ދަރުމަވަންތަ ހޮސްޕިޓަލް
03 އެޕްރީލް 2020 - 21:15
ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން އައި މީހުންގެ ތެރެއިން މިއަދު ދެ މީހަކު ދޫކޮށްލާފައިވާ ކަމަށް ކޮވިޑް-19އާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ މިއީ ސޭންޑީސް ބަތަލާ ރިސޯޓުން ޕޮޒިޓިވްވި މީހުން ކަމަށާއި އެ މީހުން ދޫކޮށްލީ ވަގުތުން ފުރައިގެންދާ ގޮތަށް ކަމަށާއި ފުރަން ދަންދެން ވެސް އެ މީހުން ތިބޭނީ ހޮސްޕިޓަލުގައި ކަމަށެވެ. މި ދެ މީހުންނަކީ ރާއްޖޭން ފެނުނު ޕޮޒިޓިވް މީހުންގެ ތެރެއިން އެންމެ ފުރަތަމަ ރަނގަޅުވި ދެ މީހުންނެވެ.
މި ވައިރަސް ހުރި 19 މީހަކު ރާއްޖޭން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައި ވާއިރު ހަތަރު ދިވެއްސަކަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. ބަލި ހުރިކަން އެނގުމުގެ ކުރިން އިޓަލީގެ ދެ މީހަކު ވަނީ ރާއްޖޭން ބޭރަށް ފުރައިފަ އެވެ. ޜާއްޖޭން ދެން މި ބަލި ޖެހުނު އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި މިއަދު ހަވީރު 4:00 އާ ހަމަ އަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް 1،444 ސާމްޕަލް ނަގާފައިވެ އެވެ. އަދި 51 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި 23 ކްލިނިކެއް ހުޅުވާފައި ވާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި 162 މީހަކު އެ ތަންތަނަށް ދައްކާފައިވާ ކަމަށާއި ފްލޫ ކްލިނިކްތަކަށް މިހާތަނަށް 5،719 މީހަކު ދައްކާފައިވާ ކަމަށެވެ.
ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީނުގެ މުއްދަތު ހަމަވެފައި. ތިބި ބައެއް މީހުންގެ ޓެސްޓްތައް ހެދުމަށް ސާމްޕަލް ނަގާފައި ވާތީ، އެ މީހުން ތެރެއިން ނެގެޓިވްވާ މީހުން މާދަމާ ދޫކޮށްލަން ނިންމާފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
މިހާތަނަށް މުޅި ދުނިޔެ އިން މިލިއަނަކަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެ އެ ވައިރަސްގެ ސަބަބުން ބައި ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ.ނާޝިދު/އައްޑޫ/ޔޫކޭ
03 April 2020
އަލްހަމްދުލިއްލާހި ޝުކުރު. މިހާތަނަށް މުޅި ދުނިޔެ އިން މިލިއަނަކަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެ ވައިރަހުގެ ސަބަބުން ބައި ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފަައިވާއިރު ރާއްޖެ މި ބިރުވެެރި ވަބާގައި ނުޖެހި މިއޮތީ ބަޔަކު މީހުން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުގެ ސަބަބުން. ހެލްތު މިނިސްޓަރު އަމީންއާއި ޓީމަށް މަރުހަބާ. ތި ޓީމުގެ ވާހަކަ މާދަމާ ދުނިޔޭގެ ފަލަ ސުރުހީއަށްވެސް އަރާނެ ކަމާމެދު ޝައްކެއް ނުކުރަން.
ގައުމީ ލޯބީގާ
03 April 2020
އަލްހަމްދުލިއްﷲ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށްވެސް މި ކުޑަ ރާއްޖެ މިދަނީ ނަމޫނާ ދައްކަމުން. ސާބަހޭ މިނިސްޓަރ އަމީން، ސާބަހޭ މިނިސްޓްރީ ކުދިން، ސާބަހޭ އެޗްޕީއޭ ކުދިން، ސާބަހޭ ޑޮކްޓަރުން، ސާބަހޭ ނަރުހުން، ސާބަހޭ އެންމެހައި ސިއްހީ ހިދުމަތްތެރިން. ސަަބަހޭ ހަމަ ސާބަހޭ!
ނަހުލާ އަލީ
03 April 2020
އަލްހަމްދުލިއްﷲ. ހެލްތު މިނިސްޓަރ އެންޑް ޓީމަށް ސާބަހާއި އައްސަރިބަސް. ދެގޮތެއް ނުވެ ތި ގޮތުގައި ކުރިއަށް ވަޑައިގަންނަވާ. ޝައްކެތްވެސްނެތް، މިނިސްޓަރު އަމީންގެ ޓީމަކީ މިހާރު މި ރާއްޖޭގައި އެންމެ ކުރީގައި އޮތް ޓީމް.