މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރު ކައިރިން ސަންވޭ ސަރަހައްދުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު މިއަދު ނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގައި ނިޔާވީ އައްޑޫ ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް އެވެ. އުމުރުން 21 އަހަރުގެ އިމީލީއަކީ މެލޭޝިއާގެ ޓެއިލާ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ ޝޮޕިން މޯލްއަކަށް އިމީލީ ދިއުމަށް ފަހު، އެނބުރި ގެއަށް ދަނިކޮށެވެ. އެ ވަގުތު ކާރުގައި އިތުރު ދިވެއްސަކު ހުރި ކަމަށާއި އޭނާ އަށް ވެސް އެކި ވަރުގެ ހާނިއްކަ ލިބުނު ކަމަށް ވެސް އެނގިފައި ވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި، ދަރިވަރު ދަތުރުކުރި ކާރު ހައިވޭގައި އެހެން ކާރަކާ މުޑިއަރައި ހިނގި މި އެކްސިޑެންޓުގައި، އެ ކާރު އޮތީ ފުރޮޅާލައިފަ އެވެ.
މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލުކުރުމަށާއި ދިރިއުޅުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ވެސް ގޮސް އުޅޭ ގައުމެކެވެ.