ކޮވިޑް ކޮންޓްރޯލްކުރަން ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރު ބަންދުކުރުމުން ވެލާނާ އެއާޕޯޓް ފަޅުވެފައި. ޑިޕާޗާ ޓެކްސްގެ ނަމުގައި އަންނަ އަހަރުން ފެށިގެން ޓެކްސްއެއް ނަަގަން އަންނަނީ ތައްޔާރުވަމުން. ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ޖޫން 2021 - 15:16
ރާއްޖޭގެ އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން މިހާރު ނަގަމުން އަންނަ އެއާޕޯޓް ޓެކްސްގެ ބަދަލުގައި އަންނަ އަހަރުން ފެށިގެން ޑިޕާޗާ ޓެކްސް ނެގުމަށާއި އެގޮތުން ނަގާ ޓެކްސް ބިދޭސީ ފަސިންޖަރުންގެ އަތުން ބޮޑުކޮށް ނަގަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް ނެގުމާ ބެހޭ ގާނޫނަށް، ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި ބިލު އިގުތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މުޅި މަޖިލީހުގެ ކޮމިޓީން ފާސްްކުރީ އިތުރު ބަދަލެއް ނުގެސް އެ އޮތް ގޮތަށެވެ.
އެ ރިޕޯޓްގައިވާ ގޮތުން ޓެެކްްސް ނަގަން ބިލުގައި ހުށަހަޅާފައިވާ އަދަދުތަކަކަށް ކޮމިޓީން ބަދަލެއް ނުގެނެ އެވެ. އޭގެ ބަދަލުގައި ގެނައި ބަދަލަކީ ޓެކްސް ނަގަން ފަށާ ތާރީހަށް ބަދަލު ގެނައުމެވެ. ބިލު ހުށަހެޅި އިރު ޓެކްސް ނަގަން ފަށަން ކަނޑައަޅާފައި އޮތީ މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެންނެވެ. ކޮމިޓީން ގެނައި ބަދަލަކީ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ޓެކްސް ނަގަން ފަށާ ގޮތަށް ބަދަލު ކުރުމެވެ.
އިކޮނޮމީ ކްލާސް: ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު.
ޕްރައިވެޓް ޖެޓް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 ޑޮލަރު.
އިގުތިސާދީ ކޮމިޓީން ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މުޅި މަޖިލީހުން މިއަދު ފާސްކުރީ ކުރީ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި 52 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ ދެ މެމްބަރުންނެވެ.
މުޅި މަޖިލީހުގެ ކޮމިޓީގައި ރިޕޯޓާ ބެހޭ ގޮތުން މިއަދު ކުރި ބަހުސްގައި ޑިޕާޗާ ޓެކްސް މި އުސޫލުން ނެގުމާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދެއްކެވީ މަޖިލީހުގެ ތަޅުމުގައި އަދި އިގުތިސާދީ ކޮމިޓީގައި ވެސް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ވާދަވެރި އަގުތައް ނެރޭ އިރު، ރާއްޖޭން ނަގާ ޓެކްސް ބޮޑުކުރުމުން ޓޫރިޒަމަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށެވެ. ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކާ މަޝްވަރާނުކޮށްް މިފަދަ ބަދަލެއް ގެންނާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވެސް ރިޕޯޓް އޮތް ގޮތަށް ފާސްކުރުމާ ދެކޮޅު ހެއްދެވި އެވެ. އޭނާ ވިދާޅުވީ އަމަލުކުރެވެމުން މިދަނީ ރާއްޖޭގަައި އިންވެސްޓްކުރަން އަންނަ ތިބި ފަރާތްތައް ނާންނާނެ ގޮތަށް ކަމަށެވެ.
އެހެން ނަަމަވެސް އެމްޑީޕީގެ މެމްބަރުން ރިޕޯޓް ދިިފާއުކުރައްވައި ސައީދަށާއި ޝިޔާމަށް ރައްދުދެއްވި އެވެ.
އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ރިޕޯޓާ މެދު ކޮންމެވެސް ވަރަކަށް ކަންބޮޑުވުން ފާާޅުކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އޭނާ ވިދާޅުވީ ޑިޕާޗާ ޓެކްސް ނަގަން ފެށުމުން ދައުލަތަށް ލިބޭ އާމްދަނީ ހަމަ ހަގީގަތުގައި ވެސް އިތުރުވާނެތޯ ސުވާލު އުފެދޭ ކަމަށެވެ. އެހެން ނަމަވެސް ރިޕޯޓް ފާސްކުރަން ވޯޓު ދެއްވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި ނަމަވެސް އެ ރިޕޯޓް އަދި މަޖިލީހުގެ ތަޅުމުން ފާސްކުރަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިލިގިލި
29 June 2021
މިއީ ދިވެހީންނަށް ލިބޭ "ލުޔެއް" ކަމުގައި ފެނުނަސް އަޅުގަނޑު އެހާ ހިތްހަމަޔެއް ނުޖެހޭ މިކަހަލަ ތަފާތުކުރުން ގެންގުޅޭކަށް. ދަތުރުފަތުރު ކުރުމުގައި އަދި ލިބިނީ އެއް ޚިދުމަތެއް ކަމުގައިވަނީނަމަ އެއް އަގެއް ނަގަންވާނީ އެންމެނަށް.
ބަބުރަންޖީ ހާޖީ
29 June 2021
ބިދޭންސީންނަށް ހުރިހާ ވަޒީފާތައްދީފާ އެއަށްފަހު އެމީހުންގެއަތުން ނެކްސް ބޮޑުކުރާން ވަރަށް ރީއްޗެއްނު.
7789
29 June 2021
އައިލައިކު ދިސް