އެމްއެމްޕީއާރުސީގެ މައްސަލާގައި ޕީޖީ އިންސާފުވެރިއެއް ނުވާނެ: ޖަމީލް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުން މަންފާ ލިބުނު މީހުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނިވަޑައިގަންނަވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ އަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިރޭ ޕީޕީއެމްއާ އަލުން ގުޅިވަޑައިގެން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.


ކުރީގެ ނައިބު ރައީސް ޖަމީލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލައިފައިވާއިރު އެ ހިޔާނާތުގައި އިސްކޮށް އުޅުނު މީހުން ތިބީ ގޭގައި ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެމްއެމްޕީއާރުސީގެ މައްސަލަ މި ސަރުކާރަކުން އަދި ޕްރޮސިކިއުޓާ ޖެނެރަލް ފެއާ، އަދުލުވެރި، އިންސާފުވެރި، ނިޒާމަކުން ބައްލަވާފާނެ ކަމަކަށް. އެކަން ނުބެއްލެވޭނެ ސަބަބަކީ އެކަމުގެ ތެރޭގައި ޚުދު އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވެދެވަޑައިގެންފައިވާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވޭ،" ޖަމީލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ރައީސަށް ކުރެއްވި ނަމަވެސް ރައީސާ އެކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން މި މައްސަލައިގައި އިސްކޮށް ދެން ހިމެނޭ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހުރީ ގޭބަންދުގަ އެވެ. ރައީސް ޔާމީންގެ ޝަރީއަތަށް ހެކިންގެ ގޮތުގައި ދައުލަތުން އެ ދެ ބޭފުޅުން ހުށަހެޅި އެވެ. ރައީސް ޔާމީންގެ އެންގެވުމަށް ހިޔާނާތްވި ކަމަށް ކޯޓުގައި އެ ދެ ބޭފުޅުން ވަނީ އެއްބަސްވެފަ އެވެ.

"ދުނިޔޭގެ ކޮން ގާނޫނީ ނިޒާމެއްގައިތޯ އޮތީ އަސްލު ކަން ހިންގާ މީހުން ބާގޭނިންގެ ތެރެއަށް ވެއްދުން. އެ މީހުންނަށް ލުއިތަކެއް ދޭން އެއްބަސްވެ އެ މީހުންނަކީ ދައުލަތުގެ ހެކީގެ ގޮތުގައި ހަދާ ނިޒާމެއް އަޅުގަނޑު ނުދަންނަން. އަމުދުން ދައުވާ ކުރެވި ހުކުމް ކުރުމަށް ފަހުގައި،" ޖަމީލް ވިދާޅުވި އެވެ.

ޒިޔަތު އާއި އަދީބު ގޭގައި ހުންނަވާއިރު އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ފޮރުވަން ދެވޭ ފުރުސަތެއް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު "ވައްޓައިލީ" ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލަ (މޯކޮމް މައްސަލައިގެ) ރިޕޯޓް އާއްމުކުރަން އޮތް ދުވަހު ކަމަށް ނަޝީދު ވިދާޅުވެފައިވާތީ ޖަމީލް ވަނީ އެކަމަށް މިރޭ ރައްދު ދެއްވައިފަ އެވެ.

ޖަމީލް ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލުވީ ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރައީސް އައްޔަން ކުރާ ބައެއްގެ ގޮތުގައި ފަނޑިޔާރުން ތިބޭގޮތަށް ޝަރުއީ ދާއިރާ ބަދަލު ކުރަން މަސައްކަތް ކުރައްވަނިކޮށް ކަމަށެވެ. ރައީސް ނަޝީދު އަބަދުވެސް ޝަރުއީ ދާއިރާގެ ތެރެއަށް ވަންނަވަން މަސައްކަތް ކުރައްވާ ކަމަށާއި މިހާރު ވެސް އެންމެ ބާރަށް ކުރައްވަނީ އެކަން ކަމަށް ޖަމީލް ވިދާޅުވި އެވެ.

"މިއައީ 2023 ގައި ޔާމީން، ރައީސް ކަމަށް ގެންނަން"

އެނބުރި ޕީޕީއެމްއަށް މިރޭ ސޮއި ކުރެއްވީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން، މިނިވަންކޮށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދޭން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ރާއްޖެ މަސައްކަތް ކުރަން ޖެހޭނީ އެންމެ މަންޒިލަކަށް ކަމަށާއި އެއީ ރައީސް ޔާމީންގެ ތަސައްވަރު ކަމަށެވެ. ރައީސްކަން ކުރައްވާފައިވާ އަދި ޔާމީން ފަދަ ހިދުމަތްތެރި ބޭފުޅެއް ޖަލުގައި އޮތުމަކީ ގަބޫލު ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"ރައްޔިތުން ގަބޫލު ކުރަންވީ ހަގީގަތަކީ ރައީސް ޔާމީން ޖަލުގައި ބަހައްޓަނީ ސިޔާސީ ބޭނުމެއްގައި ބަދަލު ހިފުމުގެ ރޫހުގައިކަން." ޖަމީލް ވިދާޅުވި އެވެ.

"މި ހާލަތު ބަދަލު ކުރަން ހެސްކިޔާފައި މަސައްކަތްކޮށް ބަދަލުކޮށްފައި އިރާދަކުރެއްވިއްޔާ ހުއްޓާލާނީ."

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރަނިންމޭޓަކަށް ވުމުގެ ވިސްނުން ގެންގުޅުއްވަންތޯ ސުވާލު ކުރުމުން ޖަމީލް ވިދާޅުވީ އެ ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށެވެ.

އޭނާ ޕީޕީއެމާ ގުޅިވަޑައިގެން މައިގަނޑު ސަބަބަކީ ރާއްޖޭގެ ޑިމޮކުރަސީ ހަލާކު ކުރާތީ ކަމަށާއި އެމްޑީޕީ ވެރިކަމުގައި އޮތް ކޮންމެ ދުވަހަކީ ގާނޫނުއަސާސީ އަށް އޮތް ބިރެއް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އޭނާ އެންމެ ބޮޑަށް ކުރައްވާނެ މަސައްކަތަކީ ރާއްޖޭގެ ހާލަތު ބޭރަށް ކިޔައިދިނުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"އިސްލާހު ކުރުމުގެ ނަމުގައި ކަންކަން މިކުރިގޮތް ޝަރުއީ ދާއިރާ ހިސޯރު ކުރީ ކިހިނެއްކަން ކިޔައިދޭނަން،" ޖަމީލް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެ، ޖަމީލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އެޅުވޭނީ ރާއްޖެ އަށް ލޯނު ދޭން ބެންކްތަކުގެ ނަމާއި ފްލެޓްތަކުގައި މީހުންނަށް އުޅެވޭނެ އަދަދު އެނގޭ ރައީސަކަށް ކަމަށެވެ.

"ރާއްޖެ އަށް ހަމަޖެހުން ގެންނަން ބޭނުންނަމަ ހައްލަކީ އެންމެން ނުކުތުން. މިބިޔަ ބޮޑު ލަޝްކަރު ނުކުންނަން ވެއްޖެ. ކުރަން ޖެހެނީ އެންމެ ކަމެއް. އޮތް ހައްލަކީ ރައީސް ޔާމީން ސަލާމަތް ކުރުމަށް އެންމެން ނުކުތުން،" ޖަމީލް ވިދާޅުވި އެވެ.

އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު އެހެން ކަހަލަ ބަލިތަކެއް ކުރިމަތވާ ކަމަށާއި މިހާރު ކުރާ މަސައްކަތަކީ ވެރިކަމުގެ ނިޒާމު އެ ފުށް މިފުށަށް ޖަހާލުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. މިހާރު ކަންކަން ދާ ގޮތަށް ކުރިއަށް ދާނަމަ ރާއްޖޭގެ ޑިމޮކްރަސީ ނެތިދާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"މަޖިލީހުގެ ތެރެއަށް ސަރުކާރާއި ޖުޑިޝިއަރީ ހިނގައްޖެ. ކޮބައިތޯ އެމްޑީޕީން ދެއްކި ޑިމޮކްރަސީ؟" ޖަމީލް ސުވާލު އުފެއްދެވި އެވެ.