ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ކުރި މުޒާހަރާއެއް ފުލުހުން ކޮންޓްރޯލް ކުރަނީ: މި ފަދަ ކުށްތައް ހުއްޓުވުމުގައި ފުލުހުން ޒިންމާ އަދާ ނުކުރާ ކަމަށް ބައިވެރިން ގޮވާލި
11 ޖުލައި 2020 - 15:43
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް ފުލުހުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ އިއްޔެ އަޑުއުފުލުމުން އެކަމާ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޖިންސީ އަނިޔާއާ ދެކޮޅަށް އިއްޔެ ހަވީރު މާލޭގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިން ވަނީ، އެ މީހުން މަގުމައްޗަށް ނުކުންނަން ޖެހުނީ އެފަދަ އަނިޔާކުރާ މީހުންނަށް އަދަބު ދިނުމުގައި ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށް ބުނެފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތައް ފުލުހުން އަބަދުވެސް ސީރިއަސް ކަންކަމުގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އެ މައްސަލަތަކާ ދެކޮޅަށް، ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ. އެހެންކަމުން އެ އަނިޔާތަކާ ދެކޮޅަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަން ޖެހުނީ ފުލުހުން ޒިންމާ އަދާނުކުރާތީ ކަމަށް ބުނުމަކީ ކަންބޮޑުވުމެއް ކަމަށް، ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ މިފަދަ ކަންކަމުގައި އެންމެ ޒިންމާދާރު ގޮތަކީ، އެކަމެއްގެ ފުރިހަމަ މައުލޫމާތު ކަމާ ގުޅޭ ފަރާތްތަކުން ސާފުކުރުމަށް ފަހު ނޫނީ ވާހަކަ ނުދެއްކުން ކަމަށެވެ.
"ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުން ފަދަ މުޖުތަމައުގެ ކަންބޮޑުވުން ވަރަށް މަތީ ދަރަޖައަށް އޮތް މިފަދަ ކަންކަމުގައި، ކަމުގެ ހަގީގަތް ނޯޅޭނެ ގޮތަށް ވާހަކަ ދެއްކުމަށް އިލްތިމާސް ކުރަމެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ އެފަދަ ކުށްތަކާ މެދު އާއްމުން ހޭލުންތެރިކުރުވައި، ކުށްތަކުން ކުޑަކުދިންނާއި އަންހެނުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެފަދަ ކުށްތައް ތަހުގީގު ކުރުމަށް ވަކި ބަޔަކު ކަނޑައަޅައި، އެކަމަށް ހާއްސަ ހުނަރުތައް ދަސްކޮށްދީ، ޒަމާނާއި ކުށްކުރުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްގޮތަށް އެ ހުނަރުތައް ތަރައްގީކުރާ ކަމަށް ވެސް ބުންޏެވެ.
ބަޔާން ނިންމާލަމުން ފުލުހުން ބުނީ ހައްގުތައް ރައްކާތެރިކޮށް، ޖިންސީ ގޯނާ އާއި ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެތަނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމުގައި ފަސް ޖެހުމެއް ނެތްކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި މުޖުތަމައުގައި ހުރި މިފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލައި އިންސާފު ހޯދައި އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރަން މަދަނީ ޖަމިއްޔާތަކުން ކުރާ މަސައްކަތަށް ތަރުހީބު ދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
12 July 2020
ފުލުހުންގެ ވެރިޔާ އެއީ އެއްކަމެއްވެސް އެންގޭ މީހެއް ނޫން
ފިތުރޯނު
12 July 2020
ފުލުހުން ބަލާ މައްސަލަތަކަށް ކޮންމެވެސް ކަހަލަ ސިޔާސީ ނުފޫޒެއް ވަދެގެން އެކަންކަން ރޫލް އޮފް ދަ ލޯ ގެ ފަހުން އޮންނަނީ ނެއްޓިފައެވެ.
އިބްރާ
12 July 2020
އެމްޑީޕީ ދައުލަތަށް ފާވެ ، ގާނޫނުގެ ތެރެއިން ފުލުހުންގެ ބާރު ކަނޑުވާލައި ، ނުބައި އަމަލްތަށްކުރާ މީހުންނަށް ނުބައިކަންތަށް ތަކުގައި ދެމިތިބެވޭނެގޮތް ހަދާފައި ދެން ފުލުހުންނަށް ކަމެއް ނުކުރެވޭކަމަށް އަނެއްކާ އެެމްޑީޕީ ސަރުކާރުން ބުނުމަކީ ހިތާމަހުރިކަމެކެވެ. ކޯޓް އަމުރުނެތި އޮފީހެއްގެ ތެރެއިން 2.5ކިލޯ މަސްތުވާތަކެތި ހިފައިގެންތިބި ބަޔަކު އަދަބުން ސަލާމަތްވީ އެމްޑީޕީން ގާނޫނަށް ގެނެސްފައިވާ ބަދަލުގެ ސަބަބުންނެވެ.
ޕޮލިސް ސަރޖެންް
12 July 2020
މިއީ ހިތާމަވެރި ޚަބަރެއް. މިއީ ފުލުހުން އެމީހުންގެ ދިފާއުގައި ރައްޔިތުން އިއްވަމުންދާ އަޑާއި ދެކޮޅަށް ބަސްބުނަންވީ ވަގުތެއް ނޫން. މިއީ ރައްޔިތުން އިއްވަމުންދާ ކަންބޮޑުވުން އަޑުއަހައި ކަންކަން ރަނގަޅު ކުރަންވީ ވަގުތު. ފުލުހުންނަކަށް ރައްޔިތުން 'ބްލޭމް'އެއް ނުކުރެވޭނެ. އެއީ ވާނެ ކަމެއްނޫން. ރައްޔިތުން އަޑުއުފުއްލީމައި ފުލުހުންޖެހޭނެ އަޑުއަހަން. އަދި އެކަންކަން ރަނގަޅުކުރަން. އެކްސް ޕޮލިސް ސަރޖެންޓް އ.ރ.ސ
ނެގުނުކަތީބު
12 July 2020
ފުލުހުން ޒިއްމާ އަދާކުރިއެއްކަމަކު ބޮޑެތި ފެމުނުތަށް އެމީހުންގެ މައްޗަށް ނުފޫޒާއި ބާރު ހިންގާހާއި ހިނދަކު އެމީހުން ކުރާ ކަންކަމުގެ ނަތީޖާއެއް ނުފެންނާނެ! ފުލުން މީހަކު ހައްޔަރުކޮށް ތަހުގީގުކުރަން ފަށާތަނުން އޮއޮވަރު އަޅަންފަށާ، ތަހުގީގުކޮށް ޕީޖީއަށް ފޮނުވާއިރަށް އެތަނުންވެސް ހިނގައިދޭ! ކޯޓަށް ދާއިރަށް ކޯޓުތެރެއިންވެސް ނެތްވޯކާއި ގުޅިގެން ހިނގައިދޭ! ކޯޓް ހުކުމް ކުރިޔަސް ރ. އޮފީސް ތެރެއިންވެސް މިނިވަންވޭ! އެކަމަކު އަނިޔާ ލިބުނުމީހާ އަނިޔާއާއި ގެން.
އަލް އަދުލު
12 July 2020
ހުރިހާ ނިޒާމެއްގައި ސިޔާސީ ގޮތުން ބާރުގަދަ މީހުންނާއި ޢާއިލީ ބޮޑުން ގެ ނުފޫޒު
ރިޒްނާ
12 July 2020
ޒިންމާ އަދާ ނުކުރާތީ ނުކުރާވާހަކަ ދައްކަނީ، ކޮންމެ މައްސަލައެއް ބޮޑުތަނުން ފަޅާއެރީމާ އެޓެންޑް ވަނީ، ވިކްޓިމްވާ ފަރާތުން ބުނާނެ " މީގެ ކުރިންވެސް ޕޮލިހަށް މައްސަލަ ހުށަހަޅާފައޭ އޮންނާނީ، އެކަމު ނުބަލަޔޭ" މީ ހަމަ ކޮންމެ މައްސަލަ އެއްގައިވެސް އިވޭ ވާހަކައެއް، ދެން ވަކި ހިސާބަކުން އަޅާނުލާނެ، މިހާރު ދިވެހިންނަކަށް މި ގަވްމުގަ ފުލުހުންގެ މުއައްސަސާ އޮތުމުގެ ބޭނުމެއް ނެތްކަން ވެސް އިޙްސާސްވާ ހިސާބަށް ގޮއްސި، ނުފޫޒާ ބާރުން މައްސަލަތައް އޮއްބާލނީ ކޮރަޕްޓެޑް
4321
12 July 2020
އާއިލީ ވެރިކަމެއްގައި. އާއިލީ މީޙަކު ކޮންމެ މުއައްސަސާއެއްގައި މިހުންނަނީ. މަޖިލިސް ކޮންޓްރޯލް ކުރަނީ އާއިލާއިން. އާއިލާމީހަކު ކިތަންމެ ފާޅުކަން ބޮޑު ގޮތެއްގައި ކިތަންމެ ނުބައި އަމަލެއް ހިންގިއަސް އާއިލީ ފުލުހުންގެ ވެރިޔާއަށް ބެލޭނެ ގޮތެއް އޮންނާނެތަ؟
2000
12 July 2020
ކަން ބޮޑު ވާނެ ކަމެއް ނެތް.. ކުޑަކެކުރި . ބޮޑު ކެކުރި.... އޮތް ގައުމެއް. ނިއެޒީލެންޑް ފަދަ ކާ ގައުމު ތަކުގައިވެސް އިންސާފަށް ވާސިލް ވެވޭ އިރު ރާއްޖޭގައި ނެތް. ނިކަމެތި މީހާ ކުޑަގޮޅި ، ބޮޑތި މީހުންނަށް ރަސްމީ ފާލަމުން އިއްޒަތްތެރިކަން.... ވިސްނާބަލަ މިރާއްޖެ މީއީ ކިޔަވަިގެންތިބި މީހުން ގިނަ ގައުމުއް. އެކަމަކު މަޖިލީހުގައި ޑިގްރީ އެއް އޮތް 6 މީހުން ވެސް ތިބި ކަމެއް ނޭނގެ
ޙުސްނާ
12 July 2020
ފިލުހުންނަކީ ގާބިލިބައެއްނުން ރަތްޔަތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން އުޅޭ ބޭކާރުބައެއް، ދިވެހި ރަތްޔަތުން އެއްމެ ރުޅިއަންނަ އެއްމެ އިތުބާރު ނުކުރާ ބަޔަކީ ފޮލިހުން، ޖަނަވާރުންނައް ޑީލްކުރާހެން ރަތްޔަތުންނަ ޑީލްކުރަނީ، ކިހިނެތް އިތުބާރު ކުރާނީ، ލީޑާސިޕް ބަދަލުކުރަންޖެހޭ، މުއުމޫނު ޒަމާނުގަ ޓްރައިންވެފަ ތިބި ބައެއް އަދިވެސް ތިއުޅެނީ، ކިހިނެތް ރަގަޅުވާނީ،
ކަރަންފޫ2
12 July 2020
ފުލުހުން މޮޅީ ސައިކަލުތައް ކަމަކާ ނުލައި ހުއްޓުވާފަ ލައިސަންސް ނޯޓުކުރަން. އަހަރެން ހުންނާނީ ހުރިހާ އެއްޗެއް ހަމަކޮށްފަ. މާގިނައިން މިކަންވާން ފެށީމަ ކިހިނެއްވީތޯ ސުވާލުކުރީމާ ބުނި ހަމަ ޗެކުކޮށްލަނީއޭ. ދެން އާންމު ރައްޔިތުން ހެރާސް ނުކޮށް ބޮޑެތި ކުށްވެރިން އަތުލައިގަންނަން މަސައްކަތްކުރިއްޔާ ކީއްތަވާނީ؟