ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް ޕާޓީތަކުން ވަކިކޮށް އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް މިއަދު އަންގައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ ތިން މެމްބަރަކު ޕާޓީތަކުގެ ދަފްތަރުން ވަކިކުރިކަން މަޖިލީހަށް އެންގީ، އިނގިލީގެ ނިޝާން ހަމަކުރަން ދިން އެއް މަސް ދުވަހުގެ މުއްދަތުގައި އެކަން ކުރައްވާފައި ނުވާތީ ކަމަށެވެ.
އިބޫ އާއި އީވާ އަކީ އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި ދެ މެމްބަރުންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކޮމިޝަންގެ ރައީސް އަހްމަދު ސުލެއިމާން ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އިބޫ އާއި އީވާ އަދި ފައިސަލް ޕާޓީތަކުގެ ދަފްތަރުން އުނިކުރީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތަށް، ފުރިހަމަ ކުރަން ޖެހޭ މައުލޫމާތު ފުރިހަމަކޮށްފައި ނުވާތީ ކަމަށެވެ.
މި އިސްލާހުގެ ސަބަބުން، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެވޭނީ އިނގިލީގެ ނިޝާނާ އެކު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކުރާ މީހުންނަށެވެ.
މި އިސްލާހާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކުގެ ދަފްތަރު އަލުން އެކުލަވާލައިފަ އެވެ. މި ބަދަލާއެކު އެންމެ ބޮޑު އެމްޑީޕީގެ ދެ ބައިކުޅަ އެއްބައި މެމްބަރުން ވަކިވެ، މެމްބަރުންގެ އަދަދު ވަނީ 27،000 އަށް ދަށްވެފަ އެވެ. އެ ޕާޓީގައި ކުރިން 46،000 މެމްބަރުން ތިބެ އެވެ.
މިހާރު އެންމެ ބޮޑު ޕާޓީގެ ގޮތުގައި، އޮތީ 37،000 މެމްބަރުންނާ އެކު ޕީޕީއެމް އެވެ.