ފުލުހުންގެ ބަންދުގައި ހުއްޓައި މިދިޔަ އާދިއްތަ ދުވަހު އަމިއްލަ އަށް މަރުވީ، ތިން ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިނގިރޭސި ވިލާތުގެ މީހަކު ކަމަަށް ފުލުހުން މިއަދު ބުނެފި އެވެ.
ވިލިމާލޭ ކަސްޓޯޑިއަލް ފެސިލިޓީގައި ބަންދު ކޮށްފައި ހުއްޓާ އަމިއްލަ އަށް މަރުވި އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ދީފައެއް ނުވެ އެވެ.
ނަމަވެސް ރާއްޖެ އަށް 3.4 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގެ މައުލޫމާތު އާންމު ކުރަމުން ފުލުހުން މިއަދު ބުނީ، ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވީ އެ މައްސަލައިގައި ހިމެނޭ އުމުރުން 30 އަހަރުގެ ފިރިހެނަކު ކަމަށެވެ.
މިދިޔަ މަހުގެ 25 އިން ފެށިގެން އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނުގައި އިނގިރޭސި ވިލާތުގެ އެ ފިރިހެންމީހާގެ އިތުރުން އުމުރުން 43 އަހަރުގެ ތައިލެންޑުގެ ފިރިހެނަކު ވެސް ހައްޔަރުކުރި ކަމަށް ފުލުހުން ބުނެ އެވެ.
އިނގިރޭސި ވިލާތުގެ މީހާގެ ފޮށިން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ބޮޑު ދެ ރަބަރު ޕެކެޓް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގައި 3.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
އެ ދެ މީހުންގެ ތަހުގީގު ކުރިއަށް ގެންދަން ބަންދުގެ މުއްދަތު ކަނޑައެޅީ ކްރިމިނަލް ކޯޓުންނެވެ. އިނގިރޭސި ވިލާތުގެ މީހާ ބަންދުގައި ބަހައްޓަން އެ ކޯޓުން ދިނީ ދެ މަސް ދުވަހެވެ. ތައިލެންޑު މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން ދިނީ 15 ދުވަހުގެ މުއްދަތެކެވެ.
މި މައްސަލަ ކަމާގުޅޭ އިދާރާތަކުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.