ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލައެއް ބަލާނަން: މަޖިލިސް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލަތަކެއް ދިރާސާކޮށް އެކަންކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެކަމަށް ބޭނުންވާ ގާނޫނުތައް ހެދުން 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ ބޮޑަށް އިސްކަންދީގެން ކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އެގޮތޮން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ފާސްކުރީ އެ މަޖިލީހުންކަން ފާހަގަކޮށްފައިވެ އެވެ.

"ކުޑަކުދިންނާ ގުޅޭ މިފަދަ ހުރިހާ މައްސަލަތައް ދިރާސާކޮށް، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަގީންކަން އަރުވަމެވެ،" ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލަޔާ ގުޅޭ ގޮތުން މަޖިލީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

ތުއްތު ކުއްޖާ ރޭޕްކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ރޭ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ކަމާ ބެހޭ ދައުލަތުގެ ހުރިހާ އިދާރާއެއްގެ ވެރިން މިރޭ ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ. އެ ކޮމިޓީގެ ބައްދަލުވުން މިރޭ 9:00 އަށް ވަނީ ތާވަލުކޮށްފަ އެވެ.

ރޭޕްކުރި މައްސަލާގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އެ ރަށުން ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންގެ ބަންދަށް އެ އަތޮޅު ގެމަނަފުށީ ކޯޓުން 15 ދުވަސް ދީފައި ވާއިރު، މައްސަލަ ތަހުގީގުކުރުމަށް މާލެ ގެނެސް މިހާރު ވަނީ ދޫނިދޫގައި ހައްޔަރުކޮށްފަ އެވެ. މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކުއްޖާގެ ބައްޕަ ރޭ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިންނެވެ.

އަނިޔާ ލިބުނު ތުއްތު އަންހެން ކުއްޖާ އަށް އިންސާފު ހޯދައިދީ ކުށްވެރިންނަށް ހައްގު އަދަބު ދިނުމަށް އެ މައްސަލަ ވީހާ ވެސް ރަނގަޅަށް ބަލައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ އެދިވަޑައިގެންފަ އެވެ.