ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރެއިން މާލޭގެ މިސްކިތެއްގެ މައި ދޮރު ވަށައިގެން ޓޭޕް ދަމައި ބަންދުކޮށްފައި: މިއަދުގެ މަގުރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވި ނަމަވެސް ޖަމާއަތް ނުހެދޭނެ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
14 ޖޫން 2020 - 18:22
މާލެ ސަރަހައްދުގެ މިސްކިތްތައް މިރޭގެ މަގުރިބް ނަމާދާ އެކު ހުޅުވާލައިފި އެވެ. އެކަމަކު އަދިވެސް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދައެއް ނެތެވެ.
އިސްލާމިކް މިނިސްޓްރީގެ ސާކިއުލާއެއްގައި ބުނީ މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ މިސްކިތްތައް ހުޅުވުން އެންމެ ރަނގަޅު ކަމަށެވެ. މި ނިންމުން އައީ އެޗުޕީއޭ އާއި ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާދޭ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ޓީމުގެ އިތުރުން ދީނީ އިލްމުވެރިންގެ ވެސް ލަފަޔާ އެކު ކަމަށް، އޭގައި ބުނެފައިވެ އެވެ.
އެ ސާކިއުލާގައި ބުނީ މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅާ އެކު، ޖަމާއަތް ހެދުމަކާ ނުލައި މިސްކިތްތަކުގައި ނަމާދުކުރަން ހުޅުވައިލަން އެންމެ ރަނގަޅު ކަމަށް އެޗްޕީއޭ އާއި ޓެގް ޓީމުގެ އިތުރުން ދީނީ އިލްމުވެރިން ވެސް ލަފާދީފައިވާ ކަމަށެވެ
މިސްކިތްތައް ހުޅުވުމުގެ ހުއްދަ މި ދިނީ، ގާތްގަނޑަކަށް ތިން މަސް ދުވަސް ފަހުންނެވެ.
ރާއްޖެ އިން ކޮވިޑް-19 ފެނުމާ ގުޅިގެން، އަޅަން ފެށި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން، އިސްލާމިކް މިނިސްޓްރީގެ އެންގުމާ އެއްގޮތަށް މެދުކަނޑައިލީ މިދިޔަ މާޗް 18ގެ އަސްރު ނަމާދުން ފެށިގެންނެވެ. އޭގެ ފަހުން، ކޮވިޑް-19 ގެ ބަލީގެ ހާލަތަށް ރިއާޔަތްކޮށް، އެ މުއްދަތު އައީ އިތުރު ކުރަމުންނެވެ. އެކަމަކު، މާލެ އިން ކޮވިޑް-19 ގެ މީހަކު އޭޕްރީލް 15 ގައި ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެ ދުވަހުން ފެށިގެން މިސްކިތްތައް ވެސް ބަންދުކުރި އެވެ.
މާލެ ސަރަހައްދުގެ މިސްކިތްތައް މި ހުޅުވައިލީ އެންމެ ފަހުން ދިން މުއްދަތު މިއަދުގެ އަސްރު ނަމާދަށް ހަމަވާތީ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ކޮވިޑް-19 އެންމެ ފަސޭހައިން ފެތުރެނީ ގިނަ ބަޔަކު އެއްތަނަކަށް އެއްވުމުންނެވެ. އެހެންވެ، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިސްކިތްތައް ބަންދުކުރަން ސަރުކާރުން ނިންމީ އެވެ.
މާލެ ސަރަހައްދުގެ މިސްކިތްތައް އަލުން ހުޅުވަން ނިންމިއިރު، ކޮވިޑް-19 ފެތުރޭ މިންވަރަށް ބަލައި، މާދަމާ އިން ފެށިގެން ބޮޑެތި ލުއިތަކެއް ސަރުކާރުން ވަނީ ދޭން ނިންމައިފަ އެވެ. އެގޮތުން، އޭޕްރީލް 15 ން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އޮތުމަށް ލުއިތަކެއް ދީ، ކޮންމެ ދުވަހެއްގެ ފަތިހު 5 ން ރޭގަނޑު 10 އާ ހަމައަށް ހުއްދައަކާ ނުލައި އެންމެންނަށް ވެސް ބޭރުގައި އުޅެވޭނެ އެވެ.
- މިސްކިތުގައި ކާޕެޓު ނޭޅުން.
- ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފުކުރުން.
- ސައިބޯނިލައިގެން އަތްދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން.
- އެއާކޯން ބޭނުން ނުކުރުން.
- ވުލޫއު ކޮށްގެން މިސްކިތަށް ދިއުން.
- މުސައްލައެއް ގެންދިއުމާއި މާސްކް އެޅުން.
- ސޯޝަލް ޑިސްޓެންސިން ބެހެއްޓުން.
- މުސައްލަ އެޅުމުގައި ސޯޝަލް ޑިސްޓެންސި ބެހެއްޓުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނަމާދުކުރުން.
- ރޯގާ، ހުން އައިސް، ކެއްސާ ނަމަ މިސްކިތަށް ނުދިއުން.
- ނަމާދަށް ފަހު މިސްކިތުގައި މަޑުނުކުރުން.
- ފުއްޕާމޭގެ ބަލީގެ މީހުންނާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުން.
- މިސްކިތާއި މިސްކިތުން ބޭރުގައި ވެސް މީހުންނާ ސަލާމް ނުކުރުން.
- މިސްކިތުގައި ހުންނަ ހަތިމްތައް ބޭނުން ނުކުރުން.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މާލެ ސަރަހައްދުގެ ލޮކްޑައުން ލުއި ދިނުން މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާތީ، ހާލަތަށް ރިއާޔަތް ކޮށް، އިތުރު ލުއިތައް ދިނުމަށް އެޗްޕީއޭ އިން ނިންމައިފި ނަމަ ޖަމާއަތުގައި ނަމާދުކުރުމަށް ވެސް އެ ލުއި ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެލިދޫ މީހާ
15 June 2020
ޖަމާއަތުގައި ނަމާދު ނުކުރެވޭއިރު ކީއްކުރާ ހުއްދައެއް ، ހަގީގަތަކީ ލޮކް ޑައުން ލުއިވުމުން ބަންގުލަދޭސް މީހުން ފެތުރި ގަންނަން ދިން ފުރުސަތެއް ، ދެން މިސްކިތަކުގަ އަޅާފަ ތިބޭނީ މިމީހުން
15 June 2020
މިސްކިތްތައް ހުޅުވުމަކީ ވަރަށް ރަގަޅު ކަމެއް.... ބަންގްލަދޭޝް ފަރާތްތައް ހުރިހާ ތާކު އުޅޭ.... މިހާރު ވެސް ބަންގްލަދޭޝް ފަރާތްތައް މަގުމަތީ ގަ ވަރަށް ގިނައިން ފެނޭ.. ލޮނުޒިރާތްކޮޅު ގަ މަޖީދީމަގު ގަ މިހެން ގޮސް ހުރިހާ ތާކު އުޅޭ.
ހަގީގީ
15 June 2020
މާކުރިއްސުރެ މިފަދަ ނުފެންނަ ވައިރަސްތަކާ ބަލިތަކުން ރައްކާތެރިކަންލިބޭ ފުރިހަމަ ނިޒާމް ދީނުގައި ލައްވާފައިވޭ. އަޅާ ފިޔަވަޅުތަކަށްވުރެ މާތްﷲއަށް ވަކީލުކުރުން ބޮޑުކުރަންޖެހޭ. ވައިރަސް ހުރި މީހަކާއެކު އުޅޭ އަނެއްމީހާއަށް ނާރާގޮތް މެދުވެރިވާ ގޮތަށް މާތްﷲ ރައްކާތެރިކަން ދެއްވާ މީހާއަށް ވައިރަސް ނާރާނެކަން ގަބޫލުކުރުމަށްޓަކައި މާތްﷲއަށް ފުރިހަމަ އިތުބާރު ބާއްވަންޖެހޭ. ބައްޔެއްޖެހުމަކީ ނިއުމަތަކަށް ވެދާނެކަން ގަބޫލުކުރެވޭ ހިސާބުން ވިސްނުން ބަދަލުވެދޭ.
ބޮޑުމީހާ
15 June 2020
ސައުދީގަވެސް ގައިދުރުކޮށްގެން ޖަމާއަތުގަ ނަމާދުކުރި. މިތާގަ ނުކުރެވޭނީ ކީއްވެތޯ
ކުޑަ
15 June 2020
އައްދެ! ތިވާހަކަ ނުދައްކާ. ސޭހުން ގަބޫލެއް ނޫން.
15 June 2020
ސަރުކާރުން ޖަމާތް ހަދަން ހުއްދަ ނުދެނީ.... އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް ހުއްދަ ލިބޭނެ... ސަރުކާރުން ވެސް ފިޔަވައްސަށް ބަހާލައިގެން ހުއްދަ ދެނީ
ވާނުވާ
15 June 2020
މުދާ ހޯލްސޭލްކުރާ ފިހާރަތަށް ކައިރީގައި ކިޔުހަދައިގެން ތިބޭތިތުން މީ ކިހާވަރެއްގެ ގައިދުރުކަމެއްބައި......!! މިސްކިތުގައި ޖަމާއަތުގައި ސަފުތަށް ހަދަން ތިޔޮއްވާ ގަންނަ ބިރެއްދޯ..........!! ވަކި ޖަމާއަތަށް މިސްކިތަށް ދިޔުން ހުއްޓުވައިގެން މި ދިވެހިރާއްޖޭގައި މިބަލިކިހާވަރަށް ކޮންޓުރޯލު ވެއްޖެބާ.......!! ބަލަ ﷲ އަށް ވަކީލުކުރުމަކީ ސަބަބުތަކުގައި އެކަނި ހިފުމެތްނޫން.. އެހެނެތްކަމުކު ﷲ ވަކީލު ކުރުމަކީ ސަބަބުތަކުގައި ހިފުމާއިއެކު އެކަމެއްގެނިމުން ﷲ އާއި ހަވާލުކުރުން.!
ސިލް
15 June 2020
މާތްﷲ ފޮނުއްވި ބަލިމަޑުކަމަކުން ސަލާމަތްކުރެއްވުމަށް ދަންނަވަންވީ ފަރާތަކީ ހަމައެކަނި މާތްﷲ. މާތްﷲގެ މަގުގައި އަޅުކަން ކުރުމަށް ނިޔަތްގަނެ މާތްﷲއަށް ވަކީލްކޮށް މިސްކިތަށް ގޮސް ނަމާދުކޮށް ބޭކާރު ކަންކަމާ ދުރުވެހުރެ އެނބުރި ގެއަށްދާ މީހާއަށް ބަލި ނާރާނެއޭ ހީކުރެވޭހާ އީމާންތެރިކަން ވަރުގަދަ ނޫން ކަމަށް ފެންނަނީ. ޚަތިމުގައި އަތްލައިގެން ވައިރަސް އަރާފާނެއޭ ހީވުމަކީ ބޮޑުވަރު.
ދއނ
14 June 2020
ޖަމާއަތުގަ ނަމާދު ކުރެވޭނެ ގޮތް ވެސް ވާނެ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް.... ޝުކުރިއްޔާ މި ސަރުކާރު އަށް
ރީތި މޫސަ
14 June 2020
މިސްކިއްތަށް ހުޅުވީމަވެސް މިފެނިގެންދަނި އަދާވާތްތެރިކަން ﷲއަށް ޝުކުރުކޮށް ހެޔޮދުއާކުރުމުގެބަދަލުގައި މިފެންނަނީ ކޮންމެސްމީހަކަށް ނުވަތަބަޔަކަށް ރައްދުދޭތަން ޔާﷲ އަޅަމެނަށް ހެޔޮވިސްނުން ދެއްވާފާދޭވެ.އާމީން
ޣޣ
14 June 2020
ވަރަށް އުފާވެރި ހަބަރެއް.... ? Alhamdhulilahi. ޝުކުރިއްޔާ ސަރުކާރު
ގެދާނޯމޮސް
14 June 2020
ޖަމާއަތުގަ ނަމާދު ނުކުރުމާއި ޚަތިމުތަކުގަ އަތްލުން މަނާކުރުމަށް ލަފާދެއްވި ފަރާތެއް ރައްޔިތުންނަށް އަންގާލަ ދެއްވަން މިނިސްޓަރު އެބަޖެހެއެވެ. އެހެނީ ، ޖަމާއަތުގަ ގައިދުރުކޮށް ނަމާދު ނުކުރެވޭނަމަ ފިހާރަތަކުގެ ކުރިމަތީ އެހުންނަ ގައިދުރު ކުރާ ބޮޅު މަތީ ސަފަކަށް އެތުރުމަށް ދެވުނު ހުއްދައިގެ ސަބަބުން އިސްލާމް ދީނާއިމެދު މިގައުމުގަ މިހާރު އޮތްސަރުކާރާއި މެދު މުސްލިމްރައްޔިތުން ވާވައްދާކަން މިހާމަވަނީ އެވެ. މީ ޖަވާބު ދާރީވާންޖެހޭނެ ކަމެކެވެ.
ޥާނުވާ
14 June 2020
ޖަ މާއަތުގައި ނަ މާދު ނުކުރެވޭނަ މަ މިސްކިތަށް ދިއު މުގެ ބޭނު މެއް ކޮބާ
ޓަކަންދި
14 June 2020
ކޮމެންޓެއް ކޮއްލީދޯ ހަމަ
ޙަސަން2020
14 June 2020
ޖަމާއަތުގަ ނަމާދު ނުކުރެވެންޏާ ކިހިނެއް ދިން ހުއްދައެއް ތަމީ.