ދެކުނުގެ ރަށްރަށުގެ އަދަބީ މުބާރާތްތަކުގައި ބަހުރުވައަށް އިސްކަން ދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެދިވަޑައިގެންފި އެވެ.
މިނިސްޓަރު އެ ކަމަށް އެދިވަޑައިގަތީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާ (އެމްއެންޔޫއެސްޔޫ) އިން އިސްނަގައިގެން އައްޑޫ، ހުވަދޫ އަދި ފުވައްމުލަކުގެ ސްކޫލުތަކާއި މުއައްސަސާތަކަށް ހާއްސަ ކޮށްގެން ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތާއި ބަހުސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.
މިދިޔަ ހޯމަދުވަހު ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި، ދެއްކެވި ވާހަކަައިގައި މިނިސްޓަރު ވަނީ ދިވެހި ބަސް ކުރިއެރުވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައިފަ އެވެ.
އިސްމާއިލް ވިދާޅުވީ އައްޑޫ، ހުވަދޫ އަދި ފުވައްމުލަކު ބަހުރުވައިން ލިޔެފައިވާ ލިޔުންތައް އިތުރުކުރަން ޖެހޭ ކަމަށާއި އެއީ ރާއްޖޭގެ އާދަކާދަތަކާއި ސަގާފަތާއި ތަރިކަ ހިމާޔަތްކުރުމުގެ ބައެއް ކަމަށެވެ.
އެ ބަހުން މުއާމަލާތްކުރަން ދަންނަ ޓީޗަރުން ތިބެން ޖެހޭނެ ކަމަށާއި މުއައްސަސާތަކުގެ ތެރޭގައި ވެސް އެ ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ މުބާރާތް" އަދި "އައްޝައިހް ހުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަހުސް މުބާރާތް"ގެ ނަމުގައި އެމްއެންޔޫ އިން ބޭއްވި އެ މުބާރާތްތަކަކީ ދެކުނުގެ ދަރިވަރުންގެ ކިބައިގައި ވާހަކަ ދެއްކުމާއި ބަހުސް ކުރުމުގެ ހުނަރުތައް ކުރިއަރުވަން ބާއްވާ މުބާރާތްތަކެކެވެ.
މި އަހަރު އެ މުބާރާތްތައް ބޭއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ އާއި ދިވެހިބަހުގެ އެކެޑަމީ އާއި އައްޑޫ ސިޓީ ކައުންސިލް އަދި ސޮސައިޓީ އޮފް ޝަރީއާ އެންޑް ލޯ ގުޅިގެންނެވެ.