ރާއްޖެ ސަރަހައްދުގައި އެހެން ގައުމެއްގެ މަނަވަރެއް ނޫޅޭ: ޑިފެންސް

ރާއްޖޭ ސަރަހައްދުގައި ބޭރު ގައުމެއްގެ މަނަވަރެއް ނޫޅޭ ކަމަށާއި ސިފައިން އަންނަނީ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުން ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ޑިފެންސް މިނިސްޓްރީން މިހެން ބުނީ ވާދަވެރި އިންޑި އާއި ޗައިނާގެ މަނަވަރުތައް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުންދާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކުރަމުން އަންނަނިކޮށެވެ. ނަމަވެސް ރާއްޖޭ ސަރަހައްދުގައި މަނަވަރުތައް އުޅޭ ކަމަކަށް ބުނެފައެއް ނުވެ އެވެ.

ޗައިނާގެ މަނަވަރުތައް މިދިޔަ ހަފުތާ އިން ފެށިގެން އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ބޭރުގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އަރަބި ކަނޑުގައި، ރާއްޖެ ހިމެނޭ ސަރަހައްދު ބަލަހައްޓާ އިންޑިއާ ސިފައިން ކުއްލި ތަމްރީނުތަކެއް ކުރިއަށް ގެންދާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ނޫސްތަކުން ވަނީ މަނަވަރުތަކުގެ ހަރަކާތްތައް، ރާއްޖޭގައި މިހާރު އިއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅުވައިފަ އެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި ސިޔާސީ ސަރަހައްދު ރާއްޖޭގެ ދިފާއީ ބާރުން ބަލަހައްޓަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދުގައި އެހެން ގައުމެއްގެ އަސްކަރީ އުޅަނދެއް ހަރަކާތްތެރިވަމުން ނުދާ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

އެ ބަޔާނުގައި ވަނީ ރާއްޖޭގެ ސިޔާސީ މަސްހަރު ހަލަބޮލިވެފައިވާ މިދަނޑިވަޅުގައި ގައުމީ ސަލާމަތަށް ނުރައްކާވާ މައުލޫމާތާއި ބޭރުގެ ފަރާތްތަކުން ގައުމަށް ނުފޫޒު ފޯރުވުމަށް ހިތްވަރު ލިބޭ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ ކޯސްޓްގާޑް: ޑިފެންސް މިނިސްޓްރީން ބުނީ ރާއްޖެ ހިމެނޭ ސަރަހައްދު ބަލަހައްޓަމުން އަންނަ ކަމަށް-- މިހާރު ފޮޓޯ

އޮސްޓްރޭލިއާގެ "ނިއުސް" ވެބްސައިޓްގައި ބުނެފައި ވަނީ ޗައިނާ އިން އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަނީ މިހާރު އުފެދިފައި އޮތް ހާލަތަށް އިންޑިއާ އިން ނުފޫޒު ފޯރުވުން ހުއްޓުވައި ޗައިނާއާ ގުޅޭ މަސްލަހަތުތައް ހިމާޔަތްކުރަން ކަމަށެވެ.

މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު ރާއްޖެއިން ޗައިނާގެ އަސްކަރީ އެހީއަށް އެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް ޗައިނާ އާއި ރާއްޖޭން އެކަން ދޮގުކުރެ އެވެ.