ކޮވިޑް-19 ޖެހުނު ދިވެހި ފުރަތަމަ މީހާގެ ތަޖުރިބާ

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އެކު ބައެއް މީހުން އިންތިހާ އަށް ދެރަވެ، މާޔޫސްވެ އެވެ. ފުރާނަ ސަލާމަތް ނުވާނެ ކަމުގެ ވިސްނުން ސިކުނޑީގައި ވަށާލަ އެވެ. ގޮތް ނޭނގޭ، އަދި މިހާތަނަށް ބޭހެއް ވެސް ނުހޯދޭ ބައްޔަކަށް ވުމުންނެވެ.


މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގައި ވަޒީފާ އަދާކުރާ މުއައްމަރު މުހައްމަދު 38، ބަދަލުކުރީ ބައްޔާ މެދު ވިސްނި ގޮތެވެ. އޭނާގެ ހަށިގަނޑަށް ނުރައްކާތެރި ވައިރަސް ވަން ގޮތަކާ ދޭތެރޭ ފުރަތަމަ ކަންބޮޑުވި އެވެ. މިހާތަނަށް ވެސް ކިހިނެއް ކަމެއް ނޭނގެ އެވެ.

މުއައްމަރު "މިހާރު" އަށް ކިޔައިދިން ވާހަކަތަކަށް ބަލާއިރު، ބަލި ޖެހުނީ އިނގިރޭސި ވިލާތުގައި އޭނާ ހުރި މިލިޓަރީ ކޭމްޕްގެ ތަމްރީންތައް ނިންމައި މާލެ އައުމުގެ ދަތުރުމަތީގައި އެރި ޓެކްސީން ކަމަށް ވެދާނެ އެވެ. ހީތުރޯ އެއާޕޯޓު ނުވަތަ ދުބާއީ އެއާޕޯޓުން ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. ލަންޑަނުން އޭނާ އެނބުރި ރާއްޖެ އައިއިރު އެ ދެ ގައުމުގައި ވެސް ދިޔައީ ވައިރަސް ފެތުރެމުންނެވެ.

ދަތުރުމަތީގެ ހުރިހާ ވަގުތެއްގައި ވެސް މާސްކް އެޅުމާ އެކު ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަކަށް ސަމާލުވި ކަމަށް އޭނާ ބުންޏެވެ.

މާޗް 22 ގައި ރާއްޖެ، ކަރަންޓީގައި ހުއްޓާ، އައިސް ހަފުތާއެއް ނުވަނީސް ބައްޔަށް އޭނާ ޕޮޒިޓިވްވީ އެވެ. ދިވެއްސަކަށް މި ބަލި އެންމެ ފުރަތަމަ ޖެހުނީ އޭނާ އަށެވެ. އެކަމަކު ބަލިން ރަނގަޅުވެ، މިދިޔަ އާދީއްތަދުވަހު މަސައްކަތަށް ނުކުތުމާ ހަމައަށް ވެސް އޭނާ ނަގައި ނުލީ އުއްމީދެވެ.

"ހިތްވަރުކޮށްފި ނަމަ ދެރަ ގޮތެއް ނުވާނެއޭ ގަބޫލުކުރީ. އެ ނޫން ހުރިހާ ވިސްނުންތަކާ ދުރުވީ. މިކަމަކީ މެންޓަލީ ވެސް މީހާ ވަރަށް ބަލިކަށިކޮށްލާ ކަމެއް، އެހެންވެ، ބޮޑަށް ބެލީ މި ވައިރަހާ ގުޅިގެން ވެސް ދެރަވާ ކަންކަމާއި ޚަބަރުތަކާ ވެސް ދުރުވެވޭތޯ،" މުއައްމަރު ބުންޏެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ޖެހުނު މުއައްމަރު (ކ)، ޗީފް އޮފް ޑިފެންސް، ޝަމާލާ އެކު ފޮޓޯއަކަށް ހުއްޓިގެން.- ޓްވިޓާ ފޮޓޯ: މުއައްމަރު

މި ބަލީގައި ބޮޑުވަރުވަނީ އުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކުގައި ފަރުވާ ހޯދާ މީހުންނަށް ކަމަށް ކުރިން ލަފާކޮށްފައި އޮތަސް ވަރަށް ޒުވާން އުމުރުގެ މީހުންނަށް ބަލި ޖެހި ފުރާނަ އަށް ނުރައްކާވެފައި އެބަ ހުއްޓެވެ. އެހެންކަމުން، ވަކި އުމުރެއް ނެތި މިއީ ނުރައްކާތެރި، ސީރިއަސްވާން ޖެހޭ ބައްޔެއް ނަމަވެސް ނުރަނގަޅު ވިސްނުންތަކުގެ ތެރެއަށް ގެނބިގެން ނުދިއުން މި ބަލީގައި މުހިއްމު ކަމަށް މުއައްމަރު ދެކެ އެވެ.

މިއީ، ބަލި ޖެހޭ އެންމެން ރަނގަޅުވާނެ ކަމަށް ދެކި ފަރުވާކުޑަ ކުރެވެން އޮތް ބައްޔެއް ވެސް ނޫނެވެ.

ރޯޔަލް މިލިޓަރީ އެކަޑަމީގެ ތަމްރީނަށް އޭނާ ޔޫކޭ އަށް ފުރީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގަ އެވެ. މުއައްމަރު ދިޔަ ކޭމްޕަކީ ވައިރަހުގެ ނުރައްކާ އޮތް ސަރަހައްދެއް ނޫނެވެ. އެއީ، މީހުންނަށް އާއްމުކޮށް ވަދެ ނުކުމެ އުޅޭ ތަނަކަށް ނުވާތީ އެވެ.

ބޭރު ގައުމުތަކުން އަންނަ ދިވެހިން ކަރަންޓީންކުރަން ކަނޑައެޅި އުސޫލަށް އޭރު އަމަލުކުރަން ފަށާފައިވާތީ މާލެ އައިސް މުއައްމަރަށް ޖެހުނީ 14 ދުވަހަށް އެކަހެރިވާށެވެ. އޭނާ ބުނިގޮތުގައި ކުރިން ނިންމައިގެން ހުރީ ވެސް އެގޮތަށް އަމަލުކުރާށެވެ.

އޭނާގެ ހަށިގަނޑުން ކޮވިޑް-19ގެ އަލާމާތްތައް ފެނުނީ ހޮލިޑޭ އައިލެންޑްގެ ކަަރަންޓީނު ފެސިލިޓީއަށް ދިޔަތާ ތިން ވަނަ ދުވަހެވެ. ހުން އައިސް ބޮލާއި ގައިގައި ރިއްސަން ފެށުމުން އެ ތަނުގައި ތިބި ޑޮކްޓަރުންނަށް ރިޕޯޓްކުރުމުން އޭނާ ކޮވިޑަށް ޓެސްޓްކުރިއިރު ޕޮޒިޓިވްވީ އެވެ.

ހުން އަންނަތާ ތިން ވަނަ ދުވަހު މުއައްމަރަށް ބައެއް އެއްޗެހީގައި ވަހެއް ނުދުވަ އެވެ. އެކި މީހުންގެ އަލާމާތްތައް ތަފާތު އިރު އެއީ ވެސް މި ބަލީގައި ދިމާވާ ކަމެކެވެ.

"ހިއެއް ނުކުރަން ޕޮޒިޓިވްވާނެ ކަމަކަށް. އެއަށް ވުރެން ގަދަ ހުމުގައި ތެދު ނުވެވޭވަރު ފަހަރު ވެސް އާދޭ. އެކަމަކު [ކޮވިޑުގައި] އެ ފަހަރު އެންމެ ހުން ގަދަވި އިރު ވެސް ހުރީ 37 ގައި، ތިން ދުވަސް ތެރޭ ހުން ރަނގަޅު ވެއްޖެ،" އޭނާ ބުންޏެވެ.

"ވަރަށް ވަރުދެރަކޮށް ހުރީ. އަނެއްހެން މާ ބޮޑު އުނދަގޫތަކެއް ކުރިމައްޗެއް ނުވޭ. ރަނގަޅުވަމުން އައިއިރު އެކަން އަމިއްލަ އަށް އިހްސާސް ވެސް ވި،" އޭނާ ބުންޏެވެ.

އެސްޓީއޯ އިން ގޭގެ އަށް ޑެލިވަކޮށްދޭން ޖެހޭ މުދާ ގިނަވެ ބާރުބޮޑުވުމާ އެކު މުދާ އުފުލައިދޭން ސިފައިން ނުކުމެ ޑެލިވަރީގައި.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ޕޮޒިޓިވްވުމުން އޭނާ ގެންދިޔައީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީ އަށެވެ. އެ ތަނުގައި ގަވާއިދުން ބަލި މީހުންގެ ޗެކަޕް ހަދައި، ނަފްސާނީ ގޮތް ވެސް ހިތްވަރު ލިބޭ ވާހަކަތައް ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން އިވުނު ކަމަށް ބުންޏެވެ.

މުއްމަރު ބުނީ އެމްއެންޑީއެފުންގެ ލީޑަޝިޕުން ދިން ހިތްވަރަކީ ވެސް އޭނާގެ އަޒުމް ވަރުގަދަވި ކަމެއް ކަމަށެވެ.

"އެކޮޅުގައި ހުރި ދުވަސްވަރު މިނިސްޓަރާއި ޗީފާއި އަޅުގަނޑުގެ ކޮމަޑާންޓްސް ވެސް ގުޅުއްވައި ހާލު ބައްލަވައި ހެއްދެވި، އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އެމްއެންޑީއެފްގައި ގާތްގަނޑަކަށް 20 އަހަރު ވެފައިވާ މުއްމަރު ބުންޏެވެ.

ލޮކްޑައުން ވަގުތުގައި ކާތަކެތި ޑެލިވާ ކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް އިން ބައިވެރިވަނީ

ބަލި ޖެހުމުން މާ ބޮޑަށް ވިސްނުމަކީ އިތުރު ބައްޔަކަށް ހުށަހެޅިދާނެ ކަމެކެވެ. މުއައްމަރު ބަދަލުކުރީ އެ ވިސްނުމެވެ. އޭގެ ކުރިން އިސްކަންދޭން ޖެހެނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަމިއްލަ އަށް އެޅުމަށެވެ. އަމިއްލަ ގައިން، އެހެން މީހެއްގެ ހަށިގަނޑަށް ވައިރަސް ވަދެއްޖެ ނަމަ އިތުރު ބަޔަކު ނުރައްކަލަކަށް ހުށަހެޅޭނެތީ އެވެ.

ފަރުވާ އަށް ފަހު އޭނާ މިހާރު ހުރީ، މި ބަލިމަޑުކަމުގައި މުއައްސަސާތައް ގުޅިގެން ކުރާ މަސައްކަތުގައި، ރައްޔިތުންގެ ފުރާނަ ސަލާމަތް ކޮށްދިނުމުގައި ކުރީ ސަފުގަ އެވެ. އާއިލާއާ އެންމެ އަވަހަށް ދެން ބައްދަލުވާނީ ކޮން ދުވަހަކު ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

"ގަބޫލުކުރަން ޖެހެނީ ކިތަންމެ ނުރައްކާތެރިއަސް ބަލިން އަރައިގަނެވޭނެ ކަން. އެ ގޮތުގައި ކުރިއަށް ދިޔައީމަ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ،" މުއައްމަރު ބުންޏެވެ.