ފިންގާ ޕްރިންޓް ނެތިގެން ސިޔާސީ ޕާޓީތަކުގެ ދަފުތަރުން ވަކިކުރި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ ފޯމް ލިބިފައިވާ ކަމަށާއި އެ ދެ ބޭފުޅުންގެ ފޯމް ޕްރޮސެސްކޮށް މާދަމާ ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިރޭ ވިދާޅުވީ އިބޫ އާއި އީވާގެ މެމްބަޝިޕް ފޯމް އެ ކޮމިޝަނަށް ލިބިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދެ ބޭފުޅުން ޕާޓީގެ ދަފުތަރުން އުނިކުރީ ފޯމް ހުށަހަޅަން ދިން މުއްދަތު މި މަހުގެ 11 ގައި ހަމަވިއިރު ހުށަހަޅާފައިނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އީވާ މިއަދު ކޮމިޝަންގެ އިދާރާ އަށް ވަޑައިގެން މެމްބަރުންނާ ބައްދަލުކުރެއްވި. އަޅުގަނޑުމެން މި ބަލަނީ އިބޫ އާއި އީވާގެ ފޯމް ޕްރޮސެސްކޮށް ނިންމޭތޯ. އަދި އޭގެ ފަހުން އެކަން މަޖިލީހުގެ އިދާރާއަށް އަންގާނަން،" އަކްރަމް ވިދާޅުވި އެވެ.

އެ ދެ މެމްބަރުންގެ އިތުރުން މަޖިލީހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމްގެ ވެސް ފިންގަ ޕްރިންޓް ނެތިގެން ޕާޓީން ވަކިކޮށް އެކަން މަޖިލީހުގެ އިދާރާއަށް އިލެކްޝަންސް އިން ވަނީ މިއަދު އަންގައިފަ އެވެ.

‎"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކޮމިޝަންގެ ރައީސް އަހްމަދު ސުލެއިމާން ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އިބޫ އާއި އީވާ އަދި ފައިސަލް ޕާޓީތަކުގެ ދަފްތަރުން އުނިކުރީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތަށް، ފުރިހަމަ ކުރަން ޖެހޭ މައުލޫމާތު ފުރިހަމަކޮށްފައި ނުވާތީ ކަމަށެވެ.

‎މި އިސްލާހުގެ ސަބަބުން، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެވޭނީ އިނގިލީގެ ނިޝާނާ އެކު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކުރާ މީހުންނަށެވެ.

‎މި އިސްލާހާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކުގެ ދަފްތަރު އަލުން އެކުލަވާލައިފަ އެވެ. މި ބަދަލާއެކު އެންމެ ބޮޑު އެމްޑީޕީގެ ދެ ބައިކުޅަ އެއްބައި މެމްބަރުން ވަކިވެ، މެމްބަރުންގެ އަދަދު ވަނީ 27،000 އަށް ދަށްވެފަ އެވެ. އެ ޕާޓީގައި ކުރިން 46،000 މެމްބަރުން ތިބެ އެވެ. ‎މިހާރު އެންމެ ބޮޑު ޕާޓީގެ ގޮތުގައި، އޮތީ 37،000 މެމްބަރުންނާ އެކު ޕީޕީއެމް އެވެ.