ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީންގެ އަރިހުގައި މިނިސްޓަރު ސައީދު (ވ-3) އަށް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
13 ނޮވެމްބަރ 2017 - 02:19
ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމަކުން ރާއްޖެއާ މެދު ހަސަދަވެރި ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު އެ ގޮތަށް ވިދާޅުވިއިރު، ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް އަވައްޓެރި އިންޑިއާ އާއި ސްރީ ލަންކާ އިން އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އެ ޕާޓީން ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތަށް ތުހުމަތު މި ކުރަނީ އިދިކޮޅު ފަރާތްތަކުން އެ ގައުމުތަކުގައި ތިބެ ސިޔާސީ ހަރަކާތްތައް ހިންގަމުންދާ ދުވަސްވަރެއްގަ އެވެ.
އަދި ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކާ ގުޅިގެން ދިވެހި ސަރުކާރު ވައްޓާލުމުގެ މަސައްކަތުގެ އަޑީގައި އޮތީ ލަންކާ އެވެ. އެކަމަކު އޭނާގެ އެ ވާހަކަތަކާ ގުޅިގެން ދެ ގައުމުގެ ސަރުކާރުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ. މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އިންޑިއާ އާއި އެމެރިކާގެ އިސް ޑިޕްލޮމެޓުން ވަނީ ދާދި ފަހުން އިންޑިއާގައި މަޝްވަރާ ކޮށްފަ އެވެ.
މިނިސްޓަރު ސައީދު މިރޭ ވިދާޅުވީ ރާއްޖެ އަކީ ސަތޭކަ ޕަސެންޓު މުސްލިމު ގައުމަކަށް ވާތީ ދިމާވާ ގޮންޖެހުންތައް ވަރަށް ގިނަ ކަމަށާއި ދިވެހިނަށް ލިބެމުންދާ ތަރައްގީއާ މެދު ހަސަދަވެރިވާ ބަޔަކު އެބައުޅޭ ކަމަށެވެ.
"އަޅުގަނޑުމެން ދިވެހީންނަށް ލިބެމުން މިދާ ކުރިއެރުމާއި ތަރައްގީ އަށް ހަސަދަވެރިވެ، އަޅުގަނޑުމެންނާ އެއް ޒަމާނެއްގައި މާ ގާތް ކަމަށް ހީވެގެން ތިބި ބަޔަކު ވެސް އަޅުގަނޑުމެންނާ ދޭތެރޭ ހަސަދަވެރިވާކަން އަޅުގަނޑުމެންނަށް ދުރާ ގާތުން ފެންނަމުންދާ ކަމަށް އިހުސާސް ކުރެވޭ މިދުވަސްވަރު." އޭނާ ވިދާޅުވި އެވެ.
އެފަދަ ފަރާތްތަކުން ރާއްޖެ ފަގީރު ކަމަށް ވައްޓާލައިގެން ނޫނީ ބިކަ ނުކޮށްލެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ "ޝިކާރައަކަށް ހުށަހެޅެނީ" ފަގީރުކަން ބޯމަތިވުމުން ކަމަށާއި ރައީސް އަބްދުﷲ ޔާމީން ހަނގުރާމަ ކުރައްވަނީ ދިވެހި އިގްތިސާދު ކޮޅަށް ޖަހައި ދިވެހިންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ސިޔާސީ ފިކުރުތައް އެކަހެރިކޮށް، ރާއްޖޭގެ ދުވަސް ދުއްވާލުމަށް ރޭވިގެން ހިންގާ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރަންވީ ވަގުތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނިފެންމަލާ
14 November 2017
މިމީހުން ލަންކާއާ ޖައްސާލައިގެން މިއުޅެނީ ލަންކާއާއި ހަނގުރާމައަށް ތައްޔާރުވަނީތަ؟ ހަނގުރާމަކޮށްފިއްޔާ ގައިމުވެސް ލަންކާ ސިފައިން މޮޅުވާނެ ނޫޑްލުސް ކައްކާ ކުދިންނަށްވުރެ.
އަލީ_
13 November 2017
ތާކުންތާކު ނުޖެހޭ ބުހުތާނުދޮގު! މީހުންގެ ބޮލަށް ޗިޕެއް ނުޖެހޭނެ. މިއީ އެ ޒަމާނެއް ނޫން.
ގުނބޯ
13 November 2017
ހަސަދަވެރިވުމާ ހިތްހަމަނުޖެހުމާ އެއީ މުޅިން ތަފާތު ދެކަމެއް ކަންކަން ކުރާއިރު ގާތްއަވަށްޓެރިންނަށް އުނދަގޫވެ ނުރައްކާ ނުވައްގޮތަށްވެސް ކަންކަންކުރެވޭ ހުރިހާކަމެއްގަ އަމިއްލަ އެދުން އިސްކުރީމަ މަސްލަހަތު ގެއްލޭނެ ތިގޮތަށް އަބަދު ގަދަކޮށްފަ ތިމާވަރުގެ ބައެއްނެތްކަމަށް ހެދިގެން ނޫޅެވޭނެ
އިގުތިސޯބު
13 November 2017
ގައުމުގެ ނަންވެސް ބުނެލިނަމަ ތިހާ ގަދަ ބަޔަކު
ވަތުބަތާނަ
13 November 2017
ބަރާބަރު ވާހަކައެއް ގާތް އެންމެ ގައުމަކުންނޫން! ދެއެއް ނުވަތަ ފަހެއް!
އުނބުށެން
13 November 2017
ހަމަހަމަ ގޮތެއްގައި ހުރިހާ އެންމެންނަށްވެސް ފުރުޞަތުތައް ލިބޭނަމަ އަވަށްޓެރި ގައުމުތަކުގައި ހަރަކާތްތައް ބާއްވާކަށް ނުޖެހޭނެތާއެވެ. އެފުރުޞަތު ނުދިނީމާ ދެން ކުރެވެން އޮތްތާކު ކުރެވެން އޮތް ގޮތަކަށް ކުރީމާ ގޯސްކުރަންވީ އެތަންތަން ހެއްޔެވެ. ހަގީގަތް ގަބޫލުކުރަން ބޭނުންނަމަ މި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާގާތުގައިވެސް ގައުމީ ޓީވީއާއި ދައުލަތުގެ ތަންތަން ހުރިހާ މީހުންނަށް ވަރަށް ހަމަހަމަ ކަމާއެކު ބޭނުންކުރެވިގެން ދިޔަތަން ވަނީ ފެނިފައެވެ. އަދުގެ ޑިމޮކްރެޓިކް ޤޫނޫނު އަސާސީގެ ދަށުން އެކަންކަން ހުރީ ކިހިނެއްކަން ނޭނގޭ ޅަކުއްޖަކުވެސް އުޅޭބާވައެވެ.
ހޮޓްކިންގ
13 November 2017
ލަންކާއިން ރާއްޖޭގެ ކުރިއެރުމަށް ހަސަދަވެރިވެއެވެ. ލަންކާގެ އިންވެސްޓަރުން ރާއްޖޭގައި ރިސޯޓް ހަދައި ހިންގިޔަސް އެމީހުންގެ އަޑި ނުބައި ކަމާއި އެމީހުން ކުރާ ކަންކަން އެނގޭނީ އެމީހުން ދައްކާ ވާހަކަ އަޑު އިވޭ ހިސާބުގައި ހުރި މީހަކަށެވެ. މަމީ އެތަން ދުއްމީހެކެވެ. ދެން އޮތީ އިންޑިއާއެވެ. އިގްތިސާދީ ގޮތުން ރާއްޖެ ކުރިއަރާތީ އިންޑިއާ ކަންބޮޑެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަޙް ހަމަޖެހިފައި އޮތުމަކީ އިންޑިއާ އެހާ ބޭނުންވާ ގޮތެއްނޫނެވެ. އެއީ ސިޔާސީ ކަންކަމުގެ ތެރެއަށް ދަނޑިބާނައި ރާއްޖޭގެ މައްޗަށް ނުފޫޒުފޯރުވެވޭނީ، ރާއްޖޭގެ ކަންކަމަށް އިންޑިއާއަށް އަތްގަދަ ކުރެވޭނީ ސިޔާސީ ހަލަބޮލިކަން މިތާ އޮތުމުންކަން އިންޑިއާ ދަނެއެވެ. މިރާއްޖެ އިންޑިއާގެ ބާރުގެ ދަށުގައި ބޭއްވުމަށް އިންޑިއާ އަބަދުވެސް ބޭނުން ވެއެވެ. ލަންކާއާއި އިންޑިއާގެ ތަފާތަކީ މިއީއެވެ.
ދަވޭ
13 November 2017
ލަންކާ އަދި އިންޑިއާ މީހުން ރާއްޖޭގެ ރިސޯރޓްސް ތަކުން ހަގީގީ ފައިދާ ދަމައިގަންނަނީ. ޙަގީގަތުގައި ހުޅުލެ އައިލެންޑް ހޮޓަލަކީ އެއީ %90 އިނަޑިއާ މީހުން އުޅޭ ތަނެކެވެ. އެކަމަކު އެމް އޭސީއެލް ގެ އެމްޑީ އެތާނގެ ބޯރޑް މެމްބަރަކަށް އިނދެގެން އެކަން ކަން ނުބަލާ ކަން އެއީ ހިތާމަ ކުރަން ޖެހޭނެ ކަމެކެވެ.
އިއްބެ
13 November 2017
ދިވެހިރާއްޖޭން އެހީދީގެން ވިއްޔާ އެހެންގައުމުތަކުން މިއުޅެނީ
އެޑްމުންޑޯ
13 November 2017
ރާއްޖެ އާއި ދޭތެރޭ ހަސަދަވެރިވާ ގައުމެއްނޫން ، މިހާރުތިބި ވެރިންނާއި މެދު ހަސަދަވެރިވާ ގައުމެއް ، ވީމާ މިކުށް ބަސް ސައީދު ރަގަޅުކުރައްވާނެކަމަށް ހީކުރަން