ރާއްޖޭގައި އަލަން އާބާދު ކުރަން ތައްޔާރުވަމުން އަންނަ ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއިން ފަށަން ތައްޔާރުވާ ބިޔަ މަޝްރޫއު ކުރިއަށް ގެންދާނީ، ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމުގެ ޔަގީންކަން ދުނިޔޭގެ މަޝްހޫރު އެމިރޭޓީ ވިޔަފާރިވެރިޔާ އަދި އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު މިއަދު ދެއްވައިފި އެވެ.
ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި މިއަދު ވަނީ އަބޫދާބީގައި ސޮއިކޮށްފަ އެވެ.
އެ މަޝްރޫއުއާ ގުޅޭގޮތުން ގެންގުޅުއްވާ ތަސައްވަރު ހާމަކުރައްވަމުން، ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ އަދި އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަޝްރޫއުތައް ހިންގާ އިމާރް ކުންފުނީގެ ވެސް ބާނީ، އަލައްބާރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ތަރައްގީގެ ބައިވެރިއަކަށް ވުމުގެ ފުރުސަތަކީ ވަރަށް ބޮޑު ޝަރަފެއްގެ އިތުރުން މުހިންމު ޒިންމާއެކެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއަށް ލިބިފައިވާ މަތީ މަގާމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި ހިންގޭ ކޮންމެ މަޝްރޫއަކީ ވެސް ނުހަނު ހާއްސަ އަހައްމިއްޔަތުކަމެއް ދޭން ޖެހޭ މަސައްކަތެކެވެ.
"ހަގީގަތަކީ، އެންމެންވެސް ދަންނަ ފަދައިން، މުޅި ދުނިޔެއަށް ވެސް ދިވެހިރާއްޖެއަކީ ހިތްގައިމު ހުވަފެނެއް ފަދަ ގައުމެއް. މިފަދަ މަޝްރޫއަކާ މެދު މަޝްވަރާކުރުމުގެ ދައުވަތު ލިބުމާއެކު، އަޅުގަނޑު އެކަން ބަލައިގަތީ ނުހަނު އުފަލާއެކުގައި. އެއީ މުޅި ދުނިޔޭގައި ވެސް އޮތީ އެންމެ ދިވެހިރާއްޖެއެއް ވީމާ،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުންޏަށް ދިވެހި ސަރުކާރުން ކޮށްފައިވާ އިތުބާރު ފާހަގަކުރައްވަމުން، އަލައްބާރް ވައުދުވެވަޑައިގަތީ މި މަޝްރޫއުގެ ހުރިހާ މަރުހަލާއެއްގައި ވެސް އެންމެ މަތީ ފެންވަރުގެ ފުރިހަމަ މަސައްކަތްތަކެއް ކޮށްދެއްކެވުމަށެވެ.
"އަޅުގަނޑު ޔަގީންކަން އަރުވަން، އަޅުގަނޑުމެން އެ މަސައްކަތް ފުރިހަމަ ކުރާނީ އެންމެ މަތީ ފެންވަރުގައި. މި ތާރީހީ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.
"ހަމައެއާއެކު، ރާއްޖޭގެ އިގްތިސާދަށާއި ދިވެހި މުޖުތަމައުއަށް ފައިދާ ކުރަނިވި، އެދެވޭ ބަދަލުތަކެއް ގެނެސްދިނުމަކީ އަޅުގަނޑުގެ ހިތާ ނުހަނު ބޮޑަށް ގުޅިފައިވާ މުހިންމު އަމާޒެއް."
ސަރަހައްދީ އަދި ބައިނަލްއަގުވާމީ ރިއަލް އެސްޓޭޓް ދާއިރާގައި މިދިޔަ 28 އަހަރުގެ މުއްސަނދި ތަޖުރިބާގެ އަލީގައި، ރާއްޖޭގައި ތިމާވެށީގެ ގޮތުންނާއި އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން އެންމެ މަތީ މިންގަނޑުތަކަށް އަމަލުކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
"މާޒީގެ ތަޖުރިބާތަކުގެ އަލީގައި، މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދާނެ ގޮތާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރާނެ ގޮތާއި ތިމާވެށި ރައްކާތެރި ކުރާނެ އުސޫލުތައް އަޅުގަނޑުމެން ބޭނުންކުރާނަން،" އަލައްބާރު ވިދާޅުވި އެވެ.
"ހަމައެއާއެކު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ވިޔަފާރީގެ އާ ދޮރުތައް ހުޅުވައިދީ، މުޖުތަމައުގެ ބައިވެރިވުން ފުރިހަމައަށް ހޯދައި، އެހެން އެއްވެސް ތަނަކުން ނުލިބޭ ފަދަ ފުރިހަމަ ދިރިއުޅުމުގެ ވެއްޓެއް ބިނާކޮށްދޭނަން."
ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ވޯޓަފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ މި މަޝްރޫއުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭއިރު، ވިޔަފާރި އާއި ކެއިންބުއިމާއި ދުޅަހެޔޮކަމާއި ތައުލީމާއި ސިއްހީ ހިދުމަތް އަދި އިޖުތިމާއި އެންމެހައި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި މަންޒިލުން ދޫކުރާ ބިންތަކާއި އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުންނެވެ.
ވިއްކުމުގެ މުއާމަލާތަކުން ނުވަތަ ވާރުތަވުމުގެ ތެރެއިން މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަލުން 99 އަހަރުގެ ލީސްހޯލްޑް މުއްދަތެއް ފަށާނެ އެވެ. މިއީ އިންވެސްޓަރުންނާއި ވެރިފަރާތްތަކަށް ޖީލުތަކަކަށް ދެމިގެންދާނެ ފަދަ ގާނޫނީ އަދި މާލީ ރައްކާތެރިކަމެއް ކަށަވަރުކޮށްދޭނެ މަޝްރޫއެއް ކަމަށް ސަރުކާރުން ބުންޏެވެ.