އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ކެފޭތަކާއި ރެސްޓޯރެންޓުތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ ވިދާޅުވީ އަންނަ ހޯމަ ދުވަހުން ފެށިގެން ކެފޭ/ރެސްޓޯރެންޓުތަކުން ޓޭކްއަވޭގެ ހިދުމަތް ލިބޭނެ ކަމަށެވެ. ނަމަވެސް އާއްމުންނަށް އެ ތަންތަން ހުޅުވާލެވޭނީ ޖުލައި މަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝައިނާ ވިދާޅުވީ މިފަދަ ތަންތަން ހުޅުވަން ޖެހޭނީ އެޗްޕީއޭއާ އާއި އެ ކަމަކާ ގުޅޭ ވުޒާރާތަކާ ގުޅިގެން ކަނޑައަޅާ އުސޫލުގެ ދަށުން ކަމަށެވެ.
"ޖުލައި މަހަށް ފަސްކުރެވިފައި ހުރި ކަންތައްތަކަކީ ފިޒިކަލީ ގާތްކޮށް ދޭ ހިދުމަތްތަކަށް ވީމާ ޖޫން މަހު މިދޭ ލުއިތަކުގެ ތެރޭގައި ނުހިމެނެނީ،" ޝައިނާ ވިދާޅުވި އެވެ.
ކެފޭ/ރެސްޓޯރެންޓުގެ އިތުރުން އަންނަ ޖުލައި މަހުން ފެށިގެން ޖިމާއި ސެލޫން އަދި ސްޕާ ފަދަ ތަންތަން ވެސް ހުޅުވާލާނެ އެވެ. އަދި ގިނަ މީހުން އެއްވެ ކުޅޭ ކުޅިވަރުތައް ކުޅުމުގެ ހުއްދަ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ދިނުމަށް ވެސް އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން އަންނަ ޖުލައި މަހު ޓޫރިޒަމް ހުޅުވާލަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރިސޯޓުތަކާއި ގެސްޓު ހައުސްތައް ހުޅުވާލަން ވަނީ ނިންމައިފަ އެވެ. ޖުލައި މަހުން ފެށިގެން ގެސްޓު ހައުސްގެ ހިދުމަތް ދެވޭނީ ކޮވިޑް-19 ނެތް ރަށްތަކަށް އެކަންޏެވެ.