މަންމަގެ ޖަނާޒާގެ ކަންތައްތަކަށް ފަހު ސައުދު އަނބުރާ ޖަލަށް ގެންދާއިރު، އޭނަގެ ބޮޑުދައިތައެއްގެ ގައިގައި ބައްދާލައިގެން ރޮނީ.--- ފޮޓޯ: ރާއްޖެޓީވީ/ މުހައްމަދު ޝަރުހާން
07 އޯގަސްޓް 2017 - 12:39
ހާދަ ނުރައްކާތެރި ހަތަރު "ކުށްވެރިއަކު" ޖަލުގައި މި ވަގުތު އެބަތިއްބެވި އެވެ. އެއީ ރައްޔިތުންގެ ބޮޑު އަގުލަބިއްތަކުން ރައްޔިތުންގެ މަޖިލިހަށް ހޮވި ހަތަރު މެމްބަރެކެވެ. އޭގެ ތެރެއިން އެއް މެމްބަރަކީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެވެ. އޭނާ އަކީ ކިހާ ނުރައްކާތެރި "ކުށްވެރިއެއް" ކަން މި އެނގުނީ އިއްޔެ އެވެ. އޭނާ ސަރުކާރުން ބެލެހެއްޓި ވަރާއި ބަނޑުއަޅައި ވިހޭ މައިމީހާގެ ޖަނާޒާ އަށް ފަހު އަލުން އުފުރާލި ގޮތް ފެނުމުން ސައުދު މި ހިމެނެނީ ހަމަ ގައުމުގައި ނެތް ވަރުގެ ނުރައްކާތެރި ކުށްވެރިއަކަށެވެ.
އަޅުގަނޑުގެ ސުވާލުތައް ވަރަށް ބައިވަރެވެ. ސައުދު ކުރެއްވީ ކޮން ކުށެއް ހެއްޔެވެ؟ ރައްޔިތުން އޭނާ މަޖިލީހުގެ ގޮނޑި އަކަށް ހޮވައި، އެ ގޮނޑީގައި އޭނާގެ ވާޖިބު އަދާކުރައްވަން އެ ގޮނޑީގައި އިށީންނަވަން ކުރެއްވި މަސައްކަތް އެއީ ކުށެއް ކަމަށް ވަންޏާ؛ -- ތެދެކެވެ؛ އެއީ "ކުށެކެވެ." ސައުދަކީ ބޮޑު ކުށްވެރިއެއް ނޫނެވެ. މާރާމާރީއެއް ނުހިންގަ އެވެ. ކުށުގެ ރެކޯޑެއް ނެތެވެ. އުފެދުނީ ބޮޑު ސިޔާސީ ކަންތައްގަނޑެކެވެ.
އެކަމަކު އެކަން އޮތީ އެހެނެއް ނޫނެވެ. ސައުދު ހައްޔަރުކޮށްފައި ހުރީ މި ދެންނެވި "ކުށު"ގެ ތުހުމަތުގައި ކަމަށް ސަރުކާރުން އެބަ ބުނެ އެވެ. މި ވާހަކައިގެ ތެރެއަށް ސަރުކާރުން އިތުރުކޮށްލާ ހަމައެކަނި ޕޮއިންޓަކީ އޭނާ އަކީ ގޮނޑި ގެއްލިފައިވާ މެމްބަރަކަށް ވެ ހުރެ ފުލުހުންގެ ސަފު ފޫއަޅުވާލައި މަޖިލިހުގެ އިދާރާގެ ތެރެއަށް ވެންނެވުމެވެ. މި މައްސަލާގައި އެހެން ތިން މެމްބަރަކު ވެސް ވަނީ 15 ދުވަހުގެ ޖަލު ބަންދަށް ތަހުގީގަށް ހައްޔަރުކޮށްފަ އެވެ.
މަޖިލީހުގެ ގޮނޑި ގެއްލިފައި ވޭތޯ، ނުވޭތޯ މިއީ އަދި ބަހުސެއްގައި އޮތް މައްސަލައެކެވެ. އެއް ކަމަކީ މިފަދަ މައްސަލައެއްގައި އެ މެމްބަރުން ހައްޔަރު ކޮށްގެން އުޅެނީ ކީއްވެގެންތޯ ކުރެވޭ ސުވާލެވެ. ދެވަނަ ސުވާލަކީ އެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއަށް ވެންނެވީ އެންމެންނަށް ފެންނަ ގޮތަށް، ސިއްރުން ނޫން ކަމެވެ. ވީޑިއޯތަކާއި ފޮޓޯތައް އެބަހުއްޓެވެ. ހެކިދޭނެ ސިފައިންނާއި ފުލުހުން އެބަތިއްބެވެ. ފުލުހުންގެ ސަފު ފޫއަޅުވާލާފައި މަޖިލިހުގެ އިދާރާ އަށް ވަން ނަމަ އެކަން ވެސް ފުލުހުންނަށް ފެންނާނެ އެވެ. ހެކި ކަމަށް ބުނާ ސިޓީ ވެސް އޮތީ ހަމަ މަޖިލިހުގެ އިދާރާ އާއި ފުލުހުންގެ އިދާރާގަ އެވެ. އެއަށް އިތުރަށް ފޯރުވޭނެ ނުފޫޒެއް އޮންނާނެ ކަމަކަށް ނުބެލެވެ އެވެ. އެހެން ކަމަށް ވަންޏާ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހަން ޖެހޭ ސަބަބަކީ ކޮބައިތޯ އެވެ! ތަހުގީގު އެ އޮތީ އާންމުންނަށް ފެންނަހެން ނިމިފަ އެވެ. އެހެންވީމަ މިއި 15 ދުވަސް ޖަހައިގެން މާސިންގާ ތަހުގީގެއް ކުރަން ޖެހޭ ވަރުގެ ކަމެއްތޯ މިއީ އާންމުން ސުވާލު އުފައްދާ ކަމެކެވެ.
ދެން އޮތީ އެއަށް ވުރެ ވެސް ބޮޑެތި ވާހަކަތަކެކެވެ. އެއަށް އަނިޔާއޭ ކިޔަންޏާ ކިޔަންވީ އެވެ. ޚުދުމުހުތާރު ވުމޭ ކިޔަންޏާ އެހެން ވެސް ކިޔަންވީ އެވެ. ބޯގޮވައިގެން ހެދޭ އެތިފަހަރޭ ކިޔަންޏާ އެހެން ވެސް ކިޔަންވީ އެވެ. ރަހުމެއް، ހަަމްދަރުދީއެއް ނެތީއޭ ކިޔަންޏާ އެހެން ވެސް ކިޔަންވީ އެވެ. ކިޔާނެ ހުރިހާ ނަމެއް ކިޔަން އިއްޔެ އަކީ ރަނގަޅު މިސާލެއް ފެނުނު ދުވަހެކެވެ.
ސައުދުގެ މަންމަ އިއްޔެ އަވަހާރަވިއިރު، ސައުދު ހުންނެވީ ޖަލުގަ އެވެ. މަންމަގެ ޖަނާޒާގެ ކަންކަމަށް ސައުދު މާލެ ގެނެސް، އެ ހިތާމަ އިން އެ އާއިލާ އަރައިނުގަނެވެނީސް ސައުދު އަނބުރާ ޖަލަށް ގެންދިޔަ އެވެ. ސައުދު ރޮއިރޮއި އޮއްވަ އެވެ. މިއީ އެއްވެސް ކުށެއް އަދި ސާބިތުވެފައި ނެތް އިންސާނަކަށް ދިން ވަރަށް ބޮޑު ލާއިންސާނީ އަނިޔާއެއް ކަމަށް އެތައް ބަޔަކު ސިފަ ކުރި އެވެ. ހަގީގަތުގައި އެއީ ވެސް ހިތްދަތި މަންޒަރެވެ. އެކަން އެނގޭނީ އެ މީހަކު ޖަލުގައި ހުއްޓާ އެ މީހެއްގެ މަންމަ މަރުވާ ދުވަހެއްގަ އެވެ. އެ ދުވަހަކުން، އެ މީހަކު އާއިލާއާ އެކު ހުންނަން ބޭނުންވާނެ ކަން އެ މީހަކަށް ވިސްނޭނެ އެވެ.
މެމްބަރު ސައުދު މިދިޔަ މަހުގެ 28 ގައި ފުލުހަށް ހާޒިރުވަނީ.
އަނިޔާ އަކީ މީހެއްގެ ގައިގައި ޖެހުން އެކަންޏެއް ނޫނެވެ. މީހަކު މަރާލުމެއް ވެސް ނޫނެވެ. މިފަދަ ސިޔާސީ ބޮޑު ކަމެއްގައި ބަޔަކު ހައްޔަރުކޮށް، ޖަލުގައި ތެޅުވުމަކީ ވެސް ހަމަ ބޮޑު އަނިޔާ އެކެވެ. ސައުދަށް މިއޮތީ މި އަނިޔާ ލިބިފަ އެވެ. އޭނާއާ ދޭތެރޭ ކަންތައްތައް އިއްޔެ ކުރެވިގެން ދިޔައީ އޭނާ ނޫނަސް، އެފަދަ ގޮތަކަށް ޖަލުގައި ތިބި އެކަކަށް ވެސް ކަންތައްތައް ކުރެވިގެން ވާނެ ގޮތެއް ނޫނެވެ. މިއަށް ވުރެ ނުރައްކާތެރި ކުށްވެރި ގޭ ބަންދަށް ވެސް ދޫކުރެ އެވެ. ފައިގައި ޓެގް އަޅުވާފައި ވެސް ބެހެއްޓި ދުވަސްވަރެއް ދިޔަ އެވެ. އަދި ދޫކޮށްފައި ވެސް އެބަހުއްޓެވެ. އެކަމަކު ސައުދަކަށް އެ ފުރުސަތެއް ނުލިބުނެވެ.
ތަހުގީގު ކުރިއަށް ދާއިރު ސައުދު 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރިޔަސް އެ ތަހުގީގު ކުރިއަށް ދާ މިންވަރަކުން އެ މީހަކު ގޭ ބަންދަށް ނުވަތަ ދޫކޮށްލުމަކީ ފުލުހުންނަށް އޮންނަ އިޚުތިިޔާރެކެވެ. ޖަލުގައި ބަންދުކުރަން އަމުރުކޮށްފައިވާ މުއްދަތު ހަމަނުކޮށް ވެސް ބައެއް މީހުން ތަހުގީގުގެ ވަކި ހިސާބަކުން ދޫކޮށްލާފައި އަދި ގޭ ބަންދަށް ވެސް ބަދަލުކޮށްފައި އެބަހުއްޓެވެ.
ސައުދުގެ މަންމަ އަވަހާރަވުމުން ސައުދު މާލެ ގެންނަން އެދި އާއިލާ އިން އާދޭސް ކުރަނިކޮށް ވެސް، ސައުދު ފުރަތަމަ ގެންދިޔައީ ކްރިމިނަލް ކޯޓަށެވެ. އެއީ އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ލިޔުންތައް ހަވާލުކުރުމަށެވެ. މަންމަގެ ޖަނާޒާ އަށް ގެންދިޔައީ އަދި އޭގެ ފަހުންނެވެ. ކޯޓުން ހަވާލުކުރަންޖެހޭ ލިޔުންތައް އެހެން ދުވަހެއްގައި ވެސް ހަމަ ކުރެވިދާނެ އެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ.
ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވި ކަމުގެ ތުހުމަތުގައި ވެސް ސައުދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، އެ މައްސަލާގައި އޭނާ ހައްޔަރެއް ނުކުރެ އެވެ. ހަމައެކަނި ކުރި ކަމަކީ ފުލުހަށް ހާޒިރުކޮށް ބަޔާން ނެގުމެވެ. އަދި އެ މައްސަލާގައި ދެން ތުހުމަތު ކުރި ހަނީފް ވެސް ބަންދުކޮށްފައި ހައި ކޯޓުގެ އަމުރާއެކު އެވަނީ ދޫކޮށްލައިފަ އެވެ. މިއީ ޓެރަރިޒަމްގެ ކުށުގައި ދައުވާ ކުރީމާ ވެސް ފެނުނު މަންޒަރެވެ. ނަމަވެސް ގޮނޑި ގެއްލިފައި ވަނިކޮށް، މަޖިލިހުގެ އިދާރާ އަށް ސައުދު ވަދެވަޑައިގަތުމުން 15 ދުވަސް ކުޑަގޮޅި އަށެވެ. ނުވިތާކަށް މަންމަ އަވަހާރަވުމުން އާއިލާގެ މެމްބަރުންނާ އެކު ހޭދަކޮށްލައްވާނެ ވަގުތުކޮޅެއް ވެސް ނުދިނެވެ.
އިދިކޮޅު ސިޔާސީ މީހުންނާ ދޭތެރޭ މި ގައުމުގައި އަމަލު ކުރެވެނީ ރަނގަޅަކަށް ނޫނެވެ. މިހާރު ޖަލުގައި ތިއްބެވި، ކުށެއް ސާބިތު ވެފައި ނެތް މެމްބަރުންނަށް އެ ދެނީ ސީދާ އަނިޔާ އެވެ. އެއަށް ދޭނެ އިތުރު ނަމެއް ނެތެވެ. އެއީ ހަމަ މުލައްދަނޑީގެ ބާރުގެ ބޭނުން ކުރުން ނޫން ކަމެއް ނޫނެވެ. އިދިކޮޅު ސިޔާސީ މީހުންނާ ދޭތެރޭ ކަންތައްތައް ކުރާ ގޮތް ރަނގަޅަށް ބަލައިފިއްޔާ މި ދެންނެވި ވާހަކަ ވަރަށް ރަނގަޅަށް އެނގޭނެ އެވެ. މެމްބަރު އަހުމަދު ފާރިސް މައުމޫނާ ދޭތެރޭ ކަންކަން އެ ކުރަނީ ރަނގަޅަށް ހެއްޔެވެ؟ މެމްބަރު، ވަކީލު މުހަންމަދު ވަހީދު އިބްރާހީމާ ދޭތެރޭ ކަންކަން އެ ކުރަނީ ރަނގަޅަށް ހެއްޔެވެ؟ މެމްބަރު މުހަންމަދު އަމީތާ ދޭތެރޭ އެ އަމަލު ކުރަނީ ރަނގަޅަށް ހެއްޔެވެ؟
ދެން އޮތީ މެމްބަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވާހަކަ އެވެ. ލޭ މައްޗަށް ދާން ބޭނުން ނުވާތީ އޭނާގެ ވާހަކަ މި ހުއްޓާލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
18 August 2017
އޭނަ ބަންދުގަ ބަހައްތަން އަމުރު ކުރީ ކޯޓުން. އެއީ ކޯޓުން ކުރި ކަމެއް . ބަޔަކު ހުށަހެޅިއަސް ކޯޓުން ގާޒީތާ އެކަމަށް ހުއްދަ ދެނީ. އެހެން މީހުން ބޮލުގަ އެކަން ނޭޅުވޭނެ. އާޚިރަތް ދުވަހުން އެކަމަށް ޖަވާބުދާރީ ވާން ޖެހޭނެ އެމީހަކު.ސައުދު މަންމަ ނިޔާވީ އެކަމުގެ ހިތާމަ ކުރަމުން ދަނިކޮށް. މާފެއްވެސް ނުކުރެވިދާނެ ނުހައްގުން ކަމެއް ކުރި ބަޔަކަށް.
ޒާ
08 August 2017
ރޮއިރޮއި ކަރިނަފުޅު
ސައީދު
07 August 2017
ސައުދުގެ މަންމަ ނިޔާވިއިރު ހުރީ ބަންދުގަ. މަންމަ ބަލިވެ އޮއްވަ ސައުދު ހުރިހާ ގަނޑެއްގަތީ. އެކަމާ ކަލޭމެން އެއްޗެކޭ ނުބުނެ. ސައުދު ހެޔޮދޯ މަންމަ ބަލިވެއޮއްވާ ކޮންމެފަދަ ކަމެއްކުރަންވެސް. ކޮންމެ މީހަކުވެސް ދެރަވާނެ. ޔަގީންކަމެއް. އެކަމަކު ސައުދު މަންމަ ނިޔާވިޔަސް ސައުދު ދޫކޮށްލާފަ ބަހައްޓާކަށް ނުޖެހޭނެ. އޭނަ ހުރީ ތުހުމަތަކަށް ބަަންދުކޮށްފަ. މައްސަލައަކަށްވީހީ މަންމަ ނިޔާވުމުން އެވަގުތު ބަަންދުކުރިނަމަ. ހަމްދޫނަކަށް ނޭނގޭދޯ ސައުދުގެ މަންމަ ބަލިވެ އެހާލުގަ އޮއްވާކަމެއް ސައުދު ކުރިކަމެއްކުރީ. ތިހިރީ ކިހިނެއްވެފައިތަ ހަމްދޫނު.
ޞުރޯ
08 August 2017
ސައުދު ކޮންކަމެއްކުރީ؟؟؟؟ ކޮބާ ޤާނޫނޫ؟ އެބުނަނީ ކީކޭ؟؟؟
ޑައްސަ
07 August 2017
ކޮންމެ މީހެއްގެ މައްސަލައަކަށްވިޔަސް މި މައްސަލަތަށް ފެންމަތިވެފައިމިވަނީ ސަރުކާރުން އަދި މުއައްސަސާތަކުން ޤާނޫނު އަސާސީއަށް ބެލުމެއްނެތި ނުހައްގުން މީހުންނަށް އަދަބު ދެމުން ގެންދާތީ.ތެދެއް މަވެސް މިއޮތީ ގޭގައި މަށެއްވެސް ހައްޔަރެއް ނުކުރޭ އެހެނަސް އޭގެ މާނަޔަކީ އެހެން ފަރާތްތަށް ހައްޔަރު ކޮށްފައިވަނީ ރަގަޅަކަށޭ ނޫން.
ހޯބޯ
07 August 2017
ގާނޫނު އޭ ކިޔާ އެއްޗެއްގައި ލޮލަކާ ބޮލަކާ ކަންފަތެއް ހުންނަ ކަމެއް ނުދަންނަން. މަންމަ ބަލިވެގެން ހައްޔަރު ކޮށްފަ ތިބޭ މީހުން ދޫކުރަންޖެހޭ ކަމަށް ވެއްޖެއްޔާ ހުމާމްވެސް ދޫކޮށްލަން ޖެހޭނެ. އަންނިވެސް ދޫކުރަން ޖެހޭނެ. މި ދެމީހުންނަކީ މިއީ ބޮޑެތި ކުށްވެރިން.
ޥިސްނާ
08 August 2017
ޙުމާމަކީ ހުކުމްކުރެވިފައިވާ މީހެއް، ސައުދަކީ އަދި އެއްވެސް ކުށެއް ސާބިތުވި މީހެއްނޫން ވަރައްތަފާތު
ރާއްޖެތެރެ
07 August 2017
އެއްވެސް ރައްޔިތަކު، ތާއީދުކުރިއަސް ޕާޓީގެ އަޅަކަށް ނުވާށެވެ. މަޖިލީހަކަސް މަޖިލީހުން ބޭރަސް ހައްގު ގޮތުގައި ވޯޓު ލާށެވެ. އެހެންނޫނީ ތިމާ ލާ ވޯޓު ތިމާއަށް ޒަހަރަކަށް ވެގެން ނިމިދާނެއެވެ. ހައްގަށް ނަސްރު ދެއްވާފާނދޭވެ. ހިތްވަރު ކުރާށެވެ.
ޝިޔާމް/މަނަދޫ
07 August 2017
ސާބަސް ހަމްދޫން...ގަލަމުގެ ޒަރީއާއިން ހަމްދޫން ތިޔަކުރައްވަނީ ޤައުމީ ޖިހާދެއް...އެއްކައުވަންތަރަސްކަލާންގެ ދިވެހިިލިޔުންތެރިންނަށް ހިތްވަރާއިފަންވަރުދެއްވާ އަނިޔާވެރިކަން މުލުންލުހެލުމުގެ ހެޔޮތައުފީގް މިންވަރުކުރަށްވާށި..އާމީން
މމ
07 August 2017
މަށެއް ޖަލަކަށް ނުގެންދޭ މަމިއުޅެނީ ވަރަށް އުފަލުގައި ހަމަތާކު މީހަކު ހުއްޓަސް ޖަލަކަށް ނުގެންދާނެދޯ.
ޑައްސަ
07 August 2017
މަށެއްވެސް ނުގެންދޭ އޭގެ މާނަޔަކީ ހުރިހާ ކަމެއް ކުރަނީ ރަގަޅަށް ހަމަޔާއި އިންސާފުންތޯ؟ބޮޑަށް ހީވަނީ ޔާމިން ސަރުކާރުން ސީދާ ގޮތެއްގައި މަންފާއެއް ލިބޭހެން
ސަލީމް
07 August 2017
މަންމަ އެނިޔާވީ ސައުދެއް ވާނެގޮތެއް ނޭގިހުރެ އެކަމުގެ ފިކުރުގައި އޮވެ.
އުޗީނޯ
07 August 2017
ޔާމީނު ދޯގޯސްވީ. . . ހޭބަލިވެފަދޯ ދިވެހިން ތިބެނީ