ރާއްޖޭ އާއި އިންޑިއާގެ ގުޅުން ބިނާވެފައި ވަނީ ހަމައެކަނި ދެ ގައުމެއްގެ ގުޅުން އޮންނަ މިންވަރަކަށް ނޫން ކަމަށާއި އެެއީ އެ އަށް ވުރެ މާ ގާތް ގުޅުމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމުގައި އިންޑިއާ އިން އިސް ދައުރެއް އަދާކުރާ ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ބިނާވެފައި ވަނީ މިދިޔަ އަހަރުތަކުގައި ކޮށްފައިވާ ތަޖުރިބާތަކުގެ މައްޗަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން، ޒަމާންވީ އާދަކާދަތަކުގެ މައްޗަށާއި އެއް ގައުމުން ކުރާ ކަންތައްތައް އަނެއް ގައުމުން ބަލައި ގަންނަމުންދާ މިންވަރުގެ މައްޗަށް ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެ ގައުމުގެ ގާނޫނުއަސާސީ އެކުލަވާލާފައިވަނީ ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި ޑިމޮކްރަޓިކް މުޖުތަމައެއް ބިނާކުރުމަށާއި އިޖުތިމާއީ ފޭރާން ބަލިކަށި ވެގެން ނުދާނޭފަދަ ގޮތަކަށެވެ. އިންޑިއާއިން އަބަދުވެސް ރާއްޖެއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގާތް ރަހުމަތްތެރިއެއްގެ ގޮތުން ރާއްޖެއަށް ދީލަތި ކަމާއެކު އެހީތެރިކަން ފޯރުކޮށްދޭކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިންޑިއާއިން ބަހައްޓާ ގާތްކަން ރާއްޖެއިން އަދި މި ސަރުކާރުން ބަލައިގަންނަ ކަމުގައި ވިދާޅުވެފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމަށް ފައިދާވާނެ ފަދަ ކަންކަމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ފައިސަލް ވަނީ ދެއްވައިފަ އެވެ.