ފުލުހުންނަށް ސުވާލެއް: ހޯދި ކިތާބީ ހެކި ކޮބާ؟

"ބަޣާވާތަކުން" ސަރުކާރު ވައްޓާލަން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެ ފަނޑިޔާރުން އުޅުއްވި ކަމުގެ ކިތާބީ ހެކި ހުރި ކަމަށް ފުލުހުން ބުނުމަށް ފަހު، ހެކި ނައްތާލުމުގެ ދައުވާ އެ ތިން ބޭފުޅުންގެ މައްޗަށް އުފުލުމުން ފުލުހުންގެ ތަހުގީގަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ. އިދިކޮޅު ގިނަ ބަޔަކު އަންނަނީ، މުޅި ގައުމު އެލާޓްކޮށްގެން ފުލުހުން ހޯދި ހެކި ކޮބައިތޯ ސުވާލު ކުރަމުންނެވެ.


މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހެކި ނައްތާލުމުގެ ދައުވާ އުފުލަން ފުލުހުން އިއްޔެ ވަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. ތިން ބޭފުޅުންގެ މައްޗަށް މި ދައުވާ އުފުލިއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މި ތިން ބޭފުޅުން ހައްޔަރުކުރި ފަހުން މިހާތަނަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނެފައި ވަނީ، މި ބޭފުޅުންނާ ދެކޮޅަށް "ކިތާބީ ހެކި" ލިބިފައިވާ ކަމަށެވެ.

ގާނޫނާ ޚިލާފަށް މި ބޭފުޅުން ހިންގެވި ހުރިހާ ކަމެއްގެ ހެކި ހުރި ކަމަށް ބުނެ، ވަކިވަކި ބޭފުޅުންނަށް ކުރެވޭ ތުހުމަތުތަކާއި ހިންގެވި ކަމަށް ތުހުމަތުކުރާ ކަންކަން ވެސް، ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފުލުހުން ވަނީ އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި ފަނޑިޔާރުންނަށް މައުމޫން ރިޝްވަތު ހުށަހެޅުއްވި ކަމާއި ސިޔާސީ ލީޑަރުން ދޫކޮށްލަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ހުކުމެއް ނެރުނީ ފަނޑިޔާރުން ރިޝްވަތުގެ ހުތުރު ފައިސާގައި ހިއްޕަވައިގެން، ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެއާ އެކު، ރިޝްވަތުގެ ފައިސާ އިން ދެ ފަނޑިޔާރުންނާއި އާއިލާގެ ބޭފުޅުންނަށް ފްލެޓް ބައްލައިގަތުމަށް ހިންގެވި މުއާމަލާތްތަކުގެ ހެކި ވެސް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިހާ ތަފްސީލުކޮށް، ހެކީގެ ވާހަކަ ދެއްކުމަށް ފަހު، ހެކި ނައްތާލުމުގެ ދައުވާ، ޖަލުގައި ތިއްބެވި ތިން ބޭފުޅުންގެ މައްޗަށް އުފުލުމުން ފުލުހުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.

ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު (ކ)، ކުރީގެ ރައީސް މައުމޫން (މ) އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު.-- މިހާރު ފޮޓޯ

ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތުހުމަތުކުރި މައްސަލަ ބާއްވާފައި އެހެން މައްސަލައެއްގައި ދައުވާ އުފުލަން ފޮނުވައި ފުލުހުން އަމަލުކުރަމުންދާ ގޮތުން ލަދުވެތިވާ ކަމަށެވެ. އަދި ފުލުހުން އަމަލުކުރާ އުސޫލްތައް ވެސް ހަނދާން ނެތުނީތޯ ރިޔާޒް ވަނީ ސުވާލު ކުރައްވައިފަ އެވެ.

ހެކި ހުރި ކަމަށް ބުނުމަށް ފަހު، ހެކި ފޮރުވުމުގެ ދައުވާ ކުރުމުން، ގާނޫނީ ވަކީލް މައުމޫން ހަމީދު ވެސް ވަނީ ފުލުހުންނަށް ފާޑުވިދާޅުވެފަ އެވެ.

މައުމޫން ހަމީދުގެ ޓުވީޓް.

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހީމް ވިދާޅުވީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނާ ދެކޮޅަށް ހެކި ހުރި ކަމަށް އެތައް ފަހަރަކު ފުލުުހުން މުޅި ގައުމަށް އިއުލާންކުރި ކަމަށެވެ. އެ ހެކިތަކަށް ވީ ކިހިނެއްތޯ އޭނާ ސުވާލު ކުރެއްވި އެވެ.

"ހެއްކެއް ނެތް، އަތަކު ނުޖެހުނު. ދިވެހި ފުލުހުންގެ ނަމުގައި ނޫސް ކޮންފަރެންސް ބާއްވައިގެން ތި ހަދާ ދޮގާއި ތިޖަހާ ސަކަރާތުން ފުލުހުންގެ މުއައްސަސާގެ އަގު ވެއްޔާއި މޮޑެވިއްޖެ،" އަމީން ވިދާޅުވި އެވެ.

ބަޔަކު ފްރޭމްކުރަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އެއަށް ފުލުހުން ކިޔަނީ ހެކި ފޮރުވުންތޯ، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ސުވާލު ކުރެއްވި އެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ވިދާޅުވި ގޮތުގައި ހެކި ނައްތާލުމުގެ ދައުވާ މި އުފުލީ، ގައުމު އެލާޓަށް ގެނެސް، ކިތާބީ ހެކި ހުރި ކަމަށް އިއުލާންކުރުމަށް ފަހު އެވެ.

ހެކި ނައްތާލުމުގެ ދައުވާ ކުރަން ފޮނުވި ތިން ބޭފުޅުންގެ އިތުރުން ވެސް، ވެރިކަން ބަދަލުކުރުމަށް ރިޝްވަތު ދިނުމާއި ހިފުމުގެ ތުހުމަތު ކުރެވޭ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން ސިޔާދު ގާސިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނަސީރާ ހިމެނެ އެވެ.