ކޮވިޑް-19: ބޭރުގައި ތިބި ދިވެހިންނަށް 1،000 އަށް ވުރެ ގިނަ ޕެކޭޖް ސަރުކާރުން ފޯރުކޮށްދީފި

ސްރީ ލަންކާ އާއި އިންޑިއާ އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް އެ މީހުންގެ އާއިލާތަކުން ފޮނުވައިދޭން އެދުނު ޖުމްލަ 1،601 ޕެކޭޖް ފޯރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީން ބުނީ، ތިން ގައުމުގައި ތިބިި މީހުންނަށް ވެސް ޕެކޭޖްތައް ފޯރުކޮށްދިނީ ވަރަށް ދަތި އުނދަގޫ ހާލަތެއްގައި، ބުރަ މަސައްކަތްތަކެއްގެ ތެރެއިން ކަމަށެވެ. ޚާއްސަކޮށް، ކޮރޯނާވައިރަހާ ގުޅިގެން އެ ގައުމުތަކުގެ ހާލަތު ވެސް ދަތިވެފައިވާ މި ނާޒުކް ވަގުތުގައި ތަކެތި ފޯރުކޮށްދިނުމަކީ ބުރަ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ލަންކާގައި ތިބި އާއިލާތަކަށް ގެންދިޔަ ޕެކޭޖްތައް، އެ ގައުމުގެ ފްރައިޓް އެޖެންސީއެއް މެދުވެރިކޮށް ރައްދު ކޮށްދިން އިރު، އެ ތަކެތި ހިފައިގެން ދަތުރުކުރި އުޅަނދުތައް ކޮންމެ ޕޮލިސް ޗެކްޕޮއިންޓަކަށް މަޑުކުރުވައި ބަލައި ފާސްކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

"ދެހިވަލާ އާއި ކަލުބޯވިލާގައި ގިނަ ގެތައް ހުރީ ހަނި މަގުތަކުގައި ކަމަށް ވާތީ ޑެލިވަރީ އެޖެންޓުންނަށް ޖެހުނީ ވެހިކަލްތަކުން ފައިބައިގެން ހިނގާފައި ގޮސް އެޑްރެސްތައް ހޯދާށެވެ. ދުވާލެއްގެ ތެރޭގައި ރައްދު ކޮށްދެވޭ ޕެކޭޖްގް އަދަދު މަދުވެ، މަސަައްކަތް ލަސްވީ އެހެންވެ އެވެ،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

ބޯކޮށް ވާރޭ ވެހޭތީ މިއަދު މެންދުރު ފަހު މަސައްކަތް މެދު ކެނޑުނު ނަމަވެސް ޕެކޭކްތައް ފޯރުކޮށްދިނުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާނެ އެވެ.

ފޯރުކޮށްދެވުނު އަދަދުތައް

ލަންކާ: 586 (ރައްދު ނުކުރެވި 36)

އިންޑިއާ (ޓްރިވެންޑްރަމް/ކޮޗިން): 144

މެލޭޝިއާ: 331

ކޮވިޑް-19 ހަލުވި ކަމާ އެކު ފެތުރެން ފެށި އިރު، ބޭސްފަރުވާ އާއި ޒަރޫރީ އެކި ބޭނުންތަކުގައި އެކި ގައުމުތަކަށް ގޮސް ތިބި މީހުންނާއި އެ ގައުމުތަކުގައި ކުރިއްސުރެ ތިބި ދިވެހިންގެ ތެރެއިން ވެސް ރާއްޖެ އަށް އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސަައްކަތް ވެސް ސަރުކާރުން އައީ ކުރަމުންނެވެ. އެ ކަން ވެސް ސަރުކާރުން ކުރީ އެ ގައުމުތަކާ ވާހަކަ ދައްކައިގެން އުނދަގޫ މަރުހަލާތަކެއްގެ ތެރެއިންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާ އެކު ފެތުރޭ ކޮރޯނާވައިރަސް އަށް މިާއިތަނަށް 2.2 މިލިޔަން މީހުން ޕޮޒިޓިވްވެ، އޭގެ ތެރެއިން 154,726 މިހުން ވަނީ މަރުވެފަ އެވެ. ރާއްޖޭން އެ ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އެންމެ ފަހުގެ އަދަދަކީ 34 ގައި އުޅޭއިރު ވެރިރަށް މާލެ އިން އެކަނި ވެސް މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 14 މީހަކު ވަނީ ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފަ އެވެ. އެ 14 މީހުންގެ ތެރެއިން އެކަކީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބަންގްލަދޭޝްގެ މީހެކެވެ.