މިދިޔަ ހޯމަ ދުވަހު އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މަޖިލީހަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވުމުން ފުލުހުން ހުރަސް އަޅަނީ. - ފޮޓޯ: މިހާރު
27 ޖުލައި 2017 - 21:17
ޣައިރު ގާނޫނީ ހަރަކާތްތަކުން އާންމުން ދުރުވެ، އެ ކަންކަމުގައި ބައިވެރި ނުވުމަށް ހޯމް މިނިސްޓްރީން މިރޭ ގޮވާލައިފި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، އިދިކޮޅު ފަރާތްތަކުގެ އެއްވުންތައް އިތުރުކޮށްފައިވާ މި ދަނޑިވަޅުގައި ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޣައިރު ގާނޫނީ ހަރަކާތްތަކުގައި ބައިވެރިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ގަވާއިދުތައް ތަންފީޒު ކުރުމުގައި އެއްވެސް މީހަކު އިސްތިސްނާ ނުވާނެ ކަމަށް ބުންޏެވެ.
ހޯމް މިނިސްޓްރީން ބުނީ ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، އާންމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ނެތް ކަމާއި ހަގީގަތާ ޚިލާފު މަންޒަރުތަކެއް ބޭރުގެ ފަރާތްތަކަށް ދެއްކުމަށް ދިވެހިންގެ މަދު ބަޔަކު މަގުތަކަށް ނުކުމެ ހިންގީ ނާތަހުޒީބު އަމަލުތަކެއް ކަމަށެވެ.
އިއްޔެ ފާހަގަކުރި މިނިވަން ދުވަހުގެ ހަރަކާތްތަކަށް ހުރަސްއެޅޭ ފަދަ ގޮތް ގޮތަށް ކަންކަން ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮފައިވާ ކަމަށާއި މިފަދަ ނާތަހުޒީބު އަމަލުތަކަކީ ރައްޔިތުން ބަލައިގަންނަ ކަންކަމެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ވަޑައިގަންނަވަން އުޅުއްވި އިދިކޮޅު މެމްބަރުންނަށް ހުރަސް އެޅުމަށް ފުލުހުން އެތުރިގެން.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
"ރާއްޖޭގެ އިސް މަގާމުތައް އަދާކުރައްވައި އިއްޒަތާއި ގަދަރު ލިބިވަޑައިގެން ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތްޕުޅުން އެފަދަ ނާތަހުޒީބު ގާނޫނާ ހިލާފު ކަންކަން ކުރުމަށް ހިތްވަރު ލިބޭ ފަދަ ގޮތް ގޮތަށް ވާހަކަ ދައްކަވާ އެފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ކަމީ ސަރުކާރުން އެކަމާ ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައި ދަންނަވަމެވެ. އަދި މިފަދަ ކަންކަންކަމަށް މިއަދު ރައްޔިތުން ތާއީދު ނުކުރާކަން ވެސް ފާހަގަ ކުރަމެވެ،" ހޯމް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ގާނޫނާ ޚިލާފު ނާތަހުޒީބު އަމަލުތަކަށް ހިތްވަރު ދޭ މީހުންނާއި އެފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ ގައުމުގެ ހަމަޖެހުމަށް ބުރޫއަރާ ގޮތަށް އަމަލުކޮށް މަގުތަކުގެ އަމާންކަން ނަގާލުމަށް މަސައްކަތް ކުރާ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ އެވެ.
ގައުމުގެ އަމާންކަމާއި ސުލްހަމަސްލަސްކަން ގެއްލި ރައްޔިތުންގެ މެދުގައި ދެކޮޅުވެރިކަމާއި ފިތުނަވެރިކަމާއި ނަފްރަތު އުފެދޭ ފަދަ ޣައިރު ގާނޫނީ އެއްވުންތައް ބާއްވައި ފުލުހުންނާ ކުރިމަތިލުން ފަދަ ކަންކަމަކީ މިއަދުގެ ތުއްތު ކުދިންނަށާއި ޒުވާނުންނަށް ދެއްކޭ ވަރަށް ނޭދެވޭ މަންޒަރުތަކެއް ކަމަށް ބަޔާނުގައިވެ އެވެ.
ހޯމް މިނިސްޓްރީން ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީން ކުރި އިއުލާނުގައި ކަނޑައަޅާފައިވާ ކާނިވާ ސަރަހައްދު ފިޔަވައި އެހެން އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ފުލުހުންގެ ފަރާތުން ލިޔުމުން ދޭ ހުއްދައަކާ ނުލައި ބޭއްވުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ގާނޫނާ ޚިލާފު އެއްވުންތަކުން ހައްޔަރުކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅައި އެމީހުންގެ މައްސަލަ ޝަރީއަތަށް ފޮނުވާނެ ކަމަށެވެ.
ހޯމް މިނިސްޓްރީން އިދިކޮޅު ފަރާތްތަކަށް އިންޒާރުދީ ބަޔާން ނެރުނުއިރު، މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ވަޑައިގަންނަވަން އުޅުއްވި އިދިކޮޅު މެމްބަރުންނަށް ފުލުހުން ހުރަސް އަޅައި، އޭގެ ތެރެއިން ބައެއް މެމްބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް ވަނީ ސުވާލު ކުރަން ފަށައިފަ އެވެ. އެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރަނީ އެ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލި ކަމަށް ބުނެ އެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ ފުލުހުން އަމަލު ކުރަނީ ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮޅިދާން
28 July 2017
ވެރިކަމުގެ ލައްޒަތާއި އާރާއި ބާރާއި ޖާހަކީ މީހާ އެއަށް ދެވިހިފާއެއްޗެކެވެ. ރާއްޖޭ ގެ ތާރީޚުގެ ސަފުހާތާއް ނިއުޅިހެން މިކަން ފެންނާނެ އެވެ.އެ ގޮތުން ވެރިކަމަށް އަރުއްވާ ބޭފުޅަކު ގާނޫނު މާނަކުރައްވަނީ އެބޭފުޅަކަށް ދޮންފުތުވާ ގޮތަށެވެ. ރާއްޖޭގެ ވެރިކަމަށް އަދި މިހާތަނަށް އިންތިޚާބުވި އެންމެ އޯގާތެރި ،ހިތްތިރި ރައީސަކީ ކެނެރީގޭ ނަޝީދެވެ. އެކަމަކު އެބޭފުޅާވެސް ގޯސް ހެއްދެވި އެވެ. އިސްތިއުފާދެއްވުމީ އެހެންވެގެން ކަމަށް ވެސް ވެދާނެ އެވެ.
ޢެމްސް
28 July 2017
މިއީ ހަމަ ފުލުހުންނަށްވެސް އޮތް އިންޒާރެއް
އަބްދުއްލާ
28 July 2017
ސަރުކާރު ވެސް އިމުން ބޭރުވެއްޖެ ނަމަ ރައްޔިތުންވެސްއިމުނ ބޭރު ވެދާނެ ނޫންބާ؟
މޮހަދޭ
28 July 2017
ދެން މިނިސްޓަރު ބުނެދޭންވީތާ އައިރު ގާނޫނީ ކަމަކީ ކޮބައިކަން
ބުޅިކެނޑި ލޯ
28 July 2017
އެއްވެ އުޅުމަށް ކަނޑައަޅާތަނަށް އެއްވުމުގެ ފުރުސަތެއްވެސް ނުދޭނަން ކޮންމެވެސް ބަހަނާއެއް ދައްކައިގެން. ދެން ބުނާނީ އެހެން ތަންތަނަށް އެއްވާކަން ނުދޭނަމޭ ފުރުސަތެއް. ހުރިހާ ގޮތަކުން ބަންދު. ސޯ ސިމްޕަލް
ބެއްޔާ
28 July 2017
ރަތްޔިތުން ހޮވާފަތިބޭ މެންބަރުންނަޠް ފާޑުކިޔޭވަރުގެ ބައެއްނާންނާނެ ތިޔަސަރުކާރުގެ ތެރެއިންނެއް... ތިޔަ މީހުނަށް މުސާރަދެނީވެސް ރަތްޔިތުންގެ ފައިސާއިން...
ބޮލުރޮދި
28 July 2017
ޤާނޫނުއަސާސީއަށް ތަބާނުވެގެން މިއުޅެނޫ ސަރުކާރުންނޭ ، ޤާނުނުއަސާސީއަށް ތަބާނުވެގެން މިއުޅެނީ ފުލުހުންނޭ ، ރީތިކޮށް ގާނޫނުއަސާސީއަށް ތަބާނުވާނަމޭ ބުނީމާ މާރީއްޗެއްނު ! ވާނުވާގާ ނުތިބެ އިސްތިއުފާ ދޭންވީ . ހޮޅިވާހަކަ ދައްކާނެ ކަމަށްނެއް . މިތާކު ނޫޅޭ މޮޔައިންނެއް .
އަލިފުތު
28 July 2017
ހޯމްމިނިސްޓަރ އަޅުގަނޑު މިގޮވާލަނީ ގާނޫނާއި ގާނޫނު އަސާސީއަށް ހޯމްމިނިސްޓަރ ހީލާފްވެ ނުވަޑައިގަތުމަށް ގާނޫނާއި ގާނޫނު އަސާސީއަކީ ޚިލާފަ އަމުރު ނުކުރުމަށް، ރައްޔިތުންނަ އަނިޔާ ކުރުންހުއްޓާލަށް އެފަދަ އަމުރެއް ފުލުހުންނަ ނުކުރުމަށް. ހޯމްމިނިސްޓަރ އިންސާފުގެ ކުރިމައްޗަށް ގެނައިސް ހައްގު އަދަބު ދޭނެކަމަށް ހަނދާން ކޮއްދެމެވެ.
މިރުޒާގު
28 July 2017
ޣައިރު ޤާނޫނީ ނޭގިގެން މިހާރު މިއުޅެނީ. އެއީ ޤާނޫނު އަސާސީ އާއި ޚިލާފަށް ހެދި ގާނޫނުތަކައް ތަބާނުވުންބާ؟ ނޫނީ ވަކި ޕާޓީއެއްގެ ފިކުރަށް ތަބާނުވުންބާ؟
އަހަރެން
28 July 2017
ގާނޫނު އަސާސީ އަކީ ރައްޔިތުންގެ މިލްކެއް. ޢެ ދިފާއުކުރާނީވެސް ރައްޔިތުން. އޭގެން ބޭރުވާ ފަރާތްތަށް އޮޅިގެން ތިއުޅެނީ .....