މިފަހަރު ފެން އީދަކަށް! ހުރިހާ ސަރަހައްދުތަކަށް މޫސުން ގޯސް

މިއަދު ފާހަަގަކުރާ މި އަހަރުގެ ފިތުރު އީދާ ދިމާކޮށް، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރަ 4-5 ދުވަހަށް ދުވަހަށް ދެމިގެން ހިނގައިދާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފި އެވެ.


މެޓް އޮފީހުގެ ޑިރެކްޓަރު ޖެނެރަލް އަލީ ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ، ރާއްޖެ އަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އަދި ދޭތެރެއަކުން މޫސުން ރަނގަޅު ވިޔަސް، ގިނަ ވަގުތު ބޯކޮށް ވާރޭ ވެހި، ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މިއުޅެނީ ހުޅަނގު މޫސުން ލައިގަނެގެން،" ޝަރީފް ވިދާޅުވި އެވެ.

މޫސުން ގޯސް ދުވަސްތައް މި ދިމާވީ ގިނަ ބަޔަކު ދަތުރުކޮށް އުޅޭ، ކުޑައީދުގެ ބަންދާ އެވެ. އެގޮތުން ބައެއް މީހުން ވަނީ އީދާ ދިމާކޮށް ޗުއްޓީ ހޭދަކުރުމަށް ރަށްރަށަށް ގޮސްފަ އެވެ. ކުޑައީދު ބަންދާއި ހަފްތާ ބަންދާ އެކު، ގިނަ އޮފީސްތަކެއްގައި މަސައްކަތް ކުރާ މީހުންނަށް ފަސް ދުވަހުގެ ޗުއްޓީއެއް ލިބެ އެވެ.

އިއްޔެ ހަވީރުން ފެށިގެން މާލެ އަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން، ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

މާލޭގައި މިއަދު އީދު ނަމާދު ކުރަމުން ދިޔަ ގަޑީގައި ވެސް ބޯކޮށް ވާރޭ ވެހުނެވެ. އެތައް ހާސް ބަޔަކު އީދު ނަމާދަށް ހާޒިރުވެފައިވާއިރު، މާލޭގައި އެތައް ބަޔަކު ނަމާދު ކުރީ މިސްކިތްތަކުގެ ޖާގަ ފުރުމުން ވާރޭތެރޭގަ އެވެ.

މިއަދު އީދު ނަމާދަށް ދިޔަ ބަޔަކު، ވާރޭ ވެހޭތީ ކުޑަ އަޅައިގެން އިސްލާމީ މަރުކަޒުގެ ސިޑި މަތީގައި އިށީނދެ ތިބެ ހުތުބާ އަޑުއަހަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މޫސުން ގޯސްވެ، ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ މޫސުމާ ބެހޭ އިދާރާ އިން ވަނީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެގެން ދަތުރު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

"އީދާ ދިމާކޮށް ގިނަ ބަޔަކު ރަށް ރަށަށް ދަތުރު ކުރާތީ މޫސުމަށް ބަލަން ވާނެ. ކަނޑުތައް ގަދަވުމާ އެކީ ބައެއް ރަށްރަށަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

މޫސުމާ ބެހޭ އިދާރާ އިން ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި ތ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓް ވަނީ ނެރެފަ އެވެ.

ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ އިރު، މިދިޔަ ދެ ތިން ދުވަހު ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ. އެގޮތުން ލ. އަތޮޅާއި ގއ. އަތޮޅުގެ ބައެއް ރަށް ރަށުގައި ފެންބޮޑުވެ، ގޭގެއަށް ފެން ވަދެ ގެއްލުންތައް ލިބުނެވެ.