ދައުލަތުގެ އިސްވެރިންނަށް މަރުގެ އިންޒާރުދީ، ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާނެ ކަމަށް ބުނެ ޔޫޓިއުބްގައި އަޕްލޯޑްކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް.
30 އޮކްޓޯބަރ 2017 - 12:52
ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސް ވެރިންތަކަކަށް މަރުގެ އިންޒާރުދީ، ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާނެ ކަމަށް ބުނެ ޔޫޓިއުބްގައި ވީޑިއޯއެއް އަޕްލޯޑްކުރި މައްސަލަ ތަހުގީގު ނިންމައި ފައިލްކޮށް، ބްރޯޑްކާސްޓިން ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެ މައްސަލަ ނުލިބޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ވެރިކަން ކުރާ ގޮތް ކަމުނުދާ ކަމަށް ބުނެ އެކަން އިސްލާހުކުރަން ގޮވާލައި އިންޒާރުދީ، ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާނެ ކަމަށް ބުނެ ޔޫޓިއުބަށް ވީޑިއޯ އަޕްލޯޑްކުރީ ނޮވެމްބަރު، 2015ގަ އެވެ. އެ ވީޑިއޯގައި، ސަރުކާރަކަށް ހަރުކަށި އިންޒާރުތަކެއް ދީފައި ވަނީ މޫނު ނިވާކޮށްގެން، ބަޑި ހިފައިގެން ތިބި ބައެކެވެ.
ސަރުކާރަށް ކުރި ޑިމާންޑްތައް ފުރިހަމަނުކޮށްފި ނަމަ ޓެރަރިޒަމްގެ އަމަލު ހިންގާނެ ކަމުގެ އިންޒާރު ވެސް ވީޑިއޯގައި ދީފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައި ވަނީ އެ މައްސަލަ ތަހުގީގުކުރި ނަމަވެސް ތުހުމަތުކުރެވޭ މީހެއް ނެތް ކަމަށެވެ. އެހެންވެ މައްސަލަ ފައިލްކޮށް، ސަންގު ޓީވީއަށް ތުހުމަތުކުރެވޭ މައްސަލަ ބަލައިދޭން އޮކްޓޯބަރު، 11، 2016 ގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު މިއަދު ވިދާޅުވީ އެ ވީޑީއޯ މައްސަލަ ބަލައިދޭން އިއްޔެގެ ނިޔަލަށް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދި އެ މައްސަލަ ނުލިބޭ،" ނާސިހް ވިދާޅުވި އެވެ.
މި ވީޑިއޯއާ ގުޅިގެން ފުލުހުން މައްސަލަ ތަހުގީގުކޮށް، ހެއްކާއި ގަރީނާ ހޯދަން ސަންގު ޓީވީ ވެސް ބަލައި ފާސްކުރި އެވެ. މައްސަލައިގެ ތުހުމަތަށް އެ ތަނުގެ ގިނަ ހާޑް ޑިސްކުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން ގާތްގަނޑަކަށް އެ ސްޓޭޝަން ހުއްޓުމަކަށް ވެސް އައެވެ. ފުލުހުން އޭރު ތުހުމަތުކުރީ، އެ ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑްކުރީ އެ ސްޓޭޝަނުގެ ސިސްޓަމަކުން ކަމަށެވެ. ޔޫޓިއުބްގައި އެ ވީޑިއޯ އަޕްލޯޑްކުރީ ހިޔާނާތުގެ ކުށް ސާބިތުވެ، މިހާރު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އެ ސްޓޭޝަނަށް ހަރަދުކުރެއްވި ކަމަށް ތުހުމަތުތަކެއް ކުރެވެމުން ދަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy