ޚިޔާލު

ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ އަށް

ރައީސް ޔާމީން މި އަހަރު ހއ. ހޯރަފުށްޓަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންގެ ތެރޭގައި، ޕީޕީއެމާއި އެމްޑީއޭ ގުޅިގެން، އޮގަސްޓް 20، 2013ގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ؛ "މި ރިޔާސީ އިންތިހާބު މި އެނބުރެނީ އިތުބާރުގެ މައްޗަށް. ރައްޔިތުން އިތުބާރު ކުރަންވީ ކޮން ސިޔާސީ ލީޑަރަކަށްތޯ؟ ރައްޔިތުން އިތުބާރު ކުރަންވީ ކޮން ކަމަކަށްތޯ؟"

މިއަދު އަޅުގަނޑުމެންގެ ހިތުގައި ވެސް އުފެދެނީ ރައީސް ޔާމީން އެ ދުވަހު ކުރެއްވި އެ ސުވާލުތަކެވެ. މީގެ ތިން އަހަރު ކުރިން ރިއާސީ އިންތިހާބު އައިސް އަޅުގަނޑުމެންނާ އަރައި ހަމަކުރި އިރު، އަޅުގަނޑުމެންގެ ކުރިމަތީގައި ސިޔާސީ އެތައް ލީޑަރުންނެއް ތިއްބެވި އެވެ. ނަމަވެސް މިއަދު އެކަން އޮތީ އެ ގޮތަށްތޯ އެވެ؟ މިއަދު ރައްޔިތުންގެ ކުރިމަތީގައި - އިންތިހާބުގައި ވާދަކުރެވޭ ހާލަތުގައި - މާ ގިނަ ސިޔާސީ ލީޑަރުންނެއް ނެތެއް ނޫންތޯ އެވެ! މިއަދު ވެސް ރައްޔިތުން ބޭނުންވަނީ އިތުބާރު ކުރެވޭ ލީޑަރަކަށެވެ. އަޅުގަނޑުމެން އިތުބާރު ކުރަން ހުންނެވީ މަނިކުފާނު އެކަންޏެވެ. އަޅުގަނޑުމެން އިތުބާރު ކުރަންވީތޯ އެވެ؟ އެހެންކަމަށް ވާ ނަމަ އިތުބާރު ކުރަންވީ ކޮން ކަމަކަށްތޯ އެވެ؟

މި މަހުގެ 26 ވަނަ ދުވަހު ށ. ކަނޑިތީމުގައި ވާހަކަފުޅު ދައްކަވަމުން މަނިކުފާނު ވިދާޅުވީ ވެރިކަމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މީހަކު ހޮވެނީ ވަކި މީހެއްގެ ފޮޓޯގަނޑެއް ހިފައިގެން ނުކުތުމުން ނޫން ކަމަށާއި އެއީ އުސޫލްތަކަކާއި ޕާޓީން ކޮށްދޭން އުޅެނީ ކީއްކަން ވިސްނައިދީގެން ކުރާ ކަމެއް ކަމަށެވެ. އޭގެ އިތުރުން ވިދާޅުވީ "ޑިމޮކްރަސީއަކީ އެއްގޮތަކަށް ވެސް ވަކި ބަޔަކު ވަށައި އެނބުރޭ އެއްޗަކަށް ވެގެން ނުވާނެ" ކަމަށެވެ. އަދި އެ ގޮތަށް މީހަކު ވަށައިގެން އެނބުރޭ ނަމަ، މި ވަގުތު އެނބުރެން ޖެހޭނީ ތިމަން މަނިކުފާނުގެ ވަށައިގެން ކަމަށާއި އެއީ ވެރިކަމުގައި ހުންނެވީ ތިމަން މަނިކުފާނު ކަމަށް ވީތީ އެވެ.

ޑިމޮކްރަސީއަކީ ވަކި ބަޔަކު ވަށައިގެން އެނބުރޭ އެއްޗަކަށް ނުވާ އިރު، ރާއްޖެ އަށް ގެނެވިފައި މި އޮތީ ޑިމޮކްރެސީއެއްތޯ، ސިޔާސީ ކޮންމެ ބޭފުޅަކު ވެސް އަމިއްލަ ނަފްސާ ސުވާލު ކޮށްލެއްވުން ރަނގަޅެވެ. އެހެނީ، ވެރިކަމުގެ ވަށައިގެން އެނބުރުމުގެ ފިކުރު އާންމު ރައްޔިތުންގެ ސިކުނޑިތަކުގައި އުފެދިފައި ނެތީމަ އެވެ. ވެރިކަމުގައި ހުންނަވާ ބޭފުޅަކު ކޮންމެ ކަމެއް ކުރެއްވިޔަސް "ހާދަ ފުރިހަމައޭ" ވިދާޅުވެ ވަށައިގެން އެނބުރެން ތިބޭނީ ސިޔާސީ ބޭފުޅުންނެވެ. ވިރާސީ ރަސްކަމުން ފެށިގެން މިއަދާ ހަމައަށް ވެސް އޮތީ އެ އާދަ އެވެ.

މި އަހަރު ކުރީކޮޅު ރައީސް ޔާމީން ދ. ކުޑަހުވަދު އަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

އޭގެ ބަދަލުގައި އާންމު ރައްޔިތުންނަށް ދަސްވެފައި އޮތީ، ވެރިކަމުގައި ހުންނަވާ ބޭފުޅަކު ހިންގަވާ މަގަށް ފާރަލައި ބެލުމެވެ. ފިޔަވަޅު އަޅުއްވަނީ ސީދަލަށްތޯ ކައްޗަށްތޯ ބަލައި، އެކަމަށް ފާޑުކިޔުމެވެ. ކަތި ފިޔަވަޅެއް އަޅުއްވާ ނަމަ، ރައްޔިތުން ވެރިކަމާ ނުރުހޭކަން ފާޅުކުރެ އެވެ. މިހާރުގެ ގާނޫނުއަސާސީ އެކުލަވައިލަން ޖެހުނީ ވެސް އެފަދަ ފާޑުކިޔުންތަކެއް، ތޮށިގަނޑު ފަޅާލާފައި ބަންޑުންވި ހިސާބުންނެވެ.

އާންމު ރައްޔިތުންގެ ސިޔާސީ ވިސްނުން ހުރި ގޮތް އެންމެ ފުރަތަމަ އަންދާޒާ ކުރެވުނީ 2008 ގެ ރިއާސީ އިންތިހާބާއި 2009 ގެ އާންމު އިންތިހާބުގެ ތެރޭގަ އެވެ. އަދި އާންމުންގެ ސިޔާސީ އޮއިވަރު އެނބުރެމުން ދަނީ މައިގަނޑު ތިން ނާރެހެއްގެ ވަށައިގެން ކަން ކަށަވަރުވީ 2013ގެ ރިއާސީ އިންތިހާބާއި 2014ގެ އާންމު އިންތިހާބުންނެވެ.

އެއީ ރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްޑީޕީގެ މުހައްމަދު ނަޝީދު އެވެ. އަދި ޖުމްހޫރީ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ. ދިވެހި ރައްޔިތުންގެ ސިޔާސީ ފިކުރު މިއަދު އެނބުރެމުން ދަނީ މި ތިން ބޭފުޅުންގެ ވަށައިގެން ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެ ތިން ބޭފުޅުން ނޫނީ، އެމީހެއްގެ ބަހަށް އާންމު ރައްޔިތުންގެ ވޯޓު ބަދަލުކޮށްލާނެ އެހެން އެއްވެސް ބޭފުޅަކު އަދި ނެތެވެ.

ޕީޕީއެމްގެ ރައީސް މައުމޫން މިދިއަ އާދިއްތަދުވަހު ޖޭޕީގެ ލީޑަރު ގާސިމްއާ ސަލާމްކުރައްވަނީ: އާންމުންގެ ގިނަ ބައެއްގެ ތާއީދު ލިބިވަޑައިގެންފައިވޭ -- ފޮޓޯ: ނިޝާން އަލީ /މިހާރު

ރައީސް މައުމޫނަށް އޮތް ތާއީދުގެ ސިއްރަކީ އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި ދިވެހިން ހާސިލްކުރި ތަރައްގީ އާއި ކުރިއެރުމާއި އެމަނިކުފާނުގެ އަޚްލާގާއި އަބުރުވެރިކަމާއި ހިތްހެޔޮ ކަމެވެ. ރައީސް ނަޝީދުގެ ފަހަތްޕުޅަށް ވަނީ، 30 އަހަރަށް ފަހު ބަދަލަކަށް ބޭނުންވެއްޖެ ކަމަށް ގަބޫލުކުރި އެންމެނާއި އެމަނިކުފާނުގެ ކިބައިގައި ހުންނަ އާދައިގެ މިޒާޖާއި އެންމެންނާ ގުޅުމުގެ ސިފަ އާއި، ވެރިކަމާ ދެކޮޅަށް ފާޅުގައި ބަސް ބުނުމުގެ ހިތްވަރަށް ތާއީދުކުރާ އެންމެންނެވެ. ގާސިމްގެ ފަހަތްޕުޅުގައި ގިނައިން ތިބީ، ގާސިމްގެ ދީލަތިކަމުގެ ސަބަބުން އޭނާ އަށް ލޯބި ޖެހިފައިވާ މީހުންނެވެ.

ވެއަތުވެ ދިޔަ ދެ ރިއާސީ އިންތިހާބު ވަނީ މި ހަގީގަތް ފިސާރި ރަނގަޅަށް ސާބިތުކޮށްދީފަ އެވެ. އެ ދެ ރިއާސީ އިންތިހާބުގެ ވެސް ނަތީޖާ ނެރެވުނީ، ހިސާބުގެ ހަމަތަކުން ބަލާއިރު، ތިން ބައިކުޅަ ދެ ބައިގެ ނަޒަރިއްޔާ އިންނެވެ. ރައީސް މައުމޫނުގެ ވެރިކަން 2008 ގައި ނިމުމަކަށް ގެނެވުނީ، ތިން ބައި (މައުމޫން، ނަޝީދު، ގާސިމް) ވަކިވަކިން އޮތުމަށް ފަހު، އޭގެ ތެރެއިން ދެ ބައި (ނަޝީދު، ގާސިމް) އެކުވި ހިސާބުންނެވެ. އޭގެ ފަސް އަހަރު ފަހުން 2013ގައި ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ކުރެވުނީ ވެސް ހަމަ އެ ނަޒަރިއްޔާގެ އެހީގަ އެވެ.

އެ އިންތިހާބުގައި ފުރަތަމަ ވާދަކުރެއްވީ ރައީސް ޔާމީނާއި ގާސިމާއި ރައީސް ނަޝީދު ވަކިވަކިންނެވެ. ފުރަތަމަ ބުރުން ނަތީޖާ ނުނެރެވުމުން ދެ ވަނަ ބުރުގައި ރައީސް ޔާމީންގެ ކޮޅަށް ނަތީޖާ ބުރަވީ ގާސިމް ގުޅިވަޑައިގަތުމުންނެވެ. ތިން ބައިކުޅަ ދެ ބައިގެ ހަގީގަތަކީ މިއެވެ. އަދި އެ އިންތިހާބުގައި ރައީސް ޔާމީން، މެނިފެސްޓޯގެ އިތުރުން އާންމު ރައްޔިތުންނަށް ވިސްނައިދެއްވި މައިގަނޑު ޝިއާރަކީ "ރައީސް މައުމޫން" އެވެ. އިންތިހާބުގެ މުޅި ކެމްޕޭންގައި ވެސް، ރައީސް ޔާމީންގެ ކެމްޕޭން ޓީމުގެ ސްލޯގަންއަކީ ރައީސް މައުމޫންގެ ސިޔާސަތާއި އެމަނިކުފާނު ގެނެސްދެއްވި ތަރައްގީ އާއި ކުރިއެރުމެވެ.

ރައީސް ޔާމީންގެ ފެކްޝަންގެ ފަރާތުން ޓޫރިޒަމް މިނިސްޓަރު ޒަމީރު، ގާސިމްއާ ބައްދަލުކުރެއްވުމަށް ފަހު އޭނާގެ ގެއިން ނުކުމެވަޑައިގަންނަވަނީ: ގާސިމްގެ ސަޕޯޓް ސިޔާސީ ގޮތުން މުހިންމު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަމަ އެފަދައިން 2009 އަދި 2014 ގެ އާންމު އިންތިހާބުގައި ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރީ ވެސް މި ދެންނެވި ތިން ބޭފުޅުންގެ ފޮޓޯ ހިފައިގެން ނުކުމެގެންނެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދާއި ގާސިމްގެ ފޮޓޯ އެވެ. މި ހަގީގަތް އެންމެ ރަނގަޅަށް އެނގިވަޑައިގަންވާނީ ރައީސް ޔާމީނާއި މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނަށެވެ. އެހެންކަމުން އޭރު ވެސް އާންމު ރައްޔިތުން އެނބުރުނީ ވަކި ބައެއްގެ ފަހަތުންނެވެ. އެ މީހުން ވޯޓު ދިނީ ވަކި ފޮޓޯގަނޑެއް ހިފައިގެން ނުކުތުމުންނެވެ.

އެ އާދަ ބަދަލުކޮށްލުމުގެ ފުރުސަތު މިއަދު އޮތީ ރައީސް ޔާމީންގެ އަތްޕުޅުގަ އެވެ. މިއަދު ތިޔަ ހުންނެވީ މަނިކުފާނުގެ ފަހަތްޕުޅަށް އާންމު ރައްޔިތުން ގެނައުމުގެ ފުރުސަތު ލިބިވަޑައިގެންފަ އެވެ. ނަމަވެސް ގަބޫލުފުޅު ކުރައްވަންވީ، ވެރިކަމުގައި އަދި ހުންނެވުމަކުން ފަހަތްޕުޅަށް ދާނެ މީހުން ކުއްލިއަކަށް އިތުރުނުވާނެ ކަމެވެ. ވެރިކަމުގައި ހުންނެވީތީ ތާއީދުކުރާނޭ ނަމަ، 2012 ގައި ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް ގިނަ އަދަދެއްގެ ބަޔަކު ނުނިކުތީހެވެ.

އެހެންކަމުން ރައްޔިތުން މަނިކުފާނު ދޫކޮށްފައި ނުދާނެ ވަރުގެ ނަތީޖާއެއް ނެރެ ދެއްވަންވީ ވަގުތަކީ މި އެވެ. އެހެން ހުރިހާ ސިޔާސީ ލީޑަރުން ދޫކޮށްލާފައި މަނިކުފާނުގެ އޮޑި އަށް އާންމު ރައްޔިތުން ގެނެވޭނީ ކޮން ކަހަލަ ޖާދޫއެއްގައި ޖައްސައިގެން ކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ހަމަ މަނިކުފާނަށެވެ. މަނިކުފާނަކީ ވެސް، ރައީސް މައުމޫނާއި ރައީސް ނަޝީދާއި ގާސިމް އިބްރާހީމް ފަދަ ނުވަތަ އެ ބޭފުޅުންނަށް ދޫނުކުރާ ވަރުގެ ސިޔާސީ ޒައީމެއް ކަން ސާބިތުކޮށްދެއްވަންވީ އެވެ. މަނިކުފާނުގެ ފަހަތްޕުޅަށް އެންމެން އެކުގައި ދާންވީ ސަބަބެއް އުފައްދަވައި އެކަން ގަބޫލުކުރާ ވަރު ކޮށްދެއްވާށެވެ!

26 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 10%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަމް

21 October 2017

ޔާމީނު ހީކުރީ އެންމެން ޖަލަށްލާފަ ޔާމީނު އެކަނި ނިކުމެ މިހާރު ރައްޔިތުންނަށް އިތުރު ޗޮއިސްއެއް ނެތޭ ތިމަންނާއަށް ވޯޓުދިނުން ނޫނީ ބުނީމަ އެމޮޅުވީކަމަށްތާ.... ފުލުހުން އެކަނި ޔާމީނަށް ވޯޓުދޭނީ...

The name is already taken The name is available. Register?

އަނދިރޭ

09 May 2017

އަހުން 2018 ކާމިޔާނު ކުރާނީ ކިހިލީގަ ޖަހައިގެން ފިއްޔާލާފައި

The name is already taken The name is available. Register?

މާއިސް

08 November 2016

މަގޭ ވޯޓެއް ހަމަގައިމު ނުދޭނަން. ދެން ލަލަލާ

The name is already taken The name is available. Register?

އަހުމަދު

02 November 2016

ޔާމީން ތިގެންގުޅުއްވާ އުސޫލު. ރައީސްގެ ވަށައިގެން ރައްޔިތުން އެނބުރުން ތީ ދިވެހިން ގަބޫލުކުރާނެ އުސޫލެއްނޫންކަން މަނިކުފާނަށް ވެސް އެނގޭކަން ދައްކާވާހަކައިން ސާބިތުވޭ. އަދި ރައްޔިތުން ވަކިބައެއްގެ ވަށައިގެން އެނބުރޭތީ ރުޅިއަންނަކަންވެސް. ރައްޔިތުން އެބައިމީހުންގެ ވެރިޔަކަށް ހޮވާނީ އެމީހުން އެންމެ ލޯިބިވާ އިތުބާރުކުރާ އިހުތިރާމް ލިބިގެންވާ އަދި އެމީހުންނަށް އެންމެ އޯގާތެރި މީހެއް. ޔާމީން އަމިއްލަފުޅަށް ވިސްނަވާލަބަލަ މިއިން އެއްވެސް ކަމެއް ތިބޭފުޅާގެ ހުރިތޯ. ހުރިއްޔާ ތިމަންނަޔަށް ވޯޓުދެއްވަން ޖެހޭނެއޭ ވޯޓުދޭށޭ ތިމަންނައަށް ވޯޓުދޭން ވާޖިބޭ ކިޔާކަށް ނުޖެހޭނެ. އެކަން ރައްޔިތުން ކުރާނެ.

The name is already taken The name is available. Register?

ބޮކުބާޑު

01 November 2016

ގެއްލި ދިޔަ ބިލިއަން ރުފިޔާގެ ވާހަކަ ދަށްކަން ރަށްޔިތުން ބޭނުންވޭ. އެކަން އޮތީ އަދި ސާފުނުވޭ. ފެނަކައިގެ 16 މިލިއަންގެ ވާހަކަ ވެސް އެބައޮތް. ގާނޫނުތަކަށް ގެނެސްފަވާ ބަދަލަކާއި ހެދި ވާހަކަ ދަށްކަން ރަށްޔިތުން ޖެހިލުންވޭ. ގައުމު އައީ ތަރައްގީ ވަމުން އެއިރު ލިބެމުން އައި އާމްދަނީގެ މައްޗަށް ބަލާފަ. މިއަދު މިލިބޭ އާމްދަނީ ލިބިދިނުމަށް މަގުފަހިކުރިވި ފަރާތަކީ ރައީސް ނަޝީދު. މިސަރުކާރުގަ ވަނީ ބިލިއަނަކަށް ވުރެ ގިނަ ފައިސާ ވީނުވީއެއް ނޭގި ގެއްލިފަ. މިއަދު މިލިބޭ އާމްދަނީ އަށްބަލާ އިރު ބުނެވި ދާނެބާ ލިބެންވާ ތަރައްގީ ލިބެމުން ދޭބާއޭ؟؟ މަޝްރޫއު އެއް ނުހިގާ ރަށެއް ނެތްވާޙަކަ ދަށްކާއިރު އެކަން އޮތީ އެހެންބާ؟؟ މިއީ ހައްދަވާގެން ހެދޭ ދޮގެއްނޫންބާ؟؟ ކަމެއްނެތް ރަށްރަށް ހުރިކަމުގެ މައުލޫމާތު ލިބޭ.

The name is already taken The name is available. Register?

ސަނޫސީ

01 November 2016

އެމްއެމް ޕީއާރުސީގެ ބޮޑު ވައްކަމާއި، 2013 ގައި ވެރިކަން ހޯދައިދިން ލީޑަރުން ޖަލަށްލުމާއި، ބޭބޭފުޅު ޕާޓީން ބޭރުކޮށްލުމާއި، ކާޑުގެ އަގުބޮޑުކުރުމާއި، ސަބްސިޑީ ކަނޑާލުމާއި، ކަރަންޓް އަގުބޮޑުކުރުމާއި، ޖީއެސްޓީ އިތުރުކުރުމާއި، މިހުރިހާ ކަމަކުން ރައްޔިތުންގެ ލޯބި ހޯދޭނަމަ އޮންނާނީ ލިބިފައެވެ.

The name is already taken The name is available. Register?

އުމަރު

01 November 2016

ރައްޔިތުން ބަލަނީ ފޮޓޯއެއްނޫން، ރައްޔިތުންތިބީ ބިރުގަނެފައި، އެކަމަކު ބިރުފިލައިގެންދާ ވަގުތަކީ ރައްޔިތުންގެ ރުޅިވެރިކަން މުޅި ޤައުމަށް ދޫކޮށްލާނެ ވަގުތު، އެހެންކަމުން އަދި ފަޅައިގެންދާނެ

The name is already taken The name is available. Register?

އައްޔަ

01 November 2016

ގައުމުގެ ދުވެލި ފެނިފަ ، ޔާމީން ދުއްވާ މިސްރާބުން މި ގައުމު ތަރައްގީވާނެކަން %100 ކަށަވަރުވާތީވެ އެކަން ހުއްޓުވަން އުޅޭބައިގަޑެއް. މިއީ އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއް. ތިމާމެނަށް ނުވީމަ ، އެހެން މީހަކަށްވެސް މިކަން ވިޔަ ނުދުނުމަށް އުޅޭ ބައިގަޑެއް. މާތް ﷲ މިގައުމު މިފަދަ ހުރިހާ ބައެއްގެ އަތްދަށުން ސަލަމަތް ކުރައްވާށި. އާމީން.

The name is already taken The name is available. Register?

ޙދ އަތޮޅުވެރިޔާ

01 November 2016

ކިތަންމެ ބުނަން ބޭނުން ނުވިޔަސް ބުނެވޭނީ ޔާމިނު ކުރާގޮތައް ނޫނީ ވެރިކަން ކުރުމަކީ ރާއްޖޭގަ ވަރައް ދަތިކަމެކޭ ދިވެހިންނަކީ ވަރައް އަވަހައް ރުޅިއައިސް އަނެކާޔާދިމާލައް ނިކަން އަވަހައް ހުތުތުބަސް ބުނާބައެއްކަން ޑިމޮކްރަސީގެ ޒުވާބު ތަކައް ބަލާލީމަ ސާބިތުވޭ ފާޑުފާޑުގެ މިލްކްޝޭކްތައް ގިރާފަ ބޯންދެނީ ލަދުންބޯފަޅައިގެންދާ މިންވަރައް ދަރިޔަކައް މަޔަކައް ބަލާލުމެއް ނެތި ވީމާ ކޮންމެބޭފުޅަކު ވެރިކަމައް އެރިޔަސް މަގުމަތީގަ ބޭނުންހާ އެއްޗެއް ގޮވަމުން ދޮޔަދީގެން ނުވާނެ ނަޝީދު ވެރިކަމުގަ އުމަރުނަސީރުމެން ލަޓިބުރި ހިފައިގެން ފިއުމާ ނިހާނުމެން ބެރިކޭޑައް ޖަންޕު ޖެހުމާ މިފަދަ ކަންކަން ކޮއް ނަޝީދުގެ ވެރިކަން ބަގާވާތަކުން ވައްޓާލީ އެފުރުސަތު ދިނީމަ އަބަދު ސިޔާސީ މީހުން ފަހަތުން ދުވުމަކީ ރަނގަޅުކަމެއްނޫން އެދުވަހު ވަރައް ދެރަވި ނަޝީދައް ނުހައްގު އަދަބު ދިނީމަ ޕީޕީއެމްއައް މަޖިލީހުގެ މެޖޯރިޓީ ދިނީމަ އާދޭސްކުރިން އެކަން ނުކުރަން ވީމާ ދެންވެސް ގައުމު ހަމަމަގައް އެޅުވުމައް ޔާމީނައް ފުރުސަތު ދިންމީހުން ގައުމު ހަލަބޮލި ނުކޮއް ތިއްބަވާ އަޅުގަނޑުމެންވެސް މިގައުމުގަ އުޅެންބޭނުން ޔާމިނާ އެކުގަ ގައުމު ކުރިޔައް ދިޔުމަކީ މިހާރައް އެންމެ ރަނގަޅުގޮތް މީތިމާމެން ހޯދިހަލާކު

The name is already taken The name is available. Register?

ފަޒީ

01 November 2016

ކޮންމެ ވެރިޔެއްގައިވެސް އުނިކަންކަންހުންނާނެ. އެކަމަކު ޔާމީންގެ ކިބައިން އަޅުގަނޑަށް ފެންނަނީ އިތުރު ކަންކަން. އެއީ ޤައުމު ވިއްކާ ލައިގެން ފައިސާ ހޯދުމާއި. ރަށްތައް ވިއްކައިގެން ރައްޔިތުން ބޭނުންނުވާ ތަރައްޤީގެންނަން މަސައްކަތްކުރުން. މިވައްތަރަށް ޤައުމު ތަރައްޤީ ކުރަކަށް ރާއްޖެތެރޭގެ ރައްޔިތުން ނުރުހޭނެ. ހދ އަތޮޅުވެރިޔަވެސް ތިދެކިވަޑައިގަނަވަނީކުރިމަތިން ފެންނަ ހުވަފެން. މާދަމާގެ ޙަޤީގަތަކީ ވިއްކާލަން ދަރިފުޅުގެ ފައްޓަތުބާވެސް ނޯނާނެ. ނަމޫނާބައްލަވާ// ލިބޭމިންވަރަކުން ޤައުމު ތަރައްޤީ ކުރެއްވި ވެރިން އިބުރާހީމް ނާޞިރު. އެއަރ ޕޯރޓް ހެއްދެވީ ރައްޔިތުންގެ ލޯބި ހޯދައިގެން ރައްޔިތުން ދިން އެހީގައި. މައުމޫނު މާލެ ހިއްކެވީ ރައްޔިތުންގެ އެއީތެރިކަން ހޯދައިގެން. ރައްޔިތުން ދިން ދިން އެހީއާއިއެކުގައި. ވީމާ ތަރައްޤީއަށް ކޮންމެހެން ރައްތައް ވިއްކާ ހުސްކުރަކަން ޖެހޭކަމަކަށް ނުދެކެން.

The name is already taken The name is available. Register?

ހަމީދު

01 November 2016

ހަމަ ގައިމު ވެސް އަޅުގަނޑު ހުރީ ހަމަޖެހުމާއި އަމާންކަން ގެނެސްދެއްވާނެ ލީޑަރެއްގެ ފަހަތުގަ އެވެ. އެއީ ރައީސް ޔާމީން ކަމުގައި ވިޔަސްމެއެވެ. ގައިމު ވެސް މިހާރު މާލެ ތެރޭގައި ހަމަޖެހިގެން ނޭވާ ލެވެއެވެ. މަގުތަކުގައި ދަތުރުފަތުރު ކޮށްލެވެއެވެ. ދަތިކަމެއް ނެތި ބާޒާރުކޮށްލެވެއެވެ. ސްކޫލްތަކާއި އޮފީސްތަކަށް ކޮންމެ ވަގުތަކު ގޮސް އައިސް ވުމުގައި ދަތިކަމެއް ނެތެވެ. ކާޑުގެ ސަބްސިޑީ ކަނޑައިލިޔަސް، ވިޔަފާރިތައް ރަނގަޅުވީމާ، އެ ކަމުގެ ޝަކުވާއެއް ކުރާނެ މީހަކު ނެތެވެ. ހަގީގީ ތަރައްގީއަކީ މިއީ ނޫންތޯއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454