ފަތިސް · 04:44

ކޮލަމް ފަސް މިނެޓް: ހުރިހާ ކަމެއް ސަރުކާރުގެ ބޮލަށް ޖަހާފައި ފުއްދާ ނުލާ!

މިއީ ވިޔަފާރިވެރިން ހައްސަ ބާނާ މޫސުމެވެ. އެހެން ގައުމުތަކުގައި ރޯދަ މަހަށް ބާޒާރުގެ އަގުތައް ކަކުލަށް ވުރެ ތިރިވެގެން ދިޔަސް، ރާއްޖޭގައި އަގުތައް ކަރުތާފެނަށް ވުރެ މައްޗަށް އުފުލުމަކީ ދިވެހިންގެ "ރީތި އަދި އޯގާތެރި" އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ އުސޫލުން މި ރޯދަ މަހު ވެސް މިވަނީ ކާބޯތަކެތީގެ އަގުތައް އިންތިހާ އަށް އުފުލިފަ އެވެ.


އޭގެ ތެރެއިން ވެސް މި ރޯދަމަހަކީ އާދަޔާ ޚިލާފު މަހެކެވެ. އެހެން އަހަރުތަކުގައި ރޯދަ މަހަށް ދަތިނުވާހާ ބޮޑަށް މި ރޯދަ މަހު ވަނީ ކާށި ދަތިވެފަ އެވެ. ސަބުދެއްޔެއް ވަރުގެ ކާއްޓެއް ވިހި ތިރީހަށް އަރައިގެން ދިޔަ އިރު، ހެޔޮވަރު ކާއްޓެއްގެ އަގު ފަންސާހަށް ވުރެ ވެސް މައްޗަށް އެރި އެވެ. އަދި ވެސް އަގު ތިރިއެއް ނުވެ އެވެ.

ބައެއް މީހުން ބުނާ ގޮތުގައި ރޯދަ މަހަށް، ކާބޯތަކެތީގެ އަގުތައް އުފުލެނީ ސަރުކާރުގެ ސިޔާސަތުގެ ދޯހަޅި ކަމުންނެވެ. އިގްތިސާދީ ސިޔާސަތު ފެއިލްވުމުންނެވެ. ބޭނުންވާ ވަރަށް ސަރުކާރުން ކާބޯތަކެތި އެތެރެ ނުކުރާތީ އެވެ. ކާށި އަގު ބޮޑުވީ ވެސް ސަރުކާރުގެ ސަބަބުންނޯލަ އެވެ. އެއް ބަޔަކު ބުނަނީ ސަރުކާރުން ފަޅުރަށްތައް ވިއްކައި ހުސްކުރުމުން ކާށި ނުލިބެނީ ކަމަށެވެ.

އެންމެ ފުރަތަމަ ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ރާއްޖޭގެ ވިޔަފާރި އާއި އިގްތިސޯދުގައި އޮތީ މިނިވަން ބާޒާރުގެ ސިޔާސަތެއް ކަމެވެ. ސަރުކާރުން އެތެރެ ކުރާ ކާޑުގެ ބާވަތްތައް ފިޔަވައި ސަރުކާރުން އަގު ކަނޑައަޅައިގެން ވިއްކާ އެއްވެސް އެއްޗެއް ރާއްޖޭގައި ނެތެވެ. ބޭނުން ކޮންމެ އެއްޗެއް ބޭނުން ގައުމަކުން އެތެރެ ކޮށްގެން އެ މީހަކު ބޭނުން މިންވަރެއްގެ ފައިދާއެއް ލާފައި ވިއްކުމުގެ ފުރިހަމަ މިނިވަންކަން ރާއްޖޭގައި އެބަ އޮތެވެ.

މާލޭގެ ބާޒާރު ސަރަހައްދުގައި މީހަކު އަލުވި ބަސްތާއެއް ހިފައިގެން ދަނީ: ރޯދަ މަހަށް ތަކެތީގެ އަގު އުފުލޭ މައްސަލަ ހައްލު ކުރުމަށް ވިޔަފާރިވެރިން ތެދުވަން ވެއްޖެ. -- މިހާރު ފޮޓޯ: ނިޝާން އަލީ

އެހެންކަމުން ރާއްޖޭގެ ބާޒާރު އޮތީ ވިޔަފާރިވެރިންގެ އަތްމަތީގަ އެވެ. ސަރުކާރުން ކުރާހާ ވެސް ކަމަކީ އެތެރެ ކުރާ މުދަލުން އިމްޕޯޓް ޑިއުޓީ ނެގުމާއި ވިޔަފާރިތަކުން ޓެކްސް ނެގުމެވެ. އާންމު ވިޔަފާރީގައި ސަރުކާރުގެ އެހެން ދައުރެއް ނެތެވެ.

އެކަން އެ ގޮތުގައި އޮތަސް، ރޯދަމަހަށޭ ކިޔާފައި ސަރުކާރުން އިމްޕޯޓް ޑިއުޓީ ބޮޑެއް ނުކުރެ އެވެ. އަދި ޓެކްސް ނަގާ ވަރު އެންމެ ލާރިއެއް ވެސް އިތުރެއް ނުކުރެ އެވެ. އަދި އަމުދުން އެކި ރަށްރަށުގައި އުފައްދައިގެން މާލެ ގެނެސް ވިއްކާ އެއްޗެހިން އެއްވެސް ޑިއުޓީއެއް ނުނަގަ އެވެ. އަދި ޓެކުހެއް ވެސް ނުނަގަ އެވެ.

ނަމަވެސް ކޮންމެ އަހަރަކު ވެސް ރޯދަ މަހު ކާބޯތަކެތި އަގު ބޮޑުވުމަކީ އާންމު ކަމެކެވެ. ރާއްޖެ އަށް އެތެރެ ކުރާ ކާބޯތަކެތީގެ އަގާ ގުޅިފައިވާ އަނެއް ކަމަކީ ޑޮލަރުގެ އަގާއި ޑޮލަރު ލިބުމުގައި ހުންނަ ތާށި ކަމެވެ. މިފަދަ ހުރިހާ ކަމަކީ ވެސް ރޯދަ މަހަށް ކާބޯތަކެތީގެ އަގު ބޮޑު ކުރުމަށް ވިޔަފާރިވެރިން ދައްކާ ބަހަނާތަކެވެ.

ނަމަވެސް މިހާރު ޑޮލަރު ލިބުމުގައި މާ ބޮޑު ތާށިކަމެއް ނެތޭ ބުނެވިދާނެ އެވެ. މީގެ ހައެއްކަ މަސް ކުރިއާ އަޅައި ބަލާއިރު ޑޮލަރުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް ތިރިވެފަ އެވެ. މީގެ ކުރިން 17.50ރ. އަށް ނުވަތަ 18ރ. އަށް ލިބުނު ޑޮލަރުގެ އަގު މިހާރު ވަނީ 16ރ. އަށް ތިރިވެފަ އެވެ. އެހެންވީމާ ހަމަ ގައިމު ވެސް، މި ރޯދަ މަހު އަގުތައް އުފުލުމުގައި ޑޮލަރު ކުށްވެރި ކުރެވޭނެ ގޮތެއް ނެތެވެ.

މާލޭގެ ބާޒާރު ސަރަހައްދުގައި މީހަކު މުދާ ފޮށިގަނޑެއް އުފުލަނީ: ރޯދަ މަހަށް ތަކެތީގެ އަގު އުފުލޭ މައްސަލަ ހައްލު ކުރުމަށް ވިޔަފާރިވެރިން ތެދުވަން ވެއްޖެ. -- މިހާރު ފޮޓޯ: ނިޝާން އަލީ

ހަގީގަތުގައި ރޯދަ އަށް ތަކެތީގެ އަގު އުފުލާ ބަޔަކީ ހަމަ ވިޔަފާރިވެރިންނެވެ. ވެއަތުވެ ދިޔަ ރޯދަމަސްތަކުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ތަކެތީގެ އަގު އުފުލެނީ ބޭރުން އެ ތަކެތި ލިބުން ދަތިވެގެން ކަމުގައި ވެސް ބުނެވޭކަށް ނެތެވެ. ސަބަބަކީ ރޯދަ މަހު ގިނައިން ވިކޭ އެއްޗެހި ބޮޑު އަގުގައި ވިއްކާފައި، ރޯދަ މަސް ނިމުމުން އެ ބާވަތްތައް ގިނަ އަދަދަކަށް ގޮނޑަށް އުކާ މަންޒަރު މީގެ ކުރިން ފެނިފައިވާތީ އެވެ. މިއިން އެނގެނީ ސަޕްލައި ދަށްވި ކަމަށް ހަދައިގެން ބޮޑު އަގުގައި ވިއްކަނީ ގުދަނުގައި އެ ތަކެތި ފޮރުވާފައި ބަހައްޓައިގެން ކަމެވެ.

ރޯދަ މަސް ނިމުމުން ފިޔާ ބަސްތާތަކާއި އަލުވި ބަސްތާތަކާއި ބިސް ކޭސްތައް ގޮނޑަށް އުކާލާފައި ހުރީ މަދެއްކޮށް ނޫނެވެ. ތަރުކާރީގެ ބާވަތްތައް ގުދަންތަކުގައި ބަހައްޓައި ފީވެގެން ލޯރިލޯރީގައި އުކާލާފައި އެބަ ހުއްޓެވެ. މިއީ ވެއަތުވެ ދިޔަ ރޯދަމަސްތަކުގައި ފެނިފައި ހުރި ހަގީގީ މަންޒަރުތަކެވެ.

ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ފަރާތަކީ ވިޔަފާރިވެރިންނެވެ. މާލޭގެ ބާޒާރަކީ ދިވެހިންގެ ބާޒާރެކޭ މިހާރު ބުނާހާ ވެސް ނުވެ އެވެ. އެއީ ހަގީގަތުގައި ބިދޭސީންގެ ބާޒާރެކެވެ. ގާނޫނީ ގޮތުން އޮންނަނީ އެކަން މަނާކޮށްފަ އެވެ. އެކަމަކު ހުރިހާ ވިޔަފާރިތަކެއް ހެން އޮތީ ބިދޭސީންގެ އަތްމަތީގަ އެވެ. ވަކިން ޚާއްސަކޮށް ތަރުކާރީ އާއި މޭވާ އާއި ކުކުޅު ބިހުގެ ވިޔަފާރި އޮތީ ބިދޭސީންގެ އަތްމަތީގަ އެވެ.

ރާއްޖޭގެ މަޝްހޫރު ޒަމާންވީ ވިޔަފާރިވެރިއަކު ބުނި ގޮތުގައި ރާއްޖެ އަށް އެތެރެ ކުރާ ތަރުކާރީ އާއި މޭވާ އަދި ކުކުޅު ބިސް ކޮންޓްރޯލް ކުރަނީ އިންޑިޔާގެ ދެތިން މީހެކެވެ. އެ ދެތިން މީހުންގެ އޭޖެންޓުން މާލޭގައި ވެސް އެ ތަކެތި ވިއްކުމުގައި ހަރަކާތްތެރިވެ އެވެ. އެހެންކަމުން އެ ވިޔަފާރީގެ ކޮންޓްރޯލް އެމީހުން އޮތީ ކިތަންމެ ރަނގަޅަކަށް ވެސް ނަގައިފަ އެވެ.

މާލޭގެ ލޯކަލް މާރުކޭޓުގައި ބަޔަކު ވިޔަފާރި ކުރަނީ: ރޯދަ މަހަށް ތަކެތީގެ އަގު އުފުލޭ މައްސަލަ ހައްލު ކުރުމަށް ވިޔަފާރިވެރިން ތެދުވަން ވެއްޖެ. -- މިހާރު ފޮޓޯ: ނިޝާން އަލީ

ދެން އޮތީ މާރުކޭޓުގެ ގޮޅިތަކުގައި ދިވެހި އުފެއްދުންތައް ވިއްކާ ގޮތެވެ. އެއިން ކޮންމެ ގޮޅިއަކީ ދިވެއްސަކަށް ދޫކޮށްފައި ހުންނަ ގޮޅިއެކެވެ. އެކަމަކު އޭގެ ތެރެއިން ދިވެހިންގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުގައި ހުރީ ކިތައް ގޮޅިތޯ ބައްލަވާލައްވާށެވެ. ކާށިދު އާއި ފީވަކާއި ތޮއްޑޫ ފަދަ ރަށްރަށުގެ އޮޑިދޯނިފަހަރު ތަރުކާރީ އާއި މޭވާ އަދި ކުރުނބާ ހިފައިގެން މާލޭގެ ތޮށިގަނޑާ ގާތް ކޮށްލާ އިރަށް އެ އަރައިގަންނަނީ ބިދޭސީންތަކެވެ. އެ މީހުން ބޭނުން އަގެއް ކިޔާފައި ގަނޑުކޮށް އެ ތަކެތި ނެގުމަށް ފަހު ބާކީވާ އެއްޗެއް ނޫނީ ދިވެއްސަކަށް އަތުނުޖެހޭނެ އެވެ.

މާރުކޭޓުގެ ގޮޅިތައް ހުރީ ބިދޭސީންގެ މުށުތެރޭގައި ކަން އެނގޭ އެންމެ ބޮޑު ހެއްކަކީ، އެއިން ތަނަކުން ވިޔަފާރި ކުރަން ގޮސް، އެ ތަނުގައި ހުންނަ ދިވެހި މީހާގެ ގާތުގައި އެއްޗެއްގެ އަގު އެހިޔަސް، އޭނަ އަށް އޭގެ އަގު ބުނެދެވެނީ އެ ގޮޅީގައި ހުންނަ ބިދޭސީ މީހާ ކައިރީގައި އެހުމަށް ފަހުގައި ކަމެވެ. އަދި ބިދޭސީ މީހާގެ ހުއްދަ ލިބިގެން ނޫނީ އެއިން އެއްޗެއްގެ އަގު ކުޑަ ވެސް ނުކޮށްލެވޭ ކަމެވެ.

ކައިރި ގައުމުތަކުން މުދާ ލިބުމުގައި ތާށިކަމެއް ނެތް އިރު، އަދި ޑޮލަރުގެ އަގު ވެސް ކުރިއަށް ވުރެ ދަށުގައި އުޅޭ އިރު، ކާބޯތަކެތީގެ އަގުތައް މަތިވަނީ ކީއްވެ ހެއްޔެވެ؟ އެކަން ހައްލު ކުރަން އެޅޭނެ ފިޔަވަޅެއް ނެތީ ހެއްޔެވެ؟ ހަމަ ކޮންމެ ރޯދަ މަހަކު ވެސް އާންމު ރައްޔިތުން މި ވޭން އުފުލާއިރު ވިޔަފާރިވެރިން ހެވިފައި ތިބެންވީ ހެއްޔެވެ؟