ރައީސް ނަޝީދު، މަލިކު ލަވައިގައި ކިޔާ ގޮތަށް ތާށިވެފައި!

ރާއްޖޭގެ ސިޔާސީ މަސްރަހުގެ އޮއިވަރު ބަދަލުވަމުންދާ ގޮތާ މެދު އެންމެ ފުންކޮށް ވިސްނަވާނެ އެއް ބޭފުޅަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ވެރިކަންކުރާ ޕީޕީއެމްގެ ތެރޭގައި ހިނގާ ބައިބައިވުންތަކާއި އެމަނިކުފާނުގެ އެމްޑީޕީ އާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާ ދެމެދު މިހާރު އުފެދިފައިވާ ގުޅުމާ މެދު އެންމެ ބޮޑަށް އުފާކުރައްވާނެ ބޭފުޅަކީ ވެސް ނަޝީދެވެ.


ރާއްޖޭގެ އަދި ޕީޕީއެމްގެ ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭރުގައި ހުންނަވާފައި ރާއްޖެ ވަޑައިގަތުމުން، އެމްޑީޕީގެ އިސް ވެރިން އެއާޕޯޓަށް ވަޑައިގެން މަރުހަބާ ދެންނެވި އެވެ. ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން، އެމްޑީޕީގެ ހަރުގެ އަށް ވަޑައިގެން އެޕާޓީގެ ޕޯޑިއަމްގައި ވާހަކަ ދައްކަވައިފި އެވެ. ރޯދަ މަހުގެ ރޭތައް އިހްޔާކުރުމަށް މައުމޫން ބޭއްވެވި ޖަލްސާ އަށް އެމްޑީޕީގެ އިސް ވެރިން ވަޑައިގަތެވެ.

މި މަންޒަރުތައް ބައްލަވަން ރާއްޖޭން ބޭރުގައި ހުންނެވުމަކީ، ހަމަ ގައިމު ވެސް ނަޝީދަށް ކެތް ކުރެއްވޭނެ ކަމެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު މިހާ ބޮޑަށް ފުރޮޅެމުން ބަދަލުވަމުންދާ ދަނޑިވަޅެއްގައި އެމަނިކުފާނުގެ އަމަލީ ބައިވެރިވުމެއް ނެތުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ވެސް ލިބޭ ފަޅުކަމެއް ކަމުގައި ނޫނީ ނުވާނެ އެވެ.

ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތުގެ އެހީގައި އެ ގައުމަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތުގައި ހުންނެވި ނަޝީދު މިހާރު އެންމެ ބޮޑަށް ބޭނުންފުޅު ވާނީ ވެސް ރާއްޖެ ވަޑައިގަތުމަށެވެ. އެ ވާހަކަ މިހާރު ކިތަންމެ ފަހަރަކު އެމަނިކުފާނު ވެސް ވިދާޅުވެއްޖެ އެވެ. އަދި ޕާޓީގެ އިސް ވެރިން ވެސް އެ ވާހަކަ ތަކުރާރު ކުރައްވައިފި އެވެ.

މި އަހަރުގެ ކުރީކޮޅު ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ: މިނިވަންކަމާ އެކު ރާއްޖޭގައި އުޅުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް ވިދާޅުވޭ. --ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވިދާޅުވީ 2018ގެ ރިއާސީ އިންތިހާބުގައި ވާދަ ވެސް ކުރައްވާނެ ކަމަށާއި ކެމްޕޭނަށް ނަޝީދު ރާއްޖެ ވަޑައިގެން އެކި ރަށްތަކަށް ދަތުރުފުޅު ވެސް ކުރައްވާނެ ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު ސްރީ ލަންކާގައި ބޭއްވި އެމްޑީޕީގެ އިސް ވެރިންގެ ބައްދަލުވުމަށް ފަހު އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ނަޝީދު ރާއްޖެ އަށް އެނބުރި ވަޑައިގަތަސް ޖަލަށް ދާން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ނަޝީދު ވަޑައިގަންނަވާނީ ރާއްޖޭގެ ހާލަތު ބަދަލުކުރެއްވުމަށް ފަހު ކަމަށެވެ.

މި އަހަރު ކުރީކޮޅު ބޭއްވި ޖެނީވާ ސަމިޓް 2017 ގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެ ވަޑައިގަތުމުން އެނބުރި ޖަލަށް ދާން ޖެހުނު ނަމަވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) މި އަހަރު ކުރީކޮޅު ލަންކާ އަށް ވަޑައިގެން އެމްޑީޕީގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: އެމްޑީޕީ

އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ތާރީޚު ވެސް ބައެއް މީހުން ދެ އެވެ.

ނަޝީދު އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދެވި ފަހުން، މިހާތަނަށް ރާއްޖެއާ އެންމެ ގާތަށް ވެސް ވަޑައިގެންނެވީ ލަންކާ އަށެވެ. އެއިން ކޮންމެ ފަހަރަކު ވެސް ނަޝީދާއި މާލެއާ ދެމެދަށް ހުރަސްވަނީ، އެ މަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމެވެ. އެހެންކަމުން ލަންކާގައި އެމްޑީޕީގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށް ފަހު، އެނބުރި އިނގިރޭސި ވިލާތަށް ވަޑައިގަތުން ނޫން ގޮތެއް ނޯވެ އެވެ.

ޖަލު ހުކުމް އެ ގޮތަށް އޮތަސް އެމްޑީޕީގެ އިސް ބޭފުޅުން އަދިވެސް ގަބޫލުކުރައްވަނީ ނަޝީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް އުންމީދު އެބަ އޮތް، ސެޕްޓެމްބަރުގައި (އޮންނަ އެމްޑީޕީގެ) ކޮންގްރެސްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރާއްޖޭގައި ހުންނަވައިގެން. ދެން އެއީކީ ސްކައިޕަކުންނެއް ނޫން،" އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް "މިހާރު" އަށް ވިދާޅުވި އެވެ.

"އެކަހަލަ އޮޅުވައިލުމެއްގެ ވާހަކައެއް ނޫން މި ދައްކަނީ. ހަމަ ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ރާއްޖޭގައި ހުންނަވައިގެން ކޮންގްރެސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ލަފާކުރެވޭ. އެ ގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ވެސް މި ގެންދަނީ."

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންތައް ހިނގާ ގޮތަށް ބަލާއިރު ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި މީހުން ވެސް ވަރަށް އަވަހަށް މިނިވަންވާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. އެ ގޮތުން ރައީސް ނަޝީދަށް ވެސް ފުރިހަމަ މިނިވަންކަމާ އެކު ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ އާ ޗެއާޕާސަން ހަސަން ލަތީފް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ: ސެޕްޓެމްބަރު މަހު އޮންނަ އެމްޑީޕީގެ ކޮންގްރެސް އަށް ރައީސް ނަޝީދު ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އެއްގޮތަކަށް ވެސް ސްކައިޕްއާ ވަޓްސްއެޕްއާ ފާޑުފާޑުގެ އެއްޗެހިންނެއް ނޫން. ހަމަ ފިޒިކަލީ ރައީސް ނަޝީދު ރާއްޖޭގައި ހުންނަވައިގެން ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވޭ ގޮތަކަށް އަޅުގަނޑުމެން ކޮންގްރެސް ބޭއްވޭތޯ މި ބަލަނީ."

އެމްޑީޕީގެ އިސް ބޭފުޅުން އެ އުންމީދުކުރައްވާ ފަދައިން ނަޝީދު ވެސް ހުންނެވީ، އެނބުރި ރާއްޖެ ވަޑައިގެންނެވޭނެ ފުރުސަތަކަށް އެދިއެދި އެވެ. އިދިކޮޅު ފަރާތްތަކުން، ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަށް ނަޝީދު ވެސް ނުހަނު ބޭނުންފުޅުވެ އެވެ.

"(އެމްޑީޕީ އާއި ގުޅިފައިވާ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ) މަސައްކަތް ކާމިޔާބު ކުރުމުގައި އެހީތެރިވުމަށް، އަޅުގަނޑަށް ވެސް މިނިވަންކަމާ އެކު ރާއްޖޭގައި އުޅުމުގެ ފުރުސަތު ލިބެން ޖެހެ އެވެ. މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތަށް އަޅުގަނޑު އެދެނީ އިންތިހާއަށެވެ،" އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ބޭފުޅުންނާއި ނަޝީދު ކިތަންމެ ބޮޑު އުންމީދެއް ކުރެއްވިޔަސް، ރާއްޖޭގެ ގާނޫނުތައް މިހާރު ހުރީކީ އެ ބޭފުޅުންގެ އެ އުންމީދުތައް ހާސިލުވާ ފަދަ ގޮތަކަށް ނޫނެވެ. އަދި ރައީސް ޔާމީން ފަޅީގައި ތިއްބެވި ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން، ނަޝީދަށް އޮތް ހުރަހެއްގެ ގޮތުގައި ވެސް ނަންގަވަނީ އެކަމެވެ.

"ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން، އެ ބޭފުޅުން އެ އުންމީދުކުރައްވާ ގޮތަށް ރާއްޖެ ވަޑައިގެން ރައީސް ނަޝީދަކަށް ނޫޅުއްވޭނެ. ކޯޓުގެ ހުކުމެއް އެމަނިކުފާނުގެ މައްޗަށް އެބަ އޮތް،" ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވި އެވެ.

"އެހެންވީމާ، އެމަނިކުފާނު ރާއްޖެ ވަޑައިގެން ހަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް ގާނޫނުތައް މިހާރު ހުރި ގޮތުން. އެހެން ރައްޔިތުންނާ އެއް ހަމައަކުން އެމަނިކުފާނާ ދޭތެރޭ ވެސް ކަންތައް ވެގެން ދާނީ."

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލް (ވ) ވާހަކަ ދައްކަވަނީ. ނަޝީދު ރާއްޖެ ވަޑައިގަތަސް ޖަލަށް ވަޑައިގަތުން ނޫން ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ނަޝީދުގެ މައްޗަށް ޝަރުއީ ހުކުމެއް އޮތް ކަމުގައި ވިޔަސް، މިހާރުގެ ހާލަތު ބަދަލުވެ، މިނިވަންކަމާ އެކު އެމަނިކުފާނަށް ވެސް ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ، އިދިކޮޅު ފަރާތްތަކުން ބޭނުންވާނެ ކަމެކެވެ. ނަމަވެސް އެވަރުގެ ޝަރުއީ ހުކުމެއްގައި ހުންނެވި ބޭފުޅަކު އަލުން ސިޔާސީ މައިދާނަށް ނެރުމަށް އެވަރަށް މަސައްކަތް ކުރަނީ، އިދިކޮޅު ސިޔާސީ ހަރަކާތްތައް ލީޑް ކުރައްވާނެ އެހެން ބޭފުޅަކު ނެތީމާ ހެއްޔެވެ؟

"ނަޝީދަކީ އިދިކޮޅު ފަރާތްތަކުން އައިޑިލައިޒް ކުރާ މީހެއް. އޭގެ އިތުރުން ސަޕޯޓަރުންނަށް ވެސް މި ވިއްކަނީ އެއިއްޔޭ ހުރި ހަމައެކަނި މީހަކީ. އެމްޔޫއޯއެއް ހަދައިގެން އޭގެ ލީޑަރަކަށް ޑރ. ޖަމީލު ނަންގަވާފައި ހުރީ. ނަމަވެސް އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ، ޑރ. ޖަމީލު ވެސް އެމްޔޫއޯގެ ނާއިބު ވެސް ބާކީ ވެފައި ހުންނަވާ ތަން. އެމްޔޫއޯ ނެތް ހަގީގަތުގައި މިހާރަކު. އޭގެ ބަދަލުގައި މި ފެންނަނީ އެމްޑީޕީން ހުރިހާ ކުޅިތަކެއް ކުޅޭ ތަން،" ޚަލީލް ވިދާޅުވި އެވެ.

އެމްޑީޕީގެ އަހަރީ ދުވަހު ނަޝީދު ނުރުއްވި ބަޔާނުން ދޭހަވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ބޭނުންފުޅުވާ މިންވަރެވެ. ނަމަވެސް ސަރުކާރުގެ މިހާރުގެ ސިޔާސަތަށް ބަލާއިރު، އެ މަނިކުފާނަށް އެ ފުރުސަތު ދެއްވަފާނެތޯ ސުވާލު އުފެދެ އެވެ.

ޚަލީލު ސިފަކުރެއްވި ގޮތުގައި ނަޝީދު މިހާރު އެ ހުންނެވީ މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވި މަލިކު ލަވައިގައި ބުނާ ފަދަ ހާލަތެއްގަ އެވެ. "އަޅުގަނޑުމެންނަށް މި ފެންނަނީ، އެމަނިކުފާނު ވަޑައިގަންނަވަން ވެސް ބޭނުންފުޅުވޭ. އެކަމަކު އެކަން ކުރެއްވޭކަށް ވެސް ނެތް. ވަޑައިނުގެން ހުންނެވޭކަށް ވެސް ނެތް. ދެން ރާއްޖޭގެ ސިޔާސީ ކަންކަމުގައި ރިލަވަންޓް ވެގެން ހުންނަވަން ބޭނުންފުޅުވަނީ ވިއްޔާ ރާއްޖެ ވަޑައިގަންނަވަން ޖެހޭނެ،" ޚަލީލް ވިދާޅުވި އެވެ.

ނަމަވެސް އެމަނިކުފާނުގެ މިޒާޖުފުޅު ހުރި ގޮތަށް ބަލާއިރު ޖަލުގައި ހުންނަވަން ރާއްޖެ ވަޑައިގަތުމަކީ ވުމަށް ވުރެ ދުރު ކަމެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެ، ޖަލުގެ ގޮޅިއަށް ވަޑައިގަންނަވަން ނުޖެހޭނެ ފަދަ ގޮތަކަށް ގާނޫނުތަކަށް ބަދަލެއް އައިސްގެން ނުވަތަ ކޯޓު މެދުވެރިކޮށް، އެމަނިކުފާނުގެ ހުކުމް ބާތިލުވެގެން ނޫނީ ރާއްޖެ ވަޑައިގަތުން ދުރެވެ.