާޅުވި އެވެ.
ބޮންޑޭ ވިދާޅުވި ގޮތުގައި އެ ބިލު ފާސްކުރި ކޮމިޓީގައި މާލެ ދާއިރާއަކަށް ނިސްބަތްވާ އެއްވެސް މެންބަރަކު ނެތެވެ. މާލޭގެ ރައްޔިތުންގެ ބަހެއް ނެތި މިފަދަ ބޮޑު ނިންމުމެއް ނުނިންމޭނެ ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ހައްލުވާނެ ގޮތަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ކޮރަޕްޝަންގެ މުގުލަށް ގޮސް އެ މީހުންނަށް ފިޔަވަޅު އެޅުން ކަމަށް ބޮންޑޭ ވިދާޅުވި އެވެ. ގަރާޖު ސިޓީ ގަންނަން ފައިސާ ދެނީ ކޮން ބައެއްތޯ ބަލަން ޖެހެ އެވެ. އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮންޑޭ މިހެން ވިދާޅުވި ނަމަވެސް، ނަން ހާމަނުކުރުމަށް އެދި "މިހާރު" އާ ވާހަކަ ދެއްކެވި އެހެން މެންބަރަކު ވިދާޅުވިގޮތުގައި ގަރާޖު ސިޓީ ވިޔަފާރީގެ އެންމެ ކުރީގައި އުޅެނީ މާލޭގެ މީހުންނެވެ. އެ މީހުން އޮތީ މާލެ ދާއިރާއަށް ނިސްބަތްވާ ބައެއް ނުފޫޒު ގަދަ މެންބަރުންތަކަކާ ވެސް ގުޅިފަ އެވެ.
ހުރިހާ ސަރުކާރެއްގައި ވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރޭގައި އުޅޭ ބައެއް ނުފޫޒު ގަދަ މީހުންނާ، އެ މެންބަރުން ގުޅިފައި އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ގަރާޖު ސިޓީ އުވައިލަން ފާސްކުރިޔަ ނުދޭން ހިފާނެ. އެކަން ކުރަން ބޭނުން ވަނީ އަތޮޅުތަކަށް ނިސްބަތްވާ ބައެއް މެންބަރުން. މާލެ ދާއިރާތަކުގެ ބައެއް މެންބަރުން އެކަމާ ވަރަށް ދެކޮޅު. ބިލު ފާސް ކުރަން [ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ] ލޮބީ ކޮށްފައި އޮތަސް އެކަމާ ދެކޮޅަށް ވެސް އޮތީ ހިފާފަައި،" އޭނާ ވިދާޅުވި އެވެ.
މާލޭގެ މޭޔަރުކަމަށް އިންތިހާބު ކޮށްފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު މާލޭގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭނެ ކަމަށެވެ. އެ މަޝްވަރާ ނެތި، މާލޭގެ މަގުތަކަށް ވެހިކަލް އިތުރުވާނެ ގޮތަށް ގާނޫނެއް، ގަވައިދެއް ވެސް އިސްލާހު ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ.
މާލޭގެ މަގުތައް ވެހިކަލްތަކުން ތޮއްޖެހި، ސަލާމަތް ނުވެގެން އުޅޭއިރު، އެކަން ހައްލު ކުރަން ދަންނަ ބަޔަކު މިހާތަނަކަށް ސަރުކާރަކަށް ނާދެ އެވެ. ބޮއްސުންލާފައި އޮތް މި ނިޒާމު އިތުރަށް ގަޑުބަޑު ކުރުން އެއީ ވަރަށް ފަސޭހަ ކަމަކަށް ހަދާލަ އެވެ.
ވެހިކަލް ރަޖިސްޓަރީ ކުރާއިރު ގަރާޖެއް ދެއްކުން އެއީ ލާޒިމު ކަމަކަށް ހަދާފައިވާއިރު، އެ ގަވައިދު ތަންފީޒުކޮށް، ބޮޑެތި އަދަދުތަކުން ފައިސާ ނަގައި ކޮރަޕްޝަންގެ "ހާއްޔަކަށް" ހެދުމުން އެކަން ހުއްޓުވުމުގެ ގާބިލްކަން ސަރުކާރުގައި ނެތުމަކީ މުޅި މާލެ އިތުރަށް ތޮއްޖެއްސުން ކަމަށް ވާ ނަމަ ވަރަށް ދެރަ އެވެ.
"މިއީ ސަރުކާރުން ޕޮލިސީ ލެވެލްގައި ނިންމަންޖެހޭނެ ކަމެއް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުންވުމުން އެކަނި ކުރެވޭ ކަމަކަށް ހަދައިގެން ނުވާނެ. ސަރުކާރުގެ ބަހެއް މިކަމުގައި އޮންނަން ޖެހޭނެ،" ޓްރާންސްޕޯޓް މިނިސްޓްރީގައި ކުރިން އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.
ގާނޫނަށް މި އިސްލާހު ގެނެސްފި ނަމަ، އެ މީހަކު ބޭނުން އަދަދަކަށް ވެހިކަލް ގެނެސް ފުރައިލާނެކަން ނޭނގޭވަރުގެ މީހަކު ނުހުންނާނެވެ. މިހާރު ވެސް ކިރިޔާ ވެސް ހުއްޓިފައި އޮތީ އެކަމުގައި އުނދަގޫ ގޮތްތަކެއް ހުރުމުންނެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު ވިދާޅުވީ، ޕާކު ކުރާނެ ޖާގައެއް ހޯދުމަކީ ކާރު ގެންނަ މީހާގެ ޒިންމާއެއް ނޫން ކަމަށެވެ. އެ ޖާގަ ހޯދަން މާލޭގެ މީހުންގެ ފަހަތުން ސަލާން ޖަހަމުން ދުވާކަށް ވެސް ނުޖެހެ އެވެ. މާލޭގައި އުޅެނީ ހަމައެކަނި މާލެ ގެދޮރުވެރިނެއް ނޫނެވެ. އެހެންވެ ކޮންމެ މީހެއްގެ ގަރާޖެއް ވެސް ނޯންނާނެ އެވެ. އެ މީހުންނަށް ގޮތެއް ހޯދައިދިނުމުގެ ބަދަލުގައި، ހައްލަކީ އެތެރެ ކުރަން ހުރަސް އަޅާފައި ބޭއްވުމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލޭގައި ގިނައީ އެހެން ރަށްރަށުން އައިސްގެން އުޅޭ މީހުން. އެ މީހުންގެ ނުހުންނާނެ މާލޭގައި ބިމެއް، ދެން އެ މީހުން ކިހިނެއް މާލޭގައި ރަޖިސްޓާ ކުރަނީ؟ ސަރުކާރުގެ ޒިންމާއެއް ތަންތަން ދެއްކުމަކީ. ހައްލު އެބައޮތް ލޯ ކުރިމަތީ،" ނަޝީދު ވިދާޅުވި އެވެ.
މާލޭ މަގުމަތީގައި ކާރުތަކެއް: ގަރާޖު ސިޓީއަކާ ނުލައި ވެހިކަލް ރަޖިސްޓްރީ ކުރެވޭ ގޮތް ހަދަން ކޮމިޓީން ވަނީ ފާސްކޮށްފައި-- ފޮޓޯ: މިހާރު
ހަމައެކަނި ގަރާޖު ސިޓީ ހުށަހެޅުން ލާޒިމު ނުވާ ގޮތަށް ހަދައިގެން މި މައްސަލަ ހައްލު ނުވާނެ ކަމަށް ނަޝީދު ގަބޫލު ކުރެ އެވެ. އެކަމަކު އެއީ މައްސަލަ ހައްލު ކުރުމުގެ ކުރިން އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅު ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނު އެގޮތަށް ބަދަލު ކުރުމަށް ފަހު ގަވައިދެއް ހަދައި، ނިޒާމު ވަރުގަދަ ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އެންމެ މުހިންމު ކަމަކީ މާލޭގައި ޕާކިން ސްލޮޓްތަކެއް ހަދައި، އެ ތަންތަން ކުއްޔަށް ދިނުން. މިސާލަކަށް ޓެކްސީއެއް ނަމަ ކޮންމެ މަހަކު 500-1000ރ. އާ ދެމެދުގެ ފީއެއް، ޕްރައިވެޓް ކާރެއް ނަމަ 500-1500ރ. ގެ ފީއެއް ނެގުން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހުށަހެޅިން ކޮންމެ ކާރެއްގެ ބޭރުގައި ކިއުއާރް ކޯޑެއް ތަތްކޮށްފައި ބަހައްޓަން ވެސް. އޭރުން ސްކޭން ކޮށްލީމާ އެނގޭނެ އެއީ ކާކުގެ ކާރެއްކަމާއި ކޮން ސްލޮޓެއްގައި ނުވަތަ ކޮން ގަރާޖެއްގައި ޕާކު ކުރަން ޖެހޭ ކާރެއްކަން. އޭރުން މި ނިޒާމު ރަނގަޅަށް މޮނިޓާ ވެސް ކުރެވޭނެ."
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
އެފަދަ ނިޒާމެއް ގާއިމް ކުރުމުން ސަރުކާރަށް އާމްދަނީއެއް ވެސް ލިބޭނެ ކަމަށާއި އިތުރުން ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބުމާއި ނުހުއްޓުވި އޮތް ޓްރާންސްޕޯޓު އޮތޯރިޓީގެ ކޮރަޕްޝަން ވެސް ނިމުމަކަށް އަންނާނެ ކަމަށް ނަޝީދު ވިދާޅުވެ އެވެ.
މާލޭގައި ވެހިކަލްތައް ގިނަވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެކަން ކުރުމަށް ސަރުކާރަށް ކުރެވޭނެ އެތައް ކަމެއް ހުރި ކަން އޭނާ ފާހަގަ ކުރި އެވެ.
އެގޮތުން ކޮންމެ މީހެއްގެ އަތުގައި 6-5 ކާރު އޮންނަ އޮތުން ކޮންޓްރޯލް ކުރުމާއި ގިނަ ދުވަސްވެ ބާވެފައިވާ ވެހިކަލްތައް ނައްތައިލުމުގެ ކަންކަން ސަރުކާރުން ކުރަން ޖެހެ އެވެ. މާލޭގައި ނުވަތަ އެހެން ސިޓީތަކުގައި ވެސް ކާރު ނުވަތަ ސައިކަލު ބޭނުން ކުރެވޭނެ މުއްދަތެއް ކަނޑައަޅަން ޖެހެ އެވެ. އެ ބާރު މިހާރު ވެސް އޮތީ ކައުންސިލްތަކަށް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާގައި
29 April 2021
ތިކަމުގައި ވާނެ ގޮތެއް ކަމަށް ލަފާކުރެވެނީ މާލޭގެ ނިކަމެތި ގަރާޖުގެވެރި ރައްޔިތުން ކޮންމެ ރައްޔިތަކަށް ހައެއްކަ ކާރު ގެނެސްފައި މަގުމަތީގައި ރަޖިސްޓަރީކޮށްފައި ދިވެހިން ނުލިބިގެން ބިދޭސީން ލައްވައި ޓެކްސީކުރުވަން ފަށާނެ ކަމަށް ފެންނަނީ. މިކަން ހެންވޭރު ސަހަރާ ކައިރީގައި ހުންނަ ހޮޅިގަރާޖުން ވަރަށް އަވަހަށް ފަށާނެ ކަމަށް ދިރާސާވެރިން އަންދާޒާކޮށްފައި އޮތީވެސް.
ހަސަންބެއްޔާ
28 April 2021
މިބަދަލާ އެކު މިސަރަހައްދުގައި ވަކި މުއްދަތެއްގެ ކުރިން އުފައްދާފައިވާ ވެހިކަލް ނުދުއްވޭ ގޮތަށް ހަދަން ފެނޭ. އަދި ހަމައެއާއެކު ހަރުދަނާ ޕަބްލިކް ޓްރާންސްޕޯރޓް ސިސްޓަމެއް ގާއިމްކުރަން ފެނޭ
އަބުދުލް ޤާދިރު
28 April 2021
ބޮޑުންގެ ބަޔަކަށް ގަރާޖު ނެތިގެން ކާރު ރަޖިސްޓްރީ ކުރެވެން ނެތީމާ އެކަން އުވާލަނީ. މި އޮތީ ވާ ސަރުކާރެއް. ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތް ވިއްޔާ.
ބައްތި
28 April 2021
80 ހާއިގެ އަހަރު ތަކުގައި މާލޭގަ ހުންނަ ދެ ތިން ގަރާޖަކަށް ފައިސާ ދައްކާފަ ބައިސްކަލްގަ ކަނޑާ ނަގާ ނަންބަރެއް ޖަހައިގެން ނޫނީ ބައިސްކަލް ދުއްވުން މަނާ އުސަުލެއް. ޢަދި ބައިސްކަލް ދުއްވާތީ ސަރުކާރަށް ދީވެސް ދައްކަންޖެހޭގޮތަށް. ވެހިކަލް ގަންނަނީ ފައިސާ ދީފަ ޓެކުސް ވެސް ދީފަ. ދެން ކޮން ފީއެއް ދައްކަން މިޖެހެނީ؟ ވެހިކަލް ފީވެސް އަދި އިތުރަށް އެކިއެކި ނަންނަ މުގައި ނަގާ އެހެނިހެން ފައިސާ ނެގުންވެސް ހުއަޓާލަންޖެހޭ.
ކޮކީ
28 April 2021
މާލެއަކީ ގަރާޖު ހުރި ތަނެއްނޫން. ވީމާ 50 ހާހާ އެއްލައަކަ ރުފިޔާ މާލެ މީހަކަށް ދީގެން ވަގު ގަރާ ސިޓީ ހޯދަން ޖެހޭ ގޮތެއް އޮވެގެން ނުވާނެ. މާލެ އަށް ގަރާޖު ސިޓީ އެއް ހޯދަން މަޖުބޫރު ކުރުމަކީ ލާ ޖަނގިޔަލަށް ވެސް މާލެ މީހެއްގެ ސިޓީ އެއް އޮންނަން ޖެހޭގޮތަށް ހެދުން ކަހަލަ ކަ މެއް
ހައްލުއުމަރު
28 April 2021
ތިކަން ވަރަށް ފަސޭހައިން ހައްލުކުރެވިދާނެ. އެއީ މިހާރު ކާރު އެތެރެ ކުރުން ކޮންޓްރޯލްކޮށްފައިވާގޮތަށް. މިހާރު ކޮންޓްރޯލްކޮށްފައިވަނީ ގަރާޖް ފީގެ ސަބަބުން. ގެންނަންވީ ބަދަލަކީ ސަރުކާރަށް 50000 ރުފިޔާ ދައްކާފަ އެތެރެ ކުރުން. އޭރުން ގަރާޖެއް ބޭނުމެއް ނުވާނެ. އެތެރެވާނީ މިހާރުވެސް އެތެރެވާ ރޭޓުން. އެއަށްވުރެ ބޮޑަށް ކޮންޓްރޯލް ކުރަން ބޭނުންނަމަ ފީގެ އަދަދާ ކުޅެލާ. ފޭކު ގަރާޖު މިފަހަރު ނައްތާލަން އެބަޖެހޭ. ސަބަބަކީ އެއީ ރިއަލް ގަރާޖެއް ނޫން.
ޙަސަންބެ15
28 April 2021
ޕަބުލިކް ޓްރާންޕޯޓް ހަރުދަނާ ކޮށްފަ، އަހަރީ ފީ އިންތިހާޔަށް ބޮޑުކުރަންވީ. ކާރަކަށް 80،000 ރ، ސައިކަލަކަށް 20،000ރ
ޖާބެ
28 April 2021
އުސޫލަތާކާ ގަވައިދުތައް ތަންފީޒުނުކުރެވޭނަމަ މަޤާމްދޫކޮށްފަ ގެޔައް ދޭ ، ނުނީ މުޅިގަޢުމު އަނެއްކާވެސް ފަޅައިގެންދާނީ މިދިފަހަރުގެ ތަޖުރިބާޔައްވުރެއް ހިތުވުންްގާތްކަިން ޔަގީން ސަލާމަތް ހޯދާ ..
އަހުމަދުބޭ
28 April 2021
ގަރާޖް ސިޓީ އުވާލައި މިފަދަ ކޮރަޕްސަން އަށް މަގުފަހިވެފައި ހުންނަ ކަންކަން މުޅިން ނަންތާލަންވީ، ސުވާލަކީ ކީއްވެގެންތޯ ސަރުކާރުތަކުން މާލޭގައި ޕާކިންގ ބިލްޑިންގ ނެހެދިގެން މިއުޅެނީ؟ ހެދޭވަރު ސުލޮޓް ގައިމު އެބަހުރި، އަދި ކިތައްމެ ބޮޑު އިމާރާތެއް ހެދިކަމުގައި ވިޔަސް ޕާކިންގ އަށް މާބޮޑު އިސްކަމެއް ދޭތަނެއް ނުފެނޭ، ކުރިން ކުރަންޖެހޭ ކަންކަން ނުކޮށް ދެން މިދައްކަނީ ކޮންވާހަކައެއްބައި
ސްކިޕަރ
28 April 2021
މާލެ ތޮއްޖެހިދާނެއޭ ކިޔާފައި 80،000 ރުފިޔާގެރޭޓުން "ގަރާޖު ސިޓީ" ވިއްކައިގެން މާލޭ ބިންވެރިންނަށް މަހަކު މިލިއަނުން ފައިސާ ލިބޭ ގޮތަށް ބޭއްވުމަކީ އިންތިހާގެ ބޭއިންސާފު. މާލެ ތޮއްޖެހުން ހައްލުކުރަން ބޭނުންނަމަ، މާލޭ އެތަން މިތާގައި ޕާކުކޮށްފައި ހުންނަ ކާރު ފަދަ އުޅަނދުން ފީއެއް ނަގާނޭ ނިޒާމެއް ގާއިމުކޮށްބަލަ. އަދި މާލޭއަށް ރެޖިސްޓްރީކުރާ ކާރު ފަދަ އުޅަނދުގެ އަހަރީ ފީ ބޮޑުކޮށްބަލަ. މާލޭގައި ގަރާޖެއް ހުރީތީ ދުނިޔޭގައި ހުރިހާ ރުފިޔާ ލިބޭކަށް ނުޖެހޭދޯ