އަދަދު ހަމައެއް ނުވި، މިއީ "ބާތިލް" ހާލަތެއް؟!

ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރުން އެއް ކަމަކަށް އެއްބަސްވެވަޑައިގަންނަވަ އެވެ؛ އެއީ، އެ ގަރާރު ފާސްކުރަން، މަޖިލީހުގައި 43 މެމްބަރުން ހާޒިރުވެ ތިއްބަވަން ޖެހޭނެ ކަމެވެ. ގާނޫނުއަސާސީގެ 87 ވަނަ މާއްދާ އިން ވެސް އެކަން ވަރަށް ސާފެވެ. އެ ނޫން، ގާނޫނީ ހުރިހާ ވާހަކަތަކަށް، ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ގެންދަވަނީ ޑިފެންސަށް ކުޅުއްވަމުންނެވެ.


ގާނޫނުއަސާސީގެ އެ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރަން ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާ އަށް ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެއީ މަޖިލީހުގެ މިހާރުގެ ޖުމްލަ 85 މެމްބަރުންގެ އަދަދުން ބަލާއިރު 43 މެމްބަރުންނެވެ.

އެކަމަކު ގަރާރު ހުށަހެޅުމުގެ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަތީ ސަރުކާރު ކޯލިޝަންގެ ޖުމްލަ 39 މެމްބަރުންނެވެ. ގާނޫނުއަސާސީއާ ޚިލާފަށް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ އެކުު އަނެއްކާވެސް ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގަން ސަރުކާރަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށް ބުނެ އިދިކޮޅުން ޖަލްސާ ބޮއިކޮޓްކުރީ އެވެ.

އެހެންވިއަސް ގަރާރު ފާސްކުރާނެ ކަމަށް ބުނެ މަޖިލީހުގެ ޖަލްސާއެއް ރޭ ބާއްވަން މަސައްކަތް ކުރި އެވެ. އެކަމަކު ފަހު ވަގުތު ޖަލްސާ ކެންސަލްކުރީ ވެސް ގާނޫނުގައި ބުނާ އަދަދު ހަމަނުވެގެން ކަމަށް ބެލެވެ އެވެ. އަދަދު ހަމަވި ނަމަ ރޭ ވެސް ގަރާރު ފާސްކޮށް ނިންމާލަންވީ އެވެ. ދިގު ދެންމުމުގެ ބޭނުމެއް ނެތެވެ.

މެޖޯރިޓީ ގެއްލިއްޖެ، އަދަދު ހަމައެއް ނުވާނެ!

ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މިހާރު ވަނީ ފެށިފަ އެވެ. އެކަމަކު ގާނޫނާ ޚިލާފަށް ދައުރުން ބޭރު ޖަލްސާއެއް ބާއްވަން އެޖެންޑާކުރުމުން އަމާޒުކުރި ފާޑުކިއުންތަކަށް ޕީޕީއެމުން ރައްދު ދިނީ މިގޮތަށެވެ؛ "ޖަލްސާގައި ސައިޒު ދައްކާލާނަމެ"ވެ. މާނައަކީ، މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ޔާމީނަށް ކަން އެ ޖަލްސާ އިން ސާފުވާނެ ކަމެވެ.

މިގޮތަށް މެމްބަރުން ވިދާޅުވެފައި ވަނިކޮށް، ދެން ފެނުނީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުން ޖަލްސާއަށް ނުވައްދަން ސަރުކާރުން ކުރި މަސައްކަތެވެ. ބޭނުމަކީ މަޖިލީހަށް ހާޒިރުވެ ގަރާރު ފޭލްކޮށްލަން އިދިކޮޅަށް ފުރުސަތު ނުދިނުމެވެ. ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރުގައި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އޮތް ބަޔަށް އަމަލުކުރުން މަޑުޖައްސަލަން ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް އަމުރެއް ނެރުނީ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފާޑުކިޔަނީއެއް ނޫނެވެ؛ އެކަމަކު މެމްބަރުންގެ ކަންބޮޑުވުމަކީ، އެ ކޯޓުގެ އަމުރެއް، ފަހު ވަގުތު ސަރުކާރުން ބޭނުންވި ގޮތަކަށް ބަދަލު ކުރުމެވެ. އެއީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ނުފޫޒެއް ނެތި ނެރުއްވި އަމުރެއް ކަމަށް އެ 12 މެމްބަރުން ގަބޫލުނުކުރައްވަނީ އެހެންވެ ކަމަށް ވެސް ވެދާނެ އެވެ.

މަޖިލީހުގެ ކޮންޓްރޯލް ސަރުކާރަށް ގެއްލުން

މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި މިހާރު ތިއްބެވީ 41 މެމްބަރުންނެވެ. އެއީ ޕީޕީއެމްގެ 36 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނެވެ. މީގެ ތެރޭގައި، ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ސަރުކާރާ އިދިކޮޅު ޕާޓީތަކަށް 44 މެމްބަރުން މިހާރު އެބަތިއްބެވި އެވެ. އެކަމަކު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހުންނެވީ ހައްޔަރުކޮށްފަ އެވެ. އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުންނެވީ އަމިއްލަ އަށް އަރުވާލެއްވިގެން ޖަރުމަނުވިލާތުގަ އެވެ.

މަޖިލީހުގެ މެމްބަރުން މިހާރު ބެހިފައިވާ ގޮތަށް ބަލާއިރު، ގަރާރު ފާސްކުރަން ބޭނުންވާ އަދަދަށް ޕީޕީއެމަށް ވޯޓު ހަމައެއް ނުވާނެ އެވެ.

ސައްހަތޯ، ނޫންތޯ ބަހުސަކަށް!

މި ގަރާރާ ގުޅޭ ގޮތުން ވެސް ޕީޕީއެމާއި އިދިކޮޅުގައި ބޮޑު ކޯޅުމެކެވެ. އެ ބަޔަކަށް ފަހިވާ ގޮތަށް ގާނޫނުއަސާސީ އާއި ގާނޫނުތައް މާނަކޮށްގެން ރައްޔިތުންނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަނީ އެވެ.

އިދިކޮޅު މެމްބަރުން ފުރަތަމަ ނަގާ މައްސަލައަކީ، މަޖިލީހުގެ ދައުރު ފެށިފައި ވަނިކޮށް ގަރާރު ފާސްކުރަން ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމެވެ. ގައުމުގައި ނެތް ހާލަތެއް، ސަރުކާރު ބޭނުންވާ ކަންތައްތަކެއް ކުރަން އުފައްދައި، ބާއްވަން އުޅެނީ ގާނޫނާޚިލާފު ޖަލްސާއެއް ކަމަށް އިދިކޮޅުން ބުނެ އެވެ. އެއާ އެކު، ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައިގެން ހިންގަވަނީ ވެސް ގާނޫނާ ޚިލާފު އަމަލުތަކެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

އެކަމަކު ސަރުކާރުން ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހުނީ، ބޮޑެތި ހުކުމްތަކެއްގައި ތިބި އިދިކޮޅު ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން މި މަހު 1 ގައި، ނެރުނު އަމުރުން ދައުލަތުގެ ހިންގުން އޮޅުންބޮޅުންވެ، މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރައި ގައުމާއި ރައްޔިތުންނާ ގުޅުން ހުރި އެތައް މަސްލަހަތުތަކެއް ގެއްލިދާނެތީ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި މަހު 5 ގައި ރައީސް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު މިރޭ 8:00 ގެ ކުރިން މަޖިލީހުން ފާސްނުކޮށްފި ނަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ހިންގި ހުރިހާ ކަމެއް ވެސް ބާތިލްވާނެ ކަމަށެވެ.

"ފަނަރަ ދުވަހަށް ހިންގާފައި މި އޮތް ސްޓޭޓް އޮފް އިމަޖެންސީ މާދަމާ ރޭ [މިރޭ] 8 ޖެހުމާ ހަމައަށް، މިއަށް ގޮތެއް ނުނިންމައިފިއްޔާ ގަރާރު ބާތިލްވެގެންދާނެ. އެއާ އެކު މި ސްޓޭޓް އޮފް އިމަޖެންސީގެ ދަށުން ހިންގާފައިވާ ހުރިހާ ކަމެއް ވެސް ބާތިލްވެގެންދާނެ،" އިބޫ ވިދާޅުވި އެވެ.

ގަރާރު ފާސްކުރަން ބޭނުންވާ އަދަދަށް، ޕީޕީއެމަށް މަޖިލީހުގެ މެމްބަރުން ހަމަނުވާނެ ކަމަށް ވެސް ވަރަށް ޔަގީންކަމާ އެކު އޭނާ ވިދާޅުވި އެވެ.

އިދިކޮޅުގެ މި ވާހަކަތަކަށް ފާޑުކިޔައި، ޕީޕީއެމުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ އެ ގަރާރު ފާސްކުރެވެން އޮތީ 43 މެމްބަރުން ހަމަވެގެން ކަމަށް ވިއަސް އަދަދު ހަމަނުވާ ނަމަ އެ ގަރާރު ފާސްނުކޮށް ބޭއްވޭނެ ކަމަށެވެ.

އެއީ ފާސްކުރަން ކޮންމެހެން ލާޒިމު ގަރާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ގަރާރު ބާތިލް ކުރުމަށް ވޯޓް ދޭން ޖެހޭނީ ހިތްހަމަނުޖެހޭ މެމްބަރުންނެވެ.

އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމަކުން ނުވަތަ ނުކުރުމަކުން ކުއްލި ނުރައްކަލުގެ ހާލަތަށް ބަދަލެއް ނާންނާނެ ކަމަށެވެ. "މި ގަރާރު ފާސްނުވެގެން މާދަމާ [މިއަދަށް] މުއްދަތު ހަމަވެއްޖިއްޔާ، ގާނޫނުއަސާސީގައި އެބަ އޮތޭ މިހާރު އޮތް ހާލަތުން އަނެއް 15 ދުވަސް އިއުލާން ކުރުމުގެ ނުވަތަ 30 ދުވަސް އިއުލާނު ކުރުމުގެ އިހުތިޔާރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ގަރާރު ފާސްކުރަން ދައުރުން ބޭރު ޖަލްސާއެއް މިއަދު ބާއްވަން މިވަނީ ނިންމައިފަ އެވެ.

އެއް ކަމެއް ޔަގީނެވެ؛ ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު، "ކޮންމެ ގޮތަކުން" ނަމަވެސް ފާސްކުރާނެ ކަމެވެ. ގާނޫނާއި ގަވާއިދުތައް ބޭނުން ގޮތަކަށް މާނަކޮށްގެން ނަމަވެސް ސަރުކާރުގެ މެމްބަރުން އެކަން ކުރައްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ. އޭގެ މިސާލަކީ އަދަދު ހަމަނުވިޔަސް ގަރާރު ފާސްކުރާނެ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވި ވިދާޅުވުމެވެ.

އެއާ އެކު ދެން އޮތީ، ކުއްލި ނުރައްކަލުގެ ހާލަތު ސައްހަތޯ ނޫންތޯ ކަނޑައެޅުމެވެ.