ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރު ބިމުގައި "ވޯޓަ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރަން ނިންމާފައިވާއިރު، އެ ޕްރޮޖެކްޓްގެ "އިކޮނޮމިކް އިމްޕެކްޓް އެސެސްމެންޓް" ހަދާފައިވާ، އީވެލިއުސާވް އިން ވަނީ ކަމާގުޅޭ މައުލޫމާތުތައް އާންމުކޮށްފަ އެވެ.

އީވެލިއުސާވް އަކީ ގްލޯބަލް ރިސާޗް އެންޑް އެނަލިޓިކްސް ފާމް އެވެ.

އިއްޔެ ބޭއްވި މޯލްޑިވްސް އެކައުންޓިން ފޯރަމްގައި އެ ކުންފުނީގެ ފަރާތުން ދިން ޕްރެޒެންޓޭޝަންގައި ފާހަގަކުރި އެއް ކަމަކީ ރަސްމާލެ ފަދަ މަލްޓި-ޕާޕަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓަކުން އުފެއްދުންތެރިކަން ކުރިއަށް ދާނެ މިންވަރާއި ލޯކަލް ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ލިބި، އިގްތިސާދީ ހަރަކާތްތައް އިތުރުވާނެ ގޮތްތަކެވެ.

އީވެލިއުސާވް އިން ބުނީ، ވަކިން ހަދާ ރިސޯޓަކަށް ވުރެ މިފަދަ ޕްރޮޖެކްޓަކުން ޖީޑީޕީ ގްރޯތް ނުވަތަ އުފެއްދުންތެރިކަން އެތައް ގުނައެއް އިތުރުވެ "އިކޮނޮމިކް މަލްޓިޕްލަޔަ އިފެކްޓް" އެއް އުފެދޭނެ ކަމަށެވެ. އެކަން އައިއެމްއެފާއި ވޯލްޑް ބޭންކްގެ ރިސާޗުތަކުން ވެސް ދައްކާ ކަމަށް ކަމަށް އީވެލިއުސާވް އިން ބުންޏެވެ. 

ޕްރެޒެންޓޭޝަންގައި އެ ކުންފުނީގެ ޑިރެކްޓަރު މީހައު ރަޖޫކް ވިދާޅުވީ ރަސްމާލެއާއެކު، އެ ސަރަހައްދުގެ ރީޓެއިލް ވިޔަފާރިތަކާއި މެރީނާ އާއި ލެޝާ ހަރަކާތްތަކާ ގުޅޭ އިތުރު ހިދުމަތްތައް ވެސް އުފެދޭނެ ކަމަށެވެ. 

އީވެލިއުސާވްގެ އެސެސްމެންޓް ދައްކާ ގޮތުން ރަސްމާލެ ޕްރޮޖެކްޓްގެ އިންވެސްޓްކުރާ އެއް ޑޮލަރަށް 1.6 ޑޮލަރު ރާއްޖޭގެ އުފެއްދުންތެރިކަމަށް ކޮންޓްރިބިއުޓް ކުރާނެ އެވެ. ރަސްމާލެއިން ރާއްޖޭގެ އުފެއްދުންތެރިކަމަށް 30-35 ބިލިއަން ޑޮލަރުގެ ވަންނާނެ ކަމަށް ލަފާކުރާއިރު ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ގޮތުގައި ގާތްގަނޑަކަށް 22 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ވެސް ލަފާކުރެ އެވެ.

އެސެސްމެންޓް ދައްކާ ގޮތުން ރަސްމާލެ ޕްރޮޖެކްޓުން ރާއްޖޭގެ އުފެއްދުންތެރިކަން ކުރި އަރާނީ މައިގަނޑު ތިން ދައިރާއަކުންނެވެ.

ފުރަތަމަ ދާއިރާއަކީ ލޯކަލް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭ އިތުރު ވިޔަފާރީގެ ފުރުސަތުތަކެވެ. އީވެލިއުސާވް އިން ބުނީ ގާތްގަނޑަކަށް  300 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާވެ، އިތުރު ނަފާ ހޯދަން ރަސްމާލެ ޕްރޮޖެކްޓްގެ ތެރެއިން ފުރުސަތު ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ހޮސްޕިޓާލިޓީ އާއި ރީޓެއިލް، މެރީނާ، އަދި ވޯޓަފްރޮންޓް ހިދުމަތްތަކާ ގުޅޭ ވިޔަފާރިތައް ހިމެނެ އެވެ.

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ގާތްގަނޑަކަށް 90 ޕަސެންޓް ވިޔަފާރިތަކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. އެހެންވެ، އެފަދަ ވިޔަފާރިތަކަށް ރަސްމާލެއިން ފުރުސަތުތައް ލިބިއްޖެ ނަަމަ އެއީ އިގްތިސާދަށް ސީދާ ކުރިއެރުން ލިބޭނެ ކަމެއް ކަމަށް އީވެލިއުސާވް އިން ގަބޫލުކުރެ އެވެ.

ދެވަނައަށް އެންމެ ބޮޑު ފައިދާއެއް ފެންނާނީ، އެ ތަނުގައި ތަރައްގީކުރާ ޓޫރިސްޓް ފެސިލިޓީތަކުންނެވެ. އެ ކުންފުނީގެ ދިރާސާއިން ދައްކާ ގޮތުން، ރަސްމާލެ ޕްރޮޖެކްޓްގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 900،000 ޓޫރިސްޓުން އެ ސަރަހައްދަށް އަންނާނެ އެވެ. އެއީ ވެސް އިގްތިސާދު ސީދާ ކުރިއަރާނެ ކަމެކެވެ.

ކޮންސްޓްރަކްޝަން ފެށޭއިރު 45،000 ވަޒީފާ، އޮޕަރޭޝަން ފެށުމުން 15،000 އިތުރު ވަޒީފާ

އީވެލިއުސާވްގެ އެސެސްމެންޓްގައި އިގްތިސާދު ކުރިއަރާ، އުފެއްދުންތެރިކަން އެތައް ގުނައަކަށް އިތުރުވުމާ ސީދާ ގުޅޭ ތިން ވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރީ ރަސްމާލެ ޕްރޮޖެކްޓްގެ ތެރެއިން އުފެދޭ ވަޒީފާތަކުގެ ފުރުސަތެވެ. އެ ޕްރޮޖެކްޓްގެ ތެރެއިން ގާތްގަނޑަކަށް 60،000  އުފެދޭނެ ކަމަށް ލަފާކުރެ އެވެ.

"އަންދާޒާއަކީ ގާތްގަނޑަކަށް 60،000 ވަޒީފާ އުފެދިގެންދާނެ ކަން. އެއީ ކޮންސްޓްރަކްޝަން ޕީރިއަޑްގައި 45،000 ވަޒީފާ އާއި އޮޕަރޭޝަން ފެށުމުން ގާތްގަނޑަކަށް 15،000 އަށް ވުރެ ގިނަ އިތުރު ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވޭ،" މީހައު ވިދާޅުވި އެވެ.

"އަންދާޒާއަކީ ގާތްގަނޑަކަށް 60،000 ވަޒީފާ އުފެދިގެންދާނެ ކަން. އެއީ ކޮންސްޓްރަކްޝަން ޕީރިއަޑްގައި 45،000 ވަޒީފާ އާއި އޮޕަރޭޝަން ފެށުމުން ގާތްގަނޑަކަށް 15،000 އަށް ވުރެ ގިނަ އިތުރު ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވޭ،" 
މީހައު

އީވެލިއުސާވް އިން ބުނި ގޮތުގައި، މިފަދަ ބިޔަ ޕްރޮޖެކްޓެއް ކުރިއަށް ގެންދާއިރު ޕްލޭނިން ސްޓޭޖުން ފެށިގެން ވެސް، ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތްތައް ޕްރޮޖެކްޓްގައި ހިމެނުން މުހިއްމެވެ. އެއީ ރާއްޖެ ފަދަ ގައުމަކަށް ކޮންމެހެން މުހިއްމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ. 

"މިފަދަ ޕްރޮޖެކްޓްތަކުގެ ލޭންޑް އޭރިއާގެ 22 ޕަސެންޓް ހާއްސަ ކުރަން ވާނީ ގްރީން އޭރިއާ އާއި އޯޕަން ސްޕޭސްތަކުގެ ގޮތުގައި ނުވަތަ ޕަބްލިކް އޭރިއާތަކުގެ ގޮތުގައި. މިކަންކަމަށް ޕްލޭނިން ސްޓޭޖުގައި އިސްކަން ދިނުން ވަރަށް މުހިއްމު،" ސީނިއާ މެނޭޖަރު އަރްނާވް ސަކްސޭނާ ވިދާޅުވި އެވެ.

ރަސްމާލެ، މެރީނާ ޕްރޮޖެކްޓް ނިމުމުން އެ ސަރަހައްދު އޮންނާނެ ގޮތުގެ އޭއައި ކުރެހުމެއް
ރަސްމާލެ، މެރީނާ ޕްރޮޖެކްޓް ނިމުމުން އެ ސަރަހައްދު އޮންނާނެ ގޮތުގެ އޭއައި ކުރެހުމެއް

އޭނާ ވިދާޅުވީ، އެ ސަރަހައްދުގެ މެރިން އީކޯ ސިސްޓަމް ހިމާޔަތްކޮށް ހެރިޓޭޖް ހިފެހެއްޓުމަށް ވެސް މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި މުރަކަ ހައްދައި، ފަރުތައް އާލާކޮށް، އެ ސަރަހައްދުގެ ދިރުންތައް އަނބުރާ ގެނައުމަށް ޕްލޭނެއް ވެސް ހަދަން ޖެހޭނެ އެވެ.

"ބްލޫ އިކޮނޮމީއެއް ތަރައްގީކުރާއިރު ލޯކަލް ކޮމިއުނިޓީތަކާ ގުޅިގެން އެފަދަ ޕްރޮޖެކްޓްތައް ހިންގުން ވަރަށް މުހިއްމު. އަދި އެ ސަރަހައްދުގެ ޖިއޮގްރަފީ އެނގޭ ފަރާތްތަކަށް އިސްކަން ދޭން ވާނެ. އެކަމުގައި އެންމެ ބެސްޓް ޕްރެކްޓިސްތައް ބޭނުންކޮށް މެރިން އެންވަޔަރުމެންޓް ހިމާޔަތް ކުރުމުގެ ޕްރޮގްރާމްތައް ހިންގުން ވަރަށް މުހިއްމު،" އަރްނާވް ވިދާޅުވި އެވެ.

ރާއްޖޭގައި އެފަދަ ބިޔަ ޕްރޮޖެކްޓެއް ހިންގާއިރު އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިޒާމެއް ގާއިމް ކުރުން ވަރަށް މުހިއްމު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.  ހާއްސަކޮށް ސޯލާ ހަކަތަ އުފެއްދޭނެ ނިޒާމެއް ގާއިމްކުރަން ޖެހޭނެ ކަން ފާހަގަކުރި އެވެ.

އީވެލިއުސާވް އިން ވަނީ ބޭރުގެ އެހެން ބައެއް ގައުމުތަކުގައި ހިންގާ މިފަދަ ބައެއް ޕްރޮޖެކްޓްތަކުން ފިލާވަޅު ހޯދައި، ދެމެހެއްޓެނިވި ނުވަތަ ސަސްޓެއިނަބަލް ލޯންގް ޓާމް ވެލިއު ހިފެހެއްޓުމުގައި ރާއްޖެއިން ވިސްނަންޖެހޭނެ ކަންކަން ވެސް ފާހަގަކޮށްފަ އެވެ.

އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި މިސްރުގެ ރެޑް ސީ ޕްރޮޖެކްޓާއި އިންޑޮނޭޝިއާގެ ކޫރާ ކޫރާ އާއި ލަންކާގެ ޕޯޓް ސިޓީ ޕްރޮޖެކްޓް ހިމެނެ އެވެ.

މެރީނާ ޕްރޮޖެކްޓް ނިމުމުން ރަސްމާލެ އޮންނާނެ ގޮތް ތަސައްވުރުކޮަށް، އީގަލްހިލްސްގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ކުރެހުމެއް.
މެރީނާ ޕްރޮޖެކްޓް ނިމުމުން ރަސްމާލެ އޮންނާނެ ގޮތް ތަސައްވުރުކޮަށް، އީގަލްހިލްސްގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ކުރެހުމެއް.

ތަރައްގީ ކުރުމުގެ މަރުހަލާ ދިގު މުއްދަތަކަށް ދެމިގެންދާ ރަސްމާލެ ފަދަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާއިރު، ސަރުކާރުގެ އެއްބާރުލުމާއި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރަން ޖެހޭކަން އެ އިދާރާއިން ފާހަގަކުރި އެވެ. އެއީ މަސައްކަތުގެ ސްޕީޑު އަވަސްކޮށް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ވަރަށް މުހިއްމު ކަމެކެވެ. 

ރަސްމާލެ ޕްރޮޖެކްޓްގެ ދިގު މުއްދަތުގެ ވެލިއު ހިފެހެއްޓުމަށް އަދި އީވެލިއުސާވް އިން ފާހަގަކޮށްފައިވާ ޕްރޮޖެކްޝަންތަކާ އެއްގޮތަށް އުފެއްދުންތެރިކަން އިތުރު ވާނީ ލޯކަލް އެސްއެމްއީ ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބޭނުން ހިފައި، އެ ފައިދާ އިގްތިސާދު ތެރޭގައި ހިފެހެއްޓިގެންނެވެ. 

ދިވެހި ވިޔަފާރިތަކަށް ރަސްމާލެއިން ވިޔަފާރީގެ ފުރުސަތުތައް ނުލިބި، ބޭރުގެ ވިޔަފާރިތަކަށް އެ ފުރުސަތުތައް ލިބިއްޖެ ނަމަ އިގްތިސާދަށް އެކަމުގެ އެންމެ ފުރިހަމަ ފައިދާ ނުފެންނާނެ ކަމަށް އީވެލިއުސާވް އިން ވެސް ބުންޏެވެ. އެހެންވެ، ރަސްމާލެ ފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ވާނީ، ދިވެހި ވިޔަފާރިތަކަށް ފުރުސަތުތައް އިތުރަށް ލިބި، ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ގޮތްތައް ބަލައިގެންނެވެ.