ގާސިމް، އޭނާގެ ސަން އައިލެންޑް ރިސޯޓުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ސައިކަލްގައި ވަޑައިގަންނަވަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
25 ޖެނުއަރީ 2018 - 10:49
ވިލާ ގްރޫޕްގެ ވިޔަފާރިތަކާ ދެކޮޅަށް ސަރުކާރުން ހިންގަނީ ހައްގު ނޫން އަމަލުތަކެއް ކަމަށާއި ސަރުކާރުން އުޅެނީ އޭނާ ބަނގުރޫޓު ކޮށްލުމަށް ކަމަށް އެ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ރޯޔަލް އައިލެންޑް ރިސޯޓުން އޭނާގެ އެހެން ރިސޯޓުތަކަށް ބަނގުރަލާއި އޫރުމަސް ވިއްކާތީ، އެ ހުރިހާ ރިސޯޓުތަކަށް އެ ބާވަތްތައް އެތެރެކުރުން ސަރުކާރުން މަނާކޮށްފައިވާ މައްސަލާގައި، ވިލާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ގާސިމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ވިލާގެ ވިޔަފާރިތަކަށް ސަރުކާރުން ދަތިކުރަނީ ރާއްޖެ އާއި ދިވެހިންގެ ކުރިއެރުމާއި ހެވާއި ލާބައަށްޓަކައި އޭނާ ކުރައްވާ މަސައްކަތްތައް ހުއްޓުވައިލުމަށެވެ.
"މަދު ބަޔަކު ދެކޭ ގޮތުގައި، އެކަން ކުރެވެން އޮތީ އަޅުގަނޑު ބަނގުރޫޓު ކޮށްލައިގެން ކަމަށް އަޅުގަނޑު ދެކެމެވެ. އަޅުގަނޑުގެ މައްޗަށް އިއްވުނު 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ހުކުމުން ވެސް މިކަން ސާބިތުވާ ކަމަށް އަޅުގަނޑު ދެކެމެވެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވިލާގެ ވިޔަފާރިތަކަށް ގާނޫނާއި ހަމަ އާއި އިންސާފުގެ ބޭރުން ނުރައްކާތެރި ހިޔަނިތަކެއް އެޅިފައިވާ ކަމަށެވެ. އެހެންވެ، އޭގެ ގެއްލުމާއި ދެރަ މުވައްޒަފުން އުފުލަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.
"ވިޔަފާރިތަކަށް ސަރުކާރުން މިހާރު ކުރިމަތިކުރަމުންދާ ހުރަސްތަކާއި ފިއްތުންތަކަކީ އަދި ދެމުންދާ ގެއްލުންތަކަކީ ގާނޫނުތަކާ ހިލާފުވުމުގެ ނަތީޖާއެއް ނޫނެވެ. އަޅުގަނޑުމެން ދުވަހަކު ވެސް ގާނޫނުތަކާ ހިލާފެއް ނުވަމެވެ. ނުވެސް ވާނަމެވެ. ދިމާވެގެން މިއުޅެނީ އެހެން ކަންތައްތަކެއްގެ އަސަރެވެ،" ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު ހިންގަވާ ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލާގެ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތަކާއި އެ ނޫން ވެސް ފައިސާއެއް ދައްކަމުން އަންނަ ކަމަށެވެ. ސަރުކާރާއި ވިލާގެ ކުންފުނިތަކާ ދެމެދު ވި އެއްބަސްވުންތައް ހުރި ކަމަށާއި އެ އެއްބަސްވުންތަކާ ޚިލާފުވީ ސަރުކާރުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ސަން އައިލެންޑްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ބައިސްކަލް ދުއްވާފައި ދަނީ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭގެ ސަބަބުން ލިބުނު ގެއްލުންތައް ހައްލު ކުރުމަށާއި މައްސަލައަށް އިންސާފުވެރި ޝަރުއީ ހައްލެއް ހޯދުމަށް ކޯޓުތަކަށް ހުށަހަޅާފައި އޮތްކަން ގާސިމް ފާހަގަކުރެއްވި އެވެ.
ވިލާއާ ގުޅޭ މައްސަލަތައް ކޯޓުތަކުން ބަލަމުން އަންނަނިކޮށް، ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން، ސަރުކާރުން ވިލާގެ އެކައުންޓުތައް ފްރީޒްކޮށް، ކަސްޓަމްސްއިން މުދާ ދޫކުރުން ހުއްޓާލައި އިމިގްރޭޝަނުން ދޭން ޖެހޭ ޚިދުމަތްތައް ހުއްޓާލުމުން ވަރަށް ދަތި އުނދަގޫ ހާލަތެއް ކުރިމަތި ވެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މިއިން އެއްވެސް ކަމެއް ކުރީ އަޅުގަނޑުމެން ގާނޫނާ ހިލާފަށް ކަމެއް ކޮށްގެނެއް ނޫނެވެ. މިއިން ކަމެއް ޝަރުއީ މަރުހަލާއެއް ނުނިމެނީސް ކުރެވިގެންވާނެ ކަމަކަށް އަޅުގަނޑު ނުދެކެމެވެ،" ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ފަރާތުން ހިންގާ ހަތަރު ރިސޯޓަކުން މިދިޔަ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ ކަމަށާއި އޭގެ އަދަދު 5.1 މިލިޔަން ޑޮލަރަށް އަރާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފައި ވަނިކޮށް، ގާސިމް އޭނާގެ މުވައްޒަފުންނަށް ފޮނުއްވި ސިޓީގައިވެ އެވެ.
ގާސިމް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އޭނާ އިހްތިޔާރު ކުރި ކޮޅަށް އިންތިޚާބު ތަކުގައި ބާރު ލިބުމަކީ ހުދުމުހުތާރު ގޮތް ކުރިއަރުވަން މަސައްކަތް ކުރާ މީހުން ވަރަށް ބޮޑަށް ބިރުގަންނަ ޖެހިލުންވާ ކަމެއް ކަމަށެވެ.
ގާސިމްގެ ސިޓީގައި ވިލާގެ މުވައްޒަފުންނަށް ތައުރީފްކޮށް، ވިދާޅުވީ ވިލާގެ ކުންފުނިތަކުގެ ކުރިއެރުމަކީ ތެދުވެރި އިޚުލާސްތެރި މުވައްޒަފުން ކަމަށާއި އެމީހުންގެ ތެދުވެރި، ހީވާގި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެހެންކަމުން މުވައްޒަފުންގެ ކުރިއެރުމަށްޓަކައި އެވަގުތަކު، ކޮށްދެވެން އޮތް އެންމެ ރަނގަޅަކަށް މުވައްޒަފުންނާއި އާއިލާތަކަށް އެކަމެއް ކޮށްދެވޭތޯ އަބަދުވެސް ބައްލަވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ވެސް މުވައްޒަފުންގެ ތެދުވެރިކަމާއި ސާބިތުކަމެވެ. އަޅުގަނޑުމެންގެ ވިޔަފާރިތަކުގެ އިމަކީ އަބަދުވެސް ގާނޫނީ އިމެވެ. ހުރިހާ ކަމެއް ކޮށްފައިވަނީ އަދި ދެން ވެސް ކުރަމުން ގެންދާނީ ގާނޫނީ އިމުގެ ތެރެއިންނެވެ. އަޅުގަނޑުގެ ނަސޭހަތަކީ އަދި އިލްތިމާސްއަކީ މުވައްޒަފުން އަބަދުމެ، މި އިމުގެ ތެރޭގައި ސާބިތުވެ ތިބުމެވެ." ގާސިމް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ހަރަކާތުން ނެރޭ އެއް ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތު ލިބިވަޑައިގެންފާނެ ކަމަށް އުންމީދު ކުރައްވާ ގާސިމް ވިދާޅުވީ، ސިޔާސީ މަސައްކަތަކީ މަގާމަކާއި ދަރަޖަވެރި ކަމާއި ޝުހުރަތެއް ހޯދުމުގެ ނިޔަތުގައި ކުރައްވާ މަސައްކަތެއް ނޫން ކަމަށެވެ. އަދި އޭނާގެ ވިސްނުމާއި ތަޖުރިބާގެ އަލީގައި ދިވެހިންނާއި ރާއްޖެއަށް އެންމެ ހެޔޮ ގޮތް ހޯދައި ދިނުމަށް ބާރު އެޅުމުގެ ކަންކަމަކީ ސިޔާސީ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
ރޯޔަލް އައިލެންޑަށް ގެންދަން ހުއްދަ ދީފައިވާ، އޫރު މަހާއި ރާ، ސަން އައިލެންޑާއި ޕެރެޑައިސް އާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓަށް ގެންދާ ކަމަށް ބުނެ ގާސިމްގެ ރިސޯޓުތަކަށް ކަސްޓަމާއި ފުލުހުންގެ އޮފިޝަލުން އަރައި ވަނީ އެ ރިސޯޓު ބަލައި ފާސްކޮށްފަ އެވެ. އަދި ފަން އައިލެންޑްގައި ހުރި ގިނަ އަދަަދެއްގެ ރާ ފުޅިތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ގާސިމްގެ ފަސް ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ބާތިލްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ ބާވަތްތައް އެތެރެކުރުމަށް 14 ދުވަހުގެ ވަގުތީ ލައިސަންސެއް ދިނީ މިދިޔަ ހޯމަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަސްލުމިހާ
26 January 2018
ސައުދީގަ އެތަކެއް ޕުރިންސިސް ތަކެއް ޖަލުގެ ގޮޅިތަކުގަ ތާށިވެފަ ތިބީ ޓެކްސް ނުދައްކައިގެން.. ވީއިރު ކީއްވެ ޤާސިމްގެ އެކައުންޓް ފްރީޒް ނުކުރެވެންވީ ޓެކްސް ނުދައްކައިގެން
އިންސާނާ
25 January 2018
ދޭންވާ އެއްޗެއް ނުދީ ހުރެ ބަނގަރޫޓު ވުމައްވުރެ ދީފަ ބަނގަރޫޓުވުން ރަނގަޅެއް ނޫންތަ
ޔުނައިޓެޑް އައްޑޫ
25 January 2018
ތި ޔާމީނުއަކާއި ބައިއަތު ހިފި ދުވަހުވެސް އަހަރެމެން ބުނިން ގާސިމްގެ ވިޔަފާރި ސަލާމަތެއް ނުވާނޭ.
ސާދާސީދާ
25 January 2018
ފާޚާނާ ސާފުކުރަން ހުންނަންވެސް އޯކޭއޭ ބުނެވުނު ހަނދާނެއްވޭތޯ؟
މެންޓަލިސްޓް
25 January 2018
ގާސިމްއަށް އަޅުގަނޑު ދަންނަވާލަންއޮތީ ،،،، ބަނގުރޫޓްކޮއްލަން އުޅެވެނީވެސް މަނިކުފާނު ކަންކަން ކުރެއްވިގޮތުންނޭ ،،، 2013 ވަނައަހަރު ވޯޓްގައި މަނިކުފާނުގެ ރަނިންގމޭޓް ހަސަންސައީދު ވިދާޅުވިގޮތް ހައްދަވައި ޔާމިންއާޢި އެއްފަޅިއަކަށް ނާރާ މަޑުން ގޭގައި ހުރިނަމަ އޯކޭވީސް ،،،، އަދި އެއައްވުރެން ކުރިއަށް ޖެހިލާއިރު 2008 ގައި ވެރިކަމަށް ނުނުކުމެ އިސްލާހީ މަސައްކަތް ފުރިހަމަކުރުމުގެ ބޮޑުޝަރަފާޢިއެކު ވިޔަފާރިއާޢިގެން އަޅުގަނޑުމެން ބުނިހެން އުޅުނުނަމަ މިހާރު އޮންނާނި އެއްކަަލަ ނުހެދި ހުރި ރިސޯޓްތަށްވެސް ހެދި ،،، ފަންއައިލަންޑްވެސް މިހާރުގެ ފެންވަރަށް ހެދިނިމި ،،، އަދި މިހާރުދާނީ އޭގެމޭވާ ލިބެމުން ،،، ނަމަވެސް ވެރިކަމަށް ދަހިވެތިވާވަރުން އަތުގައި ހުރިހާ ފައިސާއެއް ސިޔާސީ ކުޅިވަރަށް ތަޅާބުރުވީމައި ވާނެ ހަތަރެތިމިވަނީ ،،، މައައްސަލާމާ
މަލް
25 January 2018
ޓެކްސް ދެއްކިކަމުގެ ލިއުންތައް ހާމަކުރައްވަންވީނުންތޯ؟ ޓެކްސްއެއް ނުދައްކާ، އެތަކެއް ބިންތަކެއް ބައްކޮއްގެން ނުހަދަ ބަހައްޓާފަ އެބަހުރި. ސިޔާސީ ކަންކަމުގެ ތި އުޅުއްވަނީ މިހުރިހާ ކަންކަމެއް ނުބަލާ ދޫކޮއްލާން ބޭނުންވާތީ. ދައްކަންޖެހޭ ޓެކްސްއާ އެހެން އެގްރީމަންޓްތަކުގެ މައްސަލަތަކާ އަޅާކިއުމަށްފަހު ކެޑޭ ގޮތެއް ނޯވޭ. ޓެކްސް ނުދައްކާނަމަ ދެއްކެވުން އެދެން. ވަރަށް ސަލާމް.
މޯލްޑިވިއަން
25 January 2018
ބަނގުރޫޓްވަނީ ވެރިކަމުގެ ދަހިވެތި ކަމުގައެވެ. އިތުރަށް މުންސަނދިވާންބޭނުންވާލެއްބޮޑުކަމުންނެވެ. ޓެކުހަކީ ރައްޔިުތުންގެ ހައްޤެކެވެ. ރައްޔިތުމީހާ އަތުންނަގާ އެއްޗެއް އޭިތި ސަރުކާރަށް އަމާނާތް ތެރިކަމާއި އެކު ހަވާލުކުރަންޖެހޭނެވެ. ޕާޓީއަށް ބޯގިނަ ކުރާށާޢި މަޖިލިހުގައި އަތްގަދަ ކުރަންވެގެން އެލާރި ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ އަމިއްލައަށް ރައްޔިތުންނަށް ހަރާންކޯރުވުމެވެ. އެޔަކީ އަމިއްލައަށް ބަނގުރޫޓުވުމެވެ. އެަތައް ބައެއްގެ ހައްޤު ހިފަހައްޓާގެން އުޅުމަކީ ކިހާ ނުލަފާކަމެއްހެއްޔެވެ.
ޢަލީބަލީ
25 January 2018
ރަގަޅުވާނީ ޤާސިމް އެއްފަރާތް ކުރުން. ރާއްޖޭގެ ވެރިކަމަށް ދެންއަންނަ މީހަކަށްވެސް ވެރިކަން ކުރެވޭނީއޭރުން.
ހުސޭނުބެ
25 January 2018
ޓެކްސް ނުދައްކާ ޓެކުހަށް މަކަރު ހަދާ މީހުން ވެރިކަމަށް އައީމަ ދެން ވާނެގޮތް ވިސްނާލާ!!
އައިޖޭ
25 January 2018
ﷲ ރަހުމަތުން ގާސިްމ އިބްރާހިމް، މިވަބާ އިން ސަލާމަތް ކުރއްވާށި.. މިފަދަ ދަނދިވަޅުތަކުގައި ﷲ ގެ ކިބައިން ވާގި އެދި، ހިކުމަތް ތެރިކަމާއި ގާސިމް ގެ މެނޭޖްމެންޓް ޓީމުން މަސައްކަތް ކުރައްވާތި. ﷲ އިރާދަފުޅުނ، ދާދި އަވަހަށް، ގާސިމް އަށް އަލި މަގެއް ފެނުމަކީ އަޅުގަނދުމެންގެ ދުއާ.....
ޢަލީބަލީ
25 January 2018
ޤާސިމް ވެރިކަމަށް ދަހިވެތިވުން އެއީ ވަބާއަކީ. ރާއްޖޭގަ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައީސް ނަޝީދު ވެރިކަން ހަލާކުކުރީވެސް މިގާސިމް.