ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަމީމް މަޖިލިހުގައި. މާލެ ވަރަށް ބޮޑަށް ތޮއްޖެހިފައި އޮންނާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި.--- ފޮޓޯ: މަޖިލިސް
22 ސެޕްޓެމްބަރ 2019 - 12:20
ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބެއްގައި މާލޭގެ މީހުން 100 ޕަސަންޓު ގޮނޑި އެމްޑީޕީ އަށް ދޭ އިރު، އެ މީހުން ހާލުގައި ޖެހޭ ތަން ބަލަން ތިބެވޭކަށް ނެތް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) މިއަދު ވިދާޅުވެއްޖެ އެވެ.
ހެންވޭރުގައި ހުރި ގުދަންތަކަކާއި ގެތަކެއްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އަނދުން ހުސެއިން ވިދާޅުވީ މާލެ އިން އެމްޑީޕީ އަށް ގޮނޑިއެކޭ ބުނެފި ނަމަ، ރައްޔިތުން އަބަދުވެސް އެ ޕާޓީ އަށް ދެނީ 100 ޕަސަންޓު ކަމަށެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އިމާރާތެއް އަނދައި އަޅިއަށްވެފައި.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އިންތިހާބެއް އޮވެއްޖެ ނަމަ، މާލޭގެ ހުރިހާ ރައްޔިތުން "އަތުކުރި އޮޅާލައިގެން" އެމްޑީޕީގެ ކެންޑިޑޭޓުން އިންތިހާބުކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، މާލޭގައި ދިރިއުޅޭ ރައްޔިތުން ހިމާޔަތްކޮށްދޭން ކުރެވުނު ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިހާރު ވެރިކަން ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ތެދުވެ މާލެ ހަމައަކަށް އަޅުވަން އަނދުން ހުސެއިން ގޮވާލެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލޭގެ 11 ގެއެއްގައި 400-500 މީހުން ދިރިއުޅޭ އިރު، ކަމެއް ދިމާވާ އިރަށް އެ މީހުން ހާލުގައި ޖެހޭ ތަން ބަލަން ތިބެވޭކަށް ނެތެވެ.
"މި ސަރުކާރު އިތުރަށް ޓެކްސް ނެގިޔަސް، އިތުރަށް އެހީ ހޯދިޔަސް، ބައިވަރު ބްރިޖު ނޭޅިޔަސް މާލެ އިން ބިން ދޫކުރާ މީހުންނަށް ދީ އެކަށީގެންވާ ބޮޑު މިނުގައި މީހުން އުޅެވޭނެ ތަނަކަށް މާލޭގެ ރައްޔިތުން ބަދަލުކުރަން ޖެހޭ،" މާލޭގެ މީހުން ތޮއްޖެހިފައިވާ މިންވަރު ހާމަކުރައްވައި އަނދުން ހުސެއިން ވިދާޅުވި އެވެ.
"އަޅުގަނޑު އެ އާދޭސް މަޖިލިހުގައި މި ދަންނަވަނީ."
ހުސެއިން ޝަމީމް (އަނދުން ހުސެއިން) މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
އެމްޑީޕީގެ މެނިފެސްޓޯ އާއި "އެޖެންޑާ 19" ގެ ސިޔާސަތުގެ ދަށުން މާލެ އިން ބިން ދޫކޮށްލާ މީހުންނަށް ދިރިއުޅެވޭނެ ޖާގައެއް ދިނުމަކީ ވައުދެއް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމުގެ ބޭނުމަކީ އެމީހުންނަށް ޝަރަފްވެރި ދިރިއުޅުމެއް ހޯދައި ދިނުމެވެ.
"އަޅުގަނޑުމެން އެކަމަށް އަވަސް ވާންވީ. އަޅުގަނޑުމެން އެކަން ކޮށްދޭންވީ،" މާލެ އިން ބިން ދޫކުރާ މީހުންނަށް ދިރިއުޅެވޭނެ ތަނެއް ހަމަޖައްސަން ގޮވާލައްވައި ހުސެއިން ވިދާޅުވި އެވެ.
"އެމްޑީޕީ އަށް ތާއީދު ދޭ ވަރުން މިތިބެނީ ލަދުން. މިކަހަލަ ކަމެއް ދިމާވީމާ، ގޮސް މޫނު ދިމާކޮށްލާނީ ކިހިނެއް؟"
ހުސެއިންގެ ވާހަކަ ނިންމަވާލައްވަމުން ރައްޔިތުން ދިރިއުޅޭނެ އެންމެ ކުޑަ ޖާގަ މަޖިލިހުން ފާސްކޮށް ދިނުމަށް މަޖިލިހުގެ މެމްބަރުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.
ހ. ތިލަފުށި ގޭގެ ގުދަނުގައި ރޯވެގެން ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ އިތުރު ތިން ގުދަނަކާއި ހަތް ގެއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އަދި މި ހާދިސާގައި ހާލުގައި ޖެހުނު 400 އަށް ވުރެ ގިނަ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
އެ އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި ގެއެއްގައި ދިރިއުޅޭ މީހަކު ވަނީ ފިހިގެން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު ރާއްޖެތެރޭ މީހާ
22 September 2019
އަބަދު މާލެ މާލެ މާލެ . މާލެ ނޫން ތަނެއް މިދިވެހި ރާއްޖޭގަ ނެތީތަ. ރައްޖެތެރޭގައި ވެސް އުޅެޔޭ. ވޯޓް ހޯދަން ވީމަކާ ނޫނޭ ރާއްޖެތެރޭ މީހާ ކައިރިއަށް ަ އަންނާނީ.
ކޮލެޖު ބޯއި
22 September 2019
މިހާރު މިދެކެވެނީ މާލޭގައި ގުދަންކުރުން. މީހުން ތޮއްނުޖެހި އުޅުނަސް މީހުން މަދު ގެއަކުވެސް ގުދަންތައް ހިންގަފާނެ.
ކޯހުން
22 September 2019
ކަމެއްނުކޮށްދިނަސް މާލޭ މީހުން އެމްޑީޕީއަށް ވޯޓްދޭނެ އަދިވެސް.
ހަސަން23
22 September 2019
ކުރަންވީކަމަކީ މިހާރުން މިހާރަށް ވެރިރަށް އެހެން ރަށަކަށް ހަދަންވީ
ޙަަމަ
24 September 2019
ތީވަރަށް ރަނގަޅު ގޮތެއް މާލެ ހަމަ މަގަށް އަޅުވަން
ޣޣ
22 September 2019
މާލޭގަ ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނޯ.....އެމްޑީޕީގެ މިއެމްޕީ މާލޭގަ ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނާ މެދު ނުވިސްނަވާތީ ވަރަށް ހިތާމަކުރަން...... ތީވަރަށް ދެރަގޮތެއް އިންގޭތޯ!!!!! ތިހިން ނަހައްދަވާ!!!!!!
މީމަގޭ ހިޔާލު
22 September 2019
މާލޭ މީހުންނަށް ހުޅުމާލެއިން ގޯތިދޭއިރަށް ބޭންކުން ލޯނުނަގައިގެން ބަންޑާރާ ހިލޭބިމުގައި ބުރިބުރިއަށް ގެހަދާލާނެ އެއަށްފަހު ގޭގޭއަގު އަދާކުރަންޖެހޭނީ ރާއްޖެތެރޭ މީހާއަށް އެމީހާ މާލެއައިސް ގުދާރުބިންދޭވަރަށް މަސައްކަތްކޮށްގެން ލިބޭފައިސާކޮޅުން މާލޭމީހާ ހުންނާނީ ލަންކާގަ ނޫނީ މެލޭސިއާގަ ބަންޑާރަ އެއްވެސް ބިމެއް ކުއްޔަށް ނުދެވޭގޮތް ހަދަންވީ އޭރުން މިކަން ހައްލުވާނީ
ހުސް އަނގަ
22 September 2019
ހާލުގައި ޖެހުނުމީހުންނާއި ދޭތެރޭ ވިސްނާނަމަ، ކިހިނެއްވާނެ މަޖިލިސް ހުރިހާ މެންބަރުންގެ 1 މަހު މުސާރަ ހާލުގައި ޖެހުނު މީހުންގެ ދިރިއުޅުން ބިނާކުރަން ދޭން. ހުސް އަނގަ ތަޅާ، ރައްޔިތުން މޮޔަ ހައްދަން ނޫޅެ ހަމަ ހަގީގަތުގަވެސް އެމީހުންނަށް ކަމެއް ކޮށްދިނިއްޔާ ކީއްވާނީ؟
އެމް. ޑީ. ޕީ އާއްމު މެމްބަރ
22 September 2019
މަށަކީ އެމްޑީޕީގެ ވަރަށް ގިނަދުވަސްވީ އާއްމު މެމްބަރެއް އެކަމު ރައީސް ޔާމީން މީހެއްގެ ބޮލަކަށް ކަނދުރާއަކަށް ނުބަލާ ކޮށްފަހުރި ބައެއް ކަންކަމުގެ ފައިދާ ވަރަށް ރަނގަޅަށް އިހުސާސްކުރާމީހެއް. މިސާލަކަށް މާލެ ވަށައިގެން ރިންގް ރޯޑުއަޅާ އެމަގު ފުޅާކުރުމުގެ ސަބަބުން މާލޭގެ މަގުތަކަށް ވަރަށް ބޮޑަށް ލުއި ލިބިގެން ދިޔަ. ބްރިޖުގެ ސަބަބުން ވެސް ދަތުރު ފަތުރަށް ވަރަށް ފަސޭހަވެގެން ދިޔަ. އަދި އިންޑަސްޓްރިއަލް ވިލެޖުވެސް ހަދާފަ އެއޮތީ އެސަރުކާރުގަ. މީހަކު ރަނގަޅުކަމެއް ކޮށްފިއްޔާ ގަބޫލުވެސް ކުރަން އެބަޖެހޭ.
ކކކކ
22 September 2019
ކަލޯ ރާއްޖެތޭރޭ މީހުން މީގެ 40 އަހަރު ކުރިން ހާލުގަ ޖެހުނުގޮތަށް އަދިވެސް މި ދިރިތެޅެނީ ، މާލެގަ އެއްގެއިން އަނެއްގެއިން ، ހިފާގެންގުޅޭ ހުރިހާ ސާމާނެއް އަހަރު ދެކޮޅު ޕިކަޕަށް ލާއިގެން.
މާލޭ ބޭފުޅާ
22 September 2019
ތީ ހަގީގަތް. އެކަމަކު ތީ ކީ މާލޭ މީހުން ކުރުވިކަމެއްނޫން. މާލެއިން އޭރުގެ ވެރިމީހާއަކަށް %100 ވޯޓެއް ނުދޭ. 50 ހަމަވާނީ ކިރިޔާ. އެވެސް މީހުން ބުނޭ މަކަރު ހަދައިގެނޭ. ރައްރަށުން %100 ވޯޓު ދިނީ ރަށަކަށް އެއްކަމެއް ނުކޮށްދިނަސް. މާލޭ ރައްޔިތުންނެއް ނޭދޭ އެއްވެސް ރަށެއްގެ ބަޔަކު އައިސް މާލެ ފުރާލާކަށް، މާލޭ މީހުންނަށްވެސް ވަނީ އުދަގޫ ފުރިބާރުވީމަ. އަމިއްލަޔަށް ފޭހެވުނު އިލޮށި ތިޔަހެރެނީ ލޮލަށް. ދެންވެސް ކުރިޔަށް އޮތްތަން ރަގަޅުކުރަން މަސައްކަތް ކުރޭ،
1828
22 September 2019
ތީ ރާއްޖެތެރޭ މީހެއްނު؟ އެހެންވެއްޖެއްޔަ އޯކޭއޭ އެބުނަނީ.
ރުޅި
22 September 2019
ފޮނިވާހަކަނުދައްކާ ދައުލަތް ވެސް އަބަދު ސަލާންޖަހަނީ. ދައުލަތުގެ ހާލަތު އެނގެނީ ކަމެއްދިމާވުމުން. ވަސީލަތެއްނެތްކަން. އެކަމަކު ދައުލަތަށް ލިބޭހާއެއްޗެއް ޗާލާކީކޮށް މުސާރައާއި ދަތުރުތަކަށް ތަޅާލަނީ. ދެން ދަނީ ސަލާންޖަހަން. ނިކަންވިސްނާލާ މަޖިލިސް މެމްބަރުންގެ މުސާރަ އަދި ސިޔާސީ މީހުންގެ މުސާރަ. މިފަދަ ނިކަމެތި ގައުމެއްގައި މަތީމީހުންގެ މުސާރަ މާބޮޑު. 30 ހާހަށްވުރެ މުސާރަ ބޮޑުވާންޖެހޭނީ ރައީސަށްއެކަނި. އެވަރުގެ މުސާރަކުޑައްޔާ އެމަގާމަށްނާންނާނީ.