ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހަކު ރަނގަޅުވެއްޖެ

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު ދެ މީހަކު ރަނގަޅުވެއްޖެ ކަމަށް، ސަރުކާރުން މިއަދު ބުނެފި އެވެ.


މި ފަހަރު ރަނގަޅުވީ ކުރެއްދޫ ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވި ފަސް މީހުންގެ ތެރޭގައި ހިމެނޭ ދެ ޓޫރިސްޓެކެވެ. ރާއްޖެ އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ފަސް މީހުންނަކީ އެ ރިސޯޓުގެ ތިން ޓޫރިސްޓަކާއި އެ ތަނުގެ ޑޮކްޓަރު އަދި ބިދޭސީ މުވައްޒަފެކެވެ. އެހެންކަމުން ރާއްޖެ އިން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ފެނުނު ކުރެއްދޫ ރިސޯޓުގެ ފަސް މީހުންގެ ތެރެއިން މިހާރު ރަނގަޅު ނުވެ ތިބީ ދެ މީހެކެވެ. އެއީ ބިދޭސީ މުވައްޒަފު މީހާ އާއި ޓޫރިސްޓެވެ.

ރާއްޖެ އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާގައި ތިބީ އަށް މީހެކެވެ. އެއީ ހަތް ޓޫރިސްޓަކާއި ކުރެއްދޫގެ ބިދޭސީ މުވައްޒަފެވެ.

ރާއްޖެ އިން ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން އެންމެ ފުރަތަމަ ރަނގަޅުވީ، ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީގެ ދެމަފިރިންނެވެ. އޭގެ ތެރެއިން އެންމެ ހާލު ބޮޑުވީ އުމުރުން 72 އަހަރުގެ ފިރިހެން މީހާ އެވެ.

ރާއްޖޭގެ ކޮރޯނާވައިރަސް ކޭސްތައް

ޗައިނާގައި މިދިޔަ އަހަރު ފަހުކޮޅު ފެތުރެން ފެށި އެކަމަކު މިހާރު މުޅި ދުނިޔެ އަށް އޭގެ ނުރައްކާކޮށްފައިވާ ކޮރޯނާވައިރަސް އިން ޖެހޭ ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވީ ކުރެއްދު އާއި ބަތަލާގެ އިތުރުން ކުރަމައްޗާއި އަނަންތަރާ ދިގު ރިސޯޓު އަދި ފުވައްމުލަކުގެ ފަޅުތެރޭގައި އޮތް އައިލެންޑް ސަފާރީގެ ޓޫރިސްޓެކެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ފުއްޕާމޭގެ ބަލިތަކާ ބެހޭ އައިޖީއެމްއެޗުގެ ޚާއްސަ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމީހުންގެ ތެރެއިން ބަޔަކު ރަނގަޅުވުމަކީ ރާއްޖޭގައި އެ ބަލި ނުފެތުރޭނެ ކަމަށް ލިބޭ ޔަގީން ކަމެއް ނޫން ކަމަށެވެ. އަދި އެއީ ބަލި ކޮންޓްރޯލްވުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު މެންދުރު ބޭއްވި ނިއުސް ބްރީފިންގައި ޑރ. މުހައްމަދު އިސްމާއިލް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ޑރ. އިސްމާއިލް ވިދާޅުވި ގޮތުގައި ރާއްޖެއަށް މިހާރު ވެސް ޓޫރިސްޓުން އައުމުގެ އިތުރުން ކުރިން ބައްޔަށް ޕޮޒިޓިވްވި މީހުންނާއި އެ މީހުންނާ އެކި ގޮތްގޮތުން ކޮންޓެކްޓްވި މީހުން ވެސް އަދި ތިބީ ކަރަންޓީނުގަ އެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފަރުވާ ހޯދާ މީހުންގެ ތެރެއިން ބަޔަކު ރަނގަޅުވަމުން އައުމަކީ ހިތްހަމަޖެހުމެއް ނަމަވެސް، ޑރ. އިސްމާއިލް ވަނީ އާންމު އުސޫލުން މުޅި މުޖުތަމައުގެ ސަމާލުކަމަށް ބައެއް ވާހަކަ ތަކުރާރުކުރައްވައިފަ އެވެ. އެގޮތުން އޭނާ އެދިވަޑައިގަތީ މަގުމައްޗަށް މީހުން ނުނިކުތުމަށާއި ސަރުކާރުން ދޭ އިރުޝާދާ އެއްގޮތަށް ގޭގައި ތިބުމަށެވެ.

ރާއްޖެ އިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާގައި ތިބީ އަށް މީހެކެވެ. އެއީ ހަތް ޓޫރިސްޓަކާއި ކުރެއްދޫގެ ބިދޭސީ މުވައްޒަފެވެ.

ކޮރޯނާވައިރަސްއަށް މިހާތަނަށް ރާއްޖެއިން 673 ސާމްޕަލް ޓެސްޓު ކުރިއިރު 660 ޓެސްޓް ވަނީ ނެގެޓިވްވެފަ އެވެ. ކަރަންޓިންގައި ތިބީ 496 މީހުންނެވެ. އޭގެ ތެރޭގައި ގިނައީ މި ފަހުން ރާއްޖެ އައި ދިވެހިންނެވެ.

ކޮރޯނާވައިރަސްގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ހަފްތާއަކީ ރާއްޖޭގައި މިބަލި ފެތުރުމުގެ ފުރުސަތު ބޮޑު ދުވަސްތަކެއް ކަމަށް ބަލައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި ހޮޓާ/ރެސްޓޯރެންޓް/ކެފޭ ފަދަ ތަންތަނަށް ކެއިންބުއިމަށް މީހުން ވަނުން މަނާކުރުން ވެސް ހިމެނެ އެވެ.