އދ.ގެ އާއްމު މަޖިލިސް މިދިޔަ އަހަރު ކުރިއަށް ގެންދާއިރު، އެ ޖަމިއްޔާގެ މައި މަރުކަޒުގެ ބޭރުގައި ރާއްޖޭގެ ދިދަ ނަގާފައި.-- ފޮޓޯ: އދ.
17 ސެޕްޓެމްބަރ 2017 - 06:25
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދޮގެއް ނޫނެވެ. މިދިޔަ ހުކުރު ދުވަހު އދ. ގެ ޖެނެރަލް އެސެމްބްލީގައި ވޯޓު ނެގި މައްސަލާގައި މިއަންމާގެ ރޮހިންޖާގެ މުސްލިމުންގެ ވާހަކައެއް އަދި އެ ނަމެއް ވެސް ނެތެވެ. ވޯޓު ނެގީ ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ގަތުލުއާންމުތަކާއި ލާއިންސާނީ އަމަލުތައް ހުއްޓުވުން އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގެ އެޖެންޑާގައި ހިމަނަން ފެނޭތޯ ބެލުމަށެވެ. އެ ވޯޓު ނެގި މަޖިލީހުގައި ރާއްޖެ ނެތީ ގަސްދުގައި ކަން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުން ވަރަށް ސާފެވެ. އެކަން ދިވެހި ސަރުކާރުން ދިފާއު ވެސް ކޮށްފި އެވެ.
"ރެސްޕޮންސިބިލިޓީ ޓު ޕްރޮޓެކްޓް" ނުވަތަ އާރުޓޫޕީގެ އުސޫލުގެ ތެރެއިން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބާރުގަދަ ގައުމުތަކުން ވަންނަން ފުރުސަތު ދޭ ކަމަށް ބުނެ، އެ ވޯޓުގައި ބައިވެރި ނުވުމަށް ރާއްޖެ އިން ވަރަށް ކުރިއްސުރެ ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އެއީ ސަރުކާރުގެ މައިގަނޑު ދިފާއު އެވެ.
އާރުޓޫޕީގެ އުސޫލުގެ ތެރޭގައި އިންސާނިއްޔަތާ ޚިލާފު އަމަލުތަކާއި ނަސްލެއް ނައްތާލުން ފަދަ އަމަލުތަކާ ދެކޮޅުހަދައި އެކަންކަމަށް ބަސް ބުނުން ހިމަނާފައިވެ އެވެ. އެކަންކަން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް މިފަހަރުގެ އދ. ގެ އާންމު ބައްދަލުވުމުގެ ރަސްމީ އެޖެންޑާގައި ހިމަނަން ފެނޭތޯ ބެލުމަށް ވޯޓު ނެގީ ވެސް ކަމުގެ ހައްސާސްކަން ބޮޑުކަމުންނެވެ. އެއީ މީގެ ކުރިން އަމަލު ކޮށްފައިވާ ގޮތެއް ނޫނެވެ.
އާރުޓޫޕީގެ މައްސަލަ އދ.ގެ ޖެނެރަލް އެސެމްބްލީގެ ރަސްމީ އެޖެންޑާގައި ހިމެނުމަށް ފެންނަ ކަމަށް 113 ގައުމަކުން ވޯޓު ދިން އިރު އޭގެ ތެރޭގައި ސައޫދީ އަރަބިއްޔާ އާއި އިންޑޮނޭޝިއާ އާއި ތުރުކީ އާއި ގަތަރާއި މެލޭޝިއާ ފަދަ މުސްލިމް ގައުމުތައް ހިމެނުމުން މައްސަލައިގެ މުހިންމުކަން އެނގެ އެވެ.
ނަމަވެސް ސަތޭކަ ޕަސެންޓް މުސްލިމް މި ރާއްޖެ އަށް އެކަން މުހިންމެއް ނުވި އެވެ. އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއަކަށް ވާދަކުރަން ފައިނަގާފައިވާ ރާއްޖޭގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ދެކޮޅުހެދުމާއި ނަސްލެއް ނައްތާލުމާއި ގައުމުތަކުގައި ހިންގާ އެފަދަ ބޮޑެތި ޚިލާފުތަކާ ދެކޮޅު ހެދުމުގެ ގާބިލްކަން ނެތުމުން ހައިރާންވާން ޖެހެނީ އެހެންވެ އެވެ. އެފަދަ ކަންކަމުގައި ފާޅުގައި މިހާރު ބަސް ބުނެވޭނެ ކަމާ މެދު އެތައް ބަޔަކު ސުވާލު އުފައްދައިފި އެވެ. މިފަދަ މުހިންމު ވޯޓެއްގައި ރާއްޖެ ހިމެނުނީ ޗައިނާ އާއި ސީރިއާ އާއި ޒިންބާބުވޭ އަދި ކިއުބާ ފަދަ ގައުމުތަކުގެ ލިސްޓުގަ އެވެ. އެއީ ވޯޓަށް ހާޒިރު ނުވުން، ބައިވެރިނުވުން ނުވަތަ ވޯޓު ނުދިނުމުގެ ލިސްޓެވެ. މިއީ ޒަމާނީ ޑިމޮކްރެސީ އަށް އެހާ ފަރިތަ ލިސްޓެއް ނޫނެވެ.
އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު އަލީ ނަސީރަށް މަގާމުގެ ފަތްކޮޅު، ރައީސް ޔާމީން އަރުވަނީ.--ފޮޓޯ: ރައީސް އޮފީސް
މި ވޯޓަށް ރާއްޖެ ހާޒިރުނުވި މައްސަލަ ބޮޑުވެގެން މިއުޅެނީ ރޮހިންޖާގެ މުސްލިމުންނާ ދެކޮޅަށް މިއަންމާގެ ސަރުކާރުން ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ދެކޮޅަށް ރާއްޖެ އަޑުއުފުލައި އަދި ފިޔަވަޅު ވެސް އަޅާފައި ވަނިކޮށެވެ. އެފަދަ ފިޔަވަޅުތައް ރާއްޖެ އިން ކޮންމެ ސިފައެއްގައި އެޅުމަށް ފަހު، ދުނިޔޭގެ މުސްލިމް އެތައް ގައުމަކުންނާއި ބޮޑެތި އަދި ކުދި ގައުމުތަކުން ވެސް ވޯޓު ދިން މައްސަލައެއްގައި ރާއްޖެ ފެއަށް ޖެހުމުން އެތައް ދިވެހިންނެއް ތިބީ ރުޅިއައިސްފަ އެވެ.
ރޮހިންޖާގެ މުސްލިމުންނާ ދެކޮޅަށް ވެސް ހިންގަނީ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ކަމަށް ދިވެހި ސަރުކާރުން އެއްބަސްވެ އެވެ. އެ ގައުމާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ސަރުކާރުން ކަނޑާލީ އެ ޖަރީމާތަކާ ދެކޮޅު ހެދުމަށެވެ. އެ މުސްލިމުން އެ ނިކަމެތިކަމުން ސަލާމަތް ކޮށްދެއްވުން އެދި ނަމާދަށް ފަހު، ގުނޫތު ކިޔުމާއި އެ މީހުންނަށް އެހީވުމުގެ ހަރަކާތްތައް ދިވެހި ސަރުކާރުން ފެށީ މިއަންމާގެ ސަރުކާރުގެ އަމަލުތައް ބަލައިނުގަންނާތީ އެވެ.
އެކަމަކު ދުނިޔޭގެ ފެންވަރުގައި ނެގި ވޯޓުގައި ރާއްޖޭގެ ފަރާތުން ފެނުނު ޒިންމާދާރުކަން ކުޑަ އަމަލާ ހެދި، އެ ހުރިހާ ކަމެއް މިވަނީ ވަޅުޖެހިފަ އެވެ. ދިވެހި ސަރުކާރަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެ، އެކަމުން ސަލާމަތްވާނެ ގޮތެއް ހޯދަން ޖެހުމަކީ މިކަމުގައި ނުކިއްސަރުކޮށް ކަންތައް ދިޔަކަން ދޭހަވާ ކަމެކެވެ.
އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމު ފުރުއްވާފައިވާ އަބްދުލް ޣަފޫރު މުހައްމަދު "މިހާރު" އަށް ވިދާޅުވީ އާރުޓޫޕީގެ ކޮންސެޕްޓް މީގެ އަހަރުތަކެއް ކުރިން އދ. ގެ ތެރެއަށް ގެނެސް އެ މަޝްވަރާތައް ނުރަސްމީކޮށް ފަށާފައިވާ ކަމަށާއި މިއީ އެ މައްސަލަ އދ. ގެ އާންމު ބައްދަލުވުމުގެ އެޖެންޑާގައި ހިމަނަން ވޯޓު ނެގި ފުރަތަމަ ފަހަރު ކަމަށެވެ.
"ހަމަ ބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގެން ޖެހޭނެ އދ.ގެ ޖެނެރަލް އެސެމްބްލީގެ ރަސްމީ އެޖެންޑާގެ ތެރެއަށް އާރުޓޫޕީ މިއަދު ލާނީ ކޮންމެވެސް ސަބަބަކާ ހެދިކަން. އަޅުގަނޑު ވެސް ގަބޫލުކުރަން، އާރުޓޫޕީ އަކީ ނަހަމަ ގޮތުގައި ބޭނުންކުރެވިދާނެ ކޮންސެޕްޓެއް ކަމަށް މަދު ގައުމުތަކުން ދެކޭ. މި ކޮންސެޕްޓް ބޭނުންކޮށްގެން، ބާރުގަދަ ގައުމުތަކުން ކުދި ގައުމުތަކަށް އަރައިގަނެވިދާނެ ކަމަށް ދެކޭ،" ޣަފޫރު ވިދާޅުވި އެވެ.
"އެކަމަކު އާރުޓޫޕީ އދ.ގެ ރަސްމީ އެޖެންޑާ އަށް ލާނީ ކޮންމެވެސް ސަބަބަކާ ހެދި. އދ. ގެ ޖެނެރަލް އެސެމްބްލީ ފަށާއިރު މުޅި ދުނިޔެ އެންމެ ކަންބޮޑުވަނީ މިއަންމާގައި އެ ހިންގާ ނަސްލެއް ނައްތާލުމުގެ ހަރަކާތަށް. އެހެންވީމާ މި އައިޓަމް ރަސްމީކޮށް އެޖެންޑާގައި ހިމެނުމުން އެބަ އެނގޭ ރޮހިންޖާގެ މައްސަލަކަން ބޮޑުވެގެން މިއުޅެނީ. މިއީ ރޮހިންޖާގެ މައްސަލައާ ގުޅުން ހުރި ކަމެއް ނޫނޭ ބުނުމަކީ އާންމު ރައްޔިތުންނަށް އޮޅުވާލަން ކުރާ މަސައްކަތެއް."
ޣަފޫރު ދެކެވަޑައިގަންނަވާ ގޮތުގައި ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލައާ ގުޅިގެން، ކުދި ގައުމުތަކުގެ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކޮށް، ރާއްޖެ އިން އދ. އަށް ހުށަހެޅި ގަރާރާއި އާރުޓޫޕީގެ ކޮންސެޕްޓް ތަފާތެއް ނެތެވެ. ގައުމެއްގެ ސިޔާދަތަށް ގެއްލުން ލިބޭ ފަދަ ކަމެއް ދިމާވެއްޖެ ނަމަ އެހެން ގައުމުތަކުން އެހީވެ، ރައްކާތެރިކޮށްދިނުމަކީ އެ ގަރާރުގައި ވެސް ހިމަނާފައިވާ ކަމެކެވެ.
"އާރުޓޫޕީގައި ވެސް މި ބުނަނީ ކޮންމެ ދައުލަތެއްގެ ވެސް އެންމެ މުހިންމު މަސްއޫލިއްޔަތަކީ އެ ގައުމެއްގެ ރައްޔިތުން ސަލާމަތްކޮށް ހިމާޔަތް ކުރުމޭ. އެކަންތައް ކުރަން އެ ގައުމުތަކަށް ނުކުޅެދޭ ހާލަތުގައި އެ ގައުމުތަކަށް އެހެން ގައުމުތަކުން އެހީތެރިވެދޭން ވާނެއޭ. އެއްވެސް ގައުމެއްގެ ރައްޔިތުންނަށް އެކަށީގެން ނުވާ ކަމެއް، ނަސްލެއް ނައްތާލުން، ލާއިންސާނީ ހަމަލާތައް ކުރިމަތިވާ ނަމަ، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ހިމާޔަތް ދޭން ވާނެއޭ. ކޮންމެ ހާލެއްގައި ވެސް އިންސާނީ ކަރާމާތްތެރިކަން ހޯދަން އާރުޓޫޕީގައި މައިގަނޑު ގޮތެއްގައި ބުނަނީ،" ޚާރިޖީ ދާއިރާގައި 27 އަހަރު އުޅުއްވާފައިވާ ޣަފޫރު ވިދާޅުވި އެވެ.
އެކި ގައުމުތަކުގައި ހިންގާ ގަތުލުއާންމުތަކާއި ލާއިންސާނީ އަމަލުތައް ހުއްޓުވުން އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގެ އެޖެންޑާގައި ހިމަނަން ފެނޭތޯ ބެލުމުގެ ވޯޓު ނެގިއިރު ރާއްޖެ އެ މަޖިލީހުގައި ނެތުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މުސްތަގިއްލު ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމެކެވެ.
އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބުގެ މަގާމު ކުރިން ފުރުއްވި ޣަފޫރު
އެ ވޯޓުގައި ރާއްޖެ ބުރަވެފައި ވަނީ ރާއްޖެއާ ގާތް ގުޅުމެއް އުފައްދަމުން އަންނަ ޗައިނާ ބޭނުންވި ގޮތަށް ކަމަށް ދޭހަވާ ކަމަށް އެތައް ބަޔަކު ބުނެ އެވެ. ސައޫދީ އަރަބިއްޔާ އަކީ ވެސް ރާއްޖެއާ ގާތް ގުޅުމެއް އޮންނަ މުސްލިމް ގައުމަކަށް ވިޔަސް ޗައިނާ ބޭނުންވި ގޮތަށް ރާއްޖެ މިފަހަރު ދޫދިނީ ކަމަށް ވެސް ބެލެވިދާނެ އެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ "ދޮލަނގަށް ލައިގެން ދިވެހިރާއްޖޭގެ "ޚާރިޖީ ސިޔާސަތު ވިއްކުމުގެ މަސައްކަތް" ސަރުކާރުން ފަށާފައިވާ ކަމަށެވެ. މިޔަންމާގެ މުސްލިމް ދަރިފަސްކޮޅެއް ނައްތާލަން މިއަންމާގައި ބޮޑެތި ޖަރީމާތައް ހިންގަމުންދާ މި ދަނޑިވަޅުގައި ވެސް ސަރުކާރުގެ ފަރާތުން އދ. ގައި ދެއްކީ އެ މަންޒަރު ކަމަށް ވިދާޅުވި އެވެ.
"މިކަން [ދިވެހި ސަރުކާރުން] ކޮށްފައި މިވަނީ ޗައިނާ ސަރުކާރުގެ އެންގުމަކަށް ކަން މާނަކުރެވޭ ގޮތަށް. އެކަން އަޅުގަނޑުމެން ކުށްވެރި ކުރަން،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްގެ މަގާމު ވެސް ފުރުއްވާފައިވާ ޝާހިދު ވިދާޅުވި އެވެ.
މީގެ ކުރިން އީރާނާއި ގަތަރާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ރާއްޖެ އިން ކަނޑާލީ ސައޫދީގެ ނުފޫޒުން ކަމަށް އޮތީ އަޑުފެތުރިފަ އެވެ. އީރާނާއި ގަތަރާއި ރާއްޖެއާ ދެމެދު އެއްވެސް ނުތަނަވަސްކަމެއް ނެތީސް، ސައޫދީ އިސްވެ އެޅި ފިޔަވަޅެއްގެ ތެރެއިން އެ ގައުމުތަކާ ރާއްޖެ އިން ގުޅުން ކަނޑާލުމުން ވެސް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
"އެހެންވީމާ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އެއްވެސް މުސްތަގިއްލު ކަމެއް ނެތްކަން މިއިން އެނގެނީ. އަމިއްލަ މިނިވަންކަމެއް ނެތުން. އާރުޓޫޕީގެ މި މައްސަލަ އަށް ބަލާއިރު ވެސް މިފެނުނީ އެކަން. މިސާލަކަށް ޗައިނާ އާއި ރަޝިއާ އިން ވޯޓު މިދިނީ އާރުޓޫޕީ ރަސްމީ އެޖެންޑާ އަށް ނުލާން. އެއީ ރޮހިންޖާގެ މުސްލިމުންގެ ވާހަކަ އާއި ސީރިއާގެ ވާހަކަ އދ. ގައި ދެއްކިޔަ ނުދޭން ކަމަށް ބެލިދާނެ. ސީރިއާގެ ވާހަކަތައް އދ. ގައި ނުދެއްކިގެން މިދަނީ ކޮންމެ ފަހަރަކު ވެސް ރަޝިއާ އިން ވީޓޯ ކުރާތީ. ނޯތު ކޮރެއާގެ އެންމެ ބޮޑު ރަހުމަތްތެރިއަކީ ޗައިނާ. އެ ގައުމުތަކުން ބޭނުން ނުވާނެ މުސްލިމުންގެ ވާހަކަ ދައްކާކަށް. ރާއްޖެ މި ހިމެނުނީ އޭގެ ތެރޭގައި ކަމަށް ބެލުމުގެ ފުރުސަތު މި ވޯޓަށް ރާއްޖެ ހާޒިރު ނުވުމުން ވަރަށް ބޮޑަށް ތަނަވަސް ވެއްޖެ،" ޣަފޫރު ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ ބޯޑަރު ހުރަސްކޮށްފައި ދިޔަ މިއަންމާގެ ރެފިއުޖީންތަކެއް ހާލުގައި ޖެހިފައި. --ފޮޓޯ:އޭއެފްޕީ
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ރާއްޖެ ގެންގުޅުނީ ފަޚުރުވެރި ޚާރިޖީ ސިޔާސަތެކެވެ. އީރާނާއި އިރާގުން ހަނގުރާމަ ކުރިއިރު ވެސް އެ ދެ ގައުމާ މެދު ރާއްޖެ ގެންގުޅުނީ އެއްވަރެއްގެ ރަހުމަތްތެރި ކަމެކެވެ. އިންޑިއާ އާއި ޕާކިސްތާނުގެ މައްސަލަ ބޮޑުވެފައިވާއިރު ވެސް އެ ދެ ގައުމާ ދެމެދު ރާއްޖެ ގެންގުޅެނީ އެއް ސިޔާސަތެކެވެ.
"އިރާގުން ކުވޭތަށް އެރީމާ އެކަން އެންމެ ފުރަތަމަ ކުށްވެރި ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ. ރާއްޖެ އިން އެބަހުރި ކެރިގެން ބަސް ބުނެފައި. ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ތައުރީފު ކޮށްފައި އެބަހުރި. މައުމޫންގެ ފަހުގެ ދައުރާއި ޚާއްސަކޮށް ނަޝީދުގެ ދައުރާއި ކުދި ގައުމުތަކުގެ މައްސަލާގައި ރާއްޖެ ނަގާފައި ވަނީ ކުދި ގައުމެއްގެ ގޮތުގައި ބާރުގަދަ ގައުމެއް ނަގާ ފަދަ ސްޓޭންޑެއް. ކުދި ގައުމުތަކުގެ ތެރެއިން ނުފޫޒު ގަދަ ގައުމެއް އޭރު ރާއްޖެ އަކީ. އަޅުގަނޑުމެން ބަސް ބުނީމާ އަޑުއަހާ ގައުމުތައް އެބަތިބި. ބާރުގަދަ ވުމަށް ވުރެ ދިވެހިރާއްޖެ އަށް އެހެން ގައުމުތަކުން ކުރާ އިތުބާރު ބޮޑު،" ޣަފޫރު ވިދާޅުވި އެވެ.
އެކަމަކު ފަހަކަށް އައިސް ކޮމަންވެލްތުން ވަކިވެ، އީރާނާއި ގަތަރާ ގުޅުން ކަނޑާލުމާއި އަދި އެންމެ ފަހުން އދ. ގައި މި ނެގި ވޯޓަށް ރާއްޖެ ހާޒިރު ނުވުމުން ތަސައްވަރު ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އާރުޓޫޕީ 2005 ގައި ފާސްކުރީ އދ. ގެ ގައުމުތަކުގެ އިއްތިފާގުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.
އާރުޓޫޕީގެ މަޝްވަރާތައް އދ. ގެ އާންމު މަޖިލީހުގެ ރަސްމީ އެޖެންޑާގައި ފުރަތަމަ ފަހަރަށް ހިމެނުމަށް ނުވަތަ ރަސްމީކޮށް އެ ވާހަކަ ވެސް ދައްކަން ސަރުކާރުން ބޭނުން ނުވުން ނުވަތަ އެ ވޯޓަށް އެހިއިރު އެ މަޖިލީހުގައި ނެތުމަކީ މައްސަލައެކެވެ. ލާއިންސާނީ އަނިޔާ އާއި ބޮޑެތި ޖަރީމާތައް ތަހައްމަލުކުރާ މީހުންގެ ތެރޭގައި ގިނައީ މުސްލިމުން ކަމަށް ވާއިރު، އާރުޓޫޕީގެ ރަސްމީ މަޝްވަރާތަކުގައި ރާއްޖެ ފަދަ މުސްލިމް ގައުމެއްގެ އިސްނެގުން ވަރަށް މުހިންމެވެ. އެފަދަ މީހުންނަށް އެހީވުމަށް މަގުފަހި ކޮށްދިނުމުގެ މަޝްވަރާއެއް ނަމަ، ރާއްޖޭގެ ނަން އެންމެ ކުރީ ސަފަށް އަންނަން ޖެހޭނެ އެވެ.
އަނެއްކޮޅުން ރާއްޖެ މިއުޅެނީ 2020 ގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމުގެ ކެމްޕެއިނުގެ ތެރޭގަ އެވެ. އެހެންވެއްޖެ ނަމަ ފާޅުގައި، ކެރިގެން ބަސް ބުނަން ޖެހެ އެވެ.
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު މީޑިއާއާ ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ
"އެންމެ ކުޑަމިނުން އާނއެކޭ ނުވަތަ ނޫނެކޭ ވެސް ބުނަން ނުކެރޭ ބަޔަކު، އެހެން ގައުމަކުން ބަސް ބުނީމާ އެގޮތަށް އެ ގައުމެއްގެ ސިޔާސަތު ކުޅޭކުޅޭހެން ގެންގުޅޭ ގައުމެއް އިންތިޚާބު ކޮށްފައި ސަލާމަތީ މަޖިލީހުގައި ބައިންދާނެ ކަމަކަށް ހަމަ ބުއްދިން ވިސްނާލީމާ ގަބޫލެއް ނުކުރެވޭ،" ޝާހިދު ވިދާޅުވި އެވެ.
"އެހެންވީމާ ރާއްޖެ އަށް ޚާރިޖީ ދާއިރާގައި ލިބިފައި އޮތް ރީތި ނަން، ޝަރަފު، ރާއްޖެ އަކީ ޚާރިޖީ ދާއިރާގައި ބައިނަލްއަގްވާމީ އުސޫލުތައް ހިފަހައްޓާ ގައުމެއްގެ ގޮތުގައި އޮތް އޮތުން މިހާރު މިދަނީ އެއް ދުވަހުން އަނެއް ދުވަހަށް ގެއްލެމުން، ކިލަނބުވަމުން."
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވި ފަދައިން އދ. ގައި ހުކުރު ދުވަހު ނެގީ މިއަންމާގެ މައްސަލަ އަށް ވަރަށް މުހިންމު ވޯޓެކެވެ. އެކަމަކު މައްސަލައަކީ އެމަނިކުފާނު ވިދާޅުވި ގޮތަށް، ދިވެހި ދައުލަތުގެ އިސް ވެރިންނަށް އެކަން އެނގިވަޑައިނުގަތުމެވެ. އެކަމާ ލަދުވެތިވާން ޖެހެނީ އެހެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
10 March 2018
ބަލަ ތި ގަރާރުުގައި ބަޔަކު ފޮރުވާފައިވާ ބޮޑެތި ސިއްރުތަށް އެބަހުރިކަން އެމެރިކާ ފަދަ ގައުމުތަކުން ވޯޓު ދިނީމަވެސް ސާބިތު ވެގެންދޭ
އޮރެންޖްބެރީ
17 September 2017
މި ވޯޓުގައި ޕާކިސްތާން، ކިރްގިސްތާން، ސޫދާން އަދި ޗާޑުން ނޫނެކެ ބުނެފައިވޭ. ރާއްޖެއިންވެސް ވޯޓުގައި ބައިވެރިނުވީމާ ޗައިނާއާ ރަޝިއާއިން މުސްލިމު ގައުމުތައް ކޮންޓްރޯކް ކޮށް ބާރުފޯރުވާ ހެން ހީވާތީ ހާދަ ބިރުވެރިއޭ.
ކައުސަރު
17 September 2017
މިއިން އެނެގޭނީ ޒަމާނުއްސުރެން ރާއްޖޭ ގެންގުޅެމުން އައި ޕްރިންސިޕްލްތައް ދޫކޮށް ، ރާއްޖޭ ޚާރިޖީ ސިޔާސަތުގެ މުސްތިގިއްލުކަން ގެއްލިފައިވުމެވެ. ބޮޑެތި ބާރުތަކުގެ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިހްސާސްތަކާއި ވިންދަށް ބަލާލުމެއްނެތި ކަންކަން ނިންމަމުންދާކަމެވެ. ރައްޔިތުންގެ އިހްސާސްތަކަށް ބެލުމެއްނެތި ވެރިކަން ކުރާ ބަޔަކު މިބާވަތުގެ ކަންކަންވެސް ހިންގުމަށް ފަހަކަށް ނުޖެހޭނެ.
ރިހިރަަކކ
17 September 2017
ކޮބާ ރާއްޖޭގެ ސިޔާސަތު ވަރަށް ސާފު މިސަރުކާރުގެ ޢަމަލުތަކާއެއްގޮތް! ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ގަތުލުއާންމުތަކާއި ލާއިންސާނީ އަމަލުތައް ހުއްޓުވުން އދ. ފަސްކުރުމަށް މިކަމާ ދެކޮޅު ދެއްތޯ. ދެކޮޅުހަދާނެކަންއެނގޭ މީހަމަ ލާއިންސާނީ ސަރުކާރެއް! ރިހި
ހުތާ
17 September 2017
އދ. ގެ ވޯޓުން ރާއްޖެ ރެކުމުން އެނގެނީ ދިވެހިރާއްޖެއަށް މިއަދު ދިވެހިރާއްޖޭގެ ރައްޔިތުން އެދޭ ގޮތާއި އެއްގޮތަށް ބަސް ބުނެވެން ނެތްކަމެވެ. ދިވެހިރާއްޖެ އަޅުވެތިވެފައިވާ މިންވަރެވެ. ދިވެހިން ދަރަނިވެރިވެފައިވާ މިންވަރެވެ. ދިވެހިރާއްޖެ ގޮތްހުސްވެފައިވާ މިންވަރެވެ.
ޢަހޫ
17 September 2017
ތި ރ2ޕ އަށް އިސްރައީލާއި އެމެރިކާއިން ވޯޓް ދިނުމުންވެސް އެނގޭ އެއީ ރަނގަޅު އެއްޗެއް ނޫންކަން
ޙަސަން
17 September 2017
މިމީހުންނަށް މިފަދަ ދުވަހެއް ނާންނާނެ ކަމަށް ހީކުރަނީ. ލިބިފައިވާ ވެރިކަމާއި މުއްސަނދި ކަމަކީ ވަގުތީކަމެއްކަން ހަނދާންކުރާތި.މަރުވެސްވާނެ މުއްސަނދިކަންވެސް ގެއްލޭނެ.އަބަދު އެއްގޮތެއްގައި ނުއުޅެވޭނެ ކަން ހަނދާންކުރޭ.
މެންޓަލިސްޓް
17 September 2017
މުންކަރާތްތަށް ނަހީކޮށް އިންސާނީ ކަރާމާތް ދެމެހެއްޓުމަކީ އިސްލާމުންގެ އަދި މުސްލުނުންގެ ވާޖިބެއް ،،، ޗައިނާގެ ސަޕޯޓާއިއެކު މިއަންމާރގައި މުސްލިމުންތަށް ކަތިލާ ތުތިމަހަށްކޮށާ ބާބަރކިއު ހަދައިގެން ކައިހަދާއިރު ،،،، ޗައިނާމީހުންގެ އެދުމަކަށް ރާއްޖެކަހަލަ %100 މުސްލިމު ގައުމަކުން ، ގަތުލުއާނމްއާއި އިންސާނީކަރާމާތް ގެއްލުވާލުމަށް އެއްބަސް ވުމަކީ ކަނޑައެޅިގެން ލާޢިންސާނީ ލާދީނީ ނިންމުމެއް ،،، މިހިސާބަށް ގައުމުގެ ކަންކަން ދިއައީމައި ވެރިކަމުގައި ތިބި ބައެއް ބޭލުނުގޮތަކަށް ބޭލުމަކީ އިންސާނީ ވާޖިބެއްކަމަށް ވަރަށް ގިނަ އިލްމްވެރީން އެބަހުރި ލިއުއްވާފައި ،، ދެންއޮތީ ކުދިގައުމުތަކުގެ ދާޙިލީކަންކަމޭކިއުން ،، އެހެންކިޔާއިރު މިހާރުވެސް ރާއްޖޭގެ ކަންކަން ތިޔަނިންމަނީ ޗައިނާއިން ،،، ބަރުމާއާޢި އެސްޓީއޯ އިން ކުރި މޯކޮންގެ ކޮންމެޕެނީގެ ތެޔޮވިޔަފާރިއާޢި އޮތީ ގުޅިފައި .... ޥީމާ ފޮރިންމިނިސްޓްރީންވެސް ގޭސްއަނބުރަން އުޅުމުގެ ބޭނުމެއްނެތް،، ވަރަށްވެދުން
ޝުވޭބު
17 September 2017
އެނގުނު އެއްޗަކީ ދިވެހިންނަކީ ޖަޒުބާތައްވުރެ ބުއްދި އިސްކުރާ ބައެއްކަން. ބުއްދީގެ ފުރިހަމަ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ދީންވެސް ބާރު އަޅާ.
ކުރާތި
17 September 2017
އދ. ގެ ވޯޓުން ރާއްޖެ ރެކެމުން އެނގެނީ އެއީ ރާއްޖެ އިން ބޭނުންވަނީ އޮޅުވާލުމާއި މަކަރާއި ހީލަތުން އދ. ގައި އިނގިރޭސިން ނަށް ދެން ކަންކަން ނުކުރެވޭނެ ކަމަށެވެ. މިޔަންމާ ގެ ރޮހިންޖާ ގެ މުސްލިމުންނަށް ދޭ އަނިޔާވެރި ލާއިންސާނީ އަމަލު ތައް ހުއްޓުވަން ނޫން އޮސްޓްރޭލިޔާ އިން އާރުޓީޕީ ހުށައެޅީ. އޭގެ ބޭނުމަކީ ކުދި ގައުމު ތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޮޑެތި ގައުމު ތަކުން ބޭނިގަނެގެން ކުދި ގައުމު ތަކަށް ތާކުން ތާކު ނުޖެހޭ ކޮންސެލްޓެންސީ އޭ ކިޔާ މިލިއަނުން ޑޮލަރު ނަގައިގެން ވައްކަން ކުރުމެވެ. އޮސްޓްރޭލިއާ އަކީ ތިޔާ ބުނާ މޮޅު ގައުމެއް ވެސް ނޫން އަދި އިންޑަސްޓްރިއަލައިޒްޑް ގައުމެއް ވެސް ނޫން ދޯ. މިރާއްޖެ އަށް އޮސްޓްރޭލިޔާ އިން ކިޔަވައިގެން އައި މީހަކަށް ވެސް ނެތޭ ބިއުޓިފުލް މައިންޑަ ކަށް ވެސް ވެވިފައި. އޮސްޓްރޭލިޔާ ޖެހޭނީ ޗައިނާ ގާތު މަހަށް ދާން ދޯ ތަރައްގީގެ ވާހަކަ ދައްކާނަމަ. އެއީ އެމްޑީޕީގެ ޕަޕެޓެއް އޮސްޓްރޭލިޔާ އަކީ. އެމެން ޖެހޭނީ ސައިޒުން ކަނޑާ ތިރި ކުރަން މިފަހަރު. ކުރާތި މިކަން.