ރިޕޯޓް / ކޮވިޑް-19

އެންމެ ހާލަތު ގޯސް އިންޑިއާގެ މީހުންނަށް ރާއްޖޭގައި ހާއްސަ "ކަރަންޓީން ޕެކޭޖު"

އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އަންނަނީ، ވަޒީފާ އަދާ ކުރާ މެދުއިރުމަތީގެ ގައުމަށް ދާ މަގުމަތީގައި ޓްރާންސިޓްއަށް. އެ މީހުން 14 ދުވަހު މަޑުކުރާއިރު، ގެސްޓު ހައުސް އަދި ރިސޯޓުތަކުން އެ ވިއްކަނީ "ކަރަންޓީން ޕެކޭޖް"ގެ ގޮތުގައި.

އިންޑިއާގެ ޓޫރިސްޓުންތަކެއް ރަސްދޫ އަތިރިމަތީގައި މަޑުކޮށްލައިގެން: އެ އަތޮޅުގައި އިންޑިއާގެ ޓޫރިސްޓުން މި ވަގުތު ގިނަ-- މިހާރު ފޮޓޯ: އައިމިނަތު ޝިފްލީން

ކޮވިޑްގެ ބަލިމަޑުކަން އެކި ގައުމުތަކަށް މިދިޔަ އަހަރު ފެތުރެން ފެށުމާއެކު، މެދު އިރުމަތީގައި މަސައްކަތް ކުރާ މި ސަރަހައްދުގެ ގިނަ ގައުމުތަކުގެ މީހުން އަނބުރާ އެ މީހުންގެ ވަޒަނަށް ދިޔަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ މަސައްކަތު މީހުން ގިނަ އެވެ. އެކަމަކު، މެދުއިރުމަތީގެ ހާލަތު ރަނގަޅުވާން ފެށުމާއެކު، މަސައްކަތު މީހުން އަނބުރާ ވަޒީފާ އަށް ދިއުމަށް ވަނީ އަންގައިފަ އެވެ.

ނަމަވެސް އެ މީހުންގެ ދަތުރަށް ހުރަސް އަޅަނީ، އިންޑިއާގެ ކޮވިޑްގެ ހާލަތެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ދުނިޔޭގެ އެންމެ ގޯސްކޮށް މިހާރު އޮތް އިންޑިއާގެ މީހުންނަށް، ސައުދީ އަރަބިއްޔާ އާއި ގަތަރާއި ޔޫއޭއީ ފަދަ ގައުމުތަކަށް ސީދާ ދިއުމުގެ ހުއްދައެއް ނޯވެ އެވެ. އެ މީހުން އެ ގައުމުތަކަށް ދާން ޖެހެނީ 14 ދުވަހުގެ ކަރަންޓީނެއްގައި ތިބުމަށް ފަހު އެވެ. ނުވަތަ ބަލިމަޑުކަމުގެ ހާލަތު މާ ގޯސް ނޫން ގައުމެއްގައި އެ މުއްދަތަށް މަޑުކޮށްފަ އެވެ.

އިންޑިއާގެ މީހުންނަށް މި ދަތުރުގައި އެންމެ ފަސޭހަ މަގަކީ ރާއްޖެ އެވެ. އެ ފުރުސަތުގެ ބޭނުން ހިފައި، ރާއްޖޭން އެ މީހުން ގެންނަނީ ވެސް "ކަރަންޓީނު ޕެކޭޖް"ގެ ނަމުގަ އެވެ. ބައެއް ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގައި މިހާރު އެންމެ ގިނައީ ވެސް "ކަރަންޓީނު ޕެކޭޖް"ގެ ދަށުން އައިސްފައި ތިބި އިންޑިއާގެ މީހުންނެވެ. ޓޫރިސްޓުންގެ ގޮތުގައި އެ މީހުން ރާއްޖޭގައި ތިބޭއިރު، 14 ދުވަސް ހަމަކޮށް، އެނބުރި މެދުއިރުމައްޗަށް ދާއިރު ހަދަން ޖެހޭ ޕީސީއާރު ޓެސްޓު ވެސް ހިލޭ ހެދޭ ގޮތަށް، އެ ޕެކޭޖްގެ ތެރޭގައި ހިމެނެ އެވެ.

އިންޑިއާގެ ޓޫރިސްޓުންތަކެއް ތޮއްޑޫގައި: އެ މީހުން ރާއްޖެ އަންނަނީ މެދުއިރުމައްޗަށް ދާ މަގުމަތީގައި، 14 ދުވަސް ވާންދެން މަޑުކޮށްލުމަށް

"ކަރަންޓީނު ޕެކޭޖް"ގެ ދަށުން އެ މީހުން ރާއްޖެ އަންނަނީ އަމިއްލަ ހަރަދުގަ އެވެ. އެކަމަކު ގިނަ މީހުން، ވަޒީފާ އަދާކުރާ ގައުމަށް ދިއުމުގެ ޓިކެޓް އޮންނަނީ މަސައްކަތް ކުރާ ކުންފުނިން ސްޕޮންސާ ކޮށްފަ އެވެ. ނަމަވެސް އެ ހުރިހާ ހަރަދެއް އެއްކޮށްލާފައި ވެސް، ބައެއް ތަންތަނުން ވަނީ ޕެކޭޖު އެކުލަވައިލައިފަ އެވެ.

ރާއްޖޭގައި ގެސްޓް ހައުސްތައް އެންމެ ގިނަ އއ. އަތޮޅުގެ ހުރިހާ ތަނެއްހެން މިހާރު ވަނީ ފުރިފަ އެވެ. ކޮވިޑްގެ ބަލިމަޑުކަމާ އެކު ހީނަރުވެފައިވާ ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތު، އިންޑިއާގެ މީހުންނާއެކު ވަނީ ހިނގައިގަނެފަ އެވެ. އެކަމަކު، އެއީ ކޮންމެހެން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ މީހުންނެއް ނޫނެވެ. ވަޒީފާއަށްޓަކައި ރާއްޖޭގައި ކަރަންޓީނުވާ މީހުންނެވެ.

އއ. ރަސްދޫގެ ގެސްޓް ހައުސްއަކުން ވާހަކަ ދެއްކި މީހަކު ބުނީ، އިންޑިއާގެ މީހުން ރާއްޖެ އަންނަނީ ޓޫރިސްޓު ވިސާގައި، ޓޫރިސްޓުންގެ ގޮތުގަ އެވެ. ނެގެޓިވް ޕީސީއާރު ޓެސްޓާއެކު އަންނާތީ، ކަރަންޓީނު ވެގެން ތިބޭކަށް ނުޖެހޭނެ އެވެ. އެކަމަކު އެ މީހުން ރާއްޖެ އަންނަނީ، ވަޒީފާ އަދާކުރާ މެދުއިރުމަތީގެ ގައުމަށް ދާ މަގުމަތީގައި 14 ދުވަސް ފުރިހަމަ ކުރުމުގެ ގޮތުން ކަމަށް ވުމުން، އެއަށް "ކަރަންޓީން ޕެކޭޖް" ކިޔަނީ އެވެ.

ރަސްދޫގެ ބަނދަރު މަތީގައި މަޑުކޮށްލައިގެން ތިބި އިންޑިއާގެ ގުރޫޕަކާ "މިހާރު"ން ސުވާލު ކުރުމުން، އެ މީހުން ބުނީ ވަޒީފާ އަދާކުރާ ސައުދީ އަރަބިއްޔާގައި މިހާރު ކަރަންޓީނު ނުވެވޭ ކަމަށެވެ. އެއީ އެ ގައުމުގެ ކޮވިޑްގެ ހާލަތު ވެސް ގޯސްވަމުން ދާތީ އެވެ. އެހެންވެ، ސައުދީން ކަނޑައަޅާ، ކޮވިޑްގެ ހާލަތު ނިސްބަތުން ގޯސް ނޫން ތަނެއްގައި 14 ދުވަސް މަޑުކުރަން ޖެހެނީ ކަމަށް އެ މީހުން ބުންޏެވެ.

"ކޮވިޑްގެ ހާލަތު އޮތްގޮތުން، މިި ސަރަހައްދުން ދެވެނީ ރާއްޖެ އާއި ނޭޕާލަށް. ރާއްޖޭގެ ހިދުމަތްތައް ރަނގަޅު ވީމާ މި ތަނަށް އައީ،" ސައުދީގައި ވަޒީފާ އަދާކުރާ އިންޑިއާގެ ކެރެލާގެ ފިރިހެނަކު ބުންޏެވެ.

"މި ތަނުގައި 14 ދުވަސް ވަންދެން މަޑުކޮށްފައި ދިޔައީމާ އެކޮޅުގައި ނުޖެހޭނެ ކަރަންޓީނު ވާކަށް."

އިންޑިއާގެ ޓޫރިސްޓުންތަކެއް ރަސްދޫ އަތިރިމަތީގައި މަޑުކޮށްލައިގެން: އެ އަތޮޅުގައި އިންޑިއާގެ ޓޫރިސްޓުން މި ވަގުތު ގިނަ-- މިހާރު ފޮޓޯ: އައިމިނަތު ޝިފްލީން

"ޓޫރިޒަމްގެ ނަޒަރުން މިއީ އުފާވެރި މަންޒަރެއް"

އިންޑިއާގެ ގިނަ ބަޔަކު، ޓްރާންސިޓެއްގެ ގޮތުގައި ރާއްޖެ ހިޔާރުކުރުމަކީ، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ ބަހުން ނަމަ އުފާވެރި މަންޒަރެކެވެ. ޓްރާންސިޓެއްގެ ގޮތުގައި އެއް ދުވަހަށް ނުވަތަ ދެ ދުވަހަށް މަޑުކުރި ނަމަވެސް އެއީ ރަނގަޅު ވިޔަފާރިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ މީހުން ރާއްޖެ އަންނަނީ، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ދެކި ކަރަންޓީނުވުމަށް ކަމަށް މިނިސްޓަރު ގަބޫލެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ވަރަށް ފިތުނަ ފަސާދަ އުފެދޭ ލަފްޒެކެވެ. އިންޑިއާގައި ރާއްޖޭގެ މާކެޓް ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މިއީ އޭގެ ނަތީޖާ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

ވޭތުވެ ދިޔަ ހަ އަހަރަށް ބަލާއިރު އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު، މި ތިން އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުުގައި މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ 23 ޕަސެންޓަކީ އިންޑިއާގެ މީހުންނެވެ.

ތޮއްޑޫއަށް ދިޔަ އިންޑިއާގެ ޓޫރިސްޓުންތަކެއް: އެ މީހުންގެ އަސްލު މަންޒިލަކީ މެދު އިރުމަތީގެ ގައުމެއް

ތަފާސްހިސާބުތަކަށް ބަލާއިރު 2015 ވަނަ އަހަރު ރާއްޖެ އައީ، އިންޑިއާގެ 52،368 ޓޫރިސްޓުންނެވެ. އަދި 2019 ވަނަ އަހަރު އެ އަދަދު ވަނީ ތިން ގުނައަށް އިތުރުވެފަ އެވެ. އެ އަހަރު 166،030 އިންޑިއާ މީހުން އައެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު މިދިޔަ އަހަރު ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދުވި ނަމަވެސް އެ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، އިންޑިއާގެ ޓޫރިސްޓުންގެ އަދަދު، މީގެ ކުރިން ދުވަހަކު އިތުރު ނުވާވަރަށް އަންނަނީ އިތުރުވަމުންނެވެ. މި އަހަރުގެ ޖެނުއަރީ މަހު، ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 19،000 އަށް ވުރެ ގިނަ އިރު، ފެބުރުއަރީ މަހު އެ އަދަދު އުޅެނީ 24،900ގަ އެވެ. މާޗު މަހު ވެސް އިތުރުވި އެވެ.

އެކަމަކު އޭޕްރީލް މަހު އެ ނިސްބަތް ވަނީ މަދުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ މަހު ދުވާލަކު 800 އިންޑިއާ މީހުން އައި އިރު، މިހާރު އަންނަނީ 600 މީހުންނެވެ.

މި ދުވަސްވަރު އިންޑިއާ މީހުން ރާއްޖެއައުން ރައްކާތެރިތަ؟

ކޮވިޑްގެ ހާލަތު މާބޮޑަށް ގޯސް ގައުމުތަކަށް، އާއްމުކޮށް މީހުން ގޮހެއް ނޫޅެ އެވެ. އަދި އެ ފަދަ ގައުމަކުން، އެހެން ގައުމަކަށް ދާ މީހުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. އެކަމަކު މިހާރު، ކޮވިޑްގެ ދެ ވަނަ ރާޅު ބިންދާލާފައިވާ އަދި ދުވާލަކު އެތައް ލައްކަ މީހުން ޕޮޒިޓިވްވާ ގައުމަކުން މީހުން ރާއްޖެ އައުމަކީ ރައްކާތެރިކަމެއްތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ.

އިންޑިއާގެ މީހުން، ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަކޮށް، މެދުއިރުމައްޗަށް ދާން ހުއްދަ ދީފައި އޮތީ، އިންޑިއާގައި ކޮވިޑް ފެތުރިފައި އޮތްލެއް ބޮޑުކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެ ފަދަ ފިޔަވަޅެއް ރާއްޖޭން އަޅާފައި ނެތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

"މިސާލަކަށް އިނގިރޭސި ވިލާތުގައި އާ ވޭރިއަންޓު އުޅުނު އިރު، އެގައުމުން ޓޫރިސްޓުން ނާދެވޭ. ދެން ކީއްވެތޯ ކޮވިޑް އެހާ ބޮޑަށް ފެތުރިފައި އޮތްތަނަކުން އެހާ ގިނަ ބަޔަކު ރާއްޖެ އަންނަން ހުއްދަ ދެނީ،" ޓްވިޓާގައި މީހަކު ސުވާލުކުރި އެވެ.

އިންޑިއާގެ ޓޫރިސްޓުންތަކެއް ތޮއްޑޫގައި

ހުރިހާ ގައުމެއްގެ ޓޫރިސްޓުން ވެސް ރާއްޖެ އަންނަނީ ޕީސީއާރު ނެގެޓިވް ޓެސްޓަކާ އެކު އެވެ. އެކަމަކު، ރާއްޖެ އައިސް އަނބުރާ ދިއުމަށް ޓެސްޓު ކުރާއިރު ބައެއް މީހުން ޕޮޒިޓިވްވެފައި ވެ އެވެ. ޓޫރިސްޓުން ރަށުތެރެއަށް ނުކުމެ، އާއްމުންނާ ބައްދަލުވެފައިވުމުން، އެ މީހުންނަށް ނުރައްކަލަށް ހުށަހެޅެ އެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ގައުމުތަކުން މިހާރު ވަކި އުސޫލުތަކެއް ހަދާފައި ހުންނަ ކަމަށާއި އެއާ އެއްގޮތަށް ރާއްޖޭގައި މަޑުކުރުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު، މާގިނަ ދުވަސް ވަންދެން ގެސްޓް ހައުސްތަކުގައި ޓޫރިސްޓުން މަޑުކުރުމަކީ ގޯހެއް ކަމަށް ވާ ނަމަ އެކަން ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދުވަސްވަރު އިންޑިއާގައި ކޭސްތައް ގިނަ ވަމުންދާތީ ދައުލަތުން އެކަން ބަލާނެ. އަދި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އިންޑިއާގެ ޓޫރިސްޓުންތަކެއް ތޮއްޑޫގައި: އެ މީހުން ރާއްޖެ އަންނަނީ މެދުއިރުމައްޗަށް ދާ މަގުމަތީގައި، 14 ދުވަސް ވާންދެން މަޑުކޮށްލުމަށް

އޭނާގެ ފުރިހަމަ އިތުބާރު، ރާއްޖޭގެ ސިއްހީ އިދާރާތަކަށް އެބައޮތެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިވީ ދުވަސްތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ބަލިމަޑުކަން ކޮންޓްރޯލުން ނައްޓާލިޔަ ނުދޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތެވެ.

"އެޗްޕީއޭ އަކީ ވަރަށް ތަޖުރިބާ ހުރި ތަނެއް. އެކަމުގެ މިސާލު ދައްކައިފި. ރާއްޖޭގެ ޓޫރިޒަމް ހިންގުމުގައި ދުނިޔެ އަށް މިސާލު ދައްކައިފި،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާއިން ވެސް އަދި އެހެން ގައުމުތަކުން ވެސް ޓްރާންސިޓް ފަސިންޖަރުން އައުމަކީ ޓޫރިޒަމްގެ ނަޒަރުން "100 ޕަސެންޓް، ބަރާބަރު" ކަމެއް ކަމަށެވެ. އެކަމަކު އެ މީހުންގެ ސަބަބުން ގައުމުގެ ސަލާމަތާއި ސިއްހަތަށް އަސަރު ކުރާނެ ކަމަށް ބެލެވޭ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދެއްވިި އެވެ.

41 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 2%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތޯރާބޯރާ

24 April 2021

ކަންބޮޑުވަނީ ފިތުނަ ފަސާދަ އުފައްދާކަށް ނޫން. އިއްޔެވެސް +300 ކޮވިޑް ކޭސް. ދެން ޓްރާންސިޓޭ ޕެކެޖޭ ޑޮލަރޭ ކިޔައިގެން ކޮން އޮޚުވާލުމެއް؟ މުޅި އިންޑިއާއަށް ބަލާލީމަ އެބަ އެގޭ މި ގައުމަށް އުސޫލެއްގެ ތެރެއިންނޫނީ އިންޑިއާ މީހުން ނުވެއްދުން މުހިނމުކަން. ކަރަންޓީނު ފެސިލިޓީ އެއްގެ ގިތުގައި ތިބެން ފުރްސަތު ދީފަ، ދެން އައިސް ރަށުތެރޭގަ ނޫޅެވޭނެ. ތި ހިންގަނީ ބޮޑެތި ޖަރީމާ. ތިބިތާ ނުތިބެ މުޅިބރަށުތެރޭގަޔާ ފިހާރަ ތަކުގަ އެމީހުން އެބުރެނީ .ކޮވިޑް ފަތުރަނީ.

The name is already taken The name is available. Register?

ނ‫ާޑުވާ

24 April 2021

ބައެއް ވިޔަފާރިތަކަށް ގެއްލުން ވި ނަމަވެސް, މި ވަގުތު އިންޑިއާ ޓުއަރިސްޓުން ގެސްޓް ހައުސްތަކަށް އައުން ހުއްޓުވަންޖެހޭ. ގެސްޓްހައުސް ތަކަށް އައިސް މުޅި ރަށުތެރޭގަ އުޅޭއިރު އެހެން މީހުންނާ ދިމާވާނެ. ފިހާރަ ތަކަށް ވަންނާނެ. މީ ވަރަށް ނުރައްކާތެރި ކަމެއް.

The name is already taken The name is available. Register?

100% ދިވެއްސެއް

24 April 2021

ސަރުކާރުން މިއުޅެނީ އިންޑިޔާ ވައިރަސް ރާއްޖެ ނައިސް ގެންތަ؟ އަޖައިބު ހީވޭ. އަދި މި މީހުން މާސްކް ވެސް އަޅާކަށް ނުޖެހޭތަ؟ ސަރުކާރުން ބަލި ފަތުރަން އުޅޭހެން ހީވަނީ. ބަލި ގިނަވި ވރަކަށް ބޭރުގެ އެހީތައް ލިބޭނީ. ދެން ލާރި ކާންވީ މީހުންނަށް ކެވޭނެ. މިވެރިން އެބަ އާދޭ މިޤައުމަށް ބޭސް ކުރަންވެސް މިއޮއް ކޮވިޑް ދުވަސްވަރު. އަހަރުންގެ ސިއްހީ ނިޒާމް ހުސްކޮށްލަން. މިޤައުމަކީ ދިވެހިންނަށް ވުރެން ބޭރު މީހުންނަށް މޮޅު ޤައުމެއް. ހިލޭ ވެކްސިން، ހިލޭ ޕީސީއާރު.....

The name is already taken The name is available. Register?

މުރާސިލުބޭބެ

24 April 2021

އަޅުވެތިކަމުގެ ނަމޫނާ. ގައުމެއް، ގައުމިއްޔަތެއް ނެތް.

The name is already taken The name is available. Register?

އާރީ

24 April 2021

އިނޑިޔާއަށް މާ ބޮނޑަށް ބަރޯސާ ވަނި. ވާކަމެއް ހަރާން. މެގަ ފުރޮޖެކުޓެއް ވެސް ހިންގޭނަމަ ރަގަޅު. ޗައިނާ ވާ ބުރިޖްއަޅާ ފުލެޓްއަޅާ މި ގައުމްގަ މެގަ އެތަށް ފުރޮޖެކުޓެއް ޖެއްސި.

The name is already taken The name is available. Register?

ތިމާވެށި

24 April 2021

އިންޑިޔާ އިން ކަރަންޓީން އަށް އަންނަ މީހުން ގެ ޕީސީއާރު ޓެސްޓް އެއަރޕޯޓުން ހަދަން ވީ އެވެ. ނޫނީ ވަގުތީގޮތުން ރަށްރަށައް އައުން މަނާ ކުރަން ވީ އެވެ. ނޫނީ ވަގު ޕީސީ އާރު ހަދައިގެން މިތާ ހުރެ ކޮވިޑުން ރަނގަޅު ވެގެން ބޭނުން ވާ ތަނައްދާނެ އެވެ.

The name is already taken The name is available. Register?

ސާސް

24 April 2021

ގެސްޓް ހައުސްތައް ފުރިފައި. އެތަންތަނަށް ވަރަށް ގެއްލުން ވެއްޖެ ކޮވިޑުގެ ފަހުން. ބަގުރޫޓްވި ތަންތަން މަދެއް ނޫން. ވީމާ ކޮންޓްރޯލް އެއްގެ ތެރެއިން މިކަން ކޮށްފިނަމަ ގެސްޓް ހައުސް ތަކަށް ދިރުން އަންނާނެ.

The name is already taken The name is available. Register?

ޢއ123

23 April 2021

ކޮވިޑު ޕެކޭޖް ކިޔަންވީނު. ބޯހަލާކު

The name is already taken The name is available. Register?

ގަދައެޗްޕީއޭ

23 April 2021

ނެގެޓިވް ޓެސްޓަކާއެކީ އަޔަސް ކަރަންޓީން ނިންމާފަ އެއްބަޔަކު ޕޮޒިޓިވްވާއިރު އެކަމުން އެނގެނީ ކޮންކަމެއްތަ؟ އެޗްޕީއޭ ހާދަހާއޭ މޮޅީ. ދެން ހުންނާނީ ބަލި ކޮންޓްރޯލްވެފަ ރަށްރަށުގަ.

The name is already taken The name is available. Register?

ޓޫރިސްޓް

23 April 2021

މަވެސް ބޭނުން ޓޫރިސްޓަކައް ވެގެން ރަށައް ދަތުރު ކޮއްލަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454