އޮޅުންބޮޅުން: ތަޙްލީލީ ނަޒަރަކުން

ފާއިތުވި ހަފުތާގައި ރާއްޖޭގައި ހިނގައިދިޔަ ކަންތައްތަކަށް ތަޙްލީލީ ނަޒަރަކުން ބަލައިލަމާތޯ އެވެ؟ ހިނގައިދިޔަ ކަންތައްތަކަށް އަޅުގަނޑު މި ބަލާލަނީ ކަންތައްތައް މަޑުމަޑުން ނިއުޅެމުން ދިޔަ ތަރުތީބަކުން ނޫނެވެ. އަޅުގަނޑު މަސައްކަތް ކޮށްފައި ވާނީ ކަންތައްތައް ހިނގައިދިޔަ ގޮތް ކަމަށް ޚަބަރުން ލިބުނު މަޢުލޫމާތުގެ އަލީގައި، ދެ ފަރާތް ދެއްކޭތޯ އެވެ. ދެ ކޮޅު ފެނުމުން، އެ ކަމެއް ހިނގައިދިޔަ ގޮތް ކަމަށް، ނުވަތަ ހިނގަން ވާނެ ގޮތް ކަމަށް، ކިޔުންތެރިޔާ އަށް ފެނިވަޑައިގަންނަވާ ގޮތެއް ކިޔުންތެރިޔާ އަމިއްލަ އަށް ނިންމެވިދާނެ އެވެ.


ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ސަރުކާރާ ސިޔާސީ މައްސަލަތަކަކާ ކުރިމަތިލާން ޖެހުނެވެ. އެ ކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ ޚަބަރަކީ އެންމެ މަޝްހޫރު އެއް ޚަބަރަށް ވެގެން ދިޔަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އާއި ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމުގެ ސިޔާސީ އިސް ވެރިން ރާއްޖޭގެ ޙާލަތާ މެދު ވާހަކަ ދައްކަވައި ޚިޔާލު ބަދަލުކުރެއްވި ކަމަށް ވެ އެވެ. އަދި އދ.ގެ މަޖިލީހުގެ ސިކިއުރިޓީ ކައުންސިލްގައި ވެސް ރާއްޖެއާ މެދު ކަންތައް ކުރާނެ ގޮތަކާ މެދު ވާހަކަ ދެކެވުނު ކަމަށް ވެ އެވެ.

އދ.ގެ މަޖިލީހުގެ ސިކިއުރިޓީ ކައުންސިލުން ފިޔަވަޅެއް އެޅުމުން ރާއްޖެ ސަލާމަތް ވި ކަމަށް ސަރުކާރުން ބުނަނީ ރާއްޖޭގެ އެކުވެރި ގައުމުތަކާ ހުރެ ކަމަށް ވެ އެވެ. ރާއްޖޭގެ އެކުވެރި ގައުމުތައް ކަމުގައި، ރާއްޖޭގެ އެންމެ އިސް ވެރިޔާގެ ވާހަކަފުޅުގައި އެ ދުވަހު ފާހަގަކުރައްވާ ފައި ވަނީ ޗައިނާ، ރޫސީ ވިލާތް، ސަޢޫދީ ޢަރަބިޔާ އެވެ. މި ތިން ގައުމަކީ ވެސް ދުނިޔޭގެ އިންސާނީ ޙައްގުތަކަށް ފާރަވެރިވާ ފަރާތްތަކުގެ ލިސްޓުގެ ވަރަށް ފަހަތުގައި އޮންނަ ގައުމުތަކެކެވެ. ޗައިނާ އާއި ރޫސީ ވިލާތަކީ ސިކިއުރިޓީ ކައުންސިލްގައި ނިންމޭ ކަންތައްތަކުގައި ރުހުން ނުދީފި ނަަމަ، ސިކިއުރިޓީ ކައުންސިލްގެ ނިންމުމެއްގެ ގޮތުގައި ކުރިއަށް ނުގެންދެވޭނޭ ކަމަށް ކަނޑައެޅިފައި އޮންނަ ގައުމުތަކުގެ ތެރެއިން ދެ ގައުމެވެ. ސަޢޫދީ ޢަރަބިއްޔާ އަކީ މުސްލިމުންގެ އެންމެ މުޤައްދަސް ބިމެވެ. އެ ތަނުގައި އޮންނަ ސިޔާސަތަކާއި، އެ ގައުމަށް ދީނީ އަޅުކަމަށް ދާ ބަޔަކާ ސީދާ ގުޅުމެއް ނުއޮވެ އެވެ.

އިންޑިއާ އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަސީ އެވެ. ރާއްޖެއާ އެންމެ އަވައްޓެރި ގައުމެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށް ތުރާކުނުން، އިންޑިއާގެ މަލިކާ ދެމެދު އޮންނަނީ 75 ވަރަކަށް މޭލެވެ. ރާއްޖޭގެ ދެކުނުން އައްޑު އަތޮޅުގެ އެންމެ ދެކުނާއި، ޑިއެގޯގާސިއާގެ ދުރުމިނަކީ ވެސް ގާތްގަނޑަކަށް 75 މޭލެވެ. އެ އަތޮޅަކީ ދުނިޔޭގެ އެންމެ ވަރުގަދަ ބާރު، އެމެރިކާގެ ސިފައިންގެ މަރުކަޒެކެވެ.

ދިވެހިންގެ އާދައިގެ ދިރިއުޅުމުގެ ވަރަށް ގިނަ ކަންތައްތައް ހަމަޖައްސަނީ އަވައްޓެރި އިންޑިއާ އަށާއި ލަންކާ އަށް ގޮސްގެންނެވެ. އެ ދެ ގައުމުގެ ދެ ސިޓީ ކަމަށްވާ ޓްރިވެންޑްރަމާއި ކޮޅުނބަށް ގޮސް ގެންނެވެ. ސިޔާސީ ގޮތުން ކޮންމެ ބަޔަކާ އަޅުގަނޑުމެންގެ ގުޅުން ބަދަހި ކުރެވުނަސް، ގިނަ ދިވެހިންނަށް މި ދެ ގައުމާ ގުޅުމެއް ނެތި އުޅެން ދަތިވާނެ އެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދު މިހާރު ވެފައި ވަނީ ދުނިޔޭގެ ބޮޑެތި ބާރުތައް އެންމެ ބޮޑަށް ކޮންޓްރޯލް ކުރަން ބޭނުންވާ ސަރަހައްދަށެވެ. ދިވެހިރާއްޖެ އޮންނަނީ އެންމެ މުހިއްމު ހިސާބުގަ އެވެ. މިހެން ވުމާ އެކު ރާއްޖޭގެ ރައްޓެހިންނާއި ރާއްޖެ އަށް ވާ ގޮތަކާ މެދު އެ ގައުމުތަކުން އަބަދުވެސް އޮންނަނީ ބަލަބަލަ އެވެ.

ސުޕްރީމް ކޯޓުން ނެރުނު ޙުކުމާ މެދު ބޭރުގެ ގައުމުތަކުން ދެކޭ ގޮތް ދިވެހިންނާ ތަފާތު ވެދާނެ ކަމަށް ފެނެ އެވެ. ބޭރު ގައުމުތަކުން ދެކޭނީ، ޢަދުލު އިންޞާފް ގާއިމް ކުރުމުގެ އެންމެ އިސް އިދާރާ އިން ނެރުނު ޙުކުމަކަށް، ޙުކުމް ތަންފީޒު ކުރަން ޖެހޭ ފަރާތްތަކުން ޙުކުމް ތަންފީޒު ނުކުރި ކަމެވެ. ރާއްޖޭގެ ސަޤާފަތް ނޭނގޭ ބަޔަކަށް ބޮޑު މަންޒަރު ހޯދަން ވަރަށް އުނދަގޫ ވެދާނެ އެވެ.

ސުޕްރީމް ކޯޓުގެ ޙުކުމްގައި އޮތް ކޮންމެ ކަމެއްގައި ސުވާލުތަކެއް އުފެދެ އެވެެ. ރަނގަޅަށް ޝަރީޢަތް ހިންގުމުގެ ޙުކުމެއް، މައްސަލަތައް ނިމުމުގެ އެތަކެއް މަސް ފަހުން ނުކުތީ ކީއްވެ ބާވަ އެވެ؟ ޖިނާއީ ކުށެއް ކޮށްގެން ޙުކުމް ކުރެވިފައި ތިބި ބަޔަކު ދޫކޮށްލަން ކުއްލިއަކަށް އަމުރު ނެރެން ޖެހުނީ ކީއްވެ ބާވަ އެވެ؟ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެ ބޭފުޅުންގެ މެންބަރު ކަމުގެ މަގާމުން ވަކިކުރި ކަމަށް ސްޕްރިމް ކޯޓުގެ ޙުކުމްގައި ނެތް ކަމަށް ވިދާޅުވަމުން ގެންދަވާތާ އެތަކެއް މަހެއް ވެއްޖެ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނަމުން ދިޔައީ ޙުކުމްގައި އޮތީ ގޮނޑި ގެއްލޭ ގޮތަށް ކަމަށެވެ. މި ކަންތައް އެތަކެއް މަހެއް ވާންދެން ހިނގަމުން ދިޔައިރު ވެސް ހުކުމް ކުރި ތަން އޮތީ ހިމޭނުންނެވެ. އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުއްލިއަކަށް ހުކުމް ކުރަން ޖެހުނީ ކީއްވެ ބާވަ އެވެ؟ އެއް އިރެއްގައި ވެސް އެ ބޭފުޅުން ވެސް އަދި އަޅުގަނޑުމެން ވެސް އެ ބޭފުޅުންގެ ގޮނޑި ގެއްލޭނެ ކަމަށް ނުވަތަ ގޮނޑި ގެއްލުނު ކަމަށް ޤަބޫލެއް ނުކުރަމެވެ.

ކޮންމެ ގޮތެއް ވިޔަސް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ބަލައި ގަންނަން އުނދަގޫ ވާނެ ކަމެއް އެބަ އޮތެވެ. އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރެވުނު ގޮތެވެ. ކުއްލިއަކަށް ހައްޔަރު ކުރަން ޖެހުނަސް އެ ފަދަ އިސް މަޤާމެއްގައި ހުންނެވި ބޭފުޅަކު ހައްޔަރުކުރެވެން ވާނީ ޤާނޫނީ އިމުގެ ތެރެއިންނެވެ. ޤާނޫނީ އިން ކަނޑަ އަޅަނީ ވެރިކަމުގެ މާހައުލުގައި މަސައްކަތް ކުރާ ޤާނޫނީ ޢިލްމު ކިޔަވައިގެން ތިބި ދެ ތިން މީހުންނެއް ނޫނެވެ. އެ ބައި ހޯދަން ޖެހޭނީ ޤާނޫނުއަސާސީ އާއި ޤާނޫނުގެ ތެރެއިންނެވެ. ތެދުފުޅެކެވެ. ކުށެއް ކުރުމުން ކޮންމެ މީހަކާ މެދު ވެސް ޤާނޫނުގައި އޮންނަ ގޮތަށް ފިޔަވަޅު އެޅެން ވާނެ އެވެ.

މި "ހައިޖާނުގަނޑު" ގައި އަޅުގަނޑު އެންމެ ހަމްދަރުދީ ވަނީ ހުކުމު ތަންފީޒު ކުރަން ތިބި މީހުންނަށެވެ. އެ މީހުންނަށް، "އެ ވެސް މަރު"، މި ވެސް މަރު" އެވެ. ސުޕްރީމް ކޯޓުގެ އަމުރަށް ކިޔަމަން ނުވެއްޖެ ނަމަ ކޮންމެވެސް ދުވަހަކުން އެ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަކީ ވެދާނެ ކަމެކެވެ. ސަރުކާރުގެ އަމުރަށް ކިޔަމަންތެރި ނުވެއްޖެ ނަމަ އެ މީހަކު އެ އިރު ހުރި މަޤާމެއް ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މި ކަހަލަ ދަނޑިވަޅެއްގައި، މި ކަހަލަ ސަބަބުތަކާ ހުރެ އިތުރު އެހެން ކުށެއް ކުރުމެއް ނެތި މަޤާމް ގެއްލޭ ފަރާތްތަކަށް، އެ މީހުން އެތަކެއް އަހަރު ދުވަހު ކޮށްފައިވާ ޚިދުމަތަށް ލިބެން ޖެހޭ ޕެންޝަނުން މަޙްރޫމް ނުކުރެވޭ ގޮތަށް އޮތުމަކީ އިޙްސާންތެރި، އިންޞާފްވެރި ނިންމުމެއް ކަމަށް ގިނަ ބަޔަކު ދެކެފާނެ އެވެ.

މި "ހައިޖާނުގަނޑު" (އަދި ވެސް ދޭނެ ރީތި ނަމެއް ނޭނގިގެން) ގެ ތެރޭގައި ރާއްޖޭގެ ވެރިކަން 30 އަހަރު ކުރައްވާފައިވާ ބޭފުޅަކު ވެސް ވަނީ ވަރަށް ބޮޑު ތުހުމަތެއްގައި ޖަލުގައި ބަންދުކޮށްފަ އެވެ. ވެރިކަމުގައި ތިބޭ މީހުން ވެރިކަމުން ފޭބުމުން، ރާއްޖޭގައި އެފަދަ ވެރިކަމަށް ތަފާތު ނަންނަން ކިޔަ އެވެ. މި ގޮތަށް ރައީސް މައުމޫންގެ ވެރިކަމަށް ވެސް ވަނީ ނަންއިތުރެއް އައިސްފަ އެވެ. ކޮންމެ ގޮތެއް ވިޔަސް ރައީސް މައުމޫނަކީ ރާއްޖޭގެ ރައީސްކަން ތިރީސް އަހަރު ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު އުމުރުފުޅުން 80ގެ އަހަރުތައް ގުނަން ފެށިފައިވާ ބޭފުޅެކެވެ. ޖަލުގައި އެމަނިކުފާނު ބަންދުކޮށްފައި ބެހެއްޓުނަސް އެމަނިކުފާނަށް ވެސް އެފަދަ މާހައުލެއްގައި ލިބިވަޑައިގަންނަވާން ޖެހޭނެ ރަނގަޅު އަސާސީ ޚިދުމަތްތައް ގަވައިދުގެ އިމުގެ ތެރޭގައި، އިހްތިރާމާ އެކު ލިބިވަޑައިގަންނަވާނެ ކަމާ މެދު އަޅުގަނޑުމެން ޝައްކެއް ނުކުރަމެވެ. ނަމަވެސް އިޓަލީ ވިލާތް ކަހަލަ ބައެއް ގައުމުތަކުގައި އޮންނަ ގޮތަށް އުމުރުން 80ގެ އަހަރުތަކުގެ މަތީ މީހުން ޖަލަށް ނުލައި ވަރުގަދަ ސިކިއުރިޓީއާ އެކު ބަންދެއްގައި ބެހެއްޓޭނެ ގޮތަށް ސަރުކާރުން ވިސްނުމަކީ އޯގާތެރި ނިންމުމެއްގެ ގޮތުގައި ވަރަށް ގިނަ މީހުން ދެކެފާނެ އެވެ. އިންޑޮނޭޝިއާގެ ކުރީގެ އިސް ދެ ލީޑަރަކު ވެސް އަވަހާރަ ވާންދެން މިފަދަ ބަންދެއްގައި ތިއްބެވި އެވެ. މިއަންމާގެ ޒަޢީމާ ވެސް ވެރިކަމަށް ވަޑައިގެންނެވުމާ ޖެހެންދެން ކަހަލަ ގޮތަކަށް ހުންނެވީ ވަރަށް ބެލެހެއްޓުން ބޮޑު ބަންދެއްގަ އެވެ. އެފްރިކާގެ ބައެއް ލީޑަރުން މިހާރު ވެސް އެފަދަ ބަންދުގައި އެބަ ތިއްބެވި އެވެ.

އޯގާތެރިކަމަކީ މާތް ﷲ އިންސާނާ އަށް ދެއްވާފައިވާ ވަރަށް މާތް ސިފައެކެވެ.