މިފަހަރު ހުވާކުރާ ގަޑި ވެސް، ތަން ވެސް ތަފާތު!

ރިޔާސީ އާ ދައުރެއް މިއަދު އަނެއްކާވެސް ފެށެނީ އެވެ. ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އަންނަ ބޮޑު ދުވަހެވެ. ގައުމުގެ ރައީސްގެ މަގާމާ އިބްރާހިމް މުހައްމަދު ސާލިހު އަދި އެމަނިކުފާނުގެ ނާއިބްގެ މަގާމާ ފައިސަލް ނަސީމް ހަވާލުވެވަޑައިގަތުން މި ފަހަރު ހުރިހާ ގޮތަކުން ވެސް ތަފާތެވެ.


އިބޫ އާއި ފައިސަލަކީ ވެސް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ސިޔާސީ ކުރިމަގު ބިނާކުރެއްވި ދެ ބޭފުޅުންނެވެ. މީގެ ތެރެއިން އިބޫ އަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ ވަރަށް މުހިއްމު ބައިވެރިއެކެވެ. އެ މަޖިލީހުގެ މެމްބަރުކަން އިބޫ ވަނީ 25 އަހަރު ކުރައްވައިފަ އެވެ.

ރާއްޖޭގެ ރައީސްގެ މަގާމަށް ވަޑައިގަންނަވާ އަތޮޅުތެރޭގެ ފުރަތަމަ ބޭފުޅާގެ ޝަރަފް އިބޫ އަށް ލިބިވަޑައިގަންނަވާއިރު ދެން އޮތީ ވެސް އެހާމެ ހާއްސަ ކަމެކެވެ. އެއީ އެމަނިކުފާނު މިހާތަނަށް ވާދަކުރެއްވި ހަ އިންތިހާބު ވެސް ކާމިޔާބުކުރެއްވުމުގެ ފަހުރެވެ. ރިޔާސީ އިންތިހާބުގެ ކުރިން މަޖިލީހުގެ ފަސް އިންތިހާބު ކާމިޔާބުކުރެއްވި އެވެ.

ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ މި އަހަރުގެ، ރިޔާސީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ވެސް ތަފާތެވެ. މިއީ ގިނަ އަދަދެއްގެ ބަޔަކަށް ދައުވަތު ދީގެން ގަލޮޅު ދަނޑުގައި ރިޔާސީ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާ ފުރަތަމަ ފަހަރެވެ.

ދިވެހި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ޖެނުއަރީ 1، 1953 ގައި ރައީސް ކަމުގެ ހުވާ ކުރެއްވީ، މަޖީދިއްޔާ ސްކޫލްގެ ހޯލް ކަމަށް ވާ، ދާރުލްއުލޫމުގަ އެވެ. ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު، 1968 އާއި 1973 ގައި ރައީސް ކަމުގެ ހުވާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގަ އެވެ.

ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން

ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމަށް ބަލާއިރު ފުރަތަމަ ރައީސް ކަމުގެ ހުވާ 1978 ގައި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގަ އެވެ. އޭރު މަޖިލިހުގެ އިދާރާއަކީ މިހާރު ގުރުއާނާ ބެހޭ މަރުކަޒު ހިންގާ އިމާރާތެވެ.

ދެވަނަ ދައުރުގެ ހުވާ، 1983 ގައި، މައުމޫން ކުރެއްވީ މާލޭގެ ހިއްކި ބިމުގަ އެވެ. މާލޭގެ ބިން ހިއްކުމަކީ އޭރު ވަރަށް ބޮޑު މަސައްކަތެކެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް 1990 ގައި ދަރުބާރުގެ ހެދި ފަހުން، ރިޔާސީ އާ ދައުރުތަކުގެ ހުވާ އެތަނުގައި މައުމޫން ކުރެއްވި އެވެ.

މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމުނު 2008 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ރައީސް މުހައްމަދު ނަޝީދު ވެސް، ރިޔާސީ ހުވާކުރެއްވީ ދަރުބާރުގޭގަ އެވެ. އެކަމަކު ފެބްރުއަރީ 7، 2012 ގެ ހަމަނުޖެހުންތަކާ ގުޅިގެން ނަޝީދު އިސްތިއުފާ ދެއްވުމާ އެކު ކުއްލި ގޮތަކަށް އެދުވަހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި، އެމަނިކުފާނުގެ ނައިބު މުހައްމަދު ވަހީދު ހުވާކުރެއްވީ ރައްޔިތުންގެ މަޖިލިހުގަ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުން ބާތިލްކުރި ރިޔާސީ އިންތިހާބު އޮތް 2013 ގައި، އެ ކޯޓުން ކަނޑައެޅި ގައިޑްލައިނެއްގެ ދަށުން އަލުން ދެ ބުރަށް އިންތިހާބު ބާއްވައި، ކާމިޔާބުކުރެއްވި ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ ދަރުބާރުގޭގަ އެވެ. މިއީ ނޮވެމްބަރު 11، 1968 އިން ފެށިގެން، ނޮވެމްބަރު 11 ގައި ރިޔާސީ ހުވާކުރުމުގެ ސަގާފަތް ރާއްޖެ އިން ބަދަލުވި ފަހަރު ވެސް މެ އެވެ. ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17 ގައި ކަމުން، ރިޔާސީ އެ ދައުރު ނިމެނީ މިއަދަށެވެ.

މިފަހަރު ދުނިޔޭގެ ލީޑަރެއްގެ ބައިވެރިވުން

ރިޔާސީ އާ ދައުރުގެ ހުވާކުރުމުގެ ރަސްމިއްޔާތު މި ފަހަރު ތަފާތުވާ އަނެއް ސަބަބަކީ، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަތުމެވެ. މިއީ ރިޔާސީ ހުވާކުރުމުގެ ރަސްމިއްޔާތުގައި އެފަދަ ވެރިޔަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ބޮޑު ވަޒީރު މޯދީ މިނިވަން ދުވަހުގެ ތަގްރީރު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ

ރައީސް ޔާމީންގެ ސަރުކާރާ އެކު ގުޅުން ގޯސްވެފައިވާ އިންޑިއާގެ ބޮޑުވަޒީރު މޯދީ މިއަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިތުރުން މިރޭ ކުރުނބާގައި ބާއްވާ ރަސްމީ ޖާފަތުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެނބުރި އިންޑިއާއަށް ވަޑައިގަންނަވާނީ ވެސް މިރެ އެވެ.

މިފަހަރުގެ ރަސްމިއްޔާތުގައި ވެސް ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށް ވާ ޗައިނާ އާއި އެމެރިކާގެ އިތުރުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ޖަޕާނާއި ޔޫރަޕާއި އޭޝިއާގެ ބައެއް ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަނެ އެވެ.

ވަގުތު ވެސް ތަފާތު

ރައީސްކަމާއި ނައިބު ރައީސްކަމުގެ ހުވާކުރެއްވުމުގެ ޖަލްސާ ފަށަން އޮތީ ހަވީރު 5:00 ގަ އެވެ. މި ގަޑީގައި މީގެ ކުރިން ރިޔާސީ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައެއް ނުވެ އެވެ.

ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް އަމީން ހުވާކުރެއްވީ މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ނާސިރު ހުވާކުރެއްވީ ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ 12 ޖެހުމާ އެކު، ރައްޔިތުންގެ މަޖިލިހުގަ އެވެ.

ރައީސް މައުމޫން ފުރަތަމަ ފަހަރަށް ރައީސް ކަމުގެ ހުވާ ކުރެއްވީ ވެސް ނޮވެމްބަރު 10 ވަނަ ދުވަހުގެ ރޭ 12 ޖެހުމާ އެކު އެވެ. އެކަމަކު އޭގެ ފަހުން ރިޔާސީ ހުވާކުރެއްވީ ހެނދުނުގެ ވަގުތުތަކުގަ އެވެ.