ޚިޔާލު / ތިމާވެށި

ތިމާވެށި އެ ގޮވާ ގޮވުންތަކެއްގެ އަޑެއް ނީވޭ!

ރާއްޖޭގެ އެންމެ ރީތި، ގުދުރަތީ މުއްސަނދިކަން ބޮޑު ހދ. ކޭލަކުނު: މިކަހަލަ ރަށްރަށް އަބަދުވެސް ބާއްވަން ޖެހޭނީ ހިމާޔަތްކޮށްފައި

އަހަރެމެން ދިވެހިން ހަމަ އަސްލު ވެސް ތިމާވެށި ދެކެ ލޯބިވޭ ހެއްޔެވެ؟ މިއީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް މިއަދު ނިމިގެން ދާ އިރު ބައެއް މީހުން ކޮށްފާނެ ސުވާލެކެވެ. އޭގެ ޖަވާބު، މާލެ އާއި ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށަކުން ވެސް ފެންނާނެ އެވެ. ތިމާވެއްޓަށް ވުރެ ބޮޑަށް ގާތްގަނޑަކަށް އެންމެން ވެސް އިސްކަން ދެނީ، ފަޅުކޮށްނާށާއި ބިން ހިއްކާށާއި މަތިމައްޗަށް ގެދޮރު ބިނާކުރާށާއި، އެންމެ ފަހު ކަމަކަށް ވުރެ އެންމެ އަވަހަށް ކުރާ ކަމެއްގެ ގޮތުގައި، ގަސްތައް ކެނޑުމަށެވެ.

ސިނަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރި އިރު، ލޮނުޒިޔާރަތްކޮޅަށް ރާޅާ އަޅަން އެރޭ ޒުވާނުންގެ ކަންބޮޑުވުން އޮތެވެ. ރަނގަޅު ކަންބޮޑުވުމެކެވެ. އެކަމަކު ބްރިޖްގެ ސަބަބުން ވެރިރަށަށް ލިބޭނެ ތަރައްގީގެ ފަސޭހަ، އެ ސަރަހައްދުގެ ފަރަށާއި އޮއިވަރަށާއި، ރާޅުތަކުގެ ބޮޑުމިނަށް އަންނާނެ ބަދަލުތަކަށް ވުރެ، އެންމެން ވެސް ބޭނުންވާނެ އެވެ. އެހެންކަމުން އެ ޒުވާނުންގެ އަޑު، އެންމެ އާދައިގެ މީހުން ފެށިގެން އޭރުގެ ސަރުކާރުގެ ވެރިންގެ ކަންފަތާ ހަމަޔަކަށް ނުފޯރާނެ އެވެ. (ކަންފަތާ ހަމަޔަށް ނުފޯރާނެއޭ މި ބުނީ، އަޑުނީވޭނެ ވާހަކައެއް ނޫނެވެ. އަމަލީ ފިޔަވަޅެއް ނޭޅޭނެ ވާހަކަ އެވެ.)

ރާއްޖޭގެ އެންމެ ހިތްގައިމު އެއް ޑައިވިން ސައިޓް ކަމަށްވާ "ވިކްޓަރީ" ބޯޓު އޮތް ތަން ހިމާޔަތްކުރަން، އެ ސަރަހައްދު ވަކިކޮށްފައި އޮތަސް، ބްރިޖްގެ މަސައްކަތުގައި އަޑިއަށް ފޭބި ސިމެންތި އާއި ހިލަ އާއި ބޭކާރު އެހެން ކުނިބުނިން، ވަގުތީ ގޮތުން ނަމަވެސް އެ ރީތިކަން ނެތި ދިޔަ އެވެ. އަލުން އެ ރީތިކަން އަންނަން ދުވަސް ނަގާނެ އެވެ.

އެކަމަކު ތަރައްގީއަށް ބަލާ ނަމަ، "ވިކްޓަރީ" ސައިޓަށް ވުރެ ބޮޑަށް އާންމުން ވެސް އިސްކަންދޭނީ ބްރިޖަށެވެ.

މިހާރު މި އޮތީ އާ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫރު، މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީއަށް ގުޅިފަޅު ހިއްކާތީ، އޭގެ ސަބަބުން ވިލިމާލެ ފަރަށް ކުރިމަތިވާނެ ނުރައްކަލެވެ. ފަރު ހިމާޔަތްކުރަން އަޅާނެ ފިޔަވަޅުތައް އޮތީ ކަނޑައަޅައިފަ އެވެ. އެކަމަކު ހިއްކަން ފެށީ އެ ފިޔަވަޅުތައް ނާޅަ އެވެ. މި މަޝްރޫއު ނިމޭ އިރު، އެ ހިސާބުގެ މަޝްހޫރު ޑައިވިން ސައިޓެއް ވެސް، އެގޮތުގައި ދެމިއޮންނާނެތޯ ނުވަތަ ނޫންތޯ ވަނީ ސުވާލު އުފެދިފަ އެވެ.

މަދު ބަޔަކު، ކަންބޮޑުވުމުގެ އިހުސާސްތައް ބޭރުކުރަމުން ދިޔަ ނަމަވެސް ތަރައްގީއަށްޓަކައި، ގިނަ މީހުންނަށް އެ އަޑެއް، ކުރިން ދެންނެވި ގޮތަށް، ނީވޭނެ އެވެ.

އާއެނކެވެ. އެއާޕޯޓް އަޅައިގެން ކުޅުދުއްފުއްޓަށް ވެސް އެ އައީ ތަރައްގީއެކެވެ. ރާއްޖޭގެ ނެތްވަރުގެ ކުޅިއެއްގެ އެއްބައި ގުރުބާންކުރަން ޖެހުނަސް ކުޅުދުއްފުށީ ރައްޔިތުންނަށް އެކަން މައްސަލައަކަށް ނުވާނެ އެވެ. އެހެންކަމުން ރަށަށް ނިސްބަތްނުވާ އެކަމަކު ތިމާވެއްޓަށް ލޯބިކުރާ މީހުންގެ އަޑު، ސަރުކާރަށް ވެސް އަދި ކުޅުދުއްފުށީ ރައްޔިތުންގެ ކަންފަތާ ހަމަޔަކަށް "ނުފޯރާނެ" އެވެ.

މިދިއަ ސަރުކާރުގެ ފަސް އަހަރު ނިމިގެން ދިޔައީ، ސަރުކާރަށް ތާއީދުކުރާ މީހުންނާއި ތާއީދުނުކުރާ މީހުންގެ ނަޒަރުގައި ވެސް ރާއްޖެ ނުދެކޭ ފަދަ ތަރައްގީއެއްގެ ތެރޭގަ އެވެ. ސިނަމާލެ ބްރިޖާއި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމާއި އެތަނުގައި ދިވެހިން ދިރިއުޅެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޅާ 25 ބުރީގެ އިމާރާތްތަކެއްގެ ސިފަ ފެނުން އެކަންޏެއް ނޫނެވެ. މުޅި މާލެ އަތޮޅުގެ ޗާޓު ވެސް ވަނީ ބަދަލުވެފަ އެވެ. ގުދުރަތީ ހިތްގައިމު، ރީތި ފަޅުތައް، ޓޫރިޒަމަށް ގުރުބާންކޮށްފި އެވެ. ފައިސާ ހުރި ކޮންމެ މީހަކަށް، ސަރުކާރުން ބުނާ އެޑްވާންސް ދެވޭ ކޮންމެ މީހަކަށް (ބޮޑު އަނެއް މައްސަލައަކީ، އެޑްވާންސްގެ ގޮތުގައި ދައުލަތަށް ވަންނަން ޖެހޭ 80 ވަރަކަށް މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ބަޔަކު ދިރުވާލުމެވެ) އޮތީ ހުޅުވާލައިފަ އެވެ.

ރިސޯޓްތައް ހެދެންޏާ އެއީ ވަޒީފާ އެވެ. އެއީ ޓޫރިސްޓުންނެވެ. އެއީ، ރައްޔިތުންގެ ކުރިމަތީގައި ފަހުރުވެރިވެފައި ސިޔާސީ ކޮންމެ މީހަކަށް ވެސް ބުނެވޭނެ ބޮޑެތި އިންވެސްޓްމަންޓެވެ. އެހެންކަމުން ގުރުބާންކޮށްލަން މި ޖެހެނީ ކިހާ ބޮޑު އެއްޗެއް ކަމެއް، ގިނަ ދިވެހިން ބަލާކަށް ބޭނުމެއް ވެސް ނުވާނެ އެވެ. އެއާ ދެކޮޅަށް ވާހަކަ ދައްކާ ތިމާވެށީގެ ހިމާޔަތްތެރިން ވާނީ މޮޔައިންނަށެވެ. ތަރައްގީއާ ދެކޮޅު ބަޔަކަށެވެ. ސަރުކާރާ ޖައްސާލާ މީހުންނަށެވެ.

ހިމާޔަތްކޮށްފައިވާ ށ. ފަރުކޮޅު: އެހެން ސަރުކާރަކުން މިތަނުގެ ކުޅިތައް ހިއްކާ، ރިސޯޓެއް ވެސް ހަދާފާނެ

ރަށްރަށުގެ ބަނދަރުތައް ބޮޑުކުރަނީ އެވެ. ބިން އޮތަސް، ބިން ވެސް ހިއްކަންވީ އެވެ. އެހެން ރަށްރަށުގެ މީހުންނަށް ދައްކަން ނަމަވެސް، ނުވަތަ ދެރަކޮށްލަން ބުނާނެ ވާހަކައެއް ހޯދަން ނަމަވެސް، ބައެއް ރަށްރަށުގެ ރައްޔިތުން އެކަން ބޭނުންވެ އެވެ. ހިޔާދޭ ބޮޑެތި ގަސްތަކާއި ގޮނޑުދޮށުގެ ހިމާޔަތަށް ގުދުރަތީ ގޮތުން ހެދިފައި އެ ހުންނަ ނަލަ ރުއްތައް ވެސް، ކަނޑަންވީ އެވެ. ގޯތިތެރެ އާއި ގޭދޮށަށް ކުނި އެޅެންޏާ ގަސްތައް މަރާލަންވީ އެވެ.

ތިމާވެށީގެ ދުޝްމަނަކީ ތަރައްގީ އެވެ. އެކަމަކު އެ ތަރައްގީ ގެންނަން އުޅެނީ އަޅުގަނޑުމެން ކަމަށް ވަންޏާ، ތިމާވެށީގެ އަސްލު ދުޝްމަނުންނަކީ އަޅުގަނޑުމެންނެވެ. އާންމު ރައްޔިތުންނެވެ. ސިޔާސީ މީހުން ދައްކާނީ ތަރައްގީގެ ވާހަކަ އެވެ. އެ ތަރައްގީއަށްޓަކައި ގުރުބާންކުރަން ޖެހޭ ގައުމުގެ ގުދުރަތީ ރީތިކަމާއި، އަގެއް ޖަހާފައި ނެތަސް، އޭގެ އަގު ވަޒަން ވެސް ކޮށްލަން ނޭނގޭ ވަރުގެ ތަފާތު ދިރުންތަކާ މެދު އާންމުން ވިސްނައެއް ނުލަ އެވެ. އެ ރީތިކަމާއި އެ ދިރުންތައް ވާހަކައެއް ނުދައްކަ އެވެ. ޝަކުވާއެއް ނުކުރެ އެވެ. އަދި އޭގެ އަޑުއިއްވަން، މުޒާހަރާއެއް ވެސް ނުކުރެ އެވެ. އެކަމަކު ހަގީގަތުގައި ރީތި ފަޅުތަކުގެ އެ ނަލަ ނޫ ކުލަ އާއި އަޑިން އެ ފެންނަ ހުދު ވެއްޔާއި ވަށައިގެން އެ އޮންނަ ފަރުތައް އެ ބުނެދެނީ، މިއީ ދިރުމެއް ކަމެވެ. އޭގެ އަޑި އާއި އޭގެ މަތިން ވެސް މެ އެވެ.

ރާއްޖޭގައި ހުރި ރީތި ފަޅުރަށްރަށާއި، ކުޅިތަކާއި ކަނޑޫފާތަކުގެ ހިމާޔަތުގައި އަބަދުވެސް ކޮންމެވެސް ބަޔަކު އުޅެ އެވެ. ކުރީ ސަރުކާރުން ވެސް ބައެއް ހިސާބުތައް ހިމާޔަތްކުރި އެވެ. އަދި މި ސަރުކާރުން ގެންދަނީ އިތުރަށް ހިމާޔަތްކުރާނެ ރަށްރަށް ވެސް، ތަންތަން ވެސް، ދިރުންތައް ވެސް ކަނޑައަޅަމުންނެވެ. އެކަމަކު އެއްބައެއްގެ ނަޒަރުގައި އެއީ ފުދޭވަރެއް ނޫނެވެ. ފުދޭވަރަކީ މުޅި ރާއްޖޭގެ ކުރިމަގަށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ މިންވަރަކަށް ހިމާޔަތްކުރުމެވެ.

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ނިމިގެން މިދަނީ، އެއްގޮތަކުން މިދިއަ 100 އަހަރު ވެސް ނުދެކޭ ވަރުގެ ހުއްޓުމެއް، އިންސާނާގެ ދިރިއުޅުމަށް ގެނެސްފަ އެވެ. ކޮރޯނާވައިރަސްއާ އެކު އެތައް ބިލިއަން ބަޔަކު ތިބީ ގޭގަ އެވެ. މަތިންދާބޯޓުގެ ދަތުރުތައް ހުއްޓިއްޖެ އެވެ. ވެހިކަލްތައް މަގުމަތީގަ އާއި ގަރާޖުތަކުގަ އެވެ. ފެކްޓަރީތައް ނިސްބަތުން ހިމޭންވެފަ އެވެ.

ކުރިން ނަމަ ސާފު އުޑު ނުފެންނަ ބޮޑެތި ސިޓީތަކުގެ ރައްޔިތުންނަށް އެ އުފާވެރިކަމެވެ. ނޭވާލާން ސާފު ވައިކޮޅެއް ވެސް އެބަ ލިބެ އެވެ. މި ހުއްޓުމުން ވެސް ދުނިޔޭގެ ތިމާވެއްޓަށް ވަގުތީ ގޮތުން ނަމަވެސް ލިބުނީ ،ކުރިން ނަމަ ހިޔާލަށް ވެސް ނުގެނެވޭ ވަރުގެ، ހިމާޔަތެކެވެ. އެކަމަކު ދުނިޔެ، މިހެން ހުއްޓިފައެއް ނޯންނާނެ އެވެ. މާދަމާ ވެސް ގެއިން ބޭރަށް ނުކުމެ، ކުރީގެ ތަރައްގީ އަތުޖެހޭތޯ، އިންސާނުން މަސައްކަތް ފަށާނެ އެވެ.

އަޅުގަނޑުގެ ގާތް ރަހުމަތްތެރިޔާ އަދި ތިމާވެށީގެ ހިމާޔަތްތެރިޔާ، މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ބުންޏެވެ: މުންނާރަށް ބަލާބަލަ! ކުރިން ނަމަ މިހާރު ވެސް އެތަނުގައި ކަޅު ކުލަ ފެންނަން ފަށާނެ. ދުއްވާ އެއްޗެހި ނުދުއްވާތީ ދުމުން އެ އެހެރީ މިވަގުތަށް ރައްކާތެރިވެފައި."

މުންނާރު މަރާމާތުކޮށް ރީތިކުރީ ދާދި ފަހުންނެވެ. މީމުޒަވިޔަނި ދެކޭ ގޮތުގައި މާލޭގައި ދުއްވާ އެއްޗެހި ގިނަކަމުން އެ ނުކުންނަ ދުމުގެ އަސަރު، އިމާރާތްތަކަށް ވެސް، ވަރަށް ބޮޑަށް ކުރެ އެވެ. އެ އަސަރުތައް ދެނެގަންނަން "މި ޒަމާނުގެ ސައިންޓިފިކް ސާމާން ބޭނުންނުވާ" ކަމަށް އޭނާ ބުންޏެވެ. އޭނާގެ ބަހުން ނަމަ، މުންނާރަށް ބަލައިލުމުން، ލޮކްޑައުންގައި މި ހޭދަކުރި ދޮޅު މަހެއްހާ ދުވަހު، މާލޭގެ ވެށި ކިހާ ވަރަކަށް ހިމާޔަތްކުރެވިއްޖެ ކަން އެނގޭނެ އެވެ.

ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި 1980 ގެ މެދުތެރެއިން ފެށިގެން 1990ގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށް މީމުޒަވިޔަނި، އޭރުގެ "ހަވީރު"ގައި ކޮންމެ ހަފުތާއަކު ވެސް ރިޕޯޓެއް ލިއަމުން ގެންދިޔަ އެވެ. އެ ޒަމާނުގައި އޭނާއަކީ ތިމާވެށީގެ އެންމެ މަޝްހޫރު ލިއުންތެރިޔާ އަދި އެކްޓިވިސްޓެވެ. މިހާރު ވެސް އޭނާ ހުރީ އެ މަސައްކަތުގަ އެވެ. އެކަމަކު އޭނާ ބުނާ ގޮތުގައި ރާއްޖޭގެ ތިމާވެއްޓަށް ދޭން ޖެހޭ ވަރަށް ދިވެހިން އަދިވެސް ސަމާލުކަމެއް ނުދެ އެވެ. އެހެންކަމުން ދިވެހިން ހޭލުންތެރިވާން ޖެހެ އެވެ. ދިވެހިން އަދިވެސް ތިމާވެށި ދެކެ ލޯބިވާން ޖެހެ އެވެ. ދިވެހިން އަދިވެސް ތިމާވެށީގެ އަޑު އިއްވަން ޖެހެ އެވެ.

އެކަމަކު ގިނަ މީހުން ގަބޫލުކުރާ "ތަރައްގީ"އާ ނުލައި ދެން އުޅެވޭކަށް ނެތެވެ. މިހާރު މި އޮތީ އެއް ސަރުކާރަށް ވުރެ އަނެއް ސަރުކާރު ހިންގާ މަޝްރޫއުތައް ބޮޑުކޮށް، ބިޔަކޮށް ދެއްކުމުގެ ޒަމާނެވެ. އެ ތަރައްގީއަށްޓަކައި ތިމާވެށި ގުރުބާންނުކޮށް ފަރުޖެއްސެން ނެތް ކަން، ސިޔާސީ މީހުން ބުނާނެ އެވެ. އަދި އެ ވާހަކަ އަޅުގަނޑުމެން މި ތިބީ ގަބޫލު ވެސް ކޮށްގެންނެވެ. ތިމާވެށީގެ މަދު ހިމާޔަތްތެރިން ފިޔަވަ އެވެ.

އެކަމަކު އެމީހުންގެ އަޑެއް، ގިނަ ދިވެހިންނަކަށް ނީވޭނެ އެވެ. މި ބުނީ އަޅުގަނޑުމެން ގިނަ ދިވެހިން ބީރު ވާހަކައެއް ނޫނެވެ.

5 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 89%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކައްކާ

06 June 2020

"އޭގެ ޖަވާބު މާލެ އާއި ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށަކުން ވެސް ފެންނާނެ އެވެ."....... ބަލަ މާލޭގައި މިހާރު މީހުން ނޫޅެނީތަ؟

The name is already taken The name is available. Register?

ވެށި

05 June 2020

މިގައުމު ތިމާވެއްޓޭ ކިޔާގެން ކުރާކަމަކީ ފަނޑުތަކުން ފައިސާހޯދުން. ތިމާވެއްޓަށް ބަލާ އެކަކުވެސް ނެތް.

The name is already taken The name is available. Register?

އަސަރު2

06 June 2020

ތިބުނީ އަސްލު ވާހަކަ.. ބޮޑު ރިޕޯރޓެއް ނުލިޔެ ހަގީގަތް ތި ހާމަކުރީ.. އެކަމަކު ނޫސްވެރިން އެމީހުންގެ ޒިންމާ އަދާކުރަން ވާނެ..

The name is already taken The name is available. Register?

އައިކާންޓްއިގްނޯރ

05 June 2020

ތިމާވެށީގެ ކަންކަން މިރާއްޖޭން ކުރަނީ ރަނގަޅަށޭ ދަ ރާއްޖެތެރޭގެ ފަޅު ރަށެއްގައި ކުޅި އެއް އޮތުމުން އެކުޅި ހިމާޔަތް ކުރުން އެނުވެއޭ އަދި ތިމާވެށި ހިމާޔަތް ކުރުން ކަމަށް މަމެންގެ ތިއަރީގައި ތިމާވެށި ހިމާޔަތް ކުރުން ކަމަށް ވަނީ އެއީ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާލާ އެފަޅު ތައް ކުއްޔަށް ދޫކޮށް އެފަޅު ތަކުގައި އިންޑަސްޓްރިއަލް ޕާރކްސް ތައް ހެދުމޭ އެއިރުންނޭ ތިމާވެށި ލާރޖް ކޮށް ހިމާޔަތްކުރަން މީހުންނަށް ފަައިސާ ލިބޭނީ ދީސް އާރ ދަ ތިންގްސް

The name is already taken The name is available. Register?

އަސްމާގެ

05 June 2020

މިގައުމުގައި ރީސައިކްލިން ކުރަން ޖެހޭ. މިސާލަކަށް 20 ލާރިއަށް ހުސް ފެންފޫޅި ވެސް ގަންނަން ފެނޭ ކުންފުނި ތަކުން. ބޭރުގައުމުގައި އެކަން ކުރަނީ އެގޮތަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454