ސިފައިންގެ މީހަކަށް ބޮޑެތި ތުހުމަތުތަކެއް: ޖިންސީ ގޯނާ، ރޭޕް، ބްލެކްމެއިލް

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ އާއި ރޭޕް އަދި ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ ތަރުޖަމާން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، އެ މައްސަލަތަކުގެ ތުހުމަތަށް މިރޭ އިރާކޮޅު މާލެ އިން އުމުރުން 36 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ސިފައިންގެ މީހެއް ކަމެއް ނުވަތަ ނޫން ކަމެއް އިޒްމިއާ ވިދާޅެއް ނުވެ އެވެ.

ނަމަވެސް، އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ، އުމުރުން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ އާއި ރޭޕް އަދި ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރު ކުރިކަން ފުލުހުން އަންގާފައިވާ ކަމަށެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކާ މެދު ޖިންސީ ގުޅުން ހިންގި މައްސަލައެއް ނުބަލާ ކަމަށް ވިދާޅުވެ، ޖެންޑާ، ހިއުމަން ރައިޓްސް ކޮމިޓީގައި ކަންބޮޑުވުން ފާޅު ކުރައްވާފައިފަ އެވެ. އޭނާގެ އެ ވާހަކަތަކާ ގުޅިގެން އޭރު ސިފައިން ބުނީ އެފަދަ ކަމެއް އެއްވެސް ފަރާތަކުން ސިފައިންނަށް އަންގާފައި ނެތް ކަމަށެވެ.

ރޮޒައިނާ އެ ވިދާޅުވާ މައްސަލަ އާއި މިރޭ ހައްޔަރުކުރި ސިފައިންގެ މީހާއާ ގުޅުން އޮތް ކަމެއް އަދިއެއް ނޭނގެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ރޭޕްގެ މައްސަލަތައް އެންމެންގެ ސަމާލުކަމަށް އައިސްފައި މިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވެސް ނުވާ އަންހެންކުއްޖަކަށް އެ ކުއްޖާގެ މުނިކާފަ އާއި ކާފަގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމުގެ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އެ ކުއްޖާގެ، އުމުރުން 62 އަހަރުގެ ކާފަ އާއި 82 އަހަރުގެ މުނިކާފަގެ ފަރާތުން ތަކުރާރުކޮށް ލިބުނު އެ އަނިޔާތަކުގެ ތުހުމަތުތަކާ ގުޅިގެން އެ ދެ މީހުން ވަނީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ. އެ ކުއްޖާގެ ބައްޕަ ވެސް އެ ދުވަހު ހައްޔަރު ކޮށްފައި ވާއިރު، އޭނާ އަށް ކުރަނީ ދަރިފުޅަށް އިހުމާލުވުމުގެ ތުހުމަތެވެ.