އުތުރުގެ ތިން ރަށަކުން އިތުރު ހަ މީހަކަށް ކޮވިޑް-19 ޖެހިއްޖެ ކަމަށް އެޗްޕީއޭ އިން ރޭ ބުނެފި އެވެ.

އެއީ ހއ. އިހަވަންދޫން ބަންގްލަދޭޝްގެ ދެ ފިރިހެނަކާއި ހއ. ފިއްލަދޫން ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހަކާއި ހދ. ނާވައިދޫން ޕޮޒިޓިވްވި ދިވެއްސެކެވެ.

ނާވައިދޫން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން 68 އަހަރުގެ ފިރިހެނެކެވެ. އޭނާ އަށް ކޮވިޑް ޖެހިފައިވާ ކަން އެނގުނީ ހޯމް ކަރަންޓީނަށް ފަހު ޓެސްޓު ކުރުމުންނެވެ. ބާކީ ފަސް މީހުންނަކީ މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާ އެކި ގޮތްގޮތުން ގުޅުން ހުރި ބައެކެވެ.

ފިއްލަދޫން ޕޮޒިޓިވްވެފައި ވަނީ ހއ. ކެލާގެ "ސަވާރީ" ބޯޓާއި ފިއްލަދޫގެ "ބީއެމްއެމްއޭ އެކްސްޕްރެސް" އިން ޕޮޒިޓިވްވި ބަޔަކާ ކޮންޓެކްޓްވި ތިން ފަޅުވެރިއެކެވެ. ސަވާރީ ބޯޓުގެ ކެޕްޓަނާއި އެ ބޯޓުން ދަތުރުކުރި 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން، ކެލަ އާއި އެ އަތޮޅު ވަށަފަރާއި ދިއްދޫ އަދި ހދ. ނޮޅިވަރަމްފަރަށް އަރައިފޭބުން މިދިޔަ ހުކުރު ދުވަހު މަނާ ކުރި އެވެ. ފަހުން އެ ރަށްރަށް ވަނީ މޮނިޓަރިންގެ ހާލަތުން ނަގައިފަ އެވެ.

އިހަވަންދޫން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެ ރަށަށް ދަތުރުކުރާ "ތަހުތު" ބޯޓުގެ ދެ ފަޅުވެރިއެކެވެ.

އެ ރަށު ކައުންސިލު މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ ތަހުުތު ބޯޓުގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވިކަން މިދިޔަ ހޯމަ ދުވަހު އެނގުނު ފަހުން އެ ދެ މީހުން ތިބީ ކަރަންޓީންގައި ކަމަށެވެ.

"އީދު ދުވަހުގެ ކުރީ ދުވަހު ތަހުތު ބޯޓު ރަށަށް [އިހަވަންދޫ އަށް] އައީ. އެ ދެ މީހުން އީދު ނަމާދަށް ވެސް ދިޔަ. އެހެންވެ، ގިނަ ބަޔަކަށް ބައްދަލުވެފައިވާ ކަމަށް ބެލެވޭ،" ހަލީލް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށް އޭނާ ވިދާުޅުވި އެވެ.

ތަހުތު ބޯޓުގެ އިތުރުން، އިހަވަންދު އަށް ދަތުރުކުރާ "242" ބޯޓުގެ ފަޅުވެރިންނާ ކޮންޓެކްޓްވެފައި ތިބި 41 މީހެއްގެ ސާމްޕަލް މިހާތަނަށް ނަގާފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ. މީގެ ތެރެއިން ހަ ސާމްޕަލްގެ ނަތީޖާއެއް އަދި ނުލިބެ އެވެ.

ކޮވިޑުން ރައްކާތެރިވާން އެޅި ފިޔަވަޅުތަކަށް ލުއި ދޭން ފެށުމުން މި ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެފަ އެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ އިރު މަރުވާ މީހުންގެ އަދަދު ވެސް ދަނީ މަތިވަމުންނެވެ. މިހާތަނަށް 4،680 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 19 މީހަކު ވަނީ މަރުވެފަ އެވެ.