ނަޝީދަށް ކުޑަ ވެސް ފުރުސަތެއް އެބަ އޮތްތަ؟

އަންނަ އަހަރުގެ ރިއާސީ އިންތިޚާބާ ބެހޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޓިކެޓްގައި އެމަނިކުފާނަށް ވާދަނުކުރެއްވޭ ނަމަ، އެ ޕާޓީގެ ފަރާތުން އެހެން މީހަކު ވާދަ ނުކުރާނެ ކަމަށެވެ.


އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ އަލަށް ހަވާލުވެ ވަޑައިގެންނެވި ހަސަން ލަތީފް މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި އޭނާގެ ޒައާމަތުގައި އެމްޑީޕީން އެންމެ ބޮޑު އިސްކަމެއް ދޭނީ އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ރައީސް ނަޝީދަށް ވާދަކުރެއްވޭނެ ގޮތް ހޯދައިދިނުމަށެވެ.

އެހެންކަމުން ނަޝީދާއި ރިޔާސީ އިންތިޚާބާ ދެމެދަށް ކިތަންމެ ބޮޑު ޝަރުއީ ހުކުމެއް ކުރިމަތިވެފައި ވިޔަސް، ނަޝީދު ވެސް އަދި އެމްޑީޕީން ވެސް އުންމީދު ކަނޑައެއް ނުލަ އެވެ. ނަމަވެސް އެމަނިކުފާނަށް އޮތީ ކޮން ފުރުސަތެއް ހެއްޔެވެ؟

ގާނޫނީ ހުރިހާ ދޮރެއް ބަންދު

ރިޔާސީ އިންތިޚާބުގެ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި، ގާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާން ޖެހޭނެ އެވެ. ގާނޫނުއަސާސީގެ އެ މާއްދާގައި ބުނާ ގޮތުގައި އެއީ ހަތް ޝަރުތެކެވެ.

އޭގެ ތެރެއިން ހަ ޝަރުތެއް، ރައީސް ނަޝީދުގެ ކިބައިގައި މިހާރު ފުރިހަމަވެ އެވެ. ނަމަވެސް އެއް ޝަރުތެއް ފުރިހަމައެއް ނުވެ އެވެ. އެއީ އެ މާއްދާގެ (ޅ) ގައި ބުނެފައިވާ ޝަރުތެވެ؛ "ޖިނާއީ ކުށެއް ކުރި ކަން ސާބިތުވެގެން ބާރަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފް ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައި ވުން" އެވެ.

މި ޝަރުތަށް ބަލާއިރު، ނަޝީދުގެ މައްޗަށް، މާޗް 13، 2015 ގައި އޮތީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެއީ ނަޝީދުގެ އަމުރަށް ސިފައިން ގޮސް، ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ޖެނުއަރީ 16، 2012 އިން ފެބްރުއަރީ 7، 2012 އަށް ގިރިފުށީގައި ހައްޔަރުކޮށްފައި ބެހެއްޓި މައްސަލައިގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވުމުންނެވެ.

އެއީ މިހާރު ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި ސިއްކަ ޖަހާފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި ކޯޓަކުން ދެން ނިންމާނެ އިތުރު ނިންމުމެއް ނޯންނާނެ އެވެ. އެމަނިކުފާނަށް އިއްވާފައި އެ އޮތީ 12 މަސްދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެކެވެ.

އެހެންކަމުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގައި ރައީސް ނަޝީދަށް، ގާނޫނުއަސާސީގެ 109 ވަނަ މާއްދާ ނޫނީ އެހެން އެއްވެސް ހުރަހެއް މިވަގުތަކު ނެތެވެ. ދެން އޮތީ އެ ހުރަސް ނައްތައިލެވޭނެ ގޮތެއް ހޯދުމެވެ.

މައާފް ދެވިދާނެތަ؟

ގާނޫނުއަސާސީ ބުނާ ގޮތުން އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އަތުވެއްޖެ ނަމަ، އެ މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ވުމަށް ފަހު އެވެ. ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް ނިމޭނީ މާޗް 13، 2028ގަ އެވެ.

އެހެންކަމުން ޖަލު ހުކުމް އެކުގައި ތަންފީޒުކުރައްވަން ޖެހިވަޑައިގެންފި ނަމަ، އެމަނިކުފާނަށް އެންމެ އަވަހަށް ވެސް ރިއާސީ އިންތިޚާބެއްގައި ވާދަކުރެއްވޭނީ 2033 ގައި އޮންނަ ރިޔާސީ އިންތިޚާބުގަ އެވެ. އެހެންވީމާ އެ ހުކުމް ދެމިއޮތްހައި ހިނދަކު، 2018ގެ ރިއާސީ އިންތިޚާބުގައި ނަޝީދަށް ފުރުސަތެއް ނެތެވެ.

އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ރިއާސީ އިންތިޚާބުގައި ވާދަކުރެވޭ ދެ ވަނަ ހާލަތަކީ އެ ހުކުމް މައާފް ކުރިތާ ތިން އަހަރު ވުމެވެ. ދެން އޮންނަ ރިއާސީ އިންތިޚާބު 2018 ގައި އޮންނަ އިރު، އިންތިޚާބާ ދެމެދު މިހާރު ބާކީ އޮތީ ދޮޅު އަހަރެއްހާ ދުވަހެވެ. އެހެންވީމާ އެ ގޮތުން ވެސް ފުރުސަތެއް ނެތެވެ.

ދެން ބަލަން ޖެހެނީ ކުށްވެރިންގެ އަދަބު ލުއިކޮށްދިނުމާއި މައާފް ދިނުމުގައި އޮންނަ ގާނޫނީ އޮނިގަނޑަށެވެ.

ނަޝީދަކީ އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާ، ޝަރުއީ ތިން މަރުހަލާ އިން ނިމި، ނިހާއީ ހުކުމެއްގައި ހުންނެވި ބޭފުޅެކެވެ. މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ބުނާ ގޮތުން ޝަރުއީ ހުރިހާ މަރުހަލާތަކެއް ފުރިހަމަވެފައިވާ މީހަކަށް ނަމަ، އޭނާގެ އަދަބު މައާފްކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސެއް ހުށަހެޅިދާނެ އެވެ. ނަމަވެސް އެތައް ޝަރުތުތަކަކާ އެކުގަ އެވެ.

ރައީސް ނަޝީދު މިިދިޔަ ހަފުތާގައި ލަންކާ އަށް ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމްކުރައްވަނީ: އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމުގެ އުންމީދު އާލާކުރެއްވި. ފޮޓޯ: އެމްޑީޕީ

އޭގެ ތެރެއިން ފުރަތަމަ ޝަރުތަކީ، މި ދެންނެވި ގާނޫނުގެ ހަތް ވަނަ މާއްދާ ބުނާ ގޮތުން، އެ މީހެއްގެ މައްޗަށް ކޮށްފައިވާ ހުކުމްގެ މުއްދަތުގެ ހަތަރު ބައިކުޅަ އެއްބައި ތަންފީޒުވެފައި ވުމެވެ. ނަޝީދުގެ މައްޗަށް ހުކުމް އިއްވީ މާޗް 13، 2015ގަ އެވެ. ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތަށް ފުރާވަޑައިގަތީ ޖެނުއަރީ 18، 2016ގަ އެވެ. އެހެންކަމުން އެމަނިކުފާނު ޖަލު ހުކުމްގައި މިހާތަނަށް ތަންފީޒު ކުރެއްވުނީ 10 މަހާއި ފަސް ދުވަހު އެވެ.

އެއީ ތޭރަ އަހަރުގެ ޖަލު ހުކުމެއް ކަމުން، އެ ހުކުމްގެ ހަތަރު ބައިކުޅަ އެއް ބަޔަކީ 39 މަސްދުވަހެވެ. ހުކުމް ކުރި ދުވަހުން ފެށިގެން ޖަލުގައި ހުންނެވިޔަސް، ހުކުމްގެ ހަތަރު ބައިކުޅަ އެއްބައި ފުރިހަމަވާނީ ޖޫން 13، 2018 އަށެވެ. އަދަބު މައާފް ކޮށްދިނުމަށް ނުވަތަ އެއަށް ވުރެ ލުއި އަދަބަކަށް އެދި އިލްތިމާސް ކުރެއްވޭނީ ވެސް އެއަށް ފަހުގަ އެވެ.

މީގެ އިތުރުން، މައާފް ހޯދުމަށް އެދި އިލްތިމާސް ހުށަހަޅަން ކުރިމަތިވާ އެހެން ހުރަހެއް ވެސް ނަޝީދަށް އެބަ އޮތެވެ. އެއީ އެމަނިކުފާނުގެ މައްޗަށް ސާބިތުވި ކުށުގެ ބާވަތެވެ. މައާފް ދިނުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުން ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހުންގެ ކުށް މައާފެއް ނުކޮށްދެވޭނެ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ސާބިތުވެފައިވަނީ ޓެރަރިޒަމްގެ ކުށެވެ.

އަންނަ ރިއާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރައްވަން ނަޝީދު ކިތަންމެ ބޮޑަށް ބޭނުންފުޅު ވިޔަސް، ގާނޫނީ ހުރަސްތައް ހުރީ މިހެންނެވެ. ހަނިހަނި ލޯވަޅެއްހާ ފުރުސަތެއް ވެސް ނެތީ އެވެ. ނަމަވެސް އެމްޑީޕީން ވެސް އަދި ނަޝީދު ވެސް ފިސާރި ސާބިތުކަމާ އެކު އެ ވިދާޅުވަނީ، 2018 ގައި އެމަނިކުފާނަކީ ރިއާސީ ކެންޑިޑޭޓަކަށް ވާނެ ކަމަށެވެ. ކޮން ގޮތަކުން ހެއްޔެވެ؟

އެހެން ބާގަނޑެއް އުފެއްދުން

ދެން އޮތީ ނަޝީދަށް ރިޔާސީ ކެންޑިޑޭސީ ހޯދައިދިނުމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ހުވަފެންފުޅު ހަގީގަތަކަށް ހެދުމެވެ. އެއީ ބައިނަލްއަގުވާމީ މުޖްތަމައު މެދުވެރިކޮށް ރައީސް ޔާމީނަށް އޮބިނޯންނަ ވަރަށް ފިއްތުންތައް ކުރިމަތިކުރުމެވެ. ރައީސް ނަޝީދު ވެސް އަދި އެމްޑީޕީން ވެސް އެ ގެންގުޅޭ "ހުކުން ގަނޑަކީ" އެއީ އެވެ.

މިދިޔަ ހަފުތާގައި ރައީސް ޔާމީން ތުލުސްދު އަށް ވަޑައިގެން އެ ރަށުގެ ކުޑަކުއްޖަކާ ސަލާމްކުރައްވަނީ: އަންނަ އަހަރުގެ އިންތިޚާބަށް ކެމްޕޭންގެ ހަރަކާތްތައް މިހާރު ވެސް ވަނީ ފައްޓަވާފައި. --ފޮޓޯ: ހައުސިން މިނިސްޓްރީ

ޖަލުގެ ކުޑަގޮޅިން އެމަނިކުފާނު ނެރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ، އެމަނިކުފާނު މިހާރު ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ އިނގިރޭސި ވިލާތުންނެވެ. އެހެންކަމުން އަންނަ ރިއާސީ އިންތިޚާބަށް ކުޑަތަންވާ އިރު، އިނގިރޭސީން އަޑީގައި ތިބެގެން، ސަރަހައްދީ ގައުމުތަކާއި އެނޫން ބައެއް ގައުމުތައް މެދުވެރިކޮށް ރައީސް ޔާމީނަށް ފިއްތުންތައް ކުރިމަތި ކުރުވާނެ އެވެ.

މި ފިއްތުންތައް މައިގަނޑު ގޮތެއްގައި އަމާޒު ހިފާނީ ދެ މިސްރާބަކަށެވެ. ފުރަތަމަ މިސްރާބަކީ ނަޝީދުގެ ހުކުމް ބާތިލު ކުރުމެވެ. ދެ ވަނަ މިސްރާބަކީ ސީދާ ނަޝީދަށް ހެޔޮވަރު ކޮށް ގާނޫނުގެ ފަސްބައި މަޅައިލުމެވެ. ކިތަންމެ ފިއްތުމެއް ކުރިމަތި ކުރުވިޔަސް، ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި ޖެހުމުގެ ކުރިން، މިއިން ކޮންމެވެސް އެއް ކަމެއް ފުރިހަމަ ވާން ޖެހޭނެ އެވެ.

ގާނޫނުއަސާސީގެ 109 ވަނަ މާއްދާ އިސްލާހުކޮށް، ރައީސް ކަމަށް ކުރިމަތިލެވޭ މީހުންގެ ޝަރުތުތައް ނަޝީދުގެ މިހާރުގެ ހާލަތަށް ބަލައި ބަދަލު ކުރުމަކީ އެއް ގޮތެވެ. އަދި ރިއާސީ އިންތިޚާބުގެ ގާނޫނާއި، ކުށްވެރިންނަށް މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ވެސް ބަދަލުތަކެއް ގެނައުމެވެ.

އެ ބަދަލުތަކުގެ ފުރަތަމަ އަމާޒަކަށް ވާނީ، ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހަކަށް ވިޔަސް މައާފް ދެވޭނެ ކަމަށް ގާނޫނުގައި ކަނޑައެޅުމެވެ. ދެ ވަނަ ކަމަކީ ކިތަންމެ ދިގު މުއްދަތެއްގެ ހުކުމެއްގައި ހުރި މީހަކަށް ވިޔަސް ރައީސުލްޖުމްހޫރިއްޔާ މައާފް ދެއްވައިފި ނަމަ، އިތުރު މުއްދަތަކަށް އިންތިޒާރު ކުރުމެއް ނެތި، އިންތިޚާބުތަކުގައި ވާދަކުރެވޭނެ ކަމަށް ގާނޫނުގައި ކަނޑައެޅުމެވެ. ނަމަވެސް މި ކަން ކުރެވޭނީ މަޖިލީހުގެ ތެރެއިންނެވެ.

މި އަހަރުގެ ރިއާސީ ބަޔާން އިއްވުމަށް ރައީސް ޔާމީން (ވ) މަޖިލީހަށް ވަޑައިގަތުމުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ސަލާމް ކުރައްވަނީ

މީގައި އޮތް އެންމެ ފަސޭހަ ގޮތަކީ ނަޝީދުގެ ހުކުމް ބާތިލު ކުރުމެވެ. އެއީ ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމަކަށް ވާތީ އެ ހުކުމަށް އިތުރު ބަދަލެއް ދެން ގެނެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމް އަލުން މުރާޖައާ ކޮށްފި ހާލަތެއްގަ އެވެ. އެނގިފައިވާ ގޮތުގައި މީގެ ކުރިން ވެސް ބައެއް މައްސަލަތައް މުރާޖައާ ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައަޅާފައިވެ އެވެ. ނަމަވެސް އެ ހުރިހާ މައްސަލައެއް ވެސް ސުޕްރީމް ކޯޓުން ވަނީ މުރާޖައާ ނުކޮށް އަނބުރާ ފޮނުވާލައިފަ އެވެ.

ނިހާއީ ހުކުމްތައް މުރާޖައާ ކުރުމަކީ އެހެން ގައުމުތަކުގައި ވަރަށް މަދު ހާލަތެއްގައި މެނުވީ ނުކުރާ ކަމެކެވެ. އެހެން ވިޔަސް، ޚާރިޖީ ފިއްތުންތަކުގެ ސަބަބުން ރައީސް ޔާމީނަށް "ނޭވާ ނުލެވޭ" ހިސާބަށް ހިނގައްޖެ ނަމަ، އެ މައްސަލަ އަލުން މުރާޖައާ ކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއްޔާ އެ ހުކުމް ބަދަލު ކުރެވިދާނެ އެވެ.

ނަމަވެސް ސުވާލަކީ، ރައީސް ޔާމީން އެ ވަރަށް ކުޑަކަކޫ މައްޗަށް ތިރިކޮށްލެވިދާނެ ހެއްޔެވެ؟ ވަރަށް ހީ ނުވެ އެވެ. ނަޝީދު ހަ ކުޅި ކުރި އަށް ކުޅުއްވާ އިރު، ދެން އަރަން އޮތް ގޮޅި ނިކަން ރަނގަޅަށް ރައީސް ޔާމީން ވެސް ދެނެވަޑައިގަންނަވާނެ އެވެ.