މާލެ އަންނަން ހުއްދަ ނަގަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީ، ރާއްޖޭގެ އެހެން ރަށްރަށުން މާލެ އަށް ދަތުރުކުރަން ހުއްދަ ނަގަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.


ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެހެން ރަށްތަކުން މާލެ އަށް ދަތުރުކުރަން ހުއްދައެއް ނަގަން ނުޖެހޭ ގޮތަށް އޮތަސް، މާލެ އިން އެހެން ރަށްތަަކަށް ދަތުރުކުރަން އަދިވެސް ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އެގޮތުން، ހޯދަން ޖެހޭ ހުއްދަ އަށް އެދޭނީ އޭނާ ވިދާޅުވި ގޮތުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގާއިމްކޮށްފައިވާ "ހާލުބެލުން ޕޯޓަލް" މެދުވެރިކޮށެވެ.

އެންއީއޯސީގެ މީޑިއާ ބްރީފިންއެއްގައި މަބްރޫކް ވާހަކަ ދައްކަވަނީ.

މާލެ އިން ރަށްރަށަށް ދަތުރުކުރުމުގެ އުސޫލު

ރާއްޖޭގެ އެހެން ރަށްތަރުގައި ކޮވިޑް-19 އަދި ފެތުރިފައި ނުވާތީ އެ ރަށްތަކުން މާލެ އަށް ދަތުރުކުރަން ހުއްދަ ހޯދަން ނުޖެހުނަސް މާލެއަކީ ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ތަނަކަށް ވާތީ މާލެއިން ރަށްރަށަށް ދާން އަދިވެސް އަމަލުކުރަން ޖެހޭ އުސޫލުތަކެއް އެބަ ހުއްޓެވެ. "ހާލުބެލުން ޕޯޓަލް"އާ އެކު 25 ޖޫންގައި އަޕްޑޭޓްކޮށްގައިވާ އުސޫލުގައި ބުނެފައި ވަނީ މާލެ އިން ރަށްރަށަށް ދަތުރުކުރާ މީހުން ތިން ކަމެއް ކުރަން ޖެހޭ ކަމަށެވެ. އެއީ:

1- ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުން

2- ހޯމް ކަރަންޓީނުގައި ހުންނަ އިރު ސިއްހީ ހާލަތަށް އަންނަ ބަދަލުތައް ޕޯޓަލް މެދުވެރިކޮށް އެޗްޕީއޭ އަށް އެންގުން.

3- ޓިކެޓް ގަންނަ އިރު، އެއީ ހޯމް ކަރަންޓީނުވާން ދާން މީހެއްކަން، ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތަށް އެންގުން.

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވިދާޅުވީ މާލެ އިން ރަށްރަށަށް ދާން ހުއްދަ ހޯދައިގެން ދަތުރުކުރާ މީހުން، ޕޯޓަލް މެދުވެރިކޮށް ލިބޭ ހުއްދަ ޕްރިންޓްކޮށްގެން ގެންގޮސް، އެއާޕޯޓް ނުވަތަ ފެރީ ހިދުމަތްދޭ ފަރާތްތަކަށް ދައްކަން ވެސް ޖެހޭނެ ކަަމަށެވެ.

"އެ ލިއުން ހިފައިން ފްލައިޓްތަކަށް ނުވަތަ ފެރީތަކަށް އެރޭނީ. އަދި ރަށަށް ވަޑައިގަންނަވާ އިރު އެ ލިއުން، ހުއްދައިގެ ގޮތުގައި ތިޔަބޭފުޅުންގެ އަތުގައި އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކާ އެކު ހުއްޓާލާފައިވާ ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތައް އަލުން ފަށަން މޯލްޑިވިއަނުން މިހާރު ވަނީ ތައްޔާރުވެފަ އެވެ. ރާއްޖޭން ބޭރުން ރާއްޖެ އަށް ދަތުރުކުރުމުގެ ހުއްދަ ވެސް ޖުލައި 15 ގައި ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.